ކ. މާލެ
|
13 ފެބްރުއަރީ 2020 | ބުރާސްފަތި 17:15
މޯދީ އާއި އިމްރާން ހާން
މޯދީ އާއި އިމްރާން ހާން
ގޫގުލް
އިންޑިއާ - ޕާކިސްތާން
އިންޑިއާގައި ބާއްވާ ސަރަހައްދީ ބައްދަލުވުމާ ގުޅިގެން ޕާކިސްތާންގެ ނުތަނަވަސްކަން
 
ކިސްތާންގެ ބޮޑު ވަޒީރު ވަނީ މޯދީއަކީ ހިޓްލަރުކަމަށް ސިފަކުރައްވާފައި

މިއަހަރުގެ ޚަރީފް މޫސުމުގައި އިންޑިއާގައި ބާއްވާ ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ބައްދަލުވުމުގެ ހަވާސާގައި އިންޑިއާގެ ބޮޑު ވަޒިރު ނަރެންދްރަ މޯދީއާއި ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ބައްދަލު ކުރައްވަފާނެކަމަށް ލަފާ ކުރެވެއެވެ. މިފަދަ ކަމެއް އޮވެދާނެ ކަމަށް ލަފާ ކުރެވެން ފެށީ، ނިއުދިއްލީގައި އޮންނަ މި ބައްދަލުވުމަށް މެހްމާން ދާރީ އަދާކުރާ ގައުމުގެ ހައިސިއްޔަތުން އިންޑިއާގެ ބޮޑު ވަޒީރު ޕާކިސްތާންގެ ބޮޑު ވަޒީރަށް ދައުވަތު ދެއްވަފާނެކަމަށް ބަލާފައެވެ. ނަމަވެސް ޕާކިސްތާންގެ ބޮޑު ވަޒީރު ވަނީ މޯދީއަކީ ހިޓްލަރުކަމަށް ސިފަކުރައްވާފައެވެ. މިފަދަ ސިފަ ކުރުންތަކާއެކު ދެ ގައުމުގެ ބޮޑުވަޒިރުން އެކަހެރި ބައްދަލުވުމެއް ބާއްވަފާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. އަދި ހަމަ އެގޮތަށް ދެގައުމުގެ ދެމެދު ސިޔާސީ ނުތަނަވަސްކަމަށް ހައްލެއް އަންނާނެކަމަށްވެސް ނުބެލެވެއެވެ.

އިންޑިއާގައި ބާއްވާ ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ މި ބައްދަލުވުމަށް ޕާކިސްތާންގެ ސަރުކާރަށްވެސް އެތެރޭން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ޕާކިސްތާންގެ ޚާރިޖީ ސިޔާސަތާ ގުޅޭ އިންޑިއާގެ ކަންކަން ވިލަރެސްކޮށް ބައްޓަން ކުރުމުގައި ސަރުކާރަކަށް ދައުރެއް ނޯވެއެވެ. އިންޑިއާއާ ގުޅޭ ޚާރިޖީ ސިޔާސަތަކީ ސިފައިން ބައްޓަން ކުރާ ސިޔާސަތެކެވެ. އިސްލާމްއާބާދުގެ ސިވިލިއަން ސަރުކާރަށް ޖެހޭނީ އިންޑިއާއާމެދު ކަންކުރަންވީ ގޮތް ސިފައިން އިމްލާކޮށްދޭގޮތަށް އެކަމެއް ކުރިއަށް ގެންދާށެވެ. މި ނުގުތާގެ އަލީގައި ބުނެވޭނީ ކަން މިހން އޮތް އިރު ޕާކިސްތާންގެ ބޮޑު ވަޒީރު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަކީ ނާދިރު ކަމެކެވެ.

އެހެންވެ ސިފައިންނާއި ސަރުކާރު މަސްއޫލުވެރިންގެ ލަފައަކަށްވާނީ އިމްރާން ޚާން މި ބައްދަލުވުމަށް ވަޑައިނުގަތުމަށް މަޝްވަރާ އެރުވުމެވެ. އެކަމަކު މި ގޮތަށް އަމަލުކޮށްގެން ޕާކިސްތާނަށް ފަރު ޖެއްސޭނެ ބާވައެވެ. ޝެއިންހާއީ އޮގަނައިޒޭޝަންގެ ޖަމުއިއްޔާގެ ބައްލުވުމަކީ ޗައިނާއަށް މުހިންމު ބައްދަލުވުމެކެވެ. ވުމާއެކު ޕާކިސްތާނުން މި ބައްދަލުވުމަށް ހާޒިރު ނުވުމަކީ ޗައިނާއިން ގަޔާ ވާނެކަމެއް ނޫނެނެވެ. ޗައިނާއަކީ ޕާކިސްތާންގެ ގާތް އެކުވެރިޔާއެވެ.

ޕާކިސްތާނުން ދަނީ ރަނގަޅު އުޒުރަކަށްވެސް ބަލަމުންނެވެ. ޕާކިސްތާންގެ ޚާރިޖީ ވަޒީރާއި އޭނާގެ ސްޓްރެޓެޖިކް ކަންކަމުގައި ލަފާދޭ މުޝީރުންގެ ބަހަކަށް ވާނީ އިންޑިއާގެ ބޮލުގައި އަޅުވައިގެން ޕާކިސްތާނަށް މި ނުތަނަވަސްކަމުން ސަލާމަތެއް ހޯދޭތޯއެވެ. މިހާރުވެސް ޕާކިސްތާންގެ މަސްއޫލުވެރިންގެ ފެންވަރުގައި ދަނީ އިންޑިއާއިން ދީފައިވާ ދައުވަތަކީ ވަޅޯތާފަނާ ދައުވަތެއްކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. އިންޑިއާ ބޮޑު ވަޒީރު ޕާކިސްތާންގެ ބޮޑު ވަޒީރަށް ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތުމަށް އާދޭސް ދަންނަވާން ޕާކިސްތާނު މަސްއޫލުވެރިން ބޭނުންވާފަދައެވެ.

އާންމު ކޮށްލިބެންހުރި މައުލޫމާތަށް ބަލާއިރު އަދި މި ބައްދަލުވުމާ ގުޅޭ ރަސްމީ ދައުވަތެއް އަދި ފޮނުވާފައެއް ނުވެއެވެ. އިމްރާން ޚާންގެ އިންޑިއާއާ ޖައްސާލުމުގެ ސިޔާސަތާއެކު އިންޑިއާއިން ޕާކިސްތާން އެދޭފަދަ ހޫނުތާޒާ ދައުވަތެއް ލިބުމަކީ ފެންނަ ފެނުމުގައި އަދި ދުރުކަމެކެވެ. އިމްރާން ޚާންގެ މިހާރުގެ ސިޔާސަތަކީ އިންޑިއާ ނުބައި މީސްކޮށް ބައިނަލްއަގްވާމީ މަސްރަހުގައި އިންޑިއާ އެކަހެރިކޮށްލުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް އިންޑިއާއިން ރަސްމީ ޕްރޮޓޮކޯލް ނިޔާކުރާ ގޮތަށް ފޮނުވާ ދައުވަތަކަށްވުރެން އިތުރަށް ކަމެއް ކޮށްފާނެ ކަމަށް ލަފާކުރުމަކީ މޮޔަކަމެކެވެ.

އިމްރާން ޚާން ވަނީ އިންޑިއާއާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ކަމިޔާބީއާ ކުރިމަޗެއް ލެވިފައެއް ނުވެއެވެ. ދާދިފަހުން ޖަރުމަންވިލާތުގެ ޓީވީއަކަށް ދެއްވި އިންޓރވިއުގައި އިމްރާން ޚާން ވަނީ އޭނާގެ އުދާސްތައް ބަންޑުން ޖައްސަވާފައެވެ. އޭނާ ވިދާޅުވީ ކަޝްމިރުގެ މައްސަލާގައި އޭނާ ދައްކާ ވާހަކަތައް ބައިނަލްއަގްވާމީ ފަރާތްތަކުން އަޑުއަހާކަށެއް ނޫޅެއެވެ.

އިމްރާން ޚާން ވިދާޅުވަނީ މިއީ އިންޑިއާގެ ބިލިއަން މީހުންގެ ބާޒާރަށް ދުނިޔޭގެ ވިޔަފާރިތައް ވެފައިވާ ޝައުގުވެރިކަމުގެ ބޮޑުކަމުން އޭނާ ދައްކަވާ ވާހަކަތަކަށް ބިރު ކަންފަތެއް ދެނީކަމަށެވެ. އެކަމަކު މިއަށްވުރެން މާބޮޑެތި ކަންތަކެއް ހުންނާނެކަމަށް އިމްރާން ޚާން އަމިއްލަފުޅަށްވެސް ގަބޫލު ކުރައްވާނެއެވެ. ޓެރަރިޒަމް ފެތުރުމާއި ހަރަކާތްތެރި ކުރުމުގައި ޕާކިސްތާންގެ ޝައްކު އުފެދޭ ދައުރުގެ ސަބަބުންނާއި ހޮލެންޑުން ވަގަށް ނަގާފައިވާ ޓެކްނޮލޮޖީން ޕާކިސްތާނުން ހަދާފައިވާ ނިއުކްލިއަރ ހަތިޔާރާއި އުތުރު ކޮރެއާއިން އުސޫލާ ޚިލާފަށް ހޯދާފައިވާ މިސައިލް ޓެކްނޮލޮޖީގެ ސަބަބުން ޕާކިސްތާނަކީ ހަރުދަނާ ގައުމެއްކަމަށް ދުނިޔެއިން ނުދެކޭކަން އިމްރާން ޚާނަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެއެވެ.

ޕާކިސްތާނުން ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ބައިވެރިވެގެން ބުރަކޮށް ކުރާ މަސައްކަތަކީ އިންޑިއާގެ އަގު ވައްޓާލުމުގެ މަސައްކަތެވެ. ނަމަވެސް އެވާހަކަތައް އެޅެނީ ބީރު ކަންފައްތަކަށެވެ. މިވާހަކަތަކަކީ ޕާކިސްތާންގެ އެތެރޭގައި އުޅޭ ބަޔަކަށް އަހާލަން ފަސޭހަ ވާހަކަތަކެވެ. އިމްރާން ޚާންގެ ސަރުކާރުގެ ދޯހަޅި ސިޔާސަތްތަކުން މީހުން އަނބުރާލުމަށްވެސް އިންޑިއާގެ އަގު ވައްޓާލުމަކީ މޮޅު އުކުޅެކެވެ.

ޝެންހާއީ ކޯޕަރޭޝަންއަކީ އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ޔޫރަޕްއާއި އޭޝީއާގެ ގުޅުމުގެ މުހިންމު ފޯރަމެކެވެ. މިއީ އިރުމަތީ ޔޫރަޕްގައި އޮންނަ ނޭޓޯ ފަދަ ރަޝިޔާއާއި ޗައިނާގެ ނުފޫޒުގަދަ ޖަމާއަތެކެވެ. 2001ގައި އިންޑިއާއަށް މި ޖަމުއިއްޔާގައި ބައިވެރިވެވުނީ 16 އަހަރު ވަންދެން މަޑުކުރުމަށްފަހުއެވެ.

އިންޑިއާގެ ރައްޔިތުންނަށް، މި ޖަމުއިއްޔާގައި އިންޑިއާ ބައިވެރިވެގެން ކުރު މުއްދަތެއްގެ ތެރޭން މާބޮޑު ފައިދާތަކެއް ފެންނާކަށް ނެތެވެ. ނަމަވެސް އިންޑިއާއިން އޮތީކީ މި ޖަމާއަތުން ވަކިވެގެންދާ ގޮތަކަށް ނޫނެނެވެ. ހަމައެފަދައިން ބަލާއިރު ދެކުއު އޭޝިއާގެ ޖަމާއަތްކަމަށްވާ ސާކްގެ އިންޑިއާއަކީ މުއައްސިސް މެމްބަރެކެވެ. އިންޑިއާ ރައްޔިތުންނަށް މި ޖަމާއަތުން ކުރި މަންފާއެއް އިހުސާސް ކުރެވޭ ހެނެއް ހިއެއް ނުވެއެވެ. މިހާރު ސާކު އެއޮތީ ވާވެފައި، ގަދަ ނިންޖެއްގައި ޖެހިފައެވެ. އިންޑިއާ ޕާކިސްތާންގެ ނުރަނގަޅު ގުޅުން އަސަރުކޮށް އައްސިވެފައެވެ. ހަމައެފަދައިން، އިންޑިއާއިން އޮތީ ސާކް ދޫކޮށްލާ ގޮތަކަށްވެސް ނޫނެނެވެ.

ސަރަހައްދީ ސިޔާސީ ކުޅިގަނޑުގައި ޗައިނާއަށް ބަލާލަމާތޯއެވެ. ޗައިނާއިން ބުރަކޮށް މަސައްކަތް ކޮށްފައިވަނީ ޗައިނާއިން ހިންގާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގައި އިންޑިއާ ބައިވެރިކުރެވޭތޯއެވެ. ނަމަވެސް އިންޑިއާއިން މިއަށް ފޯރިއެއް ދައްކާފައެއް ނުވެއެވެ. ނިއުދިއްލީގައި އޮންނަ ޝެންހާއީ ކޯޕަރޭޝަންގެ ބައްދަލުވުމުގައި އަނެއްކާވެސް އިންޑިއާ ޝައުގުވެރިކުރުމަށް ޗައިނާއިން މަސައްކަތް ކުރުން ގާތެވެ.

ނިއުދިއްލީގެ ށެންހާއީ ކޯޕަރޭޝަން ބައދަލުވުމުން އިތުރު އައު ނަތީޖާއެއް ނިކުތުމަކީވެސް ދުރުކަމެކެވެ. މި ޖަމާއަތުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިންމި ކަންކަން އަދިވެސް އޮތީ ތަންފީޒު ނުކުރެވިއެވެ. މި ޖަމާއަތުގެ ގައުމުތަކުން ވަރަށް ގިނަކަންކަމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައި ވެއެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި ޓެރރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ސިއްޙީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމާއި ދޭދޭ ގައުމުތަކުގެ މެދުގައި ދަތުރުފަތުރު ފަސޭހަ ކުރުން ހިމެނެއެވެ. ނަމަވެސް ނަތީޖާ އުޅެނީ ހަމަ ސުމެއްގައެވެ.

ދޭދޭ ގައުމުތައް ގުޅުމަށް އެއްބަސްވެފައިވާ އިރު ޕާކސިްތާނުން ގަދައަޅައި މަސައްކަތް ކުރަނީ އިންޑިއާއަށް ހުރަސް އެޅުމަށެވެ. އިރުމަތީ އޭޝިއާގެ ގައުމުތަކަށް އެއްގަމު މަގުން ވަނުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށް ޕާކިސްތާނުން ދަނީ ހުރަސް އަޅަމުންނެވެ. އެއްގަމު މަގުން އަފްޣާނިސްތާނަށް ވިޔަފާރި ފުޅާކުރުމަށް އިންޑިއާއިން ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލުމަށް ޕާކިސްތާން އޮތީ ފައި ވިއްދާފައެވެ. މީގެ ސަބަބުން އިރުމަތީ އޭޝިއާގެ ގައުމުތަކަށް އެއްގަމުން ވަނުމަށްވެސް އިންޑިއާއަށް ހުރަސްއެޅިފައި ވެއެވެ.

ސަރަހައްދީ ޖަމުއިއްޔާތަކަކީ ހުސްއަނގަތަޅާ ބައްދަލުވުންތަކެއްކަމަށްވެސް ސިފަކުރެވެއެވެ. މި ޖަމުއިއްޔާތަކުން ސަލާމަތާއި ތަރައްގީއާއި ތިޔާގިކަމަށް ކޮށްދެވޭ މަސައްކަތް ވަރަށްވެސް މަދެވެ. ޝެންހާއީ ކޯޕަރޭޝަންގެ މައިގަނޑު ބޭނުމަކީ ދޭދޭ ގައުމުތަކުގެ ސަރަހައްދީ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމެވެ. މި ޖަމާއަތުގެ މުއައްސިސް މެންބަރު ޗައިނާއިން ބުނެފައިވަނީ އަވަށްޓެރި އިންޑިއާގެ ސަރަހައްދީ މައްސަލަ ހައްލުކުރުމަށް އިންޗިއެއްގެ ދުލެއްވެސް ނުދޭނެ ކަމުގައެވެ. ހަމައެފަދައިން ޕާކިސްތާނުން ކަޝްމީރުގައި މަހަނުޖެހުން އުފައްދައި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ޗައިނާއިން ހިތް ވަރުދީހަދައެވެ. އެހެންވެ އިންޑިއާ ޕާކިސްތާންގެ އަރައިރުން ހައްލުކުރުމަށް ޝެންހާއީ ކޯޕަރޭޝަންއިން އެއްވެސް ވަރެއްގެ ބާރެއް އެޅިދާނެކަމަކަށް ނުބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް