ހޮނިހިރު 05 ޑިސެންބަރު 2020
09 ދޮށަ
1442 ރަބީޢުލްއާޚިރު 19
ފަތިސް 04:41
އިރުއަރާ 05:58
މެންދުރު 12:00
އަސްރު 15:21
އިރުއޮއްސޭ 17:55
އިޝާ 19:12
"ދަ ސޭކްރެޑް ޗެމްބަރ"

މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ "ދަ ސޭކްރެޑް ޗެމްބަރ"

  • ކީރިތި ރަސޫލާގެ އިތުރުން އަބޫބަކުރުގެފާނާއި އުމަރުގެފާނު ފަސްދާނުވެޑުވިފައިވަނީ މި ޗެމްބަރގައި
  • އައިޝަތުގެފާނު އަވަހާރަ ވުމާ ހަމަ ހަމައަށް ވެސް ދިރިއުޅުއްވީ މި ގެކޮޅުގައި
  • މުސްލިމުންގެ ވެރިކަމުގެ ފަރާތުން މި ގެކޮޅު ބެލެހެއްޓުމަށް އެންމެ މަތީ ފެންވަރުގައި މަސައްކަތް ކޮށްފައިވޭ

ކ. މާލެ | 14 މެއި 2020 | ބުރާސްފަތި 03:12 | 23,920

އައިޝަތުގެފާނުގެ ގެކޮޅު "ދަ ސޭކްރެޑް ޗެމްބަރ" ގައި އެކަމަނާ ދިރިއުޅުއްވި ބަޔާއި ކީރިތި ރަސޫލާ އާއި ދެ ސަހާބީންގެ ގަބުރުފުޅުތައް އެތުރިފައި ހުރި ގޮތް ކަމަށް ބުނާ މޮޑެލެއްގެ ތަސްވީރެއް - ހައްޖުއުމްރާޕްލޭނަރ.ކޮމް

ކީރިތި ރަސޫލާ އައިޝަތުގެފާނާ އެކު މަދީނާގައި ދިރިއުޅުއްވި ގެކޮޅު ހުންނަނީ، މަސްޖިދުއް ނަބަވީގެ އިރުމަތީ ބައިގައެވެ. މިހާރު މިި ގެކޮޅު ބެލެނީ މަސްޖިދުއް ނަބަވީގެ ބައެއްގެ ގޮތުގައެވެ. މިތަނަށް އިނގިރޭސި ބަހުން "ދަ ސޭކްރެޑް ޗެމްބަރ" ގެ ނަން ދެވިފައިވެއެވެ. އަރަބި ބަހުން މިތަނަށް ކިޔަނީ "އަލް ހުޖްރަތުއް ނަބަވިއްޔަތުއް ޝަރީފާ" އެވެ. އިސްލާމީ ތާރީޚް ދިރާސާ ކުރައްވާ އިލްމްވެރިން ވިދާޅުވާ ގޮތުން މި ގެކޮޅު ފުރަތަމަ ބިނާ ކުރެވުނު އިރު ހުރީ ވަރަށް އަދައިގެ ގޮތަކަށް، އެއް ކޮޓަރިއަށް ވާ ގޮތަށެވެ. އުސް މިނުގައި ބޮޑު މީހަކު އަތް ދަމާލީމާ އަތް ޖެހޭ ވަރުގެ އުސްމިނެއްގައެވެ.

ކީރިތި ރަސޫލާގެ އަނބިއަނބި ކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އައިޝާ ބިންތް އަބީ ބަކްރް (އާއިޝަތުގެފާނު) އަކީ، ތިން ވަނަ އަށް ރަސޫލާ ކައިވެނި ބައްލަވައިގަތް ކަމަނާއެވެ. ކީރިތި ގުރުއާންގައި އައިޝަތުގެފާނުގެ ވާހަކަ އައިސްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް އިސްލާމް ދީނުގެ އިލްމްވެރިން އައިޝަތުގެފާނު ބަޔާން ކުރައްވަނީ މޫމިނުންގެ މަންމަގެ ގޮތުގައެވެ. ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި ފަހުންވެސް އިސްލާމީ އުއްމަތަށް އަގު ނުކުރެވޭފަދަ ބޮޑު ޚިދުމަތްތަކެއް އެކަމަނާ ކުރެއްވިއެވެ.

ކީރިތި ރަސޫލާ އެ ގެކޮޅުގައި އައިޝަތުގެފާނާ އެކު ދުނިޔޭގެ އެންމެ ފަހު ދުވަސްތައް ހޭދަ ކުރެއްވުމުގެ އިތުރުން، އެ ގެކޮޅަށް މާތްކަން ލިބިގެންވާ އަނެއް ސަބަބަކީ، ކީރިތި ރަސޫލާގެ އިތުރުން، ކީރިތި ރަސޫލާގެ އެންމެ ގާތް އަދި އިސްލާމީ އުއްމަތުގެ ފުރަތަމަ ދެ ޚަލީފާ އިން ކަމުގައިވާ އަބޫބަކުރު އައް ސިއްދީގާއި އުމުރު ބިން ޚައްތާބު ފަސްދާނު ލެވިފައިވަނީ ވެސް މި ގެކޮޅު ނުވަތަ "ސޭކްރެޑް ޗެމްބަރ" ގެ ތެރޭގައި ކަމަށް ވުމެވެ.

އިސްލާމީ ތާރީޚް ދިރާސާ ކުރައްވާ އިލްމްވެރިން ވިދާޅުވާ ގޮތުގައި، ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުން އެކަލޭގެފާނުގެ ހަށިކޮޅު ފަސްދާނުވަޑުވާނެ ތަނަކާ ބޭހޭ ގޮތުން ޚިޔާލު ތަފާތު ވިއެވެ. މުހާޖިރުން ވިދާޅުވީ، އެކަލޭގެފާނު ފަސްދާނުވަޑުވަންވާނީ މައްކާގައި ކަމުގައެވެ. އެއީ ރަސޫލާ އުފަންވެ ވަޑައިގެންނެވި ބިމުގެ އިތުރުން މައްކާ އަކީ ކީރިތި ރަސޫލާގެ އާއިލާ ތިއްބެވި ތަން ކަމުގައި ވާތީ ކަމުގައެވެ. އަނެއް ބަޔަކު ބުނީ ކީރިތި ރަސޫލާ ފަސްދާނު ވަޑުވަން ޖެހޭނީ ޖެރޫސަލަމްގައި ކަމުގައެވެ. ޚިޔާލު ތަފާތު ވުން ތަކުގެ ތެރެއިން ކީރިތި ރަސޫލާގެ ސަހާބީންގެ މެދުގައި އެއްބަސްވެވުނީ މަދީނާގައި ފަސްދާނު ވެޑުވުމަށެވެ. އެކަމަކު ދެން ޚިޔާލު ތަފާތުވީ ފަސްދާނުވަޑުވާނީ މަދީނާގެ ކޮން ތަނެއްގައި ކަމާ މެދުގައެވެެ.

މި ޒުވާބު ކުރެވެމުން ދަނިކޮށް ރަސޫލާ ހަދީސް ކުރެއްވި އަޑު އެއްސެވި ކަމަށް އަބޫބަރުގެފާނު ވިދާޅުވީ، ކޮންމެ ރަސޫލަކުވެސް ފަސްދާނުވެޑުވިފައި ވަނީ އެ ބޭކަލަކު އަވަހާރަވީ ތަނެއްގައި ކަމުގައެވެ. އެއާ އެކު ރަސޫލާ އެ ގެކޮޅުގެ ތެރޭގައި ފަސްދާނު ވެޑުވުމަށް ނިންމާ، އައިޝަތުގެފާނުގެ ގޮކޮޅުގެ ތެރޭގައި ހުރި ތަކެތި ނެރެ ކަށުކަމާކެމީގެ ކަންކަމަށް އެ ގެކޮޅު ހުސްކުރެވުނެވެ. ކީރިތި ރަސޫލާ ފަސްދާނު ވަޑުވާނެ ވަޅު ކޮންނާނެ ގޮތަކާއި މެދުވެސް ޚިޔާލު ތަފާތު ވުން އުފެދި އެކަމުގައި އަޑުއުފުލާ ހެދިއެވެ. އެކަމުގެ ޒުވާބު ބޮޑުވެގެން ދިއުމުން، ދުނިޔޭގައި ހުންނެވިޔަސް އަދި ސުވަރުގެ ވަޑައިގެންފައި ވިޔަސް ކީރިތި ރަސޫލާގެ ހާޒިރުގައި ޒުވާބުކޮށް އަޑުގަދަ ނުކުރުމަށް ޢުމަރުގެފާނު ވިދާޅުވި ކަމަށް ވެއެވެ. އެންމެ ފަހުން ކީރިތި ރަސޫލާ ފަސްދާނު ވަޑުވާ ވަޅު ކޮނުނީ، "އެލް" އަކުރުގެ ބައްޓަމަށް ހުންނަ "ލަހުދު" ވަޅެއްގެ ގޮތަށެވެ. މިއީ ސުންނީންގެ ތެރޭގައި މުސްލިމުން ވަޅުލުމަށް ވަޅު ކޮށްނާން ޖެހޭ ގޮތް ކަމަށް ގަބޫލު ކުރެވިފައި އޮންނަ ގޮތެވެ. ވަޅު ކޮންނެވީ އަބޫ ތަލްހާ އަލް އަންސާރީ އެވެ. ވަޅު ކޮނުނީ އެ ގެކޮޅުގެ ދެކުނު ކޮޅުގައެވެ. ބުނެވޭ ގޮތުގައި ރަސޫލާ ފަސްދާނުވެޑުވުނީ ސުވަރުގެ ވަޑައިގެންނެވި އިރު އޮންނެވި އެނދުކޮޅުގެ ދިމާ ތިރީގައެވެ. ވަޅުގެ ތެރޭގައި ކީރިތި ރަސޫލާގެ މާތް ހަށިކޮޅު ބޭއްވީ މޫނުފުޅު ގިބްލަ އަށް ވާ ގޮތަށް އަދި ފައިންޕުޅު އިރުމަތީ ފަރާތަށް ވާ ގޮތަށެވެ.

ހުރުމަތްތެރި ވެގެންވާ ދެ މިސްކިތް ބަލަހައްޓާ އިދާރާގެ ރަސްމީ ވެބްސައިޓްގައި ދީނީ ދަންނަ ބޭކަލުންނާ ހަވާލާދީ ލިޔެފައިވާ މައުލޫމާތު ތަކުން ހާމަވާ ގޮތުގައި، ކީރިތި ރަސޫލާގެ ގަބުރުފުޅު އޮތް ތަނުގެ ވަށައިގެން ދުވާލާއި ރޭގަނޑު އެކަލޭގެފާނުގެ މައްޗަށް ސަލާވާތް ކިޔެވުމުގެ ގޮތުން "އައް ސަލާތު އަލައް ނަބީ" ތަކުރާރުކޮށް ވިދާޅުވެ، ވިދާޅުވެ މަލާއިކަތް ބޭކަލުން ދެމި ތިއްބަވައެވެ. މި ކަމަށް ހެކިދޭ އިތުބާރު ކުރެވޭ އިލްމްވެރިންގެ ބަސްފުޅުތައް ފެންނާން އެބަހުއްޓެވެ.

ރަސޫލާ ފަސްދާނުވެޑުވުނު ފަހުން ވެސް އައިޝަތުގެފާނު ދިރިއުޅުއްވަމުން ގެންދެވީ މި ގެކޮޅުގައެވެ. އައިޝަތުގެފާނު ދިރިއުޅުއްވީ ގެކޮޅުގެ އުތުރު ބައިގައެވެ. އަދި ރަސޫލާގެ މަގްބަރާ އާއި އައިޝަތުގެފާނު ދިރިއުޅުއްވި ބަޔާ ދެމެދު ވަކި ކުރާ ހުރަހެއް ނުހުރެއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވިތާ 2 އަހަރު ފަހުން، އަބޫބަކުރުގެފާނު އަވަހާރަ ވުމުން، ހަމަ އެ ގެކޮޅުގެ ތެރޭގައި އެކަލޭގެފާނު ވެސް ފަސްދާނުވެޑުވުމުގެ ހުއްދަ އައިޝަތުގެފާނު ދެއްވިއެވެ.

އަބޫބަކުރުގެފާނު ފަސްދާނު ވެޑުވުނީ ރަސޫލާގެ ހަށިކޮޅު އޮތް ތަނާ ދެމެދު އަތްދަމާ ލުމުން ހުންނަ ދުރު މިނުގައެވެ. އަބޫބަކުރުގެފާނުގެ އިސްތަށިފުޅު ރަސޫލާގެ ކޮނޑުފުޅާއި ހަމަވާ ގޮތަށެވެ. އަބޫބަކުރުގެފާނު އެ ގެކޮޅުގެ ތެރޭގައި ފަސްދާނުލެވުނު ފަހުންވެސް އައިޝަތުގެފާނު ދިރިއުޅުއްވާ ބަޔާއި ގަބުރުފުޅު ތަކާ ދެމެދު ހުރަހެއް ނުބަހައްޓަވައެވެ. އައިޝަތުގެފާނު ވިދާޅުވި ކަމަށް އޮންނަނީީ، އެތަނުގައި ވަނީ އަހުރެންގެ ފިރިކަލުންނާއި ބައްޕާޅު ކަމުގައިވާތީ ކަމުގައެވެ.

އަބޫބަކުރުގެފާނު އަވަހާރަވިތާ 10 އަހަރު ފަހުން އުމަރުގެފާނު އަވަހާރަ ވުމުން، އެ ގެކޮޅުގައި އުމަރުގެފާނު ފަސްދާނުވެޑުވުމާއެކު، އުމަރުގެފާނަކީ އެ ކަމަނާގެ މަހްރަމެއް ނޫން ކަމަށް ވިދާޅުވެ، އުމަރުގެފާނަށް އިހްތިރާމް އަދާ ކުރެއްވުމުގެ ގޮތުން، އައިޝަތުގެފާނު ވަނީ މަގްބަރާތަކާއި އެކަމަނާ ދިރިއުޅުއްވާ ބަޔާއި ވަކިވާ ގޮތަށް ހުރަހެއް ހައްދަވާފައެވެ. އެހާހިސާބުން އައިޝަތުގެފާނު ގެކޮޅުގައި، ދިރިއުޅުއްވި ބަޔާއި ގަބުރުފުޅުތައް ހުރި ތަން ހުންނަނީ ދެ ބަޔަކަށް ބައިކޮށްފައެވެ. އައިޝަތުގެފާނު އަވަހާރަވުމާ ހަމަ އަށް ވެސް ދިރިއުޅުއްވީ، ގެ ކޮޅުގެ ހުހައްއޮތް ކުޑަތަންކޮޅުގައެވެ. އައިޝަތުގެފާނު އަވަހާރަވީ، ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވިތާ 47 އަހަރު ފަހުން، ހިޖްރައިން 58 ވަނަ އަހަރު އެވެ.

މާޒީވި ދިގު ތާރީޚުގައި މި ގެކޮޅުގެ އާބާތުރަ ފިލުވުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރެވިފައިވެއެވެ. މި ގޮތުން ހިޖްރައިން 17 ވަނަ އަހަރު އުމަރުގެފާނު މަސްޖިދުއް ނަބަވީއަށް ކުރެއްވި ޒިޔާރަތުގައި، އެ ގެކޮޅުގެ ފަން ބިއްތައް ނަންގަވާ ފާރު ރޭނުއްވިއެވެ.

ހިޖްރައިން 91 ވަނަ އަހަރު، އުމަރު އިބްން އަބްދުލް އަޒީޒް، މަދީނާގެ ގަވަރުނަރު ކަމުގައި ހުންނެވި ދުވަސްވަރު، މަސްޖިދުއް ނަބަވީގެ ޖާގަ ބޮޑު ކުރެއްވުމުގެ ގޮތުން، އައިޝަތުގެފާނުގެ ގެކޮޅު ތަޅާލެއްވިއެވެ. އަދި މަސްޖިދުއް ނަބަވީ އާ ގާތުގައިވާ ކީރިތި ރަސޫލާގެ އެހެން އަނބިއަނބި ކަނބަލުގެ ގެކޮޅުތައްވެސް ނެންގެވިއެވެ. މިކަން މިހެން ކުރުމަށް ނިންމުމުން، މައްކާގެ މުސްލިމުންގެ ހިތްތަކަށް ނުހަނު އަސަރު ކޮށް އެކަން އެހެން ނުކުރާނެ ނަމައޭ އެމީހުން ކިޔާ އުޅުނު ކަމަށް ވެއެވެ. ލިޔުންތަކުން ފެންނަ ގޮތުގައި، މި މަސައްކަތުގައި ޚުދު ގަވަރުނަރު ބައިވެރިވެ ވަޑައިގަތެވެ. ފާރުތައް ތަޅާލުމުން، ގަބުރުފުޅުތައް ހުރިތަންް ހާމަވިއެވެ. ބުނެވޭ ގޮތުގައި ކީރިތި ރަސޫލާ އާއި ދެ ސަހާބީން ފަސްދާނުވެޑުވުނު އިރު މަހާނަތައް ހެދިފައި ހުރީ، ބިމުން ގާތްގަނޑަށް 4 އިންޗި އަށް ވެލިގަނޑު އުފުއްލާފައެވެ. މި މަސައްކަތުގެ ތެރޭގައި އެ ގެކޮޅުގެ ފާރުތައް ގެފުޅު ބިނާކުރުމުގައި ބޭނުންކޮށްފައި ހުރި ކަހަލަ ހިލައިން އަލުން ބިނާ ކުރެއްވިއެވެ. ފާރުތައް ބިނާ ކުރެއްވީ އެއްވެސް ފާރެއްގައި ދޮރެއް، ކުޑަދޮރެއް ނުހުންނަ ގޮތަށެވެ. އަދި އެ ގެކޮޅުގެ ފާރުތަކުގެ ހަތަރު ފާރުގެ ބޭރުން ވަށާފާރެއް ލެއްވިއެވެ. އެ ފާރު ހުރީ ފަސް އަރި (ޕެންޓަގަން) އަށް ވާ ގޮތަށެވެ. އޭގޭ ބޭނުމަކީ ގެފުޅުގެ ސިފަ އާއި ގެކޮޅު ބޭރުން ފެންނަ ގޮތުގެ ސިފަ ތަފާތު ކުރުން ކަމަށް ވެއެވެ.

ހިޖްރައިން 645 ވަނަ އަހަރު މަސްޖިދުއް ނަބަވީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ އެއް ގައި މިސްކިތުގެ ބޮޑުބައި އަނދައިގެން ދިޔައިރު "ދަ ސޭކްރެޑް ޗެމްބަރ" ގެ ފުރާޅަށް ގެއްލުންވެ، ފުރާޅު ވެއްޓުނެވެ. އެ ހާދިސާ އާ ގުޅިގެން ވަގުތީ ގޮތުން ލަކުޑި ފުރާޅެއްލައި، އެ ސަރަހައްދު ވަށައިގެން ފޮތި ދަމާ ނިވާކޮށްފައި ބެހެއްޓީއެވެ.

ހިޖްރައިން 668 ވަނަ އަހަރު މިސްރުގެ އޭރުގެ ރަސްގެފާނު އަލް ޒާހިރު، މަދީނާ އަށް ކުރެއްވި ޒިޔާރަތުގައި "ސޭކްރެޑް ޗެމްބަރ" ގެ ވަށައިގެން ލަކުޑިން ބައުންޑަރީ އެއް ލެއްވިއެވެ. އެ ބައުންޑަރީ ލުމަށް މިންތައް ނެންގެވީ ޚުދު ރަސްގެފާނެވެ. މިންތައް ނެންގެވުމަށްފަހު ލަކުޑި ގެންނެވީ މިސްރުންނެވެ. މި ބައުންޑަރީ ފާރުގައި ތިން ދިމާލަކުން ދޮރު ބެހެއްޓެވި އެވެ.

ހިޖްރައިން 678 ވަނަ އަހަރު ސުލްތާން އަލް މަންސޫެރު ޤަލާވުން "ދަ ސޭކްރެޑް ޗެމްބަރ" ގެ ވަށައިގެން ލެވިފައިވާ ފާރުތަކުގެ މަތީގައި ގުއްބެއް ބިނާ ކުރެއްވިއެވެ. ގުއްބުގެ ގިއުގަނޑު ލަކުޑިން ހައްދަވާ އޭގެ ބޭރުގައި ތިމަރައިން ލޭޔަރެއް އެޅުއްވިއެވެ.

ހިޖްރައިން 881 ވަނަ އަހަރު މިސްރުގެ އޭރުގެ ރަސްގެފާނު، އައްސުލްތާން އަލް އަޝްރަފް ގައިތަބީ، މަސްޖިދުއް ނަބަވީގެ އާބާތުރަ ފިލުވުމުގެ މައިގަނޑު މަސައްކަތްތަކެއް ކުރިއަށް ގެންދެވުމުގެ ތެރޭގައި، "ސޭކްރެޑް ޗެމްބަރ" ގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރެއްވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި، ލަކުޑިން ހަދާފައިވާ ގުއްބުގެ ގިއުގަނޑު ނަންގަވާ، ހިލައިން ގުއްބު ހެއްދެވިއެވެ. އަދި "ސޭކްރެޑް ޗެމްބަރ" ގެ ތަޅުމުގައި ރަތް ކުލަ އާއި ހުދު ކުލައިގެ މާބްލް ޖެއްސެވިއެވެ.

ހިޖްރައިން 886 ވަނަ އަހަރު އަނެއްކާވެސް މަސްޖިދުއް ނަބަވީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް ހިނގާ ބޮޑެތި ގެއްލުންތަކެއް މިސްކިތައް ލިބުނެވެ. މި ފަހަރުގެ ހާދިސާ ހިނގީ މިސްކިތުގެ ގުއްބަށް ހޮނު އެޅުމުގެ ސަބަބުންނެވެ. ރޯވި އަލިފާނުގެ ވަރުގަދަ ކަމުން ކައިރި ބައެއް ގޭގެ އަށް ވެސް ގެއްލުން ލިބި ބައެއް މީހުން މި ހާދިސާ ގައި މަރުވި ކަމަށް ވެއެވެ. މިކަން ހިނގީވެސް ސުލްތާން ޤައިތަބީގެ ރަސްކަމުގައެވެ. މި ހާދިސާ އާ ގުޅިގެން މަސްޖިދުއް ނަބަވީ މުޅިން އަލުން އިމާރާތް ކުރުމަށް ރަސްގެފާނު އެންގެވިއެވެ.

މި މަސައްކަތުގެ ތެރޭގައި ކީރިތި ރަސޫލާ އާއި ސަހާބީން ފަސްދާނުވެޑުވިފައިވާ ތަނަށް ވަދެ އެތަން ސާފު ކުރުމަށް ރަސްގެފާނު ނިންމަވާ، އެކަމަށް ޚާއްސަ ބޭކަލަކު ރަސްގެފާނު މަތި ކުރެއްވިއެވެ. މި ކަމަށް ރަސްގެފާނު އިޚްތިޔާރު ކުރެއްވީ، ދީންވެރިކަމަށް ފާހަގަ ކުރެވޭ ދަންނަ ބޭކަލެއް ކަމުގައިވާ އަލީ އިބްން އަހްމަދު އަލް ސަމްހޫދީ އެވެ. އަލް ސަމްހޫދީ ވަނީ، އޭނާ އަށް މި ކުރެއްވުނު މަތިވެރި ބަރަކާތްތެރި ތަޖުރިބާގެ ވާހަކަ އޭނާ ފަހުން ލިޔުއްވި ފޮތެއް ކަމުގައިވާ "ވަފާ އަލް ވަފާ" ގައި އަލި އަޅުއްވާލައްވާފައެވެ.

ކީރިތި ރަސޫލާ ފަސްދާނުވެޑުވިފައިވާ ތަނަށް އޭނާ އަށް ވެންނެވުމުން ކުރެއްވުނު ތަޖުރިބާ ބަޔާން ކުރައްވަމުން އަލް ސަމްހޫދީ ލިޔުއްވާފައިވެއެވެ:

"އަޅުގަނޑު އެ މާތް ކޮޓަރި ކޮޅުގެ ތެރެއަށް ވުނުމާއެކު އަޅުގަނޑަށް ދުވީ އޭގެ ކުރިން ދުވަހަކު ވެސް އިހުސާސް ކުރެވިފައި ނުވާ ފަދަ މީރު ހުވަނދެއްގެ ވަހެވެ. އެންމެ މާތް ނަބިއްޔާއަށް ސަލާމް ދަންނަވާ، އޭގެ ފަހުން، އެކަލޭގެފާނުގެ އެންމެ ގާތް ދެ ސަހާބީންނަށް ސަލާން ދެންނެވުމުގައި އެތަނުގައި ހުރެވޭނެ އެންމެ ގިނަ އިރު ހުއްޓި ހުރީމެވެ. އޭގެ ފަހުގައި އެ ވަގުތު ކުރެވޭނެ އެންމެ ގިނަ މިންވަރަކަށް ދުއާ ކުރީމެވެ. އަޅުގަނޑަށް ފެނުނީ އެ ކޮޓަރީގެ ބިންގަނޑު ހަމަ ކޮށް އޮއްވައެވެ. މަހާނަތައް ވަކި ކުރާކަށް ނޭނގެއެވެ. އެހެން ނަމަވެސް އެންމެ ފަހަތުގައި ވާ މަހާނައިގެ ފަސްގަނޑުގައި އުފުލުމެއް ހުރިކަން ފާހަގަ ވިއެވެ. ލަފާ ކުރެވެނީ އެއީ އުމަރުގެފާނުގެ މަހާނަ ކަމަށެވެ. އަޅުގަނޑު އެތަނުގެ ބިންގަނޑުގައި އަތްލީމެވެ. ބިންގަނޑު އޮތީ ތެތްކޮށް، ތާޒާކޮށްނެވެ."

މީގެ 200 ވަރަކަށް އަހަރު ކުރިން ހިނގި މި ހާދިސާއަށް ފަހު ކީރިތި ރަސޫލާ އާއި އެކަލޭފާނުގެ އަރިހުގައި ފަސްދާނުވެޑުވިފައިވާ އެކަލޭގެ ފާނުގެ ދެ މިތުރު ޚަލީފާއިންގެ ގަބުރުފުޅު އޮތްތަން ހަމަ ލޮލަށް އިންސާނަކަށް ފެނިފައިވާނެ ކަމަކަށް ނުބެލެއެވެ.

"ދަ ސޭކްރެޑް ޗެމްބަރ" އަށް ވަދެވޭނެ ދޮރެއް ނުވަތަ ކުޑަދޮރެއްވެސް ނުހުރުމާއެކު، އަލް ސަމްހޫދީ މި ކޮޓަރީގެ ތެރެއަށް ވެންނެވީ، ފާރާއި ބިންގަނޑާއި ދެމެދުގައި އުފެދިފައިވާ ބާގަނޑެއްގެ ތެރޭން ކަމަށް ބެލެވެއެވެ. އަލް ސަމްހޫދީ ވިދާޅުވެފައިވާ ގޮތުން، ގަބުރުފުޅުތައް ހުރި ސަރަހައްދުގެ ބިންގަނޑު އާއްމު ބިމުގެ ލެވެލް އާ އަޅާބަލާއިރު ހުރީ އަޑިކޮށްނެވެ.

ހިޖްރައިން 886 ވަނަ އަހަރު މި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ސުލްތާން އަލް އަޝްރަފް ގައިތަބީ، އުމަރު އިބްން އަބްދުލް އަޒީޒް "ދަ ސޭކްރެޑް ޗެމްބަރ" ގެ ވަށައިގެން އޭގެ 200 އަހަރު ކުރިން ލަކުޑިން ލެއްވި ފެންސް ނަންގަވާ، އެތަނުގައި މައުދަނުން ފެންސެއް ހެއްދެވިއެވެ. މައުދަނުން މި ހެއްދެވި ފެންސް، ރަސޫލާގެ މަގްބަރާ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މިހާރުވެސް ފެންނާން އެހުރީއެވެ. ކީރިތި ރަސޫލާ އަށާއި ރަސޫލާގެ އަރިހުގައި ފަސްދާނުވެޑުވުނު ސަހާބީނަށް ސަލާން ދެންނެވުމަށް ޒިޔާރާތް ކުރާ ފަރާތްތަކުން ތިބެނީ މި ފެންސުގެ ބޭރުގައެވެ.

މީގެ އިތުރުން ތަނުގެ މަތީގައި އަލް-މަންސޫރުގެ ވެރިކަމުގައިި ލަކުޑިން ހަދާފައި އޮތް ގުއްބު އަލިފާނުގެ ހާދިސާ ގައި ހަލާކުވެފައި އޮތުމުގެ ސަބަބުން އެ ނަންގަވައި، ހިލައިން ގުއްބެއް ހައްދަވާ ހަރުކުރެއްވިއެވެ. މީގެ އިތުރުން، ފަސް ކަނަށް ވާ ގޮތައް މަގްބަރާގެ ބޭރުން ރާނާފައިވާ ފާރުގެ ބޭރުން އިތުރު ބޮޑު ފާރެއް އަލް އަޝްރަފް ރަސްގެފާނު ބިނާ ކުރެއްވިއެވެ. މާބްލް އިން ޒީނަތްތެރިކުރެވި، ފޮތި އެލުވާފައި ހުންނަނީ މި ދެންނެވި ފާރުގައެވެ.

އުސްމާނީ ޚިލާފަތުގެ އެކިއެކި ރަސްރަސްކަލުން "ސޭކްރެޑް ޗެމްބަރ" އާއި، މަސްޖިދުއް ނަބަވީ އަށް ވަރަށް ބޮޑަށް އިހުތިރާމް ކޮށް ބަލަހައްޓަމުން ގެންގޮސްފައިވެއެވެ.

އުސްމާނީ ޚިލާފަތުގެ ދުވަސްވަރުގައި، ހިޖްރައިން 1228 ގައި ސުލްތާން މަހްމޫދު 2 ގެ ރަސްކަމުގައި، "ދަ ސޭކްރެޑް ޗެމްބަރ" ގައި ކުރިން ހުރި ގުއްބު ނަންގަވާ، ގަލުން ގުއްބު ރާނުއްވާ އޭގެ ބޭރުގައި ތިމަރަ ލޭޔަރެއް އެޅުއްވިއެވެ. އޭގެ ފަހުން ރަސްކަމަށް ވަޑައިގެންނެވި ސުލްތާން އަބްދުލް މާޖިދު ގުއްބުގައި ފެހި ކުލަ ލެއްވިއެވެ. އަދި އޭގެ ފަހުން "ފެހި ގުއްބު" ގެ ގޮތުގައި އެ ގުއްބު މަޝްހޫރު ވެފައި ވެއެވެ.

"ދަ ސޭކްރެޑް ޗެމްބަރ" ބޭރުން މިހާރު ފެންނަން ހުންނަ ގޮތުގެ މަންޒަރެއް

އޭގެ ފަހުން ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ފަރާތުން މި ގެކޮޅާއި ރަސޫލާގެ މިސްކިތް ބެލެހެއްޓުމަށް ޚާއްސަ ސަމާލު ކަމެއް އަންނަނީ ދެމުންނެވެ.

"ދަ ސޭކްރެޑް ޗެމްބަރ" އަކީ މުސްލިމުންގެ ހިތްތަކާ ގުޅި ލާމެހިފައިވާ އަދި އެތަނުގެ ސަލާމަތާ ރައްކާތެރި ކަމަށް ނުހަނު ސަމާލުކަންދޭ ތަނެއް ކަމުގައި ވިޔަސް، އިސްލާމީ ތާރީޚް ބުނާ ގޮތުންް ރަސޫލާގެ މާތް ހަށިކޮޅު ނަގައިގެން ގެންދިއުމަށް އެތަކެއް ފަހަރު މަސައްކަތް ކޮށްފައިވެއެވެ.

މި ގޮތުން އަލް ފާތިމިއްޔާ ގެ ޚިލާފަތުގެ ދުވަސް ވަރު، ދެ ފަހަރެއްގެ މަތިން ރަސޫލާގެ މާތް ހަށިކޮޅު ނަގައިގެން މިސްރަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ.

މީގެ އިތުރުން، ކީރިތި ރަސޫލާގެ މާތް ހަށިކޮޅު ނަގައިގެން ގެންދިއުމަށް ނަސާރާއިންގެ ދެ މީހަކު ކުރި މަސައްކަތަކީ މި ގޮތުން އެންމެ ފާހަގަ ކުރެވޭ ހާދިސާއެވެ. މި ކަން ހިނގީ ހިޖްރައިން 557 ވަނަ އަހަރުއެވެ. މި ދެމީހުންގެ ހީލަތްތެރި ރޭވުމުގައި އޮތީ، އަންދަލުސް (މުސްލިމުންގެ ސްޕެއިން) އިން ދަތުރު ކޮށްފައި ހައްޖުވުމަށް އައި، މަޣްރިބް ކަރައިގެ ދެ މީހުން ކަމަށް ހެދިގެން، "ދަ ސޭކްރެޑް ޗެމްބަރ" ހުރި ސަރަހައްދާ ކައިރިން މަދީނާގެ ގެއެއް ކުއްޔަށް ހިފައިގެން ތިބެ، އެ މީހުން ތިބި ގޭގެ ބިމުން ހޮހޮޅައެއް ކޮންނަމުން ގޮސް "ސޭކްރެޑް ޗެމްބަރ" ގެ ތެރެއަށް ވަނުމެވެ. މި ދެ މީހުންގެ މި ރޭވުމުގެ ދަށުން މި ކަން ކުރަމުން ދަނިކޮށް، އެ ޒަމާނުގެ މުސްލިމުންގެ ލީޑަރުންގެ ތެރެއިން ފާހަގަ ކުރެވުނު ބޭކަލެއް ކަމުގައިވާ ސުލްތޯން ނޫރުއްދީން ޒަންގީ އަށް ހުވަފެންފުޅެއްގައި މިކަން ފަހުމްވެ ވަޑައިގެން، ބޮޑު ލަޝްކަރެއް އެއް ކުރައްވާ ސީރިއާ އިން މަދީނާ އަށް ދަތުރުފުޅެއް ކުރައްވާ، އެ ދެ މީހުން ހޯއްދަވާ ގަތުލު ކުރެއްވީއެވެ.

މި ހާދިސާ އާ ގުޅިގެން، ރަސްގެފާނުގެ ގެ އެންގެވުމަށް، "ދަ ސޭކްރެޑް ޗެމްބަރ" ވަށައިގެން ހަންދަގެއް ކޮނެ، ވަށައިގެން ތިމަރާ އަޅާ ބިންގަރާސް ކޮނެގެންވެސް ކައިރި ނުވެވޭ ގޮތައް އެ ސަރަހައްދު އިތުރަށް ރައްކައުތެރި ކުރެެވުނެވެ.

"ދަ ސޭކްރެޑް ޗެމްބަރ" އަކީ ވަރަށް ބޮޑަށް ރައްކައުތެރި ކުރެވިފައިވާ، މުސްލިމުންގެ ހިތްތަކުގައި އެތަނަކާ މެދު ނުހަނު ގަދަރު އުފުލިގެންވާ މި ބިންމަތީގައިވާ އެންމެ މާތް އެއް ބިނާ ކަމާއި މެދު ޝައްކެއް ނެތެވެ. އެ ތަނުގެ ތާރީޚާ ގުޅިފައިވާ އެތައް ކަމަކީ އިބުރަތާއި އެތައް ފިލާވަޅެއް ލިއްބައިދޭ ކަންކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.