ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 19:27
މޫދުގޮއްޔެގެ ޕަޑީ އިންޓަނޭޝަނަލް ވިމެންސް ޑައިވް ޑޭ ގެ ޑައިވްގެ ބައިވެރިން
މޫދުގޮއްޔެގެ ޕަޑީ އިންޓަނޭޝަނަލް ވިމެންސް ޑައިވް ޑޭ ގެ ޑައިވްގެ ބައިވެރިން
މޫދުގޮއްޔެ
މޫދު ގޮއްޔެތަކާއެކު ކުރެވުނު ތަފާތު ދަތުރު
 
މި އަހަރުގެ ހަަރަކާތުގައި ދެ ސަރަހައްދަކަށް ވަނީ ޑައިވްކޮށްފަ
 
މިއީ ރާއްޖޭގައި މި ދުވަސް ފާހަގަ ކުރާ ހަތަރު ވަނަ އަހަރު
 
ޕަޑީ އިންޓަނޭޝަނަލް ވިމެންސް ޑައިވް ޑޭ ފާހަގަކުރުމުގެ ގޮތުން 40 ދިވެހި އަންހެން ޑައިވަރުން ޑައިވް ކުރި

ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ފިރިހެނުން ކުރާކަމެއްގެ ގޮތުގައި އޮތް ޑައިވިންގެ މަސައްކަތަކީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ވެސް ކުރެވޭނެ ކަމެއްކަން މޫދުގޮއްޔެތައް މިވަނީ ސާބިތު ކޮށްދީފައެވެ. ރާއްޖޭގެ އަންހެން ޑައިވަރުންގެ މެދުގައި އުފެދިފައިވާ އޮންލައިން ސޮސައިޓީއިން މިވަނީ ހަމަ އެކަނި އަންހެން ޑައިވަރުން ބައިވެރިވި ޑައިވްގެ ހަރަކާތެއް ނިންމާލާފައެވެ.

ޕަޑީ އިންޓަނޭޝަނަލް ވިމެންސް ޑައިވް ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަރަކާތުގައި 40 ދިވެހި އަންހެން ޑައިވަރުން ވަނީ ބައިވެރިވެ ދެ ސަރަހައްދަކަށް ޑައިވް ކޮށްފައެވެ. ހަރަކާތުގެ ބައިވެރިން ވަނީ ހަމައެކަނި އަންހެން ޑައިވަރުންނާ އެކު މި ހަރަކާތް ކުރިއަށް ގެންދެވޭތީ ވަރަށް ހިތްހަމަ ޖެހޭކަމަށާއި އަންހެނުންނަކީ ކޮންމެ ކަމެއްވެސް ކުރެވޭ ފަދަ އެމްޕަވަރިން ބައެއްކަން މި ހަރަކާތުގެ ސަބަބުން އިހްސާސް ކުރެވޭ ކަމަށް ބުނެފައެވެ.

ޕަޑި އިންޓަނޭޝަނަލް ވިމެންސް ޑައިވް ޑޭ އަކީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގް އިންސްޓްރަކްޓާރސް އިން ޑައިވިން އަކީ ހުރިހާ ޖިންސެއް އަދި އުމުރުފުރާއެއްގެ މީހުންނަށް ވެސް ކުރެވޭނެ ކަމެއްކަން ދައްކުވައި ދިނުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ރާއްޖޭގައި މި ދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ.

މި ދުވަސް ރާއްޖޭގައި ފާހަގަ ކުރާތާ މިއަދަށް ހަތަރު އަހަރު ފުރޭއިރު މިއަދުގެ ޑައިވިން ހަރަކާތުގައި ބައިވެރިވި ޑައިވަރުންގެ ފުރަތަމަ މަންޒިލަކަށްވީ މިޔަރު ފަރެވެ. މިޔަރު ފަރާ ހަމައަށް ދެވޭނެ ވަގުތަކަށް ދަތުރުގެ ބައިވެރިން ތިބީ ކެތްމަދުވެފައެވެ. ކޮންމެ ބައިވެރިއެއްވެސް ބުނަމުން އައީ މިފަދަ ދުވަހެއް ފާހަގަ ކުރެވިގެން ދިއުން އެއީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައެވެ. ދުވަހުން ދުވަހަށް ޑައިވިން ކޯސްތައް ހަދައިގެން މިދާއިރާއަށް ނުކުންނަ އަންހެންކުދިންގެ އަދަދު ގިނަވާކަން ދަތުރުގެ ބައިވެރިން ވަނީ ހިއްސާކޮށްފައެވެ. އަދި ހާއްސަކޮށް ޕަޑީ އިންޓަރނޭޝަނަލް ޑައިވް ޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދުރާލާ ކޯސް ހަދައިގެން އައި ކުދިންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ދަތުރުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

މޫދު ގޮއްޔެގެ މި ހަރަކާތުގައި ހަރަކާތްތެރިވެފައިވަނީ ސެޓިފައިޑް ދިވެހި ޑައިވަރުންނެވެ. ޑައިވް އިންސްޓަރަކްޓަރުން އަދި ޑައިވް މާސްޓާރސް ހިމެނޭ މި ޕްރޮފެޝަނަލް ޓީމްގެ ބައިވެރިން ޑައިވަށް ތައްޔާރުވުމުގައި ދައްކާފައިވާ ފަރިތަކަމުން މިއީ އަންހެނުންނަށް ވެސް އެއްވެސް އުދަގުލެއްނެތި ކުރެވޭނެ ކަމެއްކަން ސާބިތުވެއެވެ. އަންހެނެއްގެ ހައިސިއްޔަތުން ފަހުރުވެރިކަމާ އެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވީ ޒޫނާ އާއި އަނާއަކީ ރާއްޖޭގައި ތިބި ތިން ކޯސް ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުން ކަމެވެ.

މިޔަރު ފަރަށް ޑައިވިން އަށް ދަތުރުގެ ބައިވެރީން ފުންމާލަން ތައްޔާރުވަމުން ދިޔަ އިރު ޑައިވްގެ ބްރީފިން އަރުވާފައިވަނީވެސް ކުޅަދާނަ ދިވެހި އަންހެން ޑައިވަރެކެވެ. ފާއިތުވި 25 އަހަރު ތެރޭގައި 10 އަންހެން ޑައިވް އިންސްޓްރަކްޓަރުން ޑައިވިން އަށް ނުކުމެފައިވާ އިރު މި އަހަރުގެ މިހާތަނަށް ތިން ޑައިވަރުން ވަނީ އިންސްޓްރަކްޓަރުންގެ ލައިސަންސް ހޯދާފައެވެ. މިޔަރު ފަރުގައި ޑައިވަރުންވަނީ ކަނޑު އަޑީ 45 މިނެޓް ހޭދަކޮށްފައެވެ.

މިޔަރު ފަރުން އެރުމަށްފަހު ދަތުރުގެ ބައިވެރީން ދެން މިސްރާބުޖެހީ ޑައިވް ކުރަން ހަމަޖެހިފައިވާ ދެވަނަ ސަރަހައްދު ކަމަށްވާ ކުޑަ ގިރި އަށެވެ. 45 މިނެޓްގެ ޑައިވް ނިންމާލާފައި މައްޗަށް އެރިއިރު ޑައިވަރުންގެ މޫނު މަތިން ވަރުބަލި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ފެރީއަށް އެރުމާ އެކު ދައްކަން ފެށުނީ ދެވަނަ މަންޒިލަށް ދިއުމުގެ ވާހަކައެވެ. ފުރަތަމަ ފަހަރަށްވުރެ ގިނަ އިރު ދެވަނަ ފަހަރު ކަނޑު އަޑީގައި ހޭދަކޮށްލަން ބޭނުންވާ ވާހަކައެވެ.

ޕަޑީ އިންޓަނޭޝަނަލް ޑައިވެ ޑޭ ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ މަންމަ އިންނަށް މޫދަކޫ ބިރުވެރި ތަނެއްނޫންކަމަށާއި ދަރިން ގޮވާގެން އައިސް މަޖާ ކޮށްލުމަށް އެކަށީގެންވާ ރައްކާތެރި ތަނެއްކަން ދައްކާދިނުން ކަމަށް ޑައިވްގެ ބައިވެރިން ބުނިއެވެ. އަލަށް މި ދާއިރާއަށް ނުކުންނަށް ބޭނުންވާ ކުދިންނަށް މިހާރު ވަރަށް ބައިވަރު ފުރުސަތުތައް އެބަހުރި ކަމަށާއި ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް މިކަން ކުރެވޭނެކަމަށް ހަރަކާތުގައި ބައިވެރިވި ޑައިވަރުން ވަނީ ބުނެފައެވެ.

އެއްގަޑި އިރު ކަނޑު މަތީގައި ހޭދަ ކުރުމަށް ފަހު ޑައިވް ކުރުމަށް ހަމަޖެހިފައިވާ ދެވަނަ ސަރަހައްދަށް ޑައިވަރުން ފޭބިއެވެ. ކަނޑު އަޑީގައި ގަޑި އެއްހާއިރު ހޭދަ ކުރުމަށް ފަހު ބައިވެރިން ފެރީއަށް އެރީ ކާމިޔާބު ޑައިވް ދަތުރެއް ކުރިއަށް ގެންދެވުނު ކަމުގެ ޔަގީންކަމާއެކުއެވެ.

މޫދު ގޮއްޔެއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ޑައިވިން ހަރަކާތުގައި ގިނަ ޒުވާން އަންހެން ކުދިންވަނީ ބައިވެރިވެފައެވެ. ޑައިވްގައި ބައިވެރިވި އެންމެ ހަގު ބައިވެރިޔާގެ އުމުރަކީ އެންމެ 17 އަހަރެވެ. އުމުރުން 10 އަހަރުން ފެށިގެން އޯޕަން ވޯޓާ ޑައިވިންގެ ސެޓްފިކެޓް ހާސިލް ކުރުމުގެ ފުރުސަތު ދިވެހި ކުޑަކުދިންނަށް މިހާރު ވަނީ ހުޅުވާޅެވިފައެވެ.

"ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން މަދުކުރުމަށް ވީހާވެސް ގިނަ ބަޔަކަށް އެންގުމުގެ ގޮތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ތިމާވެއްޓާ ރައްޓެހިކޮށް "ޒީރޯ ވޭސްޓް" ގެ އަޒުމުގައެވެ. ޑައިވް ނިންމާލުމަށް ފަހު މެންދުރުގެ ކެއުމަށް ޑައިވަރުން މިސްރާބްޖެހީ ކ.މާފުއްޓަށެވެ. މާފުށީގެ ގެސްޓް ހައުސް އަދި ރެސްޓޯރެންޓް ތަކުން ކެއުމުގެ ބަދަލުގައި ދަތުރުގެ ބައިވެރިންގެ ކެއުން އިންތިޒާމް ކުރުމުގެ ކަންތައްތައް ހަމަޖައްސާދިނީ މާފުށީގެ އަންހެނުންނެވެ. މިއީ މިކަމުން ކުރެވޭ ހަރަދަކީ އޭގެ ސަބަބުން އަންހެނުންނަށް ފައިދާ ކުރާނެ ހަރައްދެއްކަމުގައި ހެދުމަށެވެ.

ދަތުރު ނިންމާލުމަށްފަހު މާލެއަށް ޑައިވަރުން ފުރީ ޖެހިގެން އަންނަ އަހަރުގެ ޕަޑި އިންޓަނޭޝަނަލް ވިމެންސް ޑައިވް ޑޭ އަށް އިންތިޒާރުކުރަމުންނެވެ. އަޅުގަނޑުވެސް ދެން އަންނަ އަހަރުގެ ޑައިވް ހަރަކާތުގައި ބައިވެރިވުމުގެ ޝައުގު އުފައްދާފައެވެ. މޫދުގޮއްޔެތަކާއި އެކު ކުރެވުނު ދަތުރު ވަރަށް ވެސް ތަފާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
0%
8%
25%
ކޮމެންޓް
20 ޖުލައި 2019 | ހޮނިހިރު 20:03
ފިރިހެނެއް
ގޮއްޔެ ނުކިޔާ މޫދު ކަމަނަތަކާ މޫދު ދޫނިތަކާ މޫދު ގޮމަތަކާ