ކ. މާލެ
|
18 މެއި 2020 | ހޯމަ 13:15
އެޗްސީއާރުއެމްގެ މިހާރުގެ ރައީސް އައިމިނަތު އީނާސް
އެޗްސީއާރުއެމްގެ މިހާރުގެ ރައީސް އައިމިނަތު އީނާސް
ޔޫސުފް ސޮފްވާން ރަޝީދު
އެޗްސީއާރުއެމްގެ މެމްބަރުންގެ މައްސަލަ
ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ބަލަން ފަށައިފި
 
ބޮޑެތި މައްސަލަތައް ގަސްދުގައި ލަސް ކުރުމާއި، އިހުމާލުވުން
 
ގާނޫނީ ވާޖިބު އަދާ ނުކުރުން
 
ކޮމިޓީ އަށް ދޮގު މައުލޫމާތު ދީފައި ވުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްސީއާރުއެމް) ގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ ޖަލްސާ އަށް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅުއްވުމުގެ ގޮތުން، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީ ހޯމަ ދުވަހު، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަނީ އިއުލާން ކުރައްވާފައެވެ.

ހޯމަ ދުވަހު ޖަލްސާގައި، މަޖިލީހުގެ ރަޢިސަށް މަޖިލީގެ ޤަވާއިދުގެ 210ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ފޮނުވާފައިވާ ސިޓީގައި އެޗް.އާރް.ސީ.އެމް.ގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ 10 ސަބަބެއް ހިމަނާފައިވެއެވެ.

އޭގެތެރޭގައި ކޮމިޓީއަށް ދޮގު މަޢުލޫމާތު ދިނުމުގެ އިތުރުން އެންޓި ޓޯޗަރ ޤާނޫނުގެ 18 ވަނަ މާއްދާގައި އަނިޔާގެ މައްސަލައެއްގައި ޝަކުވާ ހުށަހަޅަން ޖެހޭނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ކަމަށާއި، ހަމަ މި މާއްދާގެ (ހ)ގައި މިފަދަ ޝަކުވާއެއް ހުށަހެޅިއްޖެ ނަމަ ވަކިފަރާތަކަށް ނުޖެހޭ ތަޙްޤީޤެއް، އެކަށީގެންވާ އަވަސް މުއްދަތެއްގައި ހިންގުމަށް ކޮމިޝަނަށް ލާޒިމްކޮށްފައިވުމާއި، ކޮމިޝަންގެ ތަޙްޤީޤަށް ޓޯޗަރގެ އަމަލެއް ހިނގައިފިކަން ފާހަގަވާ ނަމަ ޕްރޮސެކިއުޓަރ ޖެނެރަލަށް ދަޢުވާކުރުމަށް ފޮނުވަންޖެހޭނެކަން ބަޔާންވެފައި ވާ އިރު، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ޖުމްލަ 22 ކުޑަކުއްޖަކަށް، ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި ގ.ދ ޗިލްޑްރަންސް ސަރވިސް ސެންޓަރުގައި މަސައްކަތްކުރި ބައެއް މުވައްޒަފުންގެ ފަރާތުން އެ ތަންތަނުގައި ބަލަހައްޓަމުން ގެންދާ ކުދިންނަށް އަނިޔާކޮށްގެން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ނުބަލާން ނިންމާފައިވާކަން އެކޮމިޝަނުގެ 2019 އަހަރާއި 2018 ވަނަ އަހަރުގެ އެންޓި-ޓޯޗަރ ރިޕޯޓުން އެނގެން އޮތުން ހިމެނޭ ކަމަށް ސިޓީގައި ވެއެވެ.

އަދި އަނިޔާވެރިކަމާއިއެކު މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގައި، އެނާއަށް ދިފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ފުލުހުން ނުބެލި މައްސަލަ އާއިލާއިން އެކޮމިޝަނަށް ހުށަހެޅުމުން އެމައްސަލަ ބެލުމުގައި އިހުމާލުވުމާއި އާއިލާއާއިމެދު ޢަމަލުކުރިގޮތާއި މިނިވަންނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލަވާންގެ މައްސަލައިގެ ތަޙްޤީޤް ލަސްވެގެން އާއިލާއިން ހުށަހަޅާފައިވާ މައްސަލައިގައި އިހުމާލުވެފައިވުމާއި، މައްސަލަ ބެލުން ލަސް ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އާއިލާއިން ބޭއްވި ހިނގާލުމުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ފުލުހުންގެ ފަރާތުން ރިލްވާންގެ މަންމައަށް އަނިޔާވި މައްސަލަ ނުބެލުންވެސް ކޮމިޓީގެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

ޤާނޫން ނަންބަރު 6/2006 ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ މަސްޢޫލިއްޔަތުތަކުގެ ތެރެއިން ހިމެނޭ އިންސާނީ ޙައްޤުތަކާއި ގުޅުންހުރި ޤާނޫތައް ފަރުމާ ކުރުމުގައި އިންސާނީ ޙައްޤުތަކުގެ ނަޒަރުން ދޭންޖެހޭ ލަފާ ސަރުކާރަށް ދީފާނުވާ މައްސަލަތައްވެސް އެސިޓީގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން 2016 ވަނަ އަހަރު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނުނަށް ގެނައި އިސްލާހެއް މެދުވެރިކޮށް، ޤާނުނު އަސާސީއިންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރު ކޮށްދީފައިވާ، ކުރިން އެންގުމަކާއި ނުލާ ސުލްޙަ ވެރިކަމާއިއެކު އެއްވެއުޅުމުގެ ޙައްޤު ނިގުޅައިގަނެވިގެންގޮސް، މިހައްޤުގެ ބޭނުންކުރި އެތައް ބަޔެއްގެ މައްޗަށް ޖިނާއީ ތަޙްޤީޤު ހިންގާ، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް މިފަދަ އެއްވުންތައް ރޫޅާލަމުން ދިޔައިރުވެސް ކޮމިޝަންގެ ޤާނޫންގެ 20 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިނުވުމާއި، 'ޚިޔާލު ފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ޤާނޫނު' ވުޖޫދުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ނަގާލާ، އެތައް ނޫސްވެރިންނެއްގެ މައްޗަށް ތަޙްޤީޤުކޮށް، ދާއުވާލަތައް އުފުލާ، ނޫސްވެރިން ބިރުގަންނަވަމުން ދިޔައިރުވެސް، ޤާނޫންގެ 20 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިނުވުމާއި މިކަންކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތުން ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެޗްސީއާރުއެމްގެ މެމްބަރުން މަގާމުން ވަކި ކުރަން ހުށަހަޅާ އިތުރު ސަބަބުތައް:

  • 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކޯޓުގެ ފަނޑިޔާރުން، ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ހައްޔަރުކޮށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކުގެ ބޭރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމުންވެސް ކޮމިޝަނުން އެމައްސަލަ ތަޙްޤީޤު ނުކުރުމާއި، އެކަމާއި ގުޅިގެން ރައްޔިތުންގެ ޙައްޤުގައި އެއްވެސް ބަހެއް ނުބުނުމުގެ އިތުރުން، އެދުވަސްވަރަށް ތާވަލްކޮށްފައިވާ އެކޮމިޝަނުންގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ޒިޔާރަތް ހުއްޓުވާލުން؛
  • 2013-2015ވަނަ އަހަރަށް ކޮމިޝަނުން ދިރާސާކޮށް ނިންމި "ނޭޝަނަލް އިންކުއަރީ އޮން އެކްސެސް ޓު އެޑިޔުކޭޝަން ފޮރ ޗިލްޑްރަން ވިތް ޑިސްއެބިލިޓީސް" ގެ ދިރާސާ ރިޕޯޓު ނިމުނުތާ 4 އަހަރު ވީއިރު، އެރިޕޯޓު ޢާންމުކުރުމަށް ފަސްޖެހުމާއި، 2019 ވަނަ އަހަރުގެ އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުގައި އެރިޕޯޓަށްވެފައިވާ ގޮތުގެ އެއްވެސް މަޢުލޫމާތެއް ނުހިމެނުން؛
  • ކޮމިޝަންގެ މުވައްޒަފުންނާއި މެދު ޤަވާއިދަށް ގެނެސްފައިވާ ކުއްލި ބަދަލު ތަކުންނާއި، ކޮމިޝަންގެ މެމްބަރުންގެ ނިންމުންތަކާއި ބަސްމަގާއި ޢަމަލުތަކުން ބިރުވެރި ކަމެއް ނެތި މަސައްކަތް ކުރުމުގެ މާޙައުލެއް ކޮމިޝަންގައި ނެތުމާއި، ކޮމިޝަންގެ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންދޭ ލަފަޔާ ޚިލާފަށް ސިޔާސީ ތަޢައްސުބުގެ ތުހުމަތު އުފުލޭގޮތަށް ކޮމިޝަންގެ ނިންމުންތަކާއި، އިންސާނީ ޙައްޤުތައް ނިގުޅައިގަނެވިގެން ހުށަހަޅާފައިވާ ބައެއް މައްސަތަލައް ނިންމާފައިވާކަން އެނގެން އޮތުން؛
  • ކޮވިޑް-19ގެ މި ޙާލަތުގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތުގައި ސުވާލު އުފެދޭ ގޮތައް އިސްކަން ދެމުންދާ މައްސަލަތަކާއިމެދު ކޮމޓީއަށް މައްސަލަހުށަހެޅިފައިވުން؛ ހިމެނެއެވެ.

މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ސިޓީގައި ބުނެފައިވާ ގޮތުން، ކޮމިޓީން ކޮމިޝަން މެމްބަރުން މަސްއޫލިއްޔަތުތައް އަދާކުރަމުން އައިސްފާވާ މިންވަރު ބެލަމުގެ މައްސަލަ ދިރާސާ ކުރަން ފަށާފައިވަނީ 1 މާރިޗު 2020 ވަނަ ދުވަހު ބޭއްވުނު އެކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމުމާއެކުއެވެ.

އެޗްސީއާރުސީއެމްގެ މެމްބަރުން ވަކި ކުރުމަށް ކޮމިޓީން ހުށަހެޅި މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް އެ ކޮމީޓީއަށް ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީސްގެ ރައީސްގެ މޭޒުން ވަނީ ހަވާލު ކުރައްވާފައެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ އެޗްސީއާރުއެމްގެ މެމްބަރުން ވަކި ކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ދިރާސާ ކުރުމަށް ފަހު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ރިޕޯޓާ މެދު މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
67%
33%
0%
0%
0%
ކޮމެންޓް