މާލެ ސިޓީގެ މަގުމައްޗަށް ކުޅު ޖެހުން މަނާ ކުރަން ކައުންސިލަށް ހުށަހަޅައިފި
17 މެއި 2019 | ހުކުރު 09:31ކުޅުން ޖެހުން މަނާ ކުރަން ހުށަހެޅީ މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު ޝާމިރު

މަގުމަތީގައި ސިނގިރޭޓް ބުއިން މަނާކުރަން ނިންމި ބައްދަލުވުމުގެ ތެރެއިން
މާލެ ސިޓީގެ މަގުމައްޗަށް ކުޅު ޖެހުން މަނާ ކުރަން ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.
ކުޅުން ޖެހުން މަނާ ކުރުމަށް ސިޓީ ކައުންސިލަށް ހުށަހެޅީ މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޝާމިރެވެ.
މިހުށަހެޅުމުގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުމައްޗަށް އާންމުކޮށް މާލޭގައި ދިރިއުޅޭ ބިދޭސީން، ޚާއްސަކޮށް ގިނަ އަދަދަކަށް ބަނގްލަދޭޝް މީހުން ކުޅު ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އުފެދެމުންދާ ބަލިމަޑުކަންކަމަށް ހައްލެއް ގެނައުމަށްށާއި، މާލެ ސިޓީގެ މަގުތަކަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިސިޓީގެ މަގުތަކަށް ކުޅު ޖެހުމަކީ މަނާ ކަމެއް ކަމަށް ނިންމުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މާލޭގެ މަގުތަކަށް ކުޅު ޖެހުން މަނާކުރުމަށް ހުށަހަޅާފައިވާއިރު މިމަހުގެ 16 ވަނަ ދުވަހު މާލޭ މަގުމަތީގައި ސިގިރޭޓް ބުއިން މަނާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ސިގިރޭޓް ބުއިން މަނާކުރަން ނިންމިނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނީ 6 މަސްދުވަސް ފަހުންނެވެ.






