ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންގެ އުއްތަމަ ފަނޑިޔާރު ކަމުގެ ދުވަސްވަރު، އެމަނިކުފާނަށް އެންގުމަކާ ނުލާ، ދެން ތިއްބެވި ބައެއް ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ނަމުގައި އަމުރެއް ނެރެފައިވާކަން ހާމަވިއިރު، ސުޕްރީމް ކޯޓާއި، އަދި ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާއާމެދު ރައްޔިތުން ޝައްކު ނުއުފައްދާ ވަރެއް ނޫންތާއެވެ.
އުއްތަމަ ފަނޑިޔާރަށް އެންގެވުމަކާނުލާ ސުޕްރީމް ކޯޓުގެ ނަމުގައި އަމުރެއް ނެރެފައިވަނީ، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މައްސަލައެއް ނިންމުމުން، އެމައްސަލައާ ގުޅިގެން އޭރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހްމަދު ފާއިޒު ހުސައިނަށް އެންގުމަކާނުލާ ދެން ތިއްބެވި ބައެއް ފަނޑިޔާރުން ނެވެ.
ރައްޔިތުންގެ މަޖިލީހުން 20 ނޮވެމްބަރު 2012ގައި، ސީއެސްސީގެ ރައީސް ކަމުން ފަހުމީ ވަކިކުރަން ނިންމުމުން، ފަހުމީ ވަނީ އެ ނިންމުން މަޖިލީހުން ނިންމާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށްބުނެ، ސިވިލް ސަރވިސްގެ މެމްބަރުކަމަށް މެމްބަރަކު ޢައްޔަން ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާ އަމުރެއް ނެރެދިނުމަށް 03 ޑިސެމްބަރު 2012ގައި ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
ފަހުމީގެ ފަރާތުން ވަގުތީ އަމުރަކަށް އެދުމުން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައިވަނީ 11 ޑިސެމްބަރު 2012ގަ އެވެ.
އެ ވަގުތީ އަމުރުގައި ވަނީ، ފަހުމީ ވަކިކުރައްވާފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ (ހ)އާއި 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި 43 ވަނަ މާއްދާގެ (ހ)އާއި 51 ވަނަ މާއްދާގެ (އ)އާ ޚިލާފަށް، ޤާނޫނުއަސާސީން ކަނޑައަޅާ ޤަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން، ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ބުނެ، ފަހުމީގެ، ސިވިލް ސަރވިސްގެ މެމްބަރުކަމުން ވަކިކުރި ވަކިކުރުމަކީ ބާޠިލުކަމެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ސުޕްރީމް ކޯޓަށް ފަހުމީގެ ފަރާތުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މީގެއިތުރުން، ފަހުމީ ހުށަހަޅުއްވާފައިވާ އެއްމަސަލައަށް ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުގެ މަގާމަށް މެމްބަރަކު އައްޔަން ކުރުމާބެހޭ އެއްވެސް ކަމެއް ނުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެދެއްވުމަށް ފަހުމީގެ ފަރާތުން އެދިލައްވާފައިވާފައި ވެއެވެެ.
ފަހުމީ އެދިލެއްވި ގޮތަށް ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ވަނީ، މިބާވަތުގެ މައްސަލަތަކުގައި އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އުސޫލްތަކުގެ މައްޗަށާއި، މިމަސައްލައިގެ ބާވަތަށް ވިސްނުމަށްފަހު، މިމައްސަލައާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމަށް މެމްބަރަކު އައްޔަން ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވުމަށް ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ މައްޗަށް ރިއާޔަތްކޮށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރާ ކަމަށެވެ.
މިވަގުތީ އަމުރާއި ގުޅިގެން ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ ކަމަކީ، މި އަމުރު ނެރުމުގައި އުއްތަމަ ފަނޑިޔާރަށް އެންގުމަކާ ނުލާ އެއަމުރު ނެރެފައިވުމެވެ. ދެވަނަ ކަމަކީ، އެ އަމުރުގައި ސުޕްރީމް ކޯޓުގެ ތަތްގަނޑު ޖަހާފައިވިޔަސް، އެއަމުރުގައި އެއްވެސް ފަނޑިޔާރަކު ނަމެއް އަދި އެއްވެސް ފަނޑިޔާރަކު ސޮއިކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އެއަމުރު ނެރުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮންކޮން ފަނޑިޔާރުންނެއް ކަމެއް އެނގޭކަށް ނެތެވެ.
އަނެއްކަމަކީ، ފަހުމީގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރު، ނެރެދެއްވަމުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި، ފަހުމީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމިނިންމުން ބާޠިލުކުރަން ފަހުމީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ. އެމައްސަލައިގެ ގަޟިއްޔާ ނަމްބަރަކަށް އޮތީ، 2012 ވަނަ އަހަރުގެ 35 ވަނަ ޤަޟިއްޔާ ކަމަށެވެ. ވަގުތީ އަމުރު ނެރެދިނުމަށް އެދި ހުށަހަޅާފައިވަނީ 03 ޑިސެމްބަރު 2012 ގަ އެވެ. ވަގުތީ އަމުރު ސުޕްރީމް ކޯޓަށް ބަލައިގަނެފައިވަނީ 11 ޑިސެމްބަރު 2012ގަ އެވެ. ވަގުތީ އަމުރު ނެރެދީފައި ވަނީ ވެސް ހަމަ 11 ޑިސެމްބަރު 2012 ގަ އެވެ.
ނަމަވެސް، ފަހުމީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމިނިންމުން ބާޠިލުކުރަން ފަހުމީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އަސްލު މައްސަލަ ނިންމުމަށްފަހު، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު، އެމައްސަލައިގެ ޤަޟިއްޔާއަކަށް އޮތީ ހަމަ ކުރިންވެސް ދެންނެވި ގޮތަށް، 2012 ވަނަ އަހަރުގެ 35 ވަނަ ޤަޟިއްޔާ ނަމްބަރެވެ. ނަމަވެސް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނު ތާރީހަކަށް އޮތީ، 11 ޑިސެމްބަރު 2012 އެވެ. އެ ތާރީހަކީ، މިމައްސަލާގައި ފަހުމީގެ ފަރާތުން ވަގުތީ އަމުރެއް ނެރުމަށް އެދި އެވަގުތީ އަމުރު ސުޕްރީމް ކޯޓުން ނެރެދިން ތާރީޚެވެ. އެހެންކަމަށްވާނަމަ، ފަހުމީގެ ފަރާތުން ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅާފައި މިވަނީ ސުޕްރީމް ކޯޓުން އޭނާ އެދުނުގޮތަށް ވަގުތީ އަމުރު ނެރެދިން ދުވަހު އެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 14 މާރޗް 2013 ގަ އެވެ. އެހުކުމުގައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ފާހުމީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނަގާފައިވާ ވޯޓު ބިނާކުރި އިޖުރާޢަތަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ އިޖުރާޢަތުތަކެއް ނޫންކަމަށާއި އަދި އެ އިޖުރާޢަތުގެ މައްޗަށް ބިނާކޮށް، ފަހުމީ ސިވިލް ސަރވިސްގެ މެމްބަރުކަމުން ވަކިކުރިކުރުމަކީ ބާޠިލު ވަކިކުުރުމެއްކަމަށް ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން، ސުޕްރީމް ކޯޓުގައި އޭރު ދެން ތިއްބެވީ، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަހުމަދު މުއަތަސިމް އަދުނާނެވެ.
ފަނޑިޔާރު މުއަތަސިމް އަދުނާނު ފާހަގަ ކޮށްލެވެނީ އޭރު ސުޕްރީމް ކޯޓުގެ ތެރެއިން ހިންގާފައިވާ ޤާނޫނާ ޚިލާފުކަންކަމާއި ނިންމުންތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާ، ފަނޑިޔާރެއްގެ ގޮތުގަ އެވެ. އަދި އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، އަދުލުވެރިކަމާއެކު ޤާނޫނާއަސާސީއާއި ޤާނޫނުތަކަށް ރިޢާޔަތްކޮށް، ނިންމާ ނިންމުންތައް ބިނާކުރާ ފަނޑިޔާރެއްގެ ގޮތުގައެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތަކުގައި، ތަފާތުވާ ރަޢުޔު ނެރުއްވި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި، ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއަތަސިމް އަދުނާނު ވަނީ ފަނޑިޔާރުކަމުން ވަކިކުރައްވާފަ އެވެ.
ފަހުމީގެ މައްސަލާގައި ތަފާތުވި ރަޢުޔު ނެރުއްވީ، އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އަހުމަދު މުއަތަސިމް އަދުނާނު އެވެ. ފަނޑިޔާރު މުއަތަސިމް އަދުނާނުގެ ރަޢުޔުގައި ވިދާޅުވެފައި ވަނީ، ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ފަހުމީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ހުށަހެޅި އެކޮމެޓީން އެމައްސަލަ ބެލުމަށްފަހު، ކޮމެޓީން ނިންމި ނިންމުމާއި ގުޅިގެން، އެމައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުންތަކަކީ ޤާނޫނުއަސާސީއާ ޚިލާފަށް ހިންގާފައިވާ އިޖުރާޢަތުތަކެއް ކަމަށް ނުވަތަ ޤާނޫނުއަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއްކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށެވެ.
ފަހުމީގެ މިމައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު ނެރެފައިވަނީ އޭރު ހުންނެވި އުއްތަމަ ފަނޑިޔާރަށް އެނގެވުމަކާނުލާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެން ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒު ވަނީ ސިޓީއަކުން ދަންނަވާފަ އެވެ. ނަމަވެސް ވެރިކަމުގައި ހުންނެވި ވަހީދު އެކަމާ އަޅާނުލެއްވިއެވެ.