ރައްޔިތުން ގޭގައި ކަރަންޓީން ކުރަން ޖެހިދާނެ: މިނިސްޓަރު އަމީން
25 އެޕްރީލު 2020 | ހޮނިހިރު 11:52ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންގެ އަދަދު ނިސްބަތުން ގިނަ


މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނާ ވާހަކަދެއްކެވުމަށް މަޑުކޮށްލައިގެން
ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި ރައްޔިތުން ގޭގައި ކަރަންޓީން ކުރަން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ މެންދުރުފަހު ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ފެނުނު ފަހުން ބަލި ފެތުރެމުންދަނީ ލަފާކުރެވިފައިވާ ސްޕީޑާ އެއްވަރަށް ކަމަށެވެ. ނަމަވެސް ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންގެ ޢަދަދު ނިޞްބަތުން ގިނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މާލެއިން ކޭސްއެއް ފެނުނުއިރު އަތޮޅު ތެރެއަށް ވެސް އޭގެ ކުރިން މީހަކު ދަތުރު ކޮށްފައިވެދާނެ ކަމަށް ބަލައިގެން މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ވެސް ފަންނީ ބޭފުޅުންނާއި ޑޮކްޓަަރުން ގުޅިގެން ފަރުވާގެ ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
އެގޮތުން ކަރަންޓީނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މެޑިކަލް ފެސިލިޓީއެއްގައި ކަރަންޓީން ކުރުމާއި، ގޭގައި ކަރަންޓީން ކުރުމަކީ ގުޅުމެއް އޮތް ކަމެއް ނޫންކަމަށެވެ. ނަމަވެސް ބަލި ފެތުރޭ ސްޕީޑަށް ބަދަލު ގެނައުމަށްޓަކައި ގޭގައި ކަރަންޓީން ކުރަން ޖެހިދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގޭގައި ކަރަންޓީން ކުރާނެގޮތް އިތުރަށް ތަފުޞީލު ކޮށްދެއްވައި މިނިސްޓަރު އަމީން ވިދާޅުވީ މިގޮތަށް އަމަލު ކުރުމަށް ނިންމާނީ ވެސް ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި ގޭގައި ކަރަންޓީން ކުރާނަމަ ބަލާނެ ވަކި މިންގަނޑުތަކެއް ހުންނާނެކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅެއްގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ފިޔަވަޅުތައް އަޅަނީ ގިނަ ބައެއް ސަލާމާތާ ރައްކާތެރިކަމަށްޓަކައި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ގޭގައި ކަރަންޓީން ކުރާ ގޮތަށް އަލިއަޅުއްވާލައްވާ ޑރ އަލީ ލަތީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން ގިނަވެ، ކޮންޓެކްޓްތައް ގިނަވާ ކަމަށްވާ ނަމަ ހޯމް ކަރަންޓީން ދާންޖެހޭނެ ކަމަށެވެ. އަދި އެފަދަ ޙާލަތަކަށް ރައްޔިތުން ތައްޔާރުވެ ތިބުމަށް ޑރ. ލަޠީފް އެދިލެއްވިއެވެ.
މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ ކަރަންޓީގައި 14 ދުވަހަށްފަހު ނުކުންނަ މީހެއްގެ ގައިން ވައިރަސް ފެތުރުމުގެ ފުރުޞަތު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް ކަރަންޓީންއަށް ފަހު ޢަމާލާތެއް ފެނިއްޖެނަމަ އަވަހަށް ރިޕޯޓު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.






