2019 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 1.7 މިލިއަންއަށް އަރައި, ރާއްޖެއިން ރެކޯޑެއް ހަދައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މަޢުލޫމާތާއި، މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިމިނިސްޓްރީން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނައަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 171،292 ފަތުރުވެރިންނާއިއެކު، އަހަރު ނިމުނުއިރު ޖުމްލަ 1،702،831 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާކަމަށެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 14.7%ގެ ކުރިއެރުމެކެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަހަރުކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ،
2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 49% ހިއްސާއި އެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. މިސަރަޙައްދުން ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު %14.8 ކުރިއެރުމަކާއެކު، 833،904 އަށް އަރާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ %41.4 ޙިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުންނެވެ. 2019 ވަނައަހަރު އޭޝިއާ ޕެސިފިކް ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 705،117 އަށް އަރާފައިވެއެވެ.
މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %13.5 ގެ ކުރިއެރުމެކެވެ. 2019 ވަނަ އަހަރު ތިންވަނައަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އެމެރިކާ ސަރަޙައްދުން %5 ގެ ޙިއްސާއާއި %23.3 ގެ ކުރިއެރުމަކާއިއެކު ޖުމްލަ 84،793 ފަތުރުވެރިންނެވެ. މީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުން %3.5 ގެޙިއްސާއާއިއެކު ޖުމްލަ 60،003 ފަތުރުވެރިންނާއި އެފްރިކާ ސަރަޙައްދުން 18،698 ފަތުރުވެރިން 2019 ވަނައަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
2019 ވަނައަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ވަކިވަކި މާރކެޓްތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 5 މާރކެޓަކީ، ޗައިނާ (%16.7) އިންޑިއާ (%9.7) އިޓަލީވިލާތް (%8)، ޖަރުމަނުވިލާތް .7%)7) އަދިއިނގިރޭސިވިލާތް (%7.4) އެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އިންޑިއާ މާކެޓަށެވެ. މިގޮތުން 2018 ވަނައަހަރު ނިމުނުއިރު 5 ވަނައިގައި އޮތުމަށްފަހު އިންޑިއާއިން ވަނީ 2019 ވަނައަހަރު ނިމުނުއިރު %83.5 ގެ ކުރިއެރުމެއް ހޯދައި 166،015 ފަތުރުވެރިންނާއިއެކު ދެވަނައަށް އަރާފައެވެ.
2019 ވަނައަހަރަށް ކަނޑައެޅުނު 1.5 މިލިއަންގެ ޓާގެޓް އަހަރުގެ ނޮވެމްބަރުމަހުގެ 24 ވަނަދުވަހު ހަމަވެފައިވާއިރު، އެއަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަދުވަހާ ހަމަޔަށް 1.6 މިލިއަން ފަތުރުވެރިން ހަމަވެ، ޑިސެމްބަރުމަހުގެ 31 ވަނަދުވަހު 1.7 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.