Advertisement
ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 15:46
އެންވަޔަރަންމަންޓް މިނިސްޓަރ
އެންވަޔަރަންމަންޓް މިނިސްޓަރ
އެންވަރަންމަންޓް މިނިސްޓްރީ
ސަރުކާރަށް އެއް އަހަރު
ސަރުކާރަށް އެއް އަހަރު: ތިމާވެއްޓަށް އާ ދިރުމެއް
107 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ހިންގުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި
ބޮޑު ތިލަދުންމަތިން 14 ސަރަހައްދެއް ހިމާޔަތް ކޮށްފައިވޭ
8 މެގަވޮޓުގެ ޖެނެރޭޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން

އަތޮޅުތެރޭގެ ރަށްރަށުގައި އެންމެ އަސާސީ ޚިދުމަތްތައް ނުލިބޭ ޝަކުވާއަށް އަދިވެސް ނިމުމެއްނާދެއެވެ. އެރައްޔިތުންނަށް ލިބެންޖެހޭ ސާފުބޯފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތުން މަހުރޫމްވެގެން ތިބެންޖެހޭ ސަބަބާމެދު ރައްޔިތުން ދަނީ އަދިވެސް ސުވާލު އުފައްދަމުންނެވެ. އެއީ އެރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް ބުނެ، އަޑު އުފުލާ ރައްޔިތުން މަދެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހާވަލުވެ ވަޑައިގެންނެވީ ރައްޔިތުންގެ މިހުރިހާ ޝަކުވާއެއް އަޑުއައްސަވާ ހައްލު ހޯއްދަވައި ދެއްވާނެކަމުގެ ވައުދުފުޅާއެކުއެވެ. އެއުންމީދު ރައްޔިތުންނަށް ދެއްވަމުންނެވެ.

Advertisement

ރާއްޖޭގައި ރައްޔިތުން ދިރިއުޅެމުންދާ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވެވެޑައިގެންނެވި ވައުދަކީ ރައްޔިތުންނަށް އައު އުންމީދުތަކެއް ލިބި މި ފަސް އަހަރު ނިމިގެންދާއިރު އެކަން ހާސިލުވާނެ ކަމަށް ރައްޔިތުން ދެކެމުން އަންނަ އެއް ވައުދެވެ. ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ފާއިތުވި އެއް އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލަށް ބަލާލާއިރު 107 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ހިންގުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މީގެތެރެއިން ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ހިނގަމުންދަނީ 4 ރަށެއްގަ އެވެ.

ހދ.ނޮޅިވަރަންފަރު، ށ.ފޯކައިދޫ، ރ.މަޑުއްވަރި، އަދި ބ.ދަރަވަންދޫ ގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށި. މި މަސައްކަތްތައް މާރޗް 2020 ގައި ނިމި ޚިދުމަތްދޭން ފެށޭ ވަރުވާނެ. (ގާތްގަނޑަކަށް 129 މިލިއަން ރުފިޔާ) މީގެއިތުރުން ޕްލޭނިންގ މިނިސްޓްރީއިން ވަނީ 33 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓް ހަވާލުކޮށްފައި. އަދި 70 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ވަނީ ޓެންޑަރ މަރުހަލާގައި.
އެންވަޔަރަންމަންޓް މިނިސްޓްރީ

ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ކަންތައްތަކަށް ބަލާލާއިރު 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާ ކުރުމުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ގާތްގަޑަކަށް 108 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިމި ޚިދުމަތް ދެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ލަފާކުރެއެވެ.

މީގެއިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިދިނުމުގެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ފެން އުފައްދާ ފެން އިތުރުކުރުމާއި، އަދި ދިވެހިރާއްޖޭގެ ފެނުގެ ވަޞީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ތަންފީޒުކުރުމުގެ ގޮތުން ފެނާއި ނަރުދަމާގެ ޤާނޫނުގެ ޑްރާފްޓް އަލުން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތަކާއެކު މަޖީލީހަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. ސަރުކާރުގެ އަމާޒަކީ ފެނާއި ނަރުދަމާ ޤާނޫނު މިއަހަރު މަޖީލީހަށް ތާވަލްކުރެވި ފެނާއި ނަރުދަމާގެ ޤާނޫނު ފާސްވެގެން ދިޔުމެވެ.

ފެނާއި ނަރުދަމާގެ ދާއިރާގެ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ބޭނުންވާ ތަމްރީނާއި ހުނަރުވެރިކަން ހޯދުމަށް ފެނާއި ނަރުދަމާގެ ދާއިރާގެ ދިރާސާއެއްވަނީ ފާއިތުވި އެއް އަހަރުތެރޭގައި ކޮށްފައެވެ. އަދި މި ދިރާސާގެ އަލީގައި ފެނާއި ނަރުދަމާގެ ގުޅުން ހުރި ހުރިހާ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި ވަނީ މަސައްކަތްތައްފަށާފައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ފެނާއި ނަރުދަމާގެ ޓެރިފް މޮޑެލްއެއް ދަނީ ތައްޔާރު ކުރެވެމުންނެވެ. އަދި މި އަހަރުގެ ތެރޭގައި ފައިނަލް ކުރެވިގެންދާނެއެވެ.

ބޯފެނަށް ކުރަންޖެހޭ ޚަރަދާއި، އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހެދުމަށްޓަކައި ސަރުކާރުންވަނީ މާލެ ސިޓީ، މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް ފެނުގެ ވިއުގައިން ފޯރުކޮށްދޭވޭ ފެނުގެ ކޮލިޓީގެ ނަތީޖާ އާންމުނަށް ފެންނާނެހެންވަނީ ޝާޢިއުކުރަން ފަށާފައި. އަދި ރާއްޖޭގެ ސަރަހައްދުތަކުގެ ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމުތަކުން ފެނުގެ ކޮލިޓީ ޗެކްކުރުން އިތުރުކޮށް ރައްޔިތުންނަށް ފެނުގެ ކޮލިޓީ ޔަޤީންކަން އިތުރުކުރުމަށްޓަކައި ރާއްޖޭގައި ސަރަހައްދީ ފެނުގެ ކޮލިޓީ ޗެކް ކުރާނެ ލެބޯރަޓަރީތައް ޤާއިމްކުރުމަށްޓަކައިވަނީ ރޭވި އަދި މަސައްކަތްކުރެވެމުން.
އެންވަޔަރަންމަންޓް މިނިސްޓްރީ

ރަށެއްގައި ބިމުގެ ފެންފަށަލައިގެ ހާލަތާއި، ފެންފަށަލާގައި މީރުފެން ހުރި މިންވަރު ދެނެގަތުގުމުގެ ތަފްސީލީ ދިރާސާއެއް ކުރެވުނު އަދި 36 ރަށެއްގައި ދިގު މުއްދަތަށް ފެންފަށަލައިގެ މޮނިޓަރިންގ އަށް ބޭނުންވާ ބޭސްލައިން އެސެސްމަންޓް ވަނީ ހަދާފަ އެވެ.

ބޯކޮށް ވާރޭވެހިއްޖެ ނަމަ ރާއްޖޭގެ ގިނަ ރަށްރަށަކީ ފެންބޮޑުވެ އާންމު ދިރިއުޅުމަށް އުނދަގޫވެ މުދަލަށާއި ތަކެއްޗަށް ގިނަ ގެއްލުންތަކެއް ދިމާވާ ރަށްތަކެވެ. އެހެންކަމުން ފެން ހިންދާ ނިޒާމު ރާއްޖޭގެ ރަށްތަކުގައި ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މިފާއިތުވި އަހަރު ކޮށްފައެވެ. އެގޮތުން ސ. ފޭދޫ، ނ. ހޮޅުދޫ، ގދ. ތިނަދޫ ގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށް ކޮންޓެރެކްޓަރާ ވަނީ ހަވާލުކޮށްފައެވެ. މިއީ 67 މިލިއަން ރުފިޔާގެ މަޝްރޫޢުކެވެ. މީގެއިތުރުން 1. އައްޑޫ ސިޓީގެ ފެދޫ ފިޔަވައި 5 ރަށެއް ގެ ފެން ހިންދާ ނިޒާމް ޑިޒައިން ކުރުމަށް ކޮންސަލްޓަންޓަކާއި ވަނީ ހަވާލުކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ދެއްކި އެއް ވާހަކައަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބާރުވެރިކުރުވާނެ ވާހަކައެވެ. ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައިވެސް ހިމެނޭ މިކަންތައް ގޮސްފައިވާ ހިސާބަށް ބަލާލާއިރު އީއައިއޭ ހެދުމުގެ ޒިންމާތައް، ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް، 2018 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 20 ވަނަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ. އަދި މި ބަދަލާ އެކު މިނިސްޓްރީން ވަނީ ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް އިސްލާހުގެނެސް ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި އެތަނެއްގެ ވެއްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރުމުގެ ކުރިން ހަދައި ފާސްކުރަންޖެހޭ އީއައިއޭ ފާސްކުރުމުގެ ބާރު 27 ޑިސެންބަރ 2018 ވަނަ ދުވަހު އަލުން އީޕީއޭއަށް ދީފައެވެ.

ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައަޅާ ތިމާވެށި ހިމާޔަތްކޮށް ބެލެހެއްޓުމަކީވެސް މިސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން އަމާޒު ހިފާފައިވާ އެއް ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭ ގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަނޑައަޅާ ރައްކާތެރިކުރުމަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

އެގޮތުން މިސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ވަނީބޮޑު ތިލަދުންމަތިން 14 ސަރަހައްދެއް ހިމާޔަތްކޮށްފައެވެ. މި ސަރަހައްދުތަކުގެ ޖުމްލަ ބޮޑުމިނަކީ 8854.38 ހެކެޓަރެވެ. މި ސަރަޙައްދުތަކުގެ ތެރޭގައި، ހ.ދ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހ.އ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދު ހިމެނެއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ކުރެވުނު އެންމެ މުހިއްމު މަސައްކަތްކަންވެސް ފާހަގަކޮށްލެވެ އެވެ.

މީގެއިތުރުން އދ އަތޮޅުގެ މެރިން ޕްރޮޓެކްޓެޑް އޭރިއާގެ މެނޭޖްމަންޓް ރެޖީމެއް އެކުލަވާލާ އެ ސަރަހައްދުތަކުގައި ރޭންޖަރސް ތިބެގެން ބެލެހެއްޓޭނެ އިންޒާމް މި އަހަރުގެ ތެރޭގައި ވަނީ ހަމަޖައްސާފައެވެ. އަދި އައްޑޫ އަދި ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ ލަގަބު ލިބިފައިވާ އަތޮޅަކަށް ހެދުމަށް "ނޮމިނޭޝަން ޑޮސިއާ" ތައްޔާރުކޮށް ޔުނެސްކޯއަށް ވަނީ މި އަހަރުގެ ތެރޭގައި ހުށަހަޅާފައެވެ.

ވައިތަޣައްޔަރުވުން ކުޑަކުރުމަށްޓަކައިވެސް މިސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވައި ތަޣައްޔަރުކުރާ މާއްދާތަކުގެ މިންވަރު ދެނެގަތުމަށް "ލޯންގ ރޭންޖް އެނަރޖީ އޯލްޓަނޭޓިވްސް ޕްލޭނިންގ "ސޮފްޓްވެއަރ މެދުވެރިކޮށްގެން ތައްޔާރުކުރާ "ނެޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލޫޓަންޓްސް" ވަނީ ތައްޔާރުކޮށްފަ އެވެ. މި އެކްޝަން އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ޕޮލޫޝަންގެ ބޭސްލައިން ޑޭޓާ އަންދާޒާ ކުރުމަށް އެކުލަވާލެވުނު މިފަދަ ޕްލޭނެވެ. މިރިޕޯޓުން ބްލެކް ކާބަން، ކާބަން މޮނޮކްސައިޑް، ނައިޓްރަސް އޮކްސައިޑް، ސަލްފަރ ޑައިއޮކްސައިޑް، ޕާޓިކއިއުލޭޓް މެޓަރ، ގްރައުންޑް ލެވަލް އޯޒޯން، އަދި އެހެނިހެން އެއަރ ޕޮލޫޓަންޓް ތަކުގެ ބޭސްލައިން މިންވަރުތައް އަންދާޒާކުރެވި، މި މާއްދާތައް ޖައްވަށް ބޭރުވާ ސެކްޓަރ ތައް ފާހަގަ ކޮށް، ކުރިޔަށް އޮތް އަހަރުތަކުގައި މިމާއްދާތައް އިތުރުވެގެންދާނެ މިންވަރު ލަފާކުރެވިގެންދާނެ އެވެ.

އިންޓަގްރޭޓަޑް، ސަސްޓެއިނަބަލް އެންޑް ލޯ-އެމިޝަން ޓްރާންސްޕޯޓު" ގެ މަޝްރޫއު އެއް ޑިޒައިން ކޮށް ޕްރޮޕޯޒަލް ތައްޔާރުކޮށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީއަށް ވަނީ ހުށަހަޅާފައެވެ. މި މަޝްރޫޢުގެ ދަށުން ޖައްވު ތަޣައްޔަރުކޮށް ހޫނުކުރުވާ މާއްދާތައް މަދުކޮށް، ދެމެހެއްޓެނިވި ލޯ-އެމިޝަން ދަތުރުފަތުރުގެ ނިޒާމްތައް ރާއްޖެއަށް ތަޢާރަފުކުރުން ހިމެނެއެވެ. މިގޮތުން ބައިކް ޝެއަރިން ނިޒާމެއް ގާއިމް ކުރުމާއި، އިލެކްޓްރިކް މިނީ ބަސް ތައާރަފް ކުރުމާއި، ޗާރޖިންގ ސްޓޭޝަން ގާއިމުކުރުމާއި، އަވިން ހަކަތަ އުފައްދާ ބޭނުންކުރާ ކަނޑުގަ ދުއްވާ އުޅަނދެއް ފަރުމާ ކުރުމާއި އަދި އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަނެއް ގާއިމުކުރުންވެސް ހިމެނެއެވެ.

ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ މައްސަލައަކަށް ވާއިރު މިއަހަރު ތެރޭގައި ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ 21 ރަށަކަށް މިނިސްޓްރީގެ ސަރވޭ ޓިމް ގޮސް ވަނީ ސާރވޭ ކޮށްފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 20 މަޝްރޫއެއް ހިންގުމަށް ނިންމާފައިވާއިރު ދެ މަޝްރޫޢެއް ހިންގުމަށް ކޮންޓްރެކްޓަރާ ވަނީ ހަވާލުކޮށްފައެވެ.

ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންހއ. އަތޮޅުގެ 14 ރަށެއްގައި 2.3 މެގަވޮޓުގެ ސޯލާ ޕެނަލް ހަރުކޮށް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެރަށްރަށުގެ ގްރިޑަށް ގުޅާފައެވެ. އަދި ށ، ނ މި ދެއަތޮޅުގެ 26 ރަށެއްގައި 4.3 މެގަވޮޓުގެ ސޯލާ ޕެނަލްހަރުކޮށް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެރަށްރަށުގެ ގްރިޑަށް ގުޅާފައެވެ.

ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަތޮޅު އަދި ސ. ހުޅުމީދޫގައި ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް މެދުވެރިކޮށް ކަރަންޓު އުފެއްދުމަށް ހަދަންޖެހޭ ޓެކްނިކަލް ސާރވޭ، ޑިޒައިނިންގ އަދި ފީސިބިލިޓީގެ ސްޓަޑީގެ މަސައްކަތްވަނީ ނިމިފައި. މިރަށްރަށުގައި ސޯލާ ޕެނަލްހަރުކޮށްގެން ކަރަންޓު އުފެއްދުމަށް މިއަހަރުގެ ފަހުކޮޅުގަޔާއި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ބީލަން ހުޅުވާ ލެވިގެންދާނެ
އެންވަޔަރަންމަންޓް މިނިސްޓްރީ

މިރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް އިތުރަށް ފައިސާ ބޭނުންވާތީ، ވޭތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭއެހީގެ ގޮތުގައި 10 މިލިއަން އެމެރިކާ ޑޮލަރާއި އީޔޫގެ ހިލޭ އެހީގެ ގޮތުގައި 5 މިލިއަން ޔޫރޯ ވެސް ވަނީ މިސަރުކާރުން ހޯދާފައެވެ.

މާލޭ ސަރަހައްދުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ރިންގް ރޯޑުގައި 5 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މިއަހަރުތެރޭ އިޢުލާނުކޮށް މިހާރުވަނީ އެމަސައްކަތްކުރާނެ ފަރާތެއްކަނޑައަޅާފަ އެވެ. މިޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ތެރޭ ފެށިގެންދާނެއެވެ.

އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ޅ.ހިންނަވަރު، ގދ.ތިނަދޫ ގައި 21 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުމަށް ހަދަންޖެހޭ ދިރަށާ ހަދައި ބީލަން ކުރުމަށްވަނީ ތައްޔާރުވެފައެވެ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށާއި ކަރަންޓު ފޯރުކޮށްދިނުން ޔަޤީންކުރުމަށް އިތުރު 100 މިލިއަން އެމެރިކާ ޑޮލަރު އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންވަނީ މިހާރު ހަމަޖެހިފައެވެ.އުކާލެވޭ ކުނިބުނި ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި 1.5 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ރާވާފައިއޮތް މަސައްކަތްތައް ހުއްޓިފައިވަނިކޮށް މި ސަރުކާރުންވަނީ އެމަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޔަކާއި ހަވާލުކޮށްފައެވެ. އަދި މީގެ އިތުރުން ތިލަފުށީގައި ޤާއިމުކުރުމަށް ރާވާފައިވާ 8 މެގަވޮޓުގެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓުގެ މަސައްކަތްތައްވެސް މިސަރުކާރުން ދަނީ ކުރަމުންނެވެ.

ހަކަތައިގެ ދާއިރާގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހަކަތައިގެ ބިލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި އެބިލު މިހާރުވާނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ނެޓް މީޓަރިންގ ރެގިއުލޭޝަންގެ ދަށުން އިއާދަކުރަނަވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ލުއި ފަސޭހަ ކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ ނެޓް މީޓަރިން ރެގިއުލޭޝަނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އެ ރެގިއުލޭޝަން ގެޒެޓްކުރުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. މި ޑިސެންބަރު މަހުގެ ތެރޭގައި ގެޒެޓް ކުރެވިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް