ކ. މާލެ
|
20 އޭޕްރިލް 2019 | ހޮނިހިރު 17:15
އަލީ ޝަރީފް، އޭނާގެ ކުދިންނާއެކު
އަލީ ޝަރީފް، އޭނާގެ ކުދިންނާއެކު
ރާއްޖެ އެމްވީ
މަޖީދިއްޔާ ސުކޫލް
މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
ކެޕްސޫލް ހަލާކުވެފައި އޮތްއިރު، ބައެއް ތަކެތި ފެނިފައިވޭ
ސިޓީގައި ވަނީ އޭރުގެ މާލެ ވަރަށް ފުރިހަމައަށް ސިފަކޮށްދީފައި

މަޖީދިއްޔާ ސުކޫލަކީ ރާއްޖޭގެ އެންމެ ދުވަސް ވީ ސްކޫލެވެ. އެ ސުކޫލްގެ ދަރިވަރުން ވަނީ އެ ސުކޫލަށް 100 އަހަރު ފުރުމުން ނަގާ ގޮތަށް, 1992 ވަނަ އަހަރު ޓައިމް ކެޕްސޫލެއް ވަޅުލައިފައެވެ. އެ ސްކޫލަށް 65 އަހަރު ފުރުމުގެ މުނާސަބަތުގައި ވަޅުލި އެ ކެޕްސޫލަކީ، 2000 ލީޓަރުގެ ބޮޑު ހަމެކެވެ.

މި ޓައިމް ކެޕްސުލް ވަޅުލި މަގުސަދަކީ ކާފަދަރިންނާއި ފަހުގެ ޖީލުތަކަށް ސުކޫލްގެ ވާހަކަތަކާއި، ތާރީހް ގެންގޮސްދިނުމަށެވެ. ކާފަމެން ނުވަތަ މުނިކާފަމެން މަދަރުސީ ތައުލީމް ހާސިލްކުރިގޮތާއި، އޭރުގެ ވާހަކަތައް ކިޔައިދެވޭނެކަމުގެ އުއްމީދުގަ އެވެ. އެގޮތުން، އޭރުގެ ދަރިވަރުންގެ ޔުނީފޯމްތަކާއި، އެކިއެކި މެޑްލަތަކާއި، ކާމިޔާބީތަކުގެ ތަށިތަކާއި، ސިޓީތަކާއި، ހަނދާނީ ލުޔުމާއި، މިއުޒިކް ރޯލްތަކަށްދާންދޭން ކެޕްސޫލަށް ލާ ރައްކާކުރި އެވެ.

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު ބައެއް ތަކެތި -- ފޮޓޯ: މިހާރު އޮންލައިން

މަޖީދިއްޔާ ސުކޫލްގެ ގޯތި ތެރޭގައި (މިހާރު ދަރުމަވަންތަ ސްކޫލް ގޯތިތެރެ) އެ ޓައިމް ކެޕްސޫލް ވަޅުލިއިރު، 27 އަހަރު ފަހުން އެ ކެޕްސޫޫލް ނަގަންޖެހިދާނެކަމަކަށް އުއްމީދެއް ނުކުރާނެ އެވެ. އެ ކެޕްސޫލް ގެއްލިގެން އެންމެ ފަހުން ކޮނެގެން ހޯދިއިރު، ވަރަށް ގިނަ ވާހަކަތައް ރައްކާކޮށްފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން މި ހިއްސާކޮށްލަނީ، މަޖީދިއްޔާގެ މުސްކުޅި ދަރިވަރަކު އޭނާގެ ކާފަ ދަރިންނަށް ލިޔެފައިވާ އަސަރުން ފުރިގެންވާ ސިޓީއެވެ.

އަލީ ޝަރީގް އޭނާގެ ކާފަ ދަރިންނަށް، ލިޔެއްފައިވާ އެ ސިޓީގައި މާލެ އޭރުގައި އޮތް ގޮތާއި، މަޖީދިއްޔާ ސުކޫލް އޮތް ގޮތްވެސް ވަނީ ސިފަކޮށްދީފަ އެވެ. 1962 ދެވަނަ އަހަރު މަޖީދިއްޔާއިން ތައުލީމް ހާސިލްކުރި އަލީ ޝަރީފް ސިޓީ ފައްޓާވާފައިވަނީ އެ ދުވަސްވަރު މާލެ އޮތް ގޮތް ކާފަ ދަރިފުޅަށް ސިފަކޮށްދޭނީ ކިހިނަކުންތޯ ސުވާލުކުރަމުންނެވެ. 

އަލީ ޝަރީފް ކަނާތުން ދެ ވަނަ އަށް -- ފޮޓޯ: އާއިލާ

އޭރުގެ މާލެ ސިފަކޮށްދެމުން އަލީ ޝަރީފް ބުނެފައިވަނީ..

"މާ އުސް އިމާރަތްތަކެއް ނެތް ނަމަވެސް، މާލެ ވަށައިގެން އުސް ބޮޑެތި ގަސްތައް ހެދިފައިހުރެއެވެ. ކުޅިވަރުކުޅޭނެ ހުސް ބިންތައް އޮވެއެވެ. ކޮންމެ މިސްކިތެއްގެ ވަޅުންވެސް ކަރުހިއްކުން ފިލާވަަރަށް ފެންބޯލާކަށް ބަލާނެކަމެނެތެވެ. އަދި މީރު ފެނުނު ކޮންމެ ގެޔަކުންވެސް ފެންވަރާލެވޭނެ އެވެ."

"ބަބުކެޔޮ ގަހެއް ނުވަތަ އަނބުގަހެއް ނެތް ގެޔެއް މަދުވާނެ އެވެ. އެކި ބާވަތްތަކުގެ ފަތްޕިލާވެލި ކެއުމަށްޓަކައި ގަންނާކަށް ނުޖެހޭނެ އެވެ. ބުއިމަށްޓަކައި ރޯބަކަރި ކިރަކީވެސް އުނދަގުލާ ނުލާ ކޮންމެ މީހަކަށްވެސް ލިބޭ އެއްޗެކެވެ. ކާފަ ގޭގައި އިލެކްޓްރިކް ފަންކާއެއް ނެތަސް، ގުދުރަތީ ރީތަ ނަލަރޯޅި ގޭގެ އެއްދޮރުން ވަދެގެން އަނެއްދޮރުން ނިކުމެގެންދާއިރު ގޭގައިވާ ހިޔާބޮޑެތި ގަސްގަހުގެ ފިނިން އިކެޓްރިކް ފަންކާއެއް ބޭނުން ކުރާކަށްނުޖެހެއެވެ. 

1960ގެ އަހަރު ތަކުގައި މާލެ -- ފޮޓޯ: ކެސްޓޯ

އެހާ ނަލަކޮށް، އޭރުގެ މާލެ ސިފަކޮށްދިނުމަށްފަހު، ކާފަ ވަނީ ދަރިންގެ ކިބައިން މައާފަށް އެދިފަ އެވެ. އެ މާލެ، އަދުގެ ޖީލުތަކަށް ފޯރުކޮށް ނުދެވުނީތީ އެވެ. މާފަށް އެދި ކާފަގެ އެ ސިޓީގައި ބުނެފައިވަނީ.. 

"ކާފަމެންގެ ދަހިވެތިކަމުން މި ރީތިވެށި ދަރިފުޅުމެންގެ ބައްޕަމެންނަށްވެސް ފޯރުކޮށެއް ނުދެވުނެވެ. އަދި ދަރިފުޅުމެން މިހާރު ތިޔަ އުޅޭ ހާލާއިމެދު ދެރަވެ ހިތާމަ ކުރަމެވެ."

ބައްޕަގެ އެ ދުވަހުގެ ވާހަކަތައް ރާއްޖެ.އެމްވީއަށް ކިޔައިދެމުން އަލީ ޝަރީފްގެ އެންމެ ދޮށީ ދަރިފުޅު، މުހައްމަދު ޝަރީފް ބުނީ، މަޖީދިއްޔާއަށް 100 އަހަރު ފުރުމުން ނަގާގޮތަށް ޓައިމް ކެޕްސޫލެއް ވަޅުލުމަށް އެޅޭކަމަށް ބައްޕައަށް ދެންނެވުމުން، ކާފަ ދަރިންނަށް ސިޓީއެއް ލުމަށް ބޭނުންވާކަމަށް ބައްޕަ ބުނި ކަމަށެވެ. އަދި ބައްޕަ ސިޓީ ލިޔެފައި ދެއްވުމުން އެ ސިޓީ، ޓައިމް ކެޕްސޫލަށް ލީ އޭނާކަމަށާއި، ނަމަވެސް އެ ސިޓީގައިވާ އެއްޗެއް އެއްވެސް ވަރަކަށް ކިޔާފައިނުވާނެ ކަމަށެވެ.

އެ ސިޓީގައިވާ އެއްޗެއް މުހައްމަދު ޝަރީފަށްވެސް ފެނުނު މިއީ ފުރަތަމަ ފަހަރު އެވެ. 

1960ގެ އަހަރު ތަކުގައި މާލެ -- ފޮޓޯ: ކެސްޓޯ

އަލީ ޝަރީފަށް ކާފަކިޔާ ތިން ކުދިން މި ވަގުތު ދުނިޔޭގައި ތިބިިއިރު، އެންމެ ދޮށީ ކާފަ ދަރީގެ އުމުރަކީ 13 އަހަރު އެވެ. އެހެންކަމުން އަލީ ޝަރީފް މީގެ 27 އަހަރުކުރިން ޝަރީފް އެ ސިޓީ ލިޔުނު އިރު އެންމެ ކާފަ ދަރިޔަކުވެސް ނުހުންނާނެ އެވެ. ނަމަވެސް ކާފަ ދަރިންނަށް ދެއްވި ސިޓީ ބައްލަވާށެވެ.

1992ގެ މާލެ، ނުވަތަ 1962ގެ މާލެ ހިތަށް ގެންނަވާށެވެ. އެ މާލޭގެ ރީތީކަމާއި، ފެހިކަމާއި، އެ ހިތް ފަސޭހަ ދިރިއުޅުމެވެ. ނަމަވެސް އޭގެ ގާތް ގަނޑަކަށް 27 އަހަރު ފަހުން މާލެ ބައްލަވާށެވެ.

އަލީ ޝަރީފް (ވ) -- ފޮޓޯ: އާއިލާ

މިއަދު މި މާލޭގައި ފިނި ވައިކޮޅެއް ލިބޭނެ ބޮޑު ގަހެއް ނެތެވެ. ސާފު ފެންފޮދެއް ލިބޭ މިސްކިތު ވަޅެއް ނެތެވެ. ކުޅެލަން ގޮސް، ދުވެލާނެ ހިތް ފަސޭހަ މާހައުލެއް ނެތެވެ. ބޯނެ ފެންފޮދެއްވެސް، ކިރު ފޮދެއްވެސް، ކާނެ ފަތްޕިލާވެލީގެ ބާވަތެއްވެސް މި ލިބެނީ ބޮޑު އަގުދީފަ ގަނެގެންނެވެ. 

މަޖިއްދިއްޔާގެ ޓައިމް ކެޕްސޫލުން، ކާފަ ދަރިންނަށް ދޫކުރި ސިޓީން އެތައް މެސެޖެއް އެ ވަނީ ދީފަ އެވެ. އެ ދުވަހު އެ ކާފަ، މިއަދުގެ މާލެ ސިފަކޮށް، މައާފަށް އެދުނުއިރު، އަޅުގަނޑުމެންގެ ކާފަ ދަރިންނަށް މާލެ ފެންނާނެގޮތް ވިސްނަވާށެވެ. މިއީ މި ވެށި ހިމާޔަތްކޮށް، ރައްކާތެރިކުރަން ތެދުވުމަށް ކާފަދިން ވަރުގަދަ މެސެޖެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
20 އޭޕްރިލް 2019 | ހޮނިހިރު 21:10
ޚަލީފާ
އެވަރުގެ އަސަރުގަދަ ސިޓީއެެއް ނޫން މިއީކީ.