ކ. މާލެ
|
12 މެއި 2020 | އަންގާރަ 11:29
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން - މިއަދަކީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން - މިއަދަކީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް
އައިޖީއެމްއެޗް
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް
އާއިލާތަކާއި ދުރުގައި ތިބެގެން ނަރުހުން ވަމުންދާ ގުރުބާނީއަށް ސެލިއުޓް ހައްގު
 
ނަރުހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ގޭގައި މަޑުކޮށްގެން ތިބުމަކީ ކޮށްދެވިދާނެ ކަމެއް
 
މިއަހަރުގެ ނަރުހުންގެ ދުވަސް ކުރިމަތިލީ ދުނިޔެއަށް ދިމާވެފައިވާ އާލަމީ ބަލިމަޑުކަމަކާއިގެން
 
އާއިލާއާ ދުރުގައި ނަރުހުން ކުރަމުންދާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 12 ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ނަރުހުންގެ ދުވަހެވެ. ނަމަވެސް މިއަދު މި ދުވަސް ދިވެހި ނަރުހުން ފާހަގަ ކުރާނީ ތަފާތު ގޮތަކަށެވެ. ރާއްޖެ ސަލާމަތް ކުރުމުގެ އައްސޭރިއަށް ދަތުރުކުރާ އޮޑީގެ ފަޅުވެރިންގެ ގޮތުގައެވެ.

ނަރުހުންނަކީ އަބަދުވެސް ހިނުތުންވުމާއެކު ތަކުލީފެއް ޝަކުވާއެއް ނެތި ޚިދުމަތް ކުރަމުން އަންނަ ބައެކެވެ. އެއީ ކޮންމެ ކުލައެއްގެ މީހަކަށް ވިޔަސް އަދި ކޮންމެ އުމުރެއްގެ ކޮންމެ ނަޞަބެއްގެ މީހަކަށް ވިޔަސް ނަރުހުން އަދާކުރަމުންދާ ޤައުމީ ވާޖިބަކީ ޝުކުރު ޙައްޤު މަސައްކަތެކެވެ.

މިއަހަރަކީ، މުޅިދުނިޔެ މިއަދު ދެކެމުންދާ މޮޑަރން ނާރސިންގ ގެ ޚިދުމަތް ތަޢާރަފު ކުރެއްވި "ފްލޮރެންސް ނައިޓިންގޭލް" ގެ 200 ވަނަ އުފަން ދުވަސް ފާހަގަކުރާ އަހަރުވެސް މެއެވެ. އެކަމަނާއަކީ ހަނގުރާމައިގާ ޒަޚަމްވާ މީހުންނަށް ޚިދުމަތް ކުރުމަށްޓަކައި ދަރުމަވެރިއެއްގެ ޙައިޞިއްޔަތުން ފުރަތަމަ އިސްނެންގެވި ބޭފުޅާއެވެ.

ބައިނަލްއަޤުވާމީ ގޮތުން ނަރުހުންގެ ދުވަސް ފާހަގަ ކުރާތާ އެތަކެއް އަހަރުވެފައިވާ އިރު، ރާއްޖޭގައި މި ދުވަސް ނަރުހުން ފާހަގަކުރަނީ ކުލަގަދަކޮށެވެ. ހޮސްޕިޓަލްތައް ޒީނަތްތެރި ކުރުމާއި މާފަތި ދެމުމާއި މާމެލާމެލިން ތަން ޒީނަތްތެރި ކުރުމުގައެވެ. ނަމަވެސް މިއަދު އެ ޙާލަތު މިވަނީ ބަދަލުވެފައެވެ. ނަރުހުން މަސައްކަތް ކުރަމުން އެދަނީ ހޮސްޕިޓަލް ޒީނަތްތެރި ކޮށް ހެދުމުގައެއް ނޫނެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންތަކެއް އޮަޕަރޭޝަނަކަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން

ނަރުހުން މަސައްކަތް ކުރަމުން އެދަނީ ކޮވިޑް-19 ގެ ޝިކާރައަކަށް ވެފައިވާ ދިވެހި މުޖްތަމަޢު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މާލިމީންނަށް އެހީވުމުގައެވެ. އަމިއްލަ ނަފުސައް ބެލުމެއް ނެތި ޤައުމީ ޚިދުމަތުގައެވެ.

ޤައުމީ އަބުޠާލުންގެ ގޮތުގައި މިދިވެހި މުޖުތަމަޢަށް ތިޔަ ނަރުހުން ވަމުންދާ ޤުރުބާނީ ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރަމެވެ. 12 މެއި އަކީ މުޅި ދުނިޔޭގައި ފާހަގަ ކުރަމުންދާ ނަރުހުންގެ ދުވަހެވެ. މިދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ނަރުހުންނަށް، ޚާއްޞަކޮށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަރުހުން ކުރަމުންގެންދާ ޤައުމީ ޖިހާދުގެ އަގުވަޒަންކޮށް ދުވަހުގެ މަރުޙަބާ އާއި ތަހާނީ އަގު ނުކުރެވޭފަދަ އުފަލަކާއެކު އަދާ ކުރަމެވެ.

ކޮވިޑް-19 ގެ ހަނގުރާމައާއި ކުރިމަތިލުމުގައި ހާހުން ނަރުހުން ވަނީ މި ފަނާކުރަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. އަމިއްލަ ޢާއިލާއާއި ދުރުގައި ތިބެ ބުރަކަމެއް ވަރުބަލިކަމެއް ނެތި ޝަކުވާއެއް ކުރުމެއް ނެތި ވަކިވެގެންދިޔަ އެ ބަޠަލުންނަށް ސެލިއުޓް ޙައްޤެވެ. އަދިވެސް މި މުޞީބާތާ ކުރިމަތިލާން ތިބީ އެ ނަރުހުންނެވެ. މިއަދު އަޅުގަނޑުމެން މިތިބީ އެ ފަރާތްތަކަށް ދަރަނިވެރިވެފައެވެ. ދަރަނި އަދާކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނުދަންނަ ބަޔަކަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެތައް މިލިއަން ނަރުހުންނެއް މިއަދު އެދަނީ މި ހަނގުރާމައިގެ މައިދާނުގައި ވަރުބަލިކަމެއް ނެތި ނަފުސު ޤުރުބާން ކުރަމުންނެވެ.

އައިޖީއެމްއެޗްގައި ނަރުހުންނަށް ކުރިއަށް ގެންދިޔަ ސެޝަނެއްގެ ތެރެއިން

ރާއްޖޭގައި މަސައްކަތް ކުރަމުންދާ ނަރުހުންގެ ވެސް މިއަދު ޑިއުޓީއަކީ މިއެވެ. ޢާއިލާއާއި ދުރުގައި ތިބެގެން އެ ވަމުންދަނީ ހާދަ ބޮޑު ޤުރުބާނީއެކެވެ. ފަރުވާއެއް ނެތް ނިމުމެއް ނެތް މި ބަލިން އަރައިގަތުމަށް ކުރަމުން މިދާ މަސައްކަތުގައި ރާއްޖޭގައި ތިބި ނަރުހުންގެ ތެރެއިން ބަޔަކު މިއަދު ވަނީ ނުރައްކަލަކަށް ހުށަހެޅިފައެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަދި އެދުމަކީ ވެސް ކަށިން ހިތްވަރުލައިގެން ތިޔަ ބަޠަލުން ކުރަމުންދާ މަސައްކަތް ކާމިޔާބީއާއި ހަމަޔަށް ވާޞިލު ވުމެވެ. ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ނަރުހުންނަށް އައްސަރިބަހާ ސާބަސް ރައްދު ކުރާ ޙާލު ޤައުމީ ސެލިއުޓެއް އަރުވަމެވެ.

ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް، ޚާއްޞަގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ނަރުހުންނާއި މިޑްވައިފުންނަށް 2020 ވަނަ އަހަރަކީވެސް މުހިއްމު އަހަރެއްގެ ގޮތުގައި ފާހަގަ ކުރުމަށްވަނީ ކަނޑައަޅާފައެވެ. އެއީ، ނަރުހުންނާއި މިޑްވައިފުން ގެ މުސްތަޤުބަލު ރަނގަޅުވެގެންދާނެ އަހަރެއްކަމުގައި ވާތީއެވެ. މުސްތަޤުބަލަށް ކުރެވޭ ފޮނި އުއްމީދުތަކާއިއެކު އެމީހުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އިތުރު ކުރިއެރުން ލިބޭނެ ގޮތްތަކަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަމާއެކުގައެވެ.

އުއްމީދު ނުކުރެވޭންވީ ކިއެއްވެގެން ހެއްޔެވެ؟ 2018 ވަނަ އަހަރުންފެށިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ދުނިޔޭގެ ނަރުހުންގެ ޖަމްއިއްޔާ އަދި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް ގުޅިގެން ލަނޑުދަނޑިތަކެއް ކަނޑައަޅައި 2020 ވަނަ އަހަރަކީ "ނަރުހުންނާއި މިޑްވައިފުން" ގެ އަހަރުގެ ގޮތުގައި ހަމަޖައްސައި މިއަހަރު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.

އޮޕަރޭޝަނެއްގައި ޑޮކްޓަަރަށް ދެ ފަރާތުގައި ދެ ނަރުހުން އެހީތެރިވެދެނީ

މީގެއިތުރުން 2019 ވަނަ އަހަރު ވަރލްޑް ހެލްތު އޮގަނައިޒޭޝަނުން ބޭއްވި ވަރލްޑު ހެލްތު އެސެންބްލީންވެސް ވަނީ މިކަމަށް ބާރު ދިނުމުގެ ގޮތުން 2020 ވަނަ އަހަރަކީ "އިންޓަނޭޝަނަލް އިޔަރ އޮފް ނާރސަސް އެންޑް މިޑުވައިފް" ގެ ގޮތުގައި އިޢުލާނު ކޮށްފައެވެ. އަދި މިކަންކަން ރާވައި ކުރިއަށް ގެންދިއުމަށް އެކި އެކި ޤައުމުތަކުން ވަނީ ޤައުމީ ފެންވަރުގައި މަސައްކަތްތައް ފަށާފައެވެ.

ނަމަވެސް 2020 އަހަރުގެ ނަރުހުންގެ ދުވަހާއި ކުރިމަތިލާން ޖެހުނީ ވޭތުވެދިޔަ ގަރުނުތެރޭގައިވެސް ކުރިމަތިވެފައި ނުވާފަދަ ބަލިމަޑުކަމެއް މުޅިދުނިއެއަށް ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްވަރެއްގައެވެ. މި ކުޑަކުޑަ ދިވެހި ރާއްޖޭގެ މަލަމަތިންވެސް "ކޮވިޑް-19 " ދީލާލާ މިޤައުމުގެ ދޮރާށިން އެތެރެވެ، އާލަމީ ވަބާ މި ޖަޒީރާ ރަށްތަކަށް ފެތުރެމުންދާ ބަނަ ދުވަސްވަރެއްގައިއެވެ.

ނަރުހުންގެ ދުވަސް ކުރިމަތިވި މި މޫސުމަކީ ގަދަ ކަނޑެއްގައި ފެތެމުންދާ އޮޑިއެއް، ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ޢޮޑީގެ ފަޅުވެރިން މަސައްކަތް ކުރަމުންދާ ބީދައިން ޞިއްޙީ ޚިދުމަތްތެރިން އިސްސަފުގައި ފައިހަމަ ކުރަމުންދާ ދުވަސް ވަރެއްގައެވެ.

ނަރުހުން އެބައި މީހުންގެ އެކުވެރިންނާއެކީ ކޮވިޑް-19 ޖެހިފައިވާ ބަލީމީހުން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް الله ޙަޟްރަތުން ވާގިއެދި ޚިދުމަތް ފޯރުކޮށް ދިނުމުގައި އަތުކުރި އޮޅާލައިގެން ނިކުމެ ތިބި ބިރުވެރި ދުވަސްވަރެއްގައެވެ. ނަރުހުންނަކީ އަބަދުވެސް ޞިއްޙީ ގޮތުން ޤައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި ހިތްވަރާއި ކެރުމާއިއެކު ޚިދުމަތް ދިނުމުގައި ތަޖުރިބާ ހުރި ހުނަރުވެރި ނަމޫނާ ބައެކެވެ.

އެކްސިޑެންޑްގެ ހާދިސާއެއްގައި ނަރުހުންތަކެއް މީހަކަށް ފަރުވާދެނީ

ޢާއިލާތަކަށް ދިމާވެފައިވާ މިހިތްދަތި ވަގުތުގައިވެސް އެންމެ ގާތުން ބަލިމީހާގެ ވާހަކަ އަޑުއަހާ އަދި އެ ބަލިމީހާއަށާއި ޢާއިލާއަށް ހިތްވަރުދޭ މަދަދުގާރެވެ. ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ސާބިތުކަމާއެކު ކުރިމަތިލައިގެންތިބޭ އެހީތެރި އެކުވެރިންނެވެ.

ނަރުހުން ކުރަމުންދާ މަސައްކަތުގައި ތިއިން ކޮންމެ މީހަކަށްވެސް ހިއްސާވެ މިއަދު ފާހަގަ ކުރަމުންދާ ނަރުހުންގެ ދުވަހުގައި، ޤައުމީ އެ ބަޠަލުންނަށް ކޮށްދެވޭނެ ކަމެއް އެބައޮތެވެ. ގޭގައި މަޑުކޮށްލާށެވެ. މި ބަލިމަޑުކަމުން އަރައިގަނެވެންދެން ގޭގައި މަޑުކޮށްގެން ތިބެ ނަރުހުން ވަމުންދާ ޤުރުބާނީގެ ހިއްސާއަކަށްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް