ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރެވުމުގެ ނަތީޖާ ވަރަށް ފޮނި: އިބޫ
މިއީ 9.5 މިލިއަން ރުފިޔާގެ މަޝްރޫއެއް


ތިލަފުށީގައި ހުރި ގުދަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވަނީ
މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރެވުމުގެ ނަތީޖާ ވަރަށް ފޮނި ކަމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދް (އިބޫ) ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، މާލެ ސަރަހައްދު ރައްކާތެރިތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތުގެ ދަށުން، ތިލަފުށީގައި 36000 އަކަފޫޓުގެ ފުރާޅެއްގެ ދަށުގައި 34 ގުދަން ހެދިފައިވާ ކަމަށާއި، އޭގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ކުރާ ކަމަށެވެ.
އެގޮތުން މާލޭގެ ހަނި މަގުތަކުގައި ރައްޔިތުން އުޅެމުންދިޔައީ ރައްކާތެރިކަމެއް ނެތް ގޮތެއްގައި، ކެމިކަލްތަކުގެ ވަހާއެކު ކަމަށާއި، މާލޭގެ ރައްޔިތުން އުޅެމުންދިޔަ ހާލަތު މިހާރު އެ ގުދަންތަކަށް ޒިޔާރަތް ކޮށްލުމުން ވަޒަން ކުރެވޭ ކަމަށެވެ.
އިބޫ އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް އަމާން ރައްކާތެރި ވެއްޓެއް ހޯދައިދިނުމަށްޓަކައި މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ނިންމެވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
އަދި ރައީސްގެ ނިންމެވުމާއި އެއްގޮތަށް އެކަން ކުރެވުމަކީ ނިމިދިޔަ 2019 ވަނަ އަހަރު ހާސިލުވި އެންމެ މުހިއްމު އެއް ލަނޑުދަނޑި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ހާދިސާގައި އެކަކު ނިޔާވެ، 400 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލުނެވެ.
އެ ހާދިސާއާއި ގުޅިގެން ރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް ވަނީ ހަދާފައެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން ކެމިކަލް ގުދަން ހުންނަން ޖެހެނީ މީހުން ދިރިއުޅޭ ތަންތަނާ ވަކިން ކަމަށާއި ކެމިކަލް ރައްކާކުރާ ގުދަން ތިން ބުރިއަށް ވުރެން އުސްކޮށެއް ނުހެދޭނެ ކަމަށް ވަނީ ބުނެފައެވެ. ގުދަންތަކުގެ ދޮރުތަކަކީ ފަޔަރ ރެސިސްޓަންޓް ދޮރުތަކަކަށް ވާންޖެހޭ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ. އެގޮތުން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއަކީ 9.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.








