ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 23:49
ސަރުކާރުން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މައުމޫނާއި ރައީސް ޔާމީން ސަލާމްކުރައްވަނީ
ސަރުކާރުން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މައުމޫނާއި ރައީސް ޔާމީން ސަލާމްކުރައްވަނީ
ރާއްޖެ އެމްވީ
ރައީސް މައުމޫން
މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟
 
ރައީސް މައުމޫނަށް ކުރައްވާ ތާއީދު ގެއްލުވާ ނުލެވޭނެ ކަމަށް ބުނޭ
 
ރައީސް މައުމޫން ވަނީ ރައީސް ޔާމީންއަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައި
 
ކުރިން މައުމޫނަށް ތައުރީފް، މިހާރު މައުމޫންގެ ފެކްޝަނުގެ އެއްޗެހި ގޮވުން

ރާއްޖޭގައި އެންމެ މަގުބޫލް ސިޔާސީ އެއް ލީޑަރަކީ، 30 އަހަރު ވެރިކަން ކުރެއްވި، ޕީޕީއެމްގެ މެމްބަރުންގެ ނަމުން ބުނާނަމަ ރަން 30 އަހަރުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

އިންސާފުގެ ތިލަފަތަކުން މިނެކިރާނަމަ އެ މަނިކުފާނުގެ ގައުމީ ހިދުމަތް ގުނާ އަދަދެއް ނުކުރެވޭނެ އެވެ. ކޮންމެ ވެރިކަމެއްގައި ވެސް ގޯސްކޮށް ކަންކަން ހިނގާ އުސޫލުން، އެ މަނިކުފާނުގެ ވެރިކަމުގައި ވެސް ނުރަނގަޅު ކަންކަންވެސް ހިނގާފައި އެބަހުއްޓެވެ. މިސްރުން ތައުލީމް ހާސިލް ކުރައްވައިގެން، ރާއްޖެ ވަޑައިގެން ގައުމަށް ހިދުމަތް ކުރައްވަން ފެއްޓެވި މައުމޫން، ޓްރާންސްޕޯޓް މިނިސްޓަރުކަމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވިއިރު، ގައުމުގެ ހާލަތު އޮތް ގޮތް މި ޖީލުގެ މީހުންނަށް ވަޒަން ކުރަން ވެސް އުނދަގޫވާނެ އެވެ. އޭރުގެ ހާލަތު މިހާރު ފެންނަނީ ހަމައެކަނި ކަޅާއި ހުދުގެ ފޮޓޯތަކުންނާއި ވީޑިއޯއިންނެވެ.

ގައުމުގެ އިގްތިސޯދާއި މާލީ ހާލަތާއި މީހުންގެ ހޭލުންތެރިކަން ވެސް ހުރީ ވަރަށް ދަށުގަ އެވެ. ގައުމުގެ އެހެން ކަންކަން ވެސް ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް އެ މަނިކުފާނަށް ތަރައްގީ ގެންނެވީ ވަރަށް ހިކުމަތްތެރި ގޮތެއްގައި ގައުމަށް ލިބެމުންދިޔަ އެއްޗަކުންނެވެ. ދަރަނިވެރިވެގެނެއް ނޫނެވެ. އިގްތިސޯދީ ލީޑަރަކަށް މައުމޫން ވެވަޑައިނުގެންނެވި ނަމަވެސް، އިގްތިސޯދުކުރުމުގެ އެންމެ މުހިންމު އަސާސީ ކަމަކީ ލިބޭ އެއްޗަކުން ފުއްދުން ކަމަށް އެ މަނިކުފާނު ގަބޫލުކުރެއްވެވި އެވެ. އެކަން އެ މަނިކުފާނު ކާމިޔާބު ކުރެއްވެވި އެވެ. އުމްރާނީ ގޮތުން ގައުމު ބިނާކުރި އެވެ. އިގްތިސޯދީ ލީޑަރުންނާއި، ހުރިހާ ދާއިރާއަކުން ވެސް ފުންނާބު އުސް ބޭފުޅުންނާއި އިލްމުވެރިން އުފެއްދެވި އެވެ. ހާލަތާ ގުޅޭ ގޮތުން ގައުމަށް އެހެން އިސްލާހުތައް ވެސް ގެންނެވި އެވެ.

އެ މަނިކުފާނުގެ ގައުމީ ހިދުމަތުގެ އަގު ހުރިހާ ގިންތިއެއް ފަންތިއެއްގެ މީހުން ވަޒަންކުރެ އެވެ. މަޑުމައިތިރި މިޖާޒެއްގެ ވެރި ރައީސް މައުމޫނުގެ ވަރުގަދަކަން އެނގިގެން ދަނީ، އަމިއްލަ ދެ ޕާޓީ އުފެއްދެވުމާއި، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމާއި ސަރުކާރަށް ތާއިދުކުރައްވާ ގިނަ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހޮއްވެވުމުގައި އެ މަނިކުފާނުގެ ދައުރު ބޮޑުވުމެވެ. ނަމަވެސް މިއަދު އެ ބޭފުޅުންގެ ހިތުގައި ރައީސް މައުމޫނަށް ކުލުނެއް ނެތް ފަދައެވެ. ތައުރީފުގެ ބަސްތައް ބަދަލުވެފައިވަނީ، އެއްޗެހި ގޮވުމަށެވެ.

ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑޭ ގޮތަށް، ސަރުކާރުގައި ތިއްބެވި ބޭފުޅުން ބޭނުންވީ ރައީސް މައުމޫން މަންޒަރުން ގެއްލުވާލުމަށެވެ. އޭގެ ފުރަތަމަ ފެށުމަކީ، ރައީސް މައުމޫނާ އޮންނަ ގުޅުން ރައީސް އަބްދުﷲ ޔާމީން ދުރުކުރެއްވުމެވެ. ސަރުކާރު ހިންގެވުމުގައި އަދި މަޖިލީހުން ކަންކަން ނިންމުމުގައި ޕާޓީއާއެކު އޮންނަންޖެހޭ ގުޅުން ދުރުކޮށް، ރައީސް މައުމޫންއަށް ކަންކަން ހިއްސާނުކުރެއްވުމެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނެސް، 65 އަހަރުން މަތީގެ ބޭފުޅުންނަށް ވެރިކަމުގެ ގޮނޑީގައި ނުއިށީނދެވޭ ގޮތަށް ސިއްކަ ޖެއްސެވުމެވެ. ޕާޓީގެ އޮފީހުގެ ބަދަލުގައި ޕާޓީގެ ކަންކަން ހިންގެވުމަށް، މެޑަމް ވަކި އޮފީހެއް ހެއްދެވުމެވެ. ރައީސް މައުމޫނާ މަޝްވަރާ ކުރެއްވުމެއް ނެތި، އަދި ޕާޓީން ވަކި ގޮތެއް ނިންމުމުގެ ކުރިން ރައީސް ޔާމީން 2018 ޖައްސަވައިގެން މަހާސިންތާ ބޭއްވުމާއި، ކެމްޕޭން ފެއްޓެވުމެވެ. ރައީސް ޔާމީންގެ ނައިބު ރައީސް، އަހްމަދު އަދީބު ރައީސް މައުމޫންގެ ބޭފުޅުންނަށް ކުޑައިމީސްކޮށް، ވާހަކަ ދެއްކެވުމާއި، ބައެއް ބައްދަލުވުންތަކުގައި އެ ބޭފުޅުންނާ ދިމާއަށް އެއްޗެހި ގޮވުމާއި ރައީސް މައުމޫންނަށް ނިސްބަތްކޮށް ވެސް، ރަސްމީ ބައެއް ބައްދަލުވުންތަކުގައި ވާހަކަ ދެއްކެވުމަކީ، މިއަދު މިފެންނަ މަންޒަރުތަކުގެ ފެށުމެވެ.

އެކަންކަން ފަޅައިގެން އެ ދިޔައީ ކަންކަން މަޑުމަޑުން ގޯސްވަމުން ގޮހެވެ. މިއަދު ރައީސް މައުމޫނާއި އެ މަނިކުފާނުގެ ބައެއް ބޭފުޅުން އެ ހުންނެވީ، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށެވެ. ކީއްވެގެންކަން އެންމެނަށް ވެސް އެނގެ އެވެ. ރައީސް މައުމޫން ކުރެއްވި ކަމަކީ ރައީސް ޔާމީނަށް ކުރެއްވި އިތުބާރު އަނބުރާ ގެންދެވުމެވެ. މި ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދެއްކެވުމާއި، ބިންތައް ވިއްކުމާއި ހައްގުތަކަށް އަރައި ގަތުމާއި، ގާނޫނާ ހިލާފަށް ކުރާ ކަންކަން ގަބޫލު ނުކުރެއްވުމެވެ.

މިއަދު ރައީސް މައުމޫން އެ ހުންނެވީ އެކަންކަން އިސްލާހުކުރެއްވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ގަބޫލް ކުރައްވައިގެން ނުކުމެވަޑައިގެންފަ އެވެ. މިއަދު ވެސް އެ މަނިކުފާނު އެ ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. އިދިކޮޅު ހުރިހާ ފަރާތްތައް އެއް ގަލަކަށް އަރުވައި، ގައުމު އިސްލާހު ކުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވާން ފައްޓަވައިފި އެވެ.  އެ މަނިކުފާނު އުފެއްދެވި ޕާޓީގެ ދިދަ އާއި މަގާމުގެ ނަން ބޭނުންކުރެއްވުމުގެ ހައްގު ވެސް ކޯޓްތަކާއި ފުލުހުން ބޭނުންކޮށްގެން ރައީސް ޔާމީންގެ ފެކްޝަނުން މި ވަނީ ނިގުޅައިގެންފަ އެވެ. މިއީ ދުވަހަކު ވެސް ވެދާނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެދާނެ އެވެ. ސަބަބަކީ އެއްބަފާ ދެބޭން މިވަރުގެ ކޯޅުމަކަށް ގޮސްދާނެ ކަމަށް ގަބޫލު ނުކުރެއްވުމެވެ.

މި "ހަނގުރާމައިން" ކާމިޔާބު ލިބޭނީ ކޮން ބޭފުޅަކަށް ހެއްޔެވެ؟

ރައީސް ޔާމީނަށް އޮތީ ހަމައެކަނި ބާރެވެ. ވެރިކަމުގެ ޖާހާއި އިއްޒަތެވެ. ރައީސް މައުމޫނަށް އޮތީ އިހްލާސްތެރި ލޯތްބާއި ސަޕޯޓެވެ. އެއް ލެޔަކުން އުފަންވި ނަމަވެސް، ދެ ބޭފުޅުންގެ މިޖާޒު ވަރަށް ތަފާތެވެ. އެހެންވެ، މައުމޫންގެ ސަޕޯޓަރުން ގަބޫލު ކުރަނީ، ބާރު ބޭނުންކޮށްގެން، ކަންކަން ކުރި ނަމަވެސް ރައީސް މައުމޫނަށް އޮތް ސަޕޯޓާއި މީހުންގެ ހިތުގައި އޮތް ލޯތްބެއް ބާރުގެ ބޭނުންކޮށްގެން ނުގެންދެވޭނެ ކަމެވެ. އެއްވެސް ކަމެއް އުނި ނުކުރެވޭނެ ކަމަށެވެ. ސިޔާސީ ހަރަކާތްތައް ވެސް ނުހުއްޓުވޭނެ ކަމަށެވެ. ރައީސް ޔާމީންގެ ސަޕޯޓަރުން ގަބޫލްކުރަނީ އެންމެ މަގުބޫލް ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އަދި 2018 ވެސް "ކޮންމެ ގޮތަކުން ވިޔަސް" ހޯއްދަވާނެ ކަމަށެވެ. އެ ގޮތެއްގެ މަންޒަރު ސާފެއް ނުވާއިރު، ބައްލަވަން ތިއްބަވާށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް