ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުން ދޮގެއް ނުހަދާނެ: އީވާ
މިސަރުކާރުން މިވަރުގެ ބައްޔަކާ ބެހޭގޮތުން ދޮގު މައުލޫމާތުދޭކަށް ނޫޅޭނެ


ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ
ދިވެހިރާއްޖެއަށް ކޮރޯނާވައިރަސް އަޔަސް އަދި މީހަކަށް އެބަލި ޖެހުނަސް، އެކަމާ ދޭތެރޭގައި ސަރުކާރުން އިސްވެ, ދޮގުހަދާނެކަމަށް ރައްޔިތުން ހީނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސް އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެކަމަށް ފެންނާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އީވާ ވިދާޅުވީ މިސަރުކާރުން މިވަރުގެ ބައްޔަކާ ބެހޭގޮތުން ދޮގު މައުލޫމާތުދޭކަށް ނޫޅޭނެކަމަށެވެ. ރައްޔިތުންނާއި ސަރުކާރާ ގުޅުންއޮތް ކަމެއްގައި ދޮގުހަދައިގެން ސަލާމަތްވެވޭކަމަށް މިސަރުކާރަކުން ނުދެކޭނެކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ މިގޮތަށް މިވާހަކަ ދަންނަވާ ސަބަބަކީ ފާއިތުވެގެންދިޔަ ފަސް އަހަރު ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތުން ބައްޔެއް އުޅުނަސް ދޮގުހަދައިގެން ބައްޔެއް ނެތްކަމަށް ހަދައިގެން ސަރުކާރަކުން އުޅެދާނެކަމަށް ރައްޔިތުންނަށް ބިރު ހީވެފައިތިބޭތީ ކަމަށެވެ. މީގެއިތުރުން ފާއިތުވި ދެދުވަހެއްގެ ތެރޭގައި މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ރާއްޖޭގެ އުޅޭކަމަށާއި ދޮގުހަދަނީ ކަމަށް ބުނެ ރައްޔިތުން އެވާހަކަ އީވާ އާ ހިއްސާކޮށްފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ މިކަމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅީމާ މިކަމުން ރައްކާތެރިވެގެން ތިބެވޭނެކަމަަށެވެ.
އީވާ ވިދާޅުވީ މިކަމުގައި ހާސްވެ ކަންބޮޑުވުމުގެ ތެރެއަށް ރައްޔިތުން ދިޔުން އެއީ މާބޮޑު ބިރުވެރިކަމެއް ކަމަށެވެ. އެފަދަ ބިރުވެރިކަމެއް ރައްޔިތުންގެ ތެރޭގައި އުފެއްދުމަށް މަސައްކަތްކޮށްގެންނުވާނެ ކަަމަށް އީވާ ވިދާޅުވި އެވެ.
މިކަމުގައި ބިރު ދެއްކުމާއި، ދޮގު ހަދައިގެން, "ނެތް ރައްކާތެރިކަމެއް އޮތް ކަމަށް" ދައްކަން އުޅެގެން ނުވާނެކަމަށް އީވާ ވިދާޅުވި އެވެ.





