ކ. މާލެ
|
1 މެއި 2020 | ހުކުރު 23:28
މަރުހޫމާ އާމިނަތު އާދަމްގެ ޖަނާޒާއަށްފަހު އާސަހަރާގައި ވަޅުލަނީ - އޭނާ ނިޔާވީ ހާލު ބޮޑުވެގެން
މަރުހޫމާ އާމިނަތު އާދަމްގެ ޖަނާޒާއަށްފަހު އާސަހަރާގައި ވަޅުލަނީ - އޭނާ ނިޔާވީ ހާލު ބޮޑުވެގެން
ފޭސްބުކް
އާމިނަތު އާދަމް ނިޔާވި މައްސަލަ
ކޮވިޑް-19 ގެ ފުރަތަމަ މަރާއެކު ސުވާލުތަކެއް - ކަންކަން ދިޔައީ އިހުމާލުންބާ؟
 
އާމިނަތު އާދަމަކީ ދިގުމުއްދަތަކަށް ބޭސް ބޭނުން ކުރަމުންދިޔަ ފަރާތެއް އަދި މިދިޔަ އަހަރު ނިއުމޯނިއާއަށް ފަރުވާ ހޯދާފައިވޭ
 
އާމިނަތު އާދަމް ދިރިއުޅުނު ގެ މޮނިޓަރިންގެ ހާލަތަށް ލެވުނު ފަހުން އޭނާއާއި ޕޮޒިޓިވް ކޭސްއަކާއި ޑައިރެކްޓް ކޮންޓެކްޓްވި
 
އާމިނަދު އާދަމް ނިޔާވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔަ މަގުމަތީގައި

ރާއްޖެއިން ކޮވިޑް-19 ގެ ފުރަތަމަ މީހަކު މަރުވިކަން ކަމާބެހޭ އިދާރާ ނުވަތަ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވަނީ ބުދަ ދުވަހުގެރޭ ދަންވަރު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިން އެންމެ ދެކެން ބޭނުން ނުވި އެއް ހަބަރުކަމުގައި ވެދާނެއެވެ. ނަމަވެސް މި ބަލީގައި މަރުވެގެން ދިޔައީ 83 އަހަރުގެ އުމުރުން ދުވަސްވީ އަންހެނެކެވެ. މިއީ މި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ކެޓަގަރީގައި ހިމެނޭ ބައެކެވެ. ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނައިން މި ބަލީގައި މަރުވަމުންދަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖޭގައި މި ބަލީގައި މަރުވެފައިވަނީ 83 އަހަރުގެ އާމިނަތު އާދަމެވެ. މަރުހޫމާއަކީ އުމުރުން ދުވަސްވުމުގެ އިތުރުން ބައެއް ދާއިމީ ބަލިތަކަށް ފަރުވާ ހޯއްދަވަމުން ގެންދެވި ފަރާތެކެވެ. އަދި މިއާއެކު ކޮވިޑް-19 ޖެހިގެން މަރުވާ އެއް ސަބަބުކަމުގައިވާ ނިއުމޯނިއާއަށް މީގެ ކުރިން ފަރުވާ ހޯއްދަވާފައިވާ ފަރާތެކެވެ.

އާމިނަތު އާދަމްގެ މަރާއެކު އެއް އަޑަކުން މުޅި ރާއްޖޭގައި ގުގުލާމުންދަނީ މިކަމުގައި ސަރުކާރު އިހުމާލުވިކަމުގެ އަޑުތަކެވެ. މިކަމުގެ ހަގީގަތަށް އަދި ކޮވިޑް-19 އާއި ގުޅިގެން އާމިނަތު އާދަމް ފަދަ ބަލި މީހަކާއި މެދު އަމަލު ކުރަން ހަދާފައިވާ އެސްއޯޕީތަކުން ދައްކާގޮތުންވެސް އެއާ އެއްގޮތަށް މިކަމުގައި ކަމާބެހޭ ފަރާތްތަކުން އަމަލުކޮށްފައި ނުވާކަމުގެ ވާހަކަތަކެވެ.

ކަން ހިނގައިދިޔަގޮތް!

އާމިނަތު އާދަމް ނިޔާވީ ބުދަ ދުވަހުގެ އިރު އޮއްސުނު ވަގުތު ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދެވުނު މަގުމަތީގައެވެ. އާމިނަތު ނިޔާވި އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވަތަ ނެގެޓިވް ކަމެއް ސާފެއް ނޫނެވެ. ނަތީޖާ ލިބުނީ މަރުހޫމާ ދުނިޔެ ދޫކުރި ފަހުންނެވެ.

އާމިނަތު އާދަމް ޕޮޒިޓިވްވެފައިވަނީ އެމްއެޗްއޭ ކްލަސްޓާއާއި ގުޅުންހުރި ކޭސްއެއްގެ ފަރާތުންނެވެ. އަދި މި ކްލަސްޓާ ފެށިފައި އޮތީ ކޭސް 72 ންނެވެ. ކޭސް 72 ގެ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި އިނގޭ ކޭސްއަކީ 126 ވަނަ ކޭސްއެވެ. އަދި 126 ވަނަ ކޭސް، 280 ވަނަ ކޭސް (އާމިނަތު އާދަމް) އާއި ބައްދަލުވި މީހާގެ ގޮތުގައި ވަނީ ފާހަގަ ވެފައެވެ.

މިކަން ހިނގާފައި އޮތް ގޮތަކީ، ކޭސް 72 ގައި ހިމެނޭ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޭސް 280 (އާމިނަތު އާދަމް) ދިރިއުޅޭ ބިލްޑިންގ މޮނިޓަރިންގެ ހާލަތަށް އެޕްރީލް 21 ވަނަ ދުވަހު ގެންގޮސްފައިވެއެވެ.

ނަމަވެސް އެޕްރީލް 21 ވަނަ ދުވަހު އެ ބިލްޑިންގ މޮނީޓަރިންގެ ހާލަތަށް ގެންދެވުނު މައިގަނޑު ސަބަބަކީ އެމްއެޗްއޭގެ 2 ޑްރައިވަރުން އެ އިމާރާތުގެ އެހެން ފަންގިފިލާއެއްގައި ދިރިއުޅެމުންދާތީއެވެ. އަދި މިކަން މިގޮތަށް ދަމުން ގޮސް އެޕްރީލް 23 ވަނަ ދުވަހު 126 ވަނަ ކޭސް ގައި ހިމެނޭ މީހާ މި ބައްޔަށް ޕޮޒިޓިވްވިއެވެ. އަދި ކޭސް 126 ގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 280 ވަނަ ކޭސް (އާމިނަތު އާދަމް) އަކީ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވެފައިވެއެވެ. މި ކޭސް އައިޑެންޓިފައި ކުރެވިފައިވަނީ 25 އެޕްރީލް ގައެވެ.

މިކަމާއި ގުޅިގެން އާމިނަތު އާދަމްގެ ގޭގެ މޮނިޓަރިންގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. ކޭސް 280 (އާމިނަތު އާދަމް) ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ކުރެވުނު މައިގަނޑު ސަބަބަކީ 126 ވަނަ ކޭސް ވަނީ 280 ވަނަ ކޭސް (އާމިނަތު އާދަމް) އާއި 14 އެޕްރީލް ވީ ދުވަހު ޒިޔާރަތްކޮށްފައެވެ.

ނިޔާވި އާމިނަތު އާދަމް - ފަރުވާ ދިނުމުގައި އިހުމާލުވިކަމަށް އާއިލާއިން އަންނަނީ ތުހުމަތު ކުރަމުން

ދެން އެނގެން އޮތީ 280 ވަނަ ކޭސް (އާމިނަތު އާދަމް) ގެ ސާމްޕަލް ނެގުމަށް އިންޓާނަލް ސިސްޓަމްގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް ރިކުއެސްޓް ފޮނުވާފައި އޮތީ 27 އެޕްރީލްގެ ދަންވަރު 3:45 ގައިކަމެވެ. އަދި ފަތިހު 5:30 ގައި އައިޖީއެމްއެޗަށް އެ ސާމްޕަލް ވަނީ ގޮސްފައެވެ. ސާމްޕަލްގެ ނަތިޖާ ލިބިފައިވަނީ 29 ވަނަ ދުވަހުގެ މެންދަމު 12:00 ގައި އާމިނަތު އާދަމް ނިޔާވި ފަހުންނެވެ.

29 ވަނަ ދުވަހުގެ ރޭ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ މި މީހާ ނިޔާވެފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި 83 އަހަރުގެ މި މީހާއަކީ ދިގުމުއްދަތަށް ބޭސް ބޭނުންކުރަމުން ދިޔަ މީހެއް ކަމަށާއި، އޭނާ ފާހަގަ ކުރެވިފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

އެމީހާގެ ސާމްޕަލް ނެގިފައިވާ ކަމަށާއި، މިކަމާއި ގުޅިގެން މިއީ ކޮވިޑް ކޭސްއަކަށް ވެދާނެތޯ ނުވަތަ ނޫންތޯ ބެލުމަށް ސާމްޕަލްގެ ނަތީޖާ ކަންތައްތަކާއި އަދި އިތުރު ތަފްސީލުތައް ޖެހިގެން އަންނަ ދުވަހު ޓެގް ޓީމުން ހާމަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި މީހާގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް މަބްރޫކް އެރޭ ވިދާޅުވިއެވެ.

ނަމަވެސް އިރުއޮއްސި 6:15 ހާއިރު ނޭވާލާން ވަރަށްބޮޑަށް އުނދަގޫވެފައިވާކަން އެނގުމުން އައިޖީއެމްއެޗްގެ ކަރަންޓީން ޕާތްވޭ އެކްޓިވޭޓްވެގެން އާމިނަތު އާދަމް ގެއިން ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި އެގަޑީގައި ހޮސްޕިޓަލަށް ގެނެވިފައިވީ ނަމަވެސް ހޮސްޕިޓަލަށް ގެނެވުނު އިރުގައި ވަނީ ނިޔާވެފައެވެ.

އާމިނަތު އާދަމްގެ ބަލި ހާލަތު

އާމިނަތު އާދަމްއަކީ އުމުރުން 83 އަހަރުވެފައިވާ މީހެކެވެ. އަދި އޭނާ އަކީ ދޮށީ އުމުރުގެ މީހަކަށް ވެފައި ދާއިމީ ބައްޔަށް ދިޔައީ ބޭސް ބޭނުން ކުރަމުންނެވެ. މީގެ ތެރޭގައި ސްލީޕް އެޕްނިއާ، ޑައިބެޓީސް، ހައިޕަރޓެންޝަން އަދި ނިއުމޯނިއާގެ ކޭސްތަކެއް 2019 ވަނަ އަހަރު ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.

މީގެ ތެރޭގައި ހިމެނޭ ސްލީޕް އެޕްނިއާގެ ގިނަ ވައްތަރުތަކެއް ހުރެއެވެ. މީގެ ތެރޭގައި އެންމެ އާންމު އެއް ވައްތަރަކީ ނިދުމުގެ ތެރޭގައި ނޭވާ ނުލުމާއި ކުއްލި ކުއްލިއަށް ނޭވާލުމެވެ.

ޑައިބެޓީސް ނުވަތަ ހަކުރު ބައްޔަކީ ލޭގައި ހަކުރު ހުންނަން ޖެހޭ މިންވަރު ނުވަތަ ގުލްކޯޒް އިތުރުވުމުން ދިމާވާ ކަމެކެވެ. މީގެ އިތުރުން ހައިޕަރޓެންޝަން ނުވަތަ ލޭ މައްޗަށް ދިއުމަކީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި އާންމުކޮށް ފެންނަ ބައްޔެކެވެ. މި ބަލިތަކަކީ ދާއިމީ ބޭސް ބޭނުން ކުރަން ޖެހޭ ބަލިތަކެވެ.

މީގެ އިތުރުން އާމިނަތު އާދަމް އަކީ 2019 ވަނަ އަހަރު ނިއުމޯނިއާއަށް ފަރުވާ ހޯދާފައިވާ މީހެކެވެ. އެހެންކަމުން ކޮވިޑް-19 ޖެހިއްޖެ ނަމަ އޭނާ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެންދެއެވެ.

ނަމަވެސް 25 އެޕްރީލްގައި އާމިނަތު އާދަމްއާއި ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާތީ އަދި މިއީ ޕްރައިމަރީ ކޮންޓެކްޓެއް ކަމުން އާމިނަތު އާދަމް އަށް ދޭންޖެހޭ އިސްކަމެއް ދެވިފައި ނުވާކަން މިހާތަނަށް ލިބެން ހުރި މައުލޫމާތުތަކުން އެނގެއެވެ.

އެސްއޯޕީގައި ބުނާގޮތާއި އަމަލާއި ދިމާނުވޭ!

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއްގެ ޕްރައިމަރީ ކޮންޓެކްޓާއި މެދު އަމަލު ކުރަން ޖެހޭ ގޮތް މިހާރު ހެދިފައިވާ އެސްއޯޕީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އާމިނަތު އާދަމްގެ ކޭސްގައި އެސްއޯޕީއާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަވެއެވެ.

އާމިނަތު އާދަމް (ކޭސް 280) އަކީ ކޭސް 126 އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އަދި އެޗްޕީއޭއަށް ވެސް މިކަން އެނގެއެވެ. ނަމަވެސް އާމިނަތު އާދަމްގެ އުމުރާއި ހާލަތަށް ބެލުމަށްފަހު ވެސް އޭނާ އިތުރަށް މޮނިޓަރ ކޮށްފައިނުވެއެވެ. އަދި ޓެސްޓް ހެދުމަށް ސާމްޕަލް ނަގަފައިވަނީ 27 ވަނަ ދުވަހުގެ ފަތިހުއެވެ.

އަދި މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އާމިނަތު އާދަމް ޕޮޒިޓިވްވީ ކޭސް 126 އާއި ކޮންޓެކްޓް ވުމުންނެވެ.

މި ހާލަތުގައި އަމަލުކުރަން ޖެހޭނެކަމަށް އެސްއޯޕީގައި ބުނެފައިވަނީ، ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާ މީހަކު އައިސޮލޭޓް ކުރުމަށް ހާއްސަ ފެސިލިޓީއެއްގައި އައިސޮލޭޓް ކުރަންޖެހެއެވެ. އަދި މިކަމާއި ގުޅިގެން ކޮވިޑް ޓާސްކްފޯސްއާއި މަޝްވަރާ ކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ހާލަތަށް ބަލާފައި ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަން ޖެހެއެވެ. އަދި މިއާއެކު ބަލީގެ އަލާމާތްތައް ކުޑަ ނަމަ އަދި ނިއުމޯނިއާގެ އެއްވެސް މައްސަލައެއް ހުރިކަން ފާހަގަ ކުރެވޭނަމަ ހާއްސަ ކުރެވިފައިވާ އައިސޮލޭޝަން ސެންޓަރަކަށް ފޮނުވަން ޖެއެވެ.

މީގެ އިތުރުން ބަލި ބޮޑުނަމަ ޑީއެޗް 11 ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ކްރިޓިކަލް ކެއަރގައި ފަރުވާދޭން ޖެހެއެވެ. އަދި އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް އެސްއޯޕީގައި ބުނެފައިވެއެވެ.

ނަމަވެސް މި އެސްއޯޕީގައި ބުނެފައިވާ ގޮތަށް ކަމާބެހޭ އެއްވެސް ތަނަކުން އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ. އާމިނަތު އާދަމް އަކީ އުމުރުން ދުވަސްވީ މީހެއްކަށް ވުމުން ބަލީގެ ނުރައްކާ ބޮޑުވުމާއި، ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެފައި ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތަކަށް ވެފައި ވެސް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމާބެހޭ އިދާރާތަކުން އަޅާފައި ނުވެއެވެ.

އެސްއޯޕީގައި ބުނެފައިވާ ފުރަތަމަ ކަމަކީ އެފަދަ އަލާމާތެއް ފެނިއްޖެނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމެވެ. ނަމަވެސް އާމިނަތު ދީދީ އަކީ ޕްރައިމަރީ ކޮންޓެކްޓެއްކަން އެޗްޕީއޭއަށް އެޕްރީލް 25 ވަނަ ދުވަހު ވަނީ އެނގިފައެވެ. އެހެންކަމުން އާމިނަތު އާދަމްގެ ހާލަތަށް ބެލުމަށްފަހު އޭނާ ވަގުތުން އައިސޮލޭޓް ކުރެވެން ޖެހެއެވެ. އެސްއޯޕީގައި ބުނެފައިވަނީ މިހެންނެވެ. އަދި މިއާއެކު ޕަބްލިކް ހެލްތް ޔުނިޓުން ކޮންމެ ދުވަހަކު އާމިނަތު އާދަމްގެ ހާލު ބަލާ މޮނިޓާ ކުރަންޖެހޭނެކަމަށް ވަނީ ބުނެފައެވެ.

އެސްއޯޕީގައި ބުނެފައިވަނީ ކްލޯސް ކޮންޓެކްޓެއްގެ ހާލަތަށް ބަދަލެއް އައިސްފިނަމަ ޕަބްލިކް ހެލްތް ޔުނިޓަށް ގުޅަންޖެހޭނެ ގޮތް އަންގަފައިވާން ޖެހެއެވެ. އަދި މިއާއެކު ކްލޯސް ކޮންޓެކްޓެއްގެ ބަލި ހާލަތު ގޯސްވެއްޖެނަމަ އަދި ކޮވިޑަށް ޝައްކުކުރެވޭ އަލަމާތްތަކެއް 14 ދުވަސް ތެރޭގައި ފެނިއްޖެ ނަމަ ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން ބަލި މީހާގެ ކަންކަން ބަލަންޖެހެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލީގެ ބޭސް ބޭނުންކުރާ ފަރާތްތަކަކީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު ބަޔަކަށް ވުމުން އެމީހުންނަށް އަވަސް ފަރުވާ ނުވަތަ ޓެސްޓް ހެދުމާއި އެހެނިހެން ކަންކަން އަވަސް ކުރުމަށް އެސްއޯޕީގައި ބުނެފައިވެއެވެ.

ކުއްލި ނޫސްވެރިންގެ ބައްދަލުވުން!

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން - އާމިނަތު އާދަމް މަރުވި މައްސަލައިގައި އިހުމާލުވެފައިވޭތޯ ބެލުމަށް ތަހުގީގެއް ވަނީ ފަށާފައި

ކޮވިޑް-19އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާއިރު، ނަތީޖާ ލިބެންދެން ވަރަށް ގިނަ ފަހަރު ގޭގައި ކޮންޓެކްޓުން ބަހައްޓަންޖެހޭ ކަމަށާއި، މިފަދަ މީހުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ޓެގް ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. އަލީ ލަތީފް ވަނި ވިދާޅުވެފައެވެ. ޑރ. ލަތީފް ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހަކުރު ބަލި، ލޭމައްޗަށް ދިއުން، ކިޑްނީ ބަލި އަދި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ދާއިމީ ކޮށް ބޭސް ކުރާ މީހުންނަށް ބަލީގެ ނުރައްކާ ބޮޑުވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަދާއިރު، ނަތީޖާ ލިބެންދެން ވަރަށް ގިނަ ފަހަރު ގޭގައި ކޮވިޑް-19ގެ ކޮންޓެކްޓުން ބަހައްޓަންޖެހޭ ކަމަށެވެ. މިކަހަލަ ވަގުތުތަކުގައި އެގެތަކުގައި ކަރަންޓީންގެ ކަންކަން ބަރާބަރަށް ކުރިއަށް ގެންދިއުމަށް ޑރ.ލަތީފް އެދިލެއްވިއެވެ.

ނަމަވެސް ކަންތައް ވެފައިވަނީ މިހެން ނޫންނެވެ. ހައިރިސްކް މީހުންގެ ސާމްޕަލްތައް އަވަހަށް ނަގަންޖެހޭ ކަމަށް އެސްއޯޕީގައި ލިޔެފައިވާ އިރު، ޑޮކްޓަރުން އަދި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް އެވާހަކަތައް ދައްކަމުން ދިޔަ އިރު އާމިނަތު އާދަމްގެ ކޭސްގައި އަމަލުކޮށްފައިވަނީ މި ކަންތައްތަކާއި ހިލާފަށް ކަން ވާހަކަތަކުން ފާހަގަވިއެވެ. އިހުމާލު އެބައޮތްކަމަށް ބުނެވޭ އެއް ސަބަބަކީ މިއެވެ.

ބުދަ ދުވަހުގެ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޢަލީ ލަޠީފް ވިދާޅުވީ ހައި ރިސްކު ކޮންޓެކްޓެއް ޓެސްޓު ހެދިޔަސް، ނުހެދިޔަސް، ބަލަން ޖޭހޭނީ ކޮވިޑަށް ޕޮޒިޓިވްވެދާނެ ކަމަށެވެ.

ޓެސްޓު ރިސަލްޓް ލަސްވެގެންނެއް މަރުވާމީހުން ގިނައެއް ނުވާނެ އިނގޭތޯ؟ އެ ކޮންސެޕްޓް ގޯސް. މިސާލަކަށް ކޮވިޑް-19 ޕޭޝަންޓަކާއި ދިމާވެފައި ހުންނަ ބޭފުޅަކު އެއީ ހައި ރިސްކު ކޮންޓެކްޓެއް ކަމަށް ވަންޏާ، އެ ހައިރިސްކު ކޮންޓެކްޓް ސިމްޕްޓޮމްއެއް އައިސްފިކަމަށް ވަންޏާ އަދި ޓެސްޓެއް ހެދިޔަސް ނެހެދިޔަސް، ޕޮޒިޓިވް ވިޔަސް ނުވިޔަސް، އަޅުގަނޑުމެން ބަލަންޖެހޭނީ ވެދާނެ ކަމަށް ކޮވިޑް-19 އަށް ވެދާނެ ކަމަށް ބަލާފައި އިތުރަށް ބަލި ގޯސްވަންޏާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހޭނީ. އެހެންމެ އެއީ ވަރަށް މުހިއްމު ނުކުތާއެއް
ޑރ. ޢަލީ ލަޠީފް

ނަތީޖާ ލިބުމަކީވެސް މުހިއްމުކަމެއްކަން ފާހަގަކުރައްވާ ޑރ. ޢަލީ ލަޠީފް ވިދާޅުވީ އޭރުން ބައްޔަށް ޝައްކު ކުރެވޭ ފަރާތަކީ އައިސޮލޭޝަނަށް ދާން ޖެހޭ މީހެއް ކަން ޔަޤިން ކުރެވޭނެކަމަށެވެ. ނަމަވެސް އެސްއޯޕީގައި ލިޔެފައިވަނީ ޑައިރެކްޓް ކޮންޓެކްޓްވެ ހައި ރިސްކް ގްރޫއްޕު މީހެއް ނަމަ އައިސޮލޭޓް ވަގުތުން ކުރަންޖެހޭނެ ކަމަށެވެ. އަދި މޮނިޓަރ ކުރެވެން ޖެހޭނެކަމަށް ބުނެފައިވެއެވެ.

ޓެގް ޓީމްގެ އެންމެ އިސްކޮށް އުޅުއްވާ ޑރ. އަލީ ލަތީފް - ޑޮކްޓަރުގެ ވާހަކައާއި އެސްއޯޕީއާއި ދިމާ ނުވާކަން ފާހަގަ ކުރެވޭ

އިހުމާލު އެބައޮތްކަމަށް ދެން ބުނެވޭ އަނެއް ސަބަބަކީ ނުވަތަ ބާރުދޭ ވާހަކައަކީ ޓެގް ޓީމުން ހާމަކުރި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ. ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހާ މަރުވީ ވަކި ފަރުވާއެއް ނުދެވިގެން ނޫން ކަމަށެވެ. އަދި ކޮވިޑް-19 އަށް ދޭނެ ވަކި ޚާއްޞަ ފަރުވާއެއް ނެތުމާއެކު، ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކޮންޓެކްޓުން އަބަދުވެސް ބަލަހައްޓަމުން ގެންދަނީ އެމީހަކު އުޅޭ ގޭގައި ކަމަށެވެ.

އެސްއޯޕީގައި ބުނާ ގޮތުން ހައިރިސްކް މީހުން އައިސޮލޭޓްކޮށް ޓެސްޓް ނަތީޖާ ނުލިބުނަސް ގާތުން މޮނީޓަރ ކުރަންޖެހެއެވެ. އެހެންކަމުން ޑޮކްޓަރުގެ މި ވާހަކަތައް އެސްއޯޕީއާއި ދިމާ ނުވެއެވެ.

އާމިނަތު އާދަމްގެ މަރާއި ގުޅިގެން އައިލާގެ ތުހުމަތު

ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެގެން އާމިނަތު އާދަމް ދިރިއުޅެމުންދިޔަ ގެ މޮނިޓަރިންއަށް ލާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އޭނާ އަކީ ދާއިމީ ބައްޔަށް ފަރުވާ ހޯދަމުން ގެންދިޔަ މީހެކެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތަށް އެ ގެނެސް އަދި އޭނާ އަކީ ޑައިރެކްޓް ކޮންޓެކްޓެއް ނަމަވެސް، އާމިނަތު އާދަމްގެ ސާމްޕަލް ނަގާފައިވަނީ 27 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ނަތީޖާ ލިބުނީ 29 ވީ ބުދަ ދުވަހުގެރޭގެ ވަގުތެއްގައި އާމިނަތު އާދަމް ނިޔާވި ފަހުންނެވެ. އެހެންކަމުން އާމިނަތު އާދަމް، ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވެ ހައި ރިސްކް ކެޓަގަރީގައި ހިމެނުނު އިރު ވެސް، އޭނާގެ ޓެސްޓް ކުރެވުނީ އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނެވުނުތާ 3 ވަރަކަށް ދުވަސްވީ ފަހުންނެވެ. އޭނާ ނިޔާވީ ނޭވާލާން އުނދަގޫވެގެންނެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.

އާއިލާގެ ފަރާތުން އަންނަނީ މި މައްސަލަގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިހުމާލު އޮތްކަމަށް ބުނަމުންނެވެ. ނަމަވެސް އެޗްޕީއޭއިން އަދި މިކަމުގައި އިހުމާލުވެފައިވާ ކަމަށް އެއްބަސް ނުވެއެވެ.

އަދި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެފައިވެއެވެ. މިކަމުން ވެސް ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށް ކުރެވޭ ސުވާލަށް އިތުރަށް ބާރުލިބިގެންދެއެވެ. އާއިލާއިން އާމިނަތު އާދަމްގެ ބަލި ހާލު ބޮޑުވެގެން ގުޅާ ކޮންމެ ފަހަރަކު ނަތީޖާ ޕޮޒިޓިވްވެއްޖެނަމަ ހޮސްޕިޓަލުގައި ފަރުވާދޭނެކަމަށް ބުނެ ބުނެ ހުއްޓާ އެންމެ ފަހުން އެ މަރުހޫމާ މި ދުނިޔެއާއި އަލްވަދާއުކީއެވެ.

މައްސަލައިގެ ތަހުގީގު

މި މައްސަލަ ތަހުގީގުކުރައްވާނެކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ ތަހުގީގު ނިންމާ އާންމު ކުރައްވާނެކަމަށް ވިދާޅުވިއެވެ. ތަހުގީގު ޓީމުގައި ތިއްބަވަނީ ވެސް އަދި މިކަމުގައި އިހުމާލުވިކަމަށް ގިނަ ބަޔަކު ބުނާ މީހުންނަކީ އެއްބައެކެވެ. ޓެގް ޓީމުން މިކަން ތަހުގީގުކުރާނެކަމަށް ހެލްތް މިނިސްޓަރު ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. ނަމަވެސް ޓެގް ޓީމްގައި ތިއްބެވި ބޭފުޅުންނަކީ ހަމަ މި މަސައްކަތުގައި އިސްކޮށް ތިއްބެވި ފަރާތްތަކެވެ.

އެހެންކަމުން އިންސާފުވެރި ތަހުގީގެއް ހިންގޭނެކަމާ މެދު އާއިލާގެ ވާހަކަތަކާއި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކުން ޝައްކު އުފެދެއެވެ. މިކަން ކުރުމަށް މިނިވަން ބަޔަކަށް ހަވާލުކުރުމަކީ މި ތަހުގީގުގެ އެންމެ ސައްހަކަން ކަށަވަރުވާނެ ކަމަކަށް ވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
67%
0%
33%
0%
0%
0%
ކޮމެންޓް
2 މެއި 2020 | ހޮނިހިރު 00:26
ހޮޅި އަންގަ
މާ ބޮޑަވެސް! މަބުރޫކުމެން ވެސް ކުރާ ސުވާލައް އެގްރެސިވްލީ ޑިފެންސިވް ވެއްވެނީ. މުޅިީން އެހެން ވާހަކަ ތަކެ ދައްކަމުން ނިއްމާލަނީ. ދެން އެޗްޕީއޭގެ ފޮރޮންޓ ލައިން ސްޓާފުން ބުރަކޮއް އުޅޭ އިރު ސީނިޔާ މީހުން ބޮޑާ ކަން މަތީ ކޭކު ކާން. އިހުމާލު ނުވެ ދާނެބާ މިވަރުން؟