އިނާޔަތް ކަނޑާލި ގާނޫނު ބަދަލުކުރީ ކުރީގެ ރައީސަކަށް އަމާޒުކޮށް: ނަޝީދު
އެއްވެސް ރައީސަކަށް ދިމާވެލައްވަން ބޭނުންފުޅުވާ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި


މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް އަމާޒުކޮށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށައެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރުއަބްދުލް ޝަހީމްއަބްދުލް ހަކީމެވެ.
2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 16 ވަނަ ދުވަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި އެ އިސްލާހުގައިވާ ގޮތުން ރައީސްކަން ކުރެއްވި ފަރާތަކަށް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެއެވެ. އަދި އޭގައިވާގޮތުން ކުރީގެ ރައީސުން ވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ އެގާނޫނުގެ ދަށުން އިނާޔަތްތައް ނުލިބޭނެއެވެ.
ބުދަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެ އިސްލާހު ގެނެސްފައި ވަނީ ރައީސްކަން ކުރެއްވި ވަކި ރައީސަކަށް އަމާޒުކޮށް ފާސްކުރި އިސްލާހެއް ކަމަށާއި އެގާނޫނު އިސްލާހު ކުރުމުގެ ކުރިން އޮތް ގޮތަށް ހެދުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީ ލިޔެފައިވާ ރޫހެއް ނޫން ކަމަށާއި ކުރިން އޮތްގޮތަށް ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ދޭން ގާނޫނުގައި އޮތް ގޮތަށް ބަދަލުކުރަން ސަރުކާރުން ހުށައަޅާފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް ރައީސަކަށް ދިމާވެލައްވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި، އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަހަކު 172،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކޮމޮޑޭޝަންގެ ގޮތުގައި 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާއެވެ.
އެ އިނާޔަތްތައް ދައުލަތުން ރައީސް ނަޝީދަށް އަލުން ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލު ކުރުމުންނެވެ.
މަޖިލީހުގެ ރައީސްއަށް ވެވަޑައިގަތުމުން އެމަނިކުފާނަށް މަޖިލީހުގެ ރައީސްގެ މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 73،125 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެހެންކަމުން ދައުލަތުން ރައީސް ނަޝީދަށް ކޮންމެ މަހަކު ދޭ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ 245،125 ރުފިޔާއަށް އަރާނެ އެވެ.
ނަމަވެސް ލިބިވަޑައިގަންނަވާ ބައެއް އިނާޔަތްތައް އުނިކޮށްދެއްވުމަށް ފިނޭންސް މިނިސްޓްްރީއަށް އެމަނިކުފާނު ވަނީ ހުށައަޅުއްވާފައެވެ. އިނާޔަތްތަކުގެ ތެރެއިން އުނިކޮށްދެއްވުުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000 ރުފިޔާއާއި، އެކޮމޮޑޭޝަންގެ ގޮތުގައި ލިބިވަޑައިގަންނަވާ 10،000 ރުފިޔާ އެވެ. އެއީ ޖުމްލަ 85000 ރުފިޔާ އެވެ. އެ އަދަދު އުނިކޮށްފިނަމަ ދެން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ޖުމްލަ 160،125 ރުފިޔާ އެވެ.
އެގާނޫނު އެގޮތަށް އޮތްކަމުގައިވާނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ މަނީ ލޯންޑަރިން ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތު ވެއްޖެނަމަ އެގާނޫނުގެ ދަށުން އެމަނިކުފާނަށް ވެސް އެ އިނާޔަތްތައް ލިބިވަޑައި ނުގަންނަވާނެއެވެ.
ރައީސް ނަޝީދަށް އަމާޒުކުރައްވައި 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ވެސް ގެނެސްފައެވެ. އެގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރަށް އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ނުލިބޭނެ ކަމަށެވެ. އެ ގާނޫނު ފާސްކުރިއިރު ރައީސް ނަޝީދު އޭރު ހުންނެވީ އެމްޑީޕީގެ ރައީސްގެ ގޮތުގައި 13 އަހަރުގެ ޖަލު ހުކުމެއްގައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފައެވެ.







