ބިދޭސީން ބަދަލު ކުރާ ތަންތަން ހުންނާނީ ބައިނަލްއަގްވާމީ މިންގަނޑަށް
3 މެއި 2020 | އާދީއްތަ 11:45ބިދޭސީންގެ ހާލަތު ވަރަށް ގާތުން ބަލަން


އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނަރަލް ފާތުމަތު ހިމްނާ
ކޮވިޑް-19އާ ގުޅިގެން ބިދޭސީ މަސައްކަތްތެރިން ބަދަލު ކުރާ ތަންތަން ހުންނާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ބުނެފި އެވެ.
އާދިއްތަ ދުވަހު ނެޝަަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނަރަލް ފާތުމަތު ހިމްނާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެމީހުން ބަދަލު ކުރުމަށް މިހާރު ހަދަމުންދާ ގުޅީފަޅަށްށާއި، ވިލިވަަރަށް ގޮސް އެފެސިލިޓީ ބަލާފައިވާ ކަމަށެވެ.
ހިމްނާ ވިދާޅުވީ މިދެ ފެސިލިޓީ ވެސް ގާއިމްކޮށްފައި ހުރީ އަމަލުކުރަމުންދާ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ރަނގަޅު ކުރުމަށް ފާހަގަވި ބައެއް ކުދިކުދި ކަންކަން ރަނގަޅު ކުރުމަށް ވެސް ރެޑް ކްރެސެންޓްގެ ފަރާތުން އަންގާފައިވާ ކަމަށެވެ.
ހިމްނާ ވިދާޅުވީ އެ ފެސިލިޓީތަކުގައި ކައިބޮއެ ހެދޭނެ ގޮތާއި، މަސައްކަތްތެރިންގެ އަދަދާއި އެކަށީގެންވާ މިންވަރަށް ފާހަނާ ކުރި ކަމަށެވެ. އަދި އެތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ އިޖްތިމާއީ ގައިދުކުރަން ދެމެހެއްޓޭނެ ގޮތަށް ކަމަށް ހިމްނާ ވިދާޅުވިއެވެ.
ހިމްނާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ބޭއްތިއްބުމަށް ސަރުކާރުން ގާއިމް ކުރި ފެސިލިޓީތަކުގެ ތެރެއިން ބެލުމަށް ދާން ލިބުނީ ހަމައެކަނި ގުޅީފަޅަށާއި، ވިލިވަރުގައި ގާއިމް ކުރެވޭ ފެސިލިޓީއަށް ކަމަށެވެ.
އެހެން ފެސިލިޓީތަކަށް ނުދެވޭކަން ފާހަގަކުރައްވައި ހިމްނާ ވިދާޅުވީ އެއީ އެތަންތަނުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާތީ ކަމަށެވެ. ނަމަވެސް އެފަދަ ތަނެއްގައި ވެސް އިހުމާލެއް އުޅޭ ކަމުގެ ރިޕޯޓެއް ލިބިއްޖެނަމަ ރެޑް ކްރެސެންޓުން ބަލާނެ ކަމަށް ހިމްނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަޅުތައް އަޅާގެން އެސަރަހައްދުތައް ވެސް ބެލުމަށްޓަކައި މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.









