މިދިޔަ އަހަރު ސިފައިންގެއަށް ފަޚުރުވެރި ކުރިއެރުންތަކެއް ލިބިފައިވޭ: ޝަމާލް
21 އެޕްރީލު 2020 | އަންގާރަ 07:04ސިފައިންގެ މުޅި އޮޕަރޭޝަނަލް ސްޓްރަކްޗަރއަށް ބަދަލުތައް ގެނެވިފައިވޭ


ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާއެއްގެ ތެރެއިން
ވޭތުވެދިޔަ 2019 ވަނަ އަހަރަކީ ސިފައިންގެއަށް ފަޚުރުވެރި ކުރިއެރުން ތަކެއް ލިބުނު އަހަރެއް ކަަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ގައުމީ ދިފާއީ ބާރުގެ 128 ވަނަ އަހަރީ ދުވަހުގެ އެންމެހައި ތަހުނިޔާ ހެޔޮ އެދުންތައް އަރިސްކުރައްވާ ދެއްވި ޚާއްސަ ޙިތާބުގައި ޝަމާލު ވިދާޅުވީ 2019 އަހަރު ސިފައިންގެއަށް ވަރަށް ގިނަ ކުރިއެރުންތަކާ ކާމިޔާބުތައް ވަނީ ސާސިލް ކުރެވިފައެވެ.
ޝަމާލް ވިދާޅުވީ އާ ކެޕްސްޓޯން ޑޮކްޓަރިންގެ އަލީގައި, އާ އިސްތިރާޖީ އަމާޒެއްގެ ދަށުން ސިފައިންގެ މުޅި އޮޕަރޭޝަނަލް އޮނިގަނޑަށްވަނީ ގިނަ ބަދަލުތަކެއް ގެނެވިފައެވެ.
އޭގެ ތެރޭގައި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމާއި، ދިފާއީ ބާރުގައި ހިމެނޭ އެންމެހައި ރައްޔިތުންގެ ވެލްފެއަރ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމާއި، އުސޫލުތަކާއި ސިސްޓަމްތައް މިހާރަށް ވުރެ ހަރުދަނާ ކުރުމާއި އަދި ވަކިން ޚާއްސަކޮށް ރައްޔިތުންނާއި ސިފައިން އޮންނަ ގާތްގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ސިފައިންގެ ވަސީލަތްތައް އިތުރުކުރުމާއި އިތުރު އާލާތްތައް ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ޝަމާލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝަމާލް ވަނީ ޚާއްސަ ގޮތެގައި ޖެނެރަލް އޮފިސަރުންނާއި، އަދި އެހެނިހެން އޮފިސަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި އެބޭފުޅުންނަށް ވެސް ޝުކުރުއަދާކޮށްފައެވެ. އަދި ސިފައިން ރެއާ ދުވާލު ކުރަމުން މިގެންދާ މަސައްކަތް ފާހަގަކޮށް ސިފައިންނަށް ހިތްވަރުދެއްވާ ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.








