ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 15:11
މާލޭގެ ބާޒާރުމަތި ސަރަހައްދު (ފައިލް ފޮޓޯ)
މާލޭގެ ބާޒާރުމަތި ސަރަހައްދު (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ކޮވިޑް-19
ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!
 
ކޮރޯނާވައިރަސް ޖެހުމަކީ "މީހާ މަރުވުން" ނޫން، ބަލިޖެހުނު މީހުންގެ ތެރެއިން މިހާރުވެސް ދެބައިކުޅަ އެއްބައި މީހުން ރަނގަޅު ވެއްޖެ، މަރުވީ ދެތިން ޕަސެންޓް މީހުން
 
އާންމު އުސޫލުން ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި ސާފު ތާހިރުކަމަށް އިތުރަށް ސަމާލުކަން ދީ
 
ގޭގެ ސިޓިންގ ރޫމް ކާޑު ގުދަނަށް، ގޭގެ އެއްކޮޓަރީ ބޭސް ގުދަނަކަށް ހެދުން ހުއްޓާލަން ޖެހޭ

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރާނާވައިރަސް (ކޮވިޑް-19) މިވަނީ ރާއްޖެއަށްވެސް ފޯރާފަ އެވެ. ދުނިޔޭގައި ފެތުރޭ ގައިންގަޔަށް އަރާ މިފަދަ ވައިރަހާއި ރޯގާ ތަކަކީ ބަވަނަވެފައި މިވާ ދުނިޔޭގައި ރާއްޖެއަށްވެސް ނައިސްނުދާނެ ރޯގާތަކެވެ. މިދިއަ ޑިސެންބަރުން ފެށިގެން ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިޤުތިޞާދު ކަމަށްވާ ޗައިނާއިން ކޮރޯނާވައިރަސް ފެނުމާއެކު، އަދި އެ ވައިރަހަކީ ގައިންގަޔަށް ވަރަށް ފަސޭހައިން އަރާ ރޯގާއެއް ކަމަށްވާތީ، ރާއްޖެއަށް އެ އެވައިރަސް އައުމަކީ ނުވެނުދާނެ ކަމެއްކަމެއް ކަމަށް އެންމެންވެސް ޤަބޫލު ކުރެއެވެ.

ފުރަތަމަ ސަބަބަކީ އެ ވައިރަސް އުޅޭކަން ޗައިނާއިންނާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއަށް ވެސް އެނގޭނީ އެތައް ބަޔަކަށް އެ ވައިރަސް ޖެހޭފަހުންކަމަށްވާތީ އާއި އަދި އެވައިރަސްގެ ޙަޤީޤަތް ދެނެގަންނަން ޓެސްޓުތަކަކާއި ތަހުލީލުތަކެއް ކުރެވިގެންކަމަށްވާތީ އެވެ. އަދި ޗައިނާއަކީ، ދުނިޔޭގެ އެންމެ ގިނަ އަދި ބޮޑެތި އިޤުތިޞާދީ ޙަރަކާތްތައް ހިންގާ އެއް ޤައުމުކަމަށްވާތީ، މީހުން ހެލިފެލިވެ، ދަތުރުފަތުރު ކުރުމުގައިވެސް އުޅެމުންދާނެތީ ގައިންގަޔަށް އަރާ މިފަދަ ވައިރަސްތަކާއި ރޯގާތައް ޤައުމުގެ ހަފޮޅުން ބޭރުވުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ.

ރާއްޖެއަށް ބަލާއިރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި ޗައިނާއަކީ މޭޖަރ މަރކެޓެކެވެ. ޗައިނާ މީހުން ރާއްޖޭގައި އެކިއެކި ޕްރޮޖެކްޓްތަކުގައި އެބައުޅެއެވެ. ޗައިނާގެ ބައެއް ވިޔަފާރިތަކުން ރާއްޖޭގައި އިޤުތިޞާދީ ބައެއް ޙަރަކާތްތައް އެބަހިންގަ އެވެ. އޭގެ އިތުރުން ޗައިނާގެ ހަފޮޅުން ބޭރުވެ، މި މާރޗު މަހުގެ 9 ވަނަ ދުވަހާހަމައަށް އައިއިރު، ކޮރޯނާވައިރަސް މިވަނީ ދުނިޔޭގެ 110 ޤައުމަކަށް ފޯރާފަ އެވެ. މިވޭތުވެދިޔަ ތިން މަހުގެ ތެރޭގައި 110،000އަށް ވުރެ ގިނަ މީހުން މިވައިރަސްއަށް ޕްރޮޒިޓިވް ވެފައިވާއިރު، 4،000 މީހުން މިވަނީ މަރުވެފަ އެވެ. އަދި މި ވައިރަސްޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 62,397 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ. މާނައަކީ ބަލި ޖެހުނު މީހުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން އެބަލިޖެހުމަށްފަހުން ރަނގަޅު ވެފައިވާއިރު، ކޮރޯނާވައިރަސް ޖެހިގެން މަރުވެފައިވަނީ އެންމެ ދެތިން ޕަސެންޓް މީހުންނެވެ. އެހެންކަމުން އަދި މިހާރު މިބަލި ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ރަނގަޅުވާނެކަމަށް ބެލުމުގެ ފުރުޞަތު ޢަދަދުތަކުން ސާފުވެއެވެ.

ދެން އޮތީ ކޮރޯނާވައިރަސް ރާއްޖެއިން ފެނުމުން ރާއްޖޭގެ ޙާލަތުގެ ވާހަކަ އެވެ. އެންމެ ފުރަތަމަ ކޮރޯނާވައިރަސް ދުނިޔޭގެ ގިނަ ޤައުމުތަކަށް ފޯރާ، ފެތުރެމުންދާތީ ރާއްޖެއަށް މިވައިރަސް އަންނާނެކަން އެންމެވެސް ޤަބޫލުކުރިއިރު، ބައެއް މީހުން ސިޔާސީ ބޭނުމަށް އެކިއެކި ގޮތްގޮތަށް މިވާހަކަތައް ދައްކަން ފެށިއެވެ. މީހުން ރައްޔިތުންގެ މެދުގައި ކަންބޮޑުވާ ޒާތުގެ ވާހަކަތައް ދައްކަމުން ދިޔައެވެ. ކޮރޯނާ ރާއްޖެއަށް ނާންނަނީސް އެވައިރަސް އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު މަޢުލޫމާތު ވެސް ދެމުންދިޔަ އެވެ.

ކޮންމެއަކަސް، ކޮރާނާވައިރަސް ފުރަތަމަވެސް މިފެނުނީ ރާއްޖޭގެ ރިސޯޓަކަށް އައި ޓޫރިސްޓެއްގެ ފަރާތުން ނެވެ. ކޮރޯނާވައިރަސް ރާއްޖެ އަންނާނެކަމަށް އެންމެ އެކަށީގެންވަނީ ރާއްޖެއަންނަ ޓޫރިސްޓެއްގެ ފަރާތުންކަން އޭރުވެސް ޤަބޫލު ކުރެވިފައި ވެއެވެ. އެކަން އެގޮތަށް އޮތުމުން ބައެއް ފަރާތްތަކުން ޓޫރިސްޓުން ރާއްޖެއައުން މަނާ ކުރުމަށް ގޮވާލަމުން ދިޔަ އެވެ.

ޓޫރިސްޓުން ރާއްޖެއައުން މަނާކޮށް، ރާއްޖެ އަމިއްލައަށް "ލޮކް ޑައުން" ވެގެން ތިބުމަކީ ޙައްލެއް ކަމަށް ޤަބޫލެއް ނުކުރެ ވެއެވެ. އެހެން މިބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރޭ ވައިރަހެއް އުޅޭއިރު، ބަވަނަ ވެފައިމިވާ ދުނިޔޭގައި އެވައިރަސް ރާއްޖެއަންނާނެ ހަމައެކަނި މަގަކީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ ފަރާތުން ނޫނެވެ. ރާއްޖެ އަންނަ ހުރިހާ ފްލައިޓުތަކަކާއި ކަނޑު ބޯޓު ފަހަރުތައްވެސް ރާއްޖެ އައުން މަނާކޮށް، ރާއްޖެއިން ބޭރުގައި ތިބި އެއްވެސް ދިވެއްސަކަށްވެސް ރާއްޖެ ނާދެވުމަ،ކީ އެއީ ވައިރަސް ރާއްޖެ އަތުވެދާނެ ކަމަށްބަލާ އަޅަން އޮތް ފިޔަވަޅެއް ކަމަށް ބެލުމަކީ ކުރަން ހެޔޮވާވަރުގެ ކަންތައްތަކެއް ނޫނެވެ. އެހެން މިބުނަނީ، ކޮރޯނާވައިސްއަކީ ކަންބޮޑުވާވަރުގެ ނުރައްކާތެރި ވައިރަސްއެއް ނަމަވެސް، އޭގެއިން ސަލާމަތްވެވޭނެ އެހެންގޮތްތައް އެބަހުއްޓެވެ. ސާފުތާހިރުކަމާއި، ރައްކާތެރިކަމާއެކު ދިރިއުޅޭނަމަ ބަލިޖެހުމުގެ ފުރުޞަތު ވަރަށް ކުޑަ އެވެ. އަދި ބަލި ޖެހުމަކީ "މީހާ މަރުވުން" ނޫންކަން ވެސް މިހާތަނަށް މިބަލި ޖެހުނު މީހުންގެ ޢަދަދާއި، ރަނގަޅުވި މީހުންގެ ޢަދަދާއި މިބަލީ މަރުވި މީހުންގެ ޢަދަދުތަކުން އެނގެއެވެ.

މިސާލަަކަށް ކޮރޯނާވައިރަސްއާއެކު ރާއްޖޭގެ ފަތުރުވެރިކަން ހުއްޓާލާ، ރާއްޖެއަށް މީހުން އައުން މަނާކުރުމަކީ، ވެސް ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންތޯ އެވެ. ރާއްޖޭއަށް އެންމެ ގިނައިން ޢާމްދަނީ ވައްދައި، ބޭރު ފައިސާ ވައްދަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނެވެ. ދިވެހިންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އަދި ބޭސް އެތެރެކުރަނީ ރާއްޖެއިން ބޭރުން ނެވެ. އެތަކެތި އިމްޕޯޓްކުރަން ޚަރަދު ކުރަންޖެހެނީ ބޭރު ފައިސާ ނުވަތަ ޑޮލަރެވެ. ދައުލަތުގެ ރިޒަރވްގައި ޖެނުއަރީ މަސް ނިމުނުއިރު ހުރީ 776.6 މިލިއަން ޑޮލަރެވެ. އެއީ މުޅި ޤައުމު ލޮކްޑައުންކޮށްގެން މާގިނަ ދުވަހު ތިބެވޭނެ ޢަދަދެއް ނޫނެނެވެ. އަދި ދައުލަތުގެ ބަޖެޓުގައި ވެސް މުޅި ޤައުމު ލޮކްޑައުންކޮށްގެން މާގިނަ ދުވަހަކު ނޫޅެވޭނެ އެވެ. ރިސޯޓުތައް ބަންދުކޮށް، ޢާމްދަނީ ހޯދޭނެ އިތުރު ގޮތެއްނެތި، ވަޒީފާތަކުގައި އުޅޭ ފަރާތްތަަކަށް މުސާރަ ދެވޭނެ ގޮތެއް ނެތުމަކީ ޢާއިލާތައް، އިތުރަށް ނިކަމެތި ޙާލަތަކަށް ވައްޓާލުން ނޫންތޯ އެވެ. އެހެންވީމާ، ކޮރޯނާވައިރަސް ރާއްޖެ އަތުވެދާނެތީ އަޅާ ފިޔަވަޅުތަކާއި، އެވައިރަސް ރާއްޖެ އައުމުން އަޅާ ފިޔަވަޅުތައް، ވަރަށް ވިސްނާފައި އަޅާ ފިޔަވަޅުތަކަށް ވާންޖެހެއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ފުރަތަމަ ކަމަކަށް ތިމާއާއި ތިމާ ވަށައިގެންވާ މާޙައުލަކީ ރައްކާތެރި ތަނެއްކަން ކަށަވަރުކުރާށެވެ. ކަށަވަރު ނުވާނަމަ، ފަރުދީ ޒިންމާގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއެކު ތިމާގެ ރައްކާތެރިކަން ކަށަވަރު ކުރެވިދާނެ އެވެ. ކޮރޯނާވައިރަހުން ރައްކާތެރިވުމަށް، ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ، ގިނަގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމެވެ. ނުވަތަ ހޭންޑް ސެނެޓައިޒަރ ބޭނުންކުރުމެވެ. އަދި މޫނުގައި އަތް ލުން މަދުކުރުމެވެ. ޚާއްޞަކޮށް ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަންނަ ގުނަވަންތައް ކަަމަށްވާ އަނގަޔާއި، ނޭފަތާއި. ލޮލުގައި އަތް ނުލުން ވީހާވެސް ބޮޑަށް މަދުކުރުން ހިމެނެއެވެ. އަދި އެއިން ތަނެއްގައި އަތްލުމުގެ ކުރިންނާއި ފަހުންވެސް ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމާއި، ކެއްސާ ކިނބިހި އެޅުމާއި، ކުޅުޖެހުން ފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަމުގައި އޮންނަ ރަނގަޅު އާދަތައް ކިޔާދިނުމާއި ރޯގާއެއް ޖެހިފައިވާ މީހެއްނަމަ، އެ ރޯގާއަކުން އެހެން މީހުން ސަލާމަތް ކުރުމަކީ ތިމާގެ ފަރުދީ ޒިންމާއެއްކަމަށް ދެކި ވީހާވެސް ރައްކާތެރިކަމާއެކު އުޅުމަކީ މިފަދަ ވައިރަސްތަކާއި ރޯގާތަކުން އެހެން މީހުން ސަލާމަތް ކުރެވިދާނެ ކަމެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ކޮރޯނާވައިރަސްއިން، ރައްކާތެރި ފިޔަވަޅުތައް އެޅުމަކީ ކޮރޯނާވައިރަސްއިން ރައްކާތެރިކަން ދިވެހިރައްޔިތުންނަށް ވެސް ރައްކާތެރިކަން ލިބިދާނެ ކަންކަމަށްވީނަމަވެސް، ދުނިޔޭގެ ޤައުމުތަކުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެން ފެށުމާއި، ޑަބްލިއުއެޗްއޯ އެލަރޓަށް އައުމުން، ދިވެހި ރައްޔިތުން ދުއްވައިގަތީ، ފާމަސޫޓިކަލް މާސްކްތަކާއި ހޭންޑް ސެނެޓައިޒަރ ފުޅިތައް ގަންނާށެވެ. އެދިޔަގޮތަަށް ގޮސް، ފިހާރަކުން އެތަކެތި ހުސްކޮށްލައިފި އެވެ. އޭގެފަހުން ބޭނުންހިފާފައި ހުރި ފާމަސޫޓިކަލް މާސްކްތައް މާލޭގެ މަގުމަތިން ފެންނަން ފެށި އެވެ. ކެއްސާތީ އެޅި މާސްކް ބޭނުންކޮށްފައި މަގުމަށްޗަށް އެއްލާލުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ.

ބައެއް މީހުން ބަލި ނުވަތަ ރޯގާއެއް ނުޖެހުނު ނަމަވެސް މިފަދަ ތަކެތި ގަނެ ގޭގައި ރައްކާކޮށްފި އެވެ. ބައެއް ފަރާތްތަކުން ކޭސްގަނެގެން ދިޔައިރު، އޭގެބޭނުން ޖެހިފައިވާ އަޞްލު ބަލިމީހާއާމެދު ވިސްނާވެސް ނުލިއެވެ. ވިޔަފާރިވެރިންނަށް މިއީ، ވިޔަފާރީގެ ޢީދެކެވެ. ބޮޑު އަގުގައި މާސްކުތަކާއި ހޭންޑް ސެނެޓައިޒަރ ވިއްކަމުންދާއިރު، ބައެއް ވިޔަފާރިވެރިންނަކީވެސް މިފަދަ ދަނޑިވަޅުތަކުގެ ބޭނުން ހިފާ ނާޖާއިޒު ބޮޑެތި މަންފާތައް ނަގަމުންދާ ބައެކެވެ. ޚާއްޞަކޮށް ރޯދަމަސްމަހު، ކާބޯތަކެތި ބޮޑު އަގުގައި ވިއްކުމަކީ ދިވެހި ބައެއް ވިޔަފާރިވެރިން ގެންގުޅޭ ވިޔަފާރީގެ ޘަަޤާފަތެކެވެ. ކުރިއަށް އޮތީވެސް ރޯދަ މަހެކެވެ.

މިހާރު ކާޑަށް ޖެހިދާނެކަމުގެ ބިރަށް، އެންމެން ކާޑު ގުދަނާ ދިމާލަށް ދުއްވައިގަނެފި އެވެ. ކާޑު ބަސްތާތައް ގަނެ، ގޭގައި ކާޑު ގުދަން ކުރަން ފަށައިފި އެވެ. އެހެނިހެން ކާބޯތަކެތިވެސް ގަނެ، ޢާންމުކޮށް ޖެހޭ ރޯގާތަކާއި ބަލިތަކަށް ބޭނުންކުރާ ޒާތުގެ ބޭސްތައް ވެސް ގަނެ، ގޭގެ އެއް ކޮޓަރި ރަނގަޅު ހެޔޮވަރުވަރުގެ ގުދަނަކަށް ހަދައިފި އެވެ.

މިއީ ކޮންފަދަ ކަމެއްބާއޭ ހިތައްއަރާ ހަމަ ހައިރާން ވެއްޖެއެވެ. އަތުގައި ބޮޑު ލާރިއެއް އޮތިއްޔާ ހަމަ އެވަރު އަރުވާލަން ޖެހޭބާއޭ ހިތަށް އަރައެވެ. ގައިމު، ނިކަމެތި ރައްޔިތުން ވެސް އުޅޭނެތާއެވެ. ދިވެހިންގެ ޢާންމު ޙާލަތަކީ ދުވަހުން ދުވަހަށް ބޭނުންވާ ކާބޯތަކެތި ގަނެ ބޭނުންކުރުމެވެ. ކޮންމެ ދުވަހަކު ބާޒާރަށް ނުދެވޭ މީހުން ހަފުތާއަަކަށް ވާވަރަށް ކާބޯތަކެތި ގޭގައި ބަހައްޓަފާނެއެވެ. އެބަޔަކު އެކަންކުރަނީ ވަގުތު ސަލާމަތް ކުރުމަށެވެ. އަނެއްބަޔަކު މަހަކަށްވާ ވަރަށް ގޭގައި ކާބޯތަކެތި ރައްކާކޮށްފައި ބަހައްޓާފާނެ އެވެ. އެމީހުންވެސް އެކަންއެގޮތަށް ކުރާ މައިގަނޑު ބޭނުމަކީ ވެސް ވަގުތު ސަލާމަތް ކުރުމަށެވެ. ކޮންމެހެން ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރަކަށް ނޫނެވެ.

ނަމަވެސް މިއަދު މިވަނީ ޙާލަތު ބަދަލުވެފަ އެވެ. މިހާރު މައްސަލައަކީ ވަގުތެއް ނޫނެވެ. މާބޮޑަށް ބިރުގަތީ އެވެ. މާބޮޑަށް ޕެނިކް ވަނީ އެވެ. ކޮރޯނާވައިރަސްއާއެކު، މާބޮޑަށް ބިރުގަނެ ނުތަނަވަސްވާން ވެއްޖެނަމަ، ކަމަކުނުދާނެ އެވެ.

ކުރިންވެސް ފާހަގަކުރިގޮތަށް ފުރަތަމަ ކަމަކީ ކޮރޯނާވައިރަސް ނާރާނެހެން ރައްކާތެރި ފިޔަވަޅުތައް އެޅުމުމެވެ. ދެން އޮތީ ވައިރަސް އަރައިފިއްޔާ، އެބަލިން ތިމާ ސަލާމަތްވާން ކުރަންޖެހޭ ކަންކަމެވެ. އެބައްޔަށް "ރަނގަޅު ފައިޓެއް" ދިނުމެވެ. ތިމާގެ ދިފާޢީ ނިޒާމު ވަރުދަގަވާނެހާ ޞިއްޙަތައް ފައިދާހުރި ކާނާ ބޭނުންކޮށް، ޞިއްޙަތަށް ގެއްލުންދޭ ޒާތުގެ ތަކެތިން ދުރުވެ، ތިމާގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ފުރިހަމަ ޞިއްޙަތެއްގައި ހުރުމެވެ. އަދި ތިމާއަށްވެސް ކޮރޯނާވައިރަސް ޖެހިދާނެ ކަމަށްބަލައި، އެކަމަށް ތައްޔާރުވެގެން އެވައިރަހަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ ޔަޤީންކަން އަމިއްލަ ނަފުސައްވެސް ބާއްވައިގެން، ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުން ގޯސްވާނެކަމަކަށް ނުފެނެއެވެ.

ކޮރޯނާވައިރަސް ހަށިގަނޑުގެ ތެރެއަށް ވަދެއްޖެނަމަ، އެބަލިން ސަލާމަތްވާން ދިފާޢީ ނިޒާމު ވަރުގަދަވުން ހިމެނެއެވެ. ކޮރޯނާވައިރަސްއަށް ބޭނުންކުރާނެ ޚާއްޞަ ބޭހެއް އަދި އުފެއްދިފައެއް ނެތެވެ. އެހެންކަމުން ޑޮކްޓަރުންގެ ލަފާގެ މަތިން ފަރުވާ ލިބިގަންނަމުންދާއިރު، ތިމާވެސް ޢަޒުމު ވަރުގަދަވާން ޖެހެއެވެ. ކުރިން ބުނި ގޮތަށް ކޮރޯނާވައިރަސް ޖެހުމަކީ "މީހާ މަރުވުން" ނޫންކަން ވެސް މިހާތަނަށް މިބަލި ޖެހުނު މީހުންގެ ޢަދަދާއި، ރަނގަޅުވި މީހުންގެ އަދަދާއި، މިބަލީ މަރުވި މީހުންގެ ޢަަދަދުތަކުން ވަރަށް ސާފުކޮށް އެބައެނގޭ ނޫންތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
45%
36%
0%
9%
0%
9%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު