ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 04:36
އެމެރިކާގެ އައިލެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމުކުރި ބައިނަލްއަޤްވާމީ ވެބިނަރ ކުރިއަށްދަނީ
ޓްވިޓަރ
ރާއްޖޭގެ ފަތުރުވެރިކަން
އައިލެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމުކުރި ބައިނަލްއަޤްވާމީ ވެބިނަރގައި އެމްއައިޓީޑީސީގެ އެމްޑީ ބައިވެރިވެވަޑައިގެންފި
 
އެއަރޕޯޓްތަކުގައި ހެލްތް ސްކްރީނިން ކުރެވޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި
 
ދިވެހި އުފެއްދުންތަކާއި ދިވެހި ވިޔަފާރިތަކަށް އިސްކަން ދިނުމުގެ މުޙިއްމުކަން ފާހަގަ ކުރެއްވި
 
ޖުލައި މަހުގެ ތެރޭގައި އެތެރެ އާއި ބޭރުގެ އުދުހުންތަކަށް ހުޅުވާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވި

އެމެރިކާގެ މަޝްހޫރު ކޮންސަލްޓަންސީ އަދި އެޑްވައިޒަރީ ފާރމެއްކަމުގައިވާ 'އައިލެންޑް އިނޮވޭޝަން' ގެފަރާތުން ބޭއްވި ބައިނަލްއަޤްވާމީ ވެބިނަރ ގައި މޯލްޑިވްސް އިންޓިގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ބައިވެރިވެވަޑައިގެންފިއެވެ.

ބުދަ ދުވަހު ބޭއްވި މި ވެބިނަރ އަކީ "އައިލެންޑްސް އެންޑް ދަ ކޮވިޑް 19 ޕެންޑަމިކް" މިމަޢުޟޫގެ މައްޗަށް އަލިއަޅުވާލާ ބޭއްވި ވެބިނަރއެކެވެ. އަދި އެކި ދާއިރާތަކުން ބައިނަލްއަޤްވާމީ 5 ފަރާތަކުން ވަނީ މައުލޫމާތު ދެއްވާފައެވެ.

އެ ބޭފުޅުންނަކީ ގްރީން ލޭންޑުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް މިނެރަލް ރިސޯސަސް އޮނަރަ ބްލް ވިޓުސް ކުއާކީޓްސޮގް، އާއި ސްކޮޓްލެންޑްގެ ސްޓްރެތުކްލައިޑް ސެންޓަރ ފޮރ އެންވައިރަމަންޓަލް ލޯ އެންޑް ގަވަރނަންސް ގެ ކޯ- ޑައިރެކްޓަރ ޑރ. ފްރެންސެސްކޯ ސިންޑިކޯ، އާއި އެންގުއިލާގެ ތޯޓްފުލް ޑިޖިޓަލް އެޖެންސީގެ ޕާޓްނަރ މސ. ތަހީރާ ބެންކްސް، އާއި ކެނާރީ އައިލެންޑްސްގެ ލަޒަރޯތު ިބޒްންސް އެންޑް ރެސިޑެންޓްސް އެސޯސިއޭޝަންގެ ރައީސް މރ. ޑެނިއަލް ޓްރިގް އަދި ދިވެހިރާއްޖޭގެ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދުއެވެ.

މިވެބިނަރ ގައި ރާއިދު މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ބަދަލުތަކާއި، އަދި މިކަމުން އަރައިގަނެ، ފަތރުވެރިކަން ފަށައިގަންނައިރު ފުރިހަމަކުރަންޖެހޭނެކަމަށް ޤަބޫލުކުރެވޭ ކަންކަމުގެ މައްޗަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލާ، 2020 ޖުލައި މަހުގެ ތެރޭގައި އެތެރެ އާއި ބޭރުގެ އުދުހުންތަކަށް ހުޅުވާލެވޭނެކަމަށް ލަފާކުރެވޭކަމަށާއި، އެހެނަސް ފަތުރުވެރިން ރާއްޖެއަށް މިސްރާބު ޖަހާނެކަމަށް ބޮޑަށް ބުރަވެވެނީ ނޮވެމްބަރ މަހުން ފެށިގެންކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ މީގެ ކުރީން އާއްމު ހާލަތުގައިވެސް، އޯގަސްޓް، ސެޕްޓެމްބަރ އަދި އޮކްޓޯބަރ އަކީ އޯފް-ޕީކް ސީޒަނަށްވެފައި، ރާއްޖެއަކީ އަބަދުވެސް ނޮވެމްބަރ-ފެބްރުއަރީ އަށް ފަތުރުވެރިން މިސްރާބުޖަހާ މަންޒިލަކަށްވާތީ، އެ މުއްދަތުގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ސިނާއަތުގެ ތަޖުރިބާކާރުން ހާމަކުރައްވާކަމަށް ރައީދު ވިދާޅުވި އެވެ. މިގޮތުން މިހާރުވެސް ރެސޯޓްތަކާއި ޚާއްސަކޮށް ގެސްޓް ހައުސްތަކަށްވެސް ނޮވެމްބަރ-ފެބްރުއަރީއަށް ބުކިންގ ލިބެން ފަށާފައިވާކަމަށް އެފަރާތްތަކާ ޙަވާލާދެއްވާ ރާއިދު ވިދާޅުވިއެވެ.

އެހެނަސް ކޮވިޑް 19 އަށްފަހު، 'ނިއު ނޯމަލް' ނުވަތަ އާއްމު ޙާލަތުގެ ގޮތުގައި ކަންކަން ބަދަލުވެގެން އަންނާނެކަމަށާއި، އެކަންކަމަށް މިހާރުއްސުރެ ތައްޔާރުވެ ތިބުމަށާއި، މިކަމުގައި އެންމެ ފާހަގަކޮށްލަންޖެހޭ ބައެއް ކަންތައްތަކެއްގެ މައްޗަށްވެސް ވެބިނަރގައި ރާއިދު ވަނީ ވަރަށް ތަފްޞީލުކޮށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ރާއްޖެއާ ބެހޭ މަޢުލޫމާތާ ނުވަތަ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި މުއްސަނދިކަން، ވާޗުއަލްރިއަލިޓީ (ވީއާރު) މެދުވެރިކޮށް ދައްކުވައިދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށާއި ކުރިމަގުގައި މީހުން ޖަމާވެ ބާއްވާ ޓްރެވަލް ފެއަރތަކުގެ ބަދަލުގައި ޓެކްނޮލޮޖީގެ އެހީގައި، ގޭގޭގެ ސިޓިންގރޫމްތަކުގައި ތިބެގެން ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ރީތިކަން ތަޖުރިބާކޮށްލަން ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މުޙިއްމުކަމާއި، ރާއްޖޭގެ ރެޒޯޓްތަކުގައި ލިބެންހުންނަ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރެޒޯޓްގައި އާދައިގެ ޑޮކްޓަރެއް ބެހެއްޓުމުގެ ބަދަލުގައި ކޮވިޑް ފަދަ ބައްޔެއްގައި އެންމެ ފުރަތަމަ އަސާސީ ފަރުވާކުރެވޭނެފަދަ ޑޮކްޓަރަކާއި ނަރުހުންވެސް ތިބުމާއި، ރެޒޯޓްތަކުގެ ކޮޓަރިތައް އައިސޮލޭޓްކުރެވި ފަރުވާދެވޭނެ ފަދަ ވަޞީލަތްތައް ކޮންމެ ރެޒޯޓެއްގައި ކޮންމެވެސް މިންވަރަކަށް ބެހެއްޓުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އޭގެއތުރުން، މުޅި ދިވެހިރާއްޖެއަށް ވަރަށް ހަލުވި މިނެއްގައި ލޯކަލްޓޫރިޒަމް ފެތުރިގެން އަންނައިރު، ދިވެހިރާއްޖެ ޒޯންތަކަކަށް ބަހާލައިގެން، ކޮންމެ ޒޯނަކުންވެސް ވަކި ރަށެއް ފާހަގަކޮށް އެރަށެއްގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށާއި، މިގޮތުން ބަލި މީހުން މާލެއަށް ނުގެނެސް ޒޯން ހިމެނޭ ޞިއްޙީ ޚިދުމަތުގެ ރަށުން ކޮޥިޑް ފަދަ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުޙިއްމުކަން ރައީދު ފާހަގަކުރެއްވި އެވެ. އަދި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާއިރު ހެލްތު ވިސާ ނުވަތަ ހެލްތު ސިކްރީންގ ނުވަތަ އެނޫންވެސް ހެލްތު އިންޝުއަރެންސް ފަދަ ޚިދުމަތެއް ނަގާފައި އޮތުމުގެ މުޙިއްމުކަމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ.

ހަމައެހެންމެ ރާއްޖޭގެ ހުރިހާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއަރޕޯޓްތަކެއްގައި ހެލްތު ސްކްރީނިންގ ވަރުގަދަ ކުރުމާއި، ސެނިޓައިޒަރ ގޭޓް ފަދަ ވަޞީލަތްތައް ޤާއިމްކުރުމާއި، ފަތުރުވެރިން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ވަޞީލަތްތަކުގައިވެސް ހެލްތު ސްކްރީން ކުރެވޭނެ އާލަތްތައް ގެންގުޅުމުގެ މުޙިއްމުކަން ފާހަގަ ކުރެއްވިއެވެ. އަދި މިކަންކަމަކީ ކުރިމަގުގައި ފަތުރުވެރިން އަންނައިރު ބަލާނެ ކަންކަންކަމަށާއި، އެހެންކަމުން ދުނިޔޭގެ އެހެނިހެން ޖަޒީރާ ޤައުމުތަކާއެކު ފައިހަމަކުރުމަށް ބޭނުންވާނަމަ، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިޔާގެ އިތުބާރާއި ޔަޤީންކަން ހޯދާ ލިބިގަތުމަށަޓަކައި، މިދެންނެވި ފަދަ އެކަށީގެންވާ ބަދަލުތަކެއް ގެންނަން މަޖުބޫރުވާނެކަން ރާއިދު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ރެޒޯޓްތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް ކުރިމަތިވި މައްސަލަތަކާއި ގޮންޖެހުންތަކަށް ބަލާއިރު، ކުރިމަގުގައި ރެޒޯޓްތައް ތަރައްޤީކުރާއިރު، މުވައްޒަފުންގެ އެކޮމޮޑޭޝަން ކައިރި ރަށްތަކުގައި ތަރައްޤީކޮށް، އެ މުވައްޒަފުންގެ އަނބިދަރިންނާއެކު ދިރިއުޅެވޭނެ ގޮތެއް ހަމަޖެހުމުގެ މުހިއްމުކަން ރާއިދު ފާހަގަ ކުރެވިއެވެ. އެއީ ރެޒޯޓްތަކުގެ އެކޮމޮޑޭޝަންތަކުގެ ކޮޓަރިތަކުގައި، އެތައްބަޔަކު ތޮއްޖެހިގެން އުޅުމުގެ ބަދަލުގައި، ރަނގަޅު އެކޮމޮޑޭޝަން ރެޒޯޓާއި އެންމެ ކައިރި ރަށެއްގައި ޤާއިމްކޮށް، އެމުވައްޒަފެއްގެ ދިރިއުޅުން އެރަށަކަށް ބަދަލުކޮށް، އަނބިދަރީންނާއެކު އުފާވެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި، އަދި ކުރިމަގުގައި ފުޑް ސެކިއުރިޓީއަށްވެސް ޚާއްސަ އިސްކަމެއް ދީގެން ރަށްރަށުގައި ދަނޑުވެރިކަން އާލާކޮށް ތަރައްޤީކުރުމުގެ މުޙިއްމުކަމާއި، ފަތުރުވެރިކަމުގެ ތެރެއަށް ދަނޑުވެރިކަމުގެ ސިނާއަތު ގުޅުވާލައިގެން ކަންކަން ފުރިހަމައަށް އަތުރާލެވިދާނެކަމަށާއި، މިކަންކަމަކީ ލާމަރުކަޒީ އުޞޫލުން ފުރިހަމަކުރެވޭނެ ކަންކަންކަމަށް ރާއިދު ފާހަގަކުރެއްވިއެވެ.

މި ވެބިނަރގައި ރާއިދު ވަނީ ކުރިމަގުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ އިޝްތިހާރުކުރާއިރު،#ލަވްޔޯލޯކަލްމި ޝިއާރު ބޭނުންކޮށް، ދިވެހި އުފެއްދުންތަކާއި ދިވެހި ވިޔަފާރިތަކަށް އިސްކަން ދިނުމުގެ މުޙިއްމުކަންވެސް ފާހަގަކުރައްވާފައެވެ.

މިގޮތުން، ޚާއްސަކޮށް ކުދި ވިޔަފާރިތަކަށް އަދި ފްރީލާންސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިކުރިމަތިވި އަޑިގަނޑުން އަރައިގަތުމަށްޓަކައިވެސް، ދިވެހި އުފެއްދުންތަކާއި ދިވެހި ވިޔަފާރިތައް ޝާމިލުކުރެވިގެން ތަރައްޤީކުރެވޭ ފަތުރުވެރިކަމުގެ ސިނާއަތެއްގައި، ދެމެހެއްޓެނިވި ތަރައްޤީގެ ރުކުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި، ފުރިހަމަވެގެންދާނެކަން ރާއިދު ހާމަކުރެއްވިއެވެ.

މި ވެބިނަރ ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 480 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަން އައިލެންޑް އިނޮވޭޝަންގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އައިލެންޑް އިނޮވޭޝަންއަކީ އެމެރިކާގެ އިތުރުން އެހެން ބައެއް ޤައުމުތަކުގައިވެސް އަމިއްލަ ވިޔަފާރިތަކާއި އަދި ސަރުކާރުތަކާއި، ޖަމިއްޔާ ޖަމާޢަތްތަކަށް ދެމެހެއްޓެނި ގޮތުގައި އައު އުފެއްދުންތައް ކުރިއަރުވާ ތަރައްޤީކުރުމުގެ މަސައްކަތުގައި، ކޮންސަލްޓަންސީ އާއި އެޑްވައިޒަރީ ޚިދުމަތް ފޯރުކޮށްދޭ، ދުނިޔޭގެ ނުފޫޒުގަދަ ކޮންސަލްޓަންސީ ފާރމްއެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
75%
0%
25%
0%
0%
ކޮމެންޓް