ކ. މާލެ
|
19 އޭޕްރިލް 2019 | ހުކުރު 16:30
ކެންޓީނުގައި ޒުނެއިރާ އާއި މިނިސްޓްރީގެ އެހެން މުއައްޒަފެއް ސައިބޯން ހެދިކާ ނަގަނީ
ކެންޓީނުގައި ޒުނެއިރާ އާއި މިނިސްޓްރީގެ އެހެން މުއައްޒަފެއް ސައިބޯން ހެދިކާ ނަގަނީ
ރާއްޖެއެމްވީ
ރިޕޯޓް
ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
 
އާމްދަނީ ހޯދަން ވަޒީފާގެ އިތުރުން ހެދިކާ ހަދާތާ 10 އަހަރު
 
ޒުނެއިރާ ސިވިލް ސާވަންޓެއްގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރާތާ 21 އަހަރު

ބުރާސްފަތި ދުވަހުގެ ހެނދުނެވެ. ޕްލޭނިންގ މިނިސްޓްރީގައި އޮތް އިވެންޓެއް ކަވަރ ކުރަން ގޮސް މިނިސްޓްރީގެ ދޮރުން އެތެއަށް ވަން ތަނުން ދިމާވީ، ދެބެންގެ ދެދަރި ކޮއްކޮއެކެވެ. ކެމެރާއާއި މައިކުފަދަ ތަކެތި ފެނުމުން އަަހަރުމެން އެތަނަށް ދިޔަ ސަބަބު އޭނާ ދެނެގެންފިއެެވެ. އަދި އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި ތިކަމާ ގުޅޭ އިވެންޓް ނުފެށޭކަމަށް ބުންޏެވެ.

އަހަރެންވެސް ގަޑިއަށް ބަލާލީމެވެ. އިވެންޓް ފަށަން އަދި 15 ވަރަކަށް މިނެޓް ހުއްޓެވެ. އޭރު އަދި 8.45 އެވެ. ދެބެންގެ ދެދަރި ކޮއްކޮ ޝާމީ، އަޅުގަނޑު ގާތުގައި ގަޑިޖެހެންވާއިރަށް ކޮފީއެއް ބޯލަން ހިނގާށޭ ބުންޏެވެ. އެކަމަމު ތަނަކަށްގޮސް ކޮފީއެއް ބޮއިގެން އަންނާނެހާ ވަގުތު ނެތް ނޫންހޭ ބުނީމެވެ. އޭނާ އިޝާރާތްކޮށްލީ އޮފީހުގެ ވައަތް ފަރާތުގައި ހުރި ސައިކޮޓަރިއަކަށެވެ. އެތަނުގައި ބޭނުން ވައްތަރެއްގެ ހެދިކާއާއި، ކޮފީ، އަދި ސައި ބޮވެން ހުންނާނެކަމަށް ބުނެ އެއްގޮތަަކަށްވެސް ކުރެއް ނުކުރިއެވެ. އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަނެ އެދިމާލަށް ގެންދިއުމާއެކު އަޅުގަނޑުގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ސައިކޮޓަރީގެ ދޮރުކައިރީގައި ތަތްކޮށްފައި ހުރި ކަރުދާސްގަނޑުގައި ލިޔެފައި އޮތް އެއްޗެވެ.

އޭގައި އޮތީ "ތެދުވެރި ކަސްޓަމަރުންގެ އިންޓަވްލް ސްޕޮޓް"، "ބީ އޮނެސްޓް" މިހެންނެވެ. މީގައި ލިޔެފައި އެ އޮތް އެއްޗަކާއިމެދު ވިސްނަމުން އޭނާއާއި އެކު އެތެރެއަށް ވަދެއްޖައީމެވެ. ކުރިމަތީގައި ހުރި ހެދިކާ ހަރުގަނޑުގައި ނަންހުސްކޮށް ހެދިކާ ހުއްޓެވެ.

 

"ތެދުވެރި ކަސްޓަމަރުންގެ އިންޓަވްލް ސްޕޮޓް"

ކުޅިބޯކިބާ، ގުޅަ، ދަނޑިއަލުވި ބޯކިބާ، ހަވާދުލީ ބިސް، ސޭންޑްވިޗް، މަސް ބަނަސް، ހޮޓްޑޯގް، ބަރގަރ، ރިހަފޮޅި، ކެރަމަލް ފޮޅި، ކޭކް، ބިސްކީމިޔާ، ކަވާބު، ގަބުޅިބޯކިބާ މިހެން ގޮސް އަދިވެސް އެތާހުރި އެތައް ހެދިކާއެއް ކިއިދާނެއެވެ. ހެދިކާ ހަރުގަނޑަށް ބަލާލުމުން އެއީ ސީދާ ދިވެއްސެއްގެ އަތުން ތައްޔާރުކޮށްފައިވާ، 'ހޯމް މޭޑް' ހެދިކާކަން ދެނެގަނެވުނެވެ.

ޒުނެއިރާ ތައްޔާރުކުރާ ހެދިކާ

އަހަރެން ތައްޓަކަށް ކުޅިބޯކިބާ ފޮއްޗަކާއި، ގަބުޅި ބޯކިބާ ފޮއްޗެއް ލައިގެން މާ ނުކާމީހަކަށް ހެދިގެން ގޮސް އެ ކެންޓީނުގެ މޭޒުދޮށުގައި އިށީނދެއްޖައީމެވެ. ޝާމީ ސައިތޯ ކޮފީތޯ އެހުމުން އަހަރެން ބޯނީ ސައިތައްޓެއްކަމަށް ބުނުމުން އޭނަ ސައިތަށި ހަދަންފެށިއެވެ. ތަނުގައި ހުރީ ބޮޑު އެއް މޭޒެވެ. މޭޒުގެ ދެފަރާތުގައި އެމިނިސްޓްރީގެ އަންހެން މުއަައްޒަފުންތަކެއް ސައިބޯން ތިއްބެވެ. އެމީހުން ވަރަށް ހިތްހެއުކަމާއި އެކު ހިނިތުންވެލިއެވެ.

"ތެދުވެރި ކަސްޓަމަރުންގެ އިންޓަވްލް ސްޕޮޓް"ގައި މުއައްޒަފުންތަކެއް ސައިބޮނީ

އޭރު އަހަރެންގެ ހިތުގައި ސުވާލުތައް ފުނިޖެހެނީއެވެ. މިތަނަށް ވަދެ މިތިބީ ބޯޑުގައި އޮތްގޮތަށް ތެދުވެރި ކަސްޓަމަރުންނެވެ. އެކުދިން ޚިޔާލެއް ފިކުރެއްނެތި އަރާމުކޮށް ސައިބޯލައި ކުޑަކޮށް އަނގަތަޅާލަމުން ދިޔައެވެ. އަހަންނަށްވެސް ދޯ އެއްލާލައެވެ. އޭރުވެސް ސިކުނޑީގައި އެނބުރެމުންދިޔަ ދިޔައީ ސުވާލުތަކެވެ. މިއީ ކިނިހެއް ހިންގާ ކެންޓީނެއްބާއެވެ. ލާރި ކަނޑާނެ ސޭޓެއް، ހެދިކާ ނަގައިދީ ހަދާނެ މީހެއް ވެސް ނެތެވެ. އެމީހަކު ބޭނުން ހެދިކާއެއް އަމިއްލައަށް ނަގައިގެން ސައިބޯންވީއެވެ. ސައިހަދަންވީއެވެ. ކޮފީ ހަދަންވީއެވެ.

 

ޒުނެއިރާ 

ޝާމީ ސައިތަށި ހިފައިގެން އައިސް އަހަރެންގެ މަގަތުގައި އިށީނުމުން ސުވާލުތައް އޮއްސާލީމެވެ. ކުޑަކޮަށް ވައިއަޑުން އަހާލެވުނެވެ. މީ ކާކު ހިންގާ ކެންޓީނެއް ހެއްޔެވެ؟ އެ ކެންޓީނުގައި އޮންނަ އުސޫލު ސާފުކުރާ ހިތްް އޮތްލެއް ބޮޑުކަމުން ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައީމެވެ. އަހަރެން ކުރި ހުރިހާ ސުވާލެއްގެ ޖަވާބު އޭނާ ދީ ނިމުނު އިރު، ހެދިކާކޮޅު ހުސްވެއްޖެއެވެ. ސައި ނުބޯން ވަރުދެއްކި މީހާއަށް ޖެހުނީ އަނެއްކާވެސް އަނެއް ހެދިކާތަށި ގެންނާށެވެ. ހާދަހާވާ މީރެވެ. ރަހަތަށް އެހާމެ ހެޔޮވަރުވެފައި ދިވެހިވަންތައެވެ.

އަހަރެން އޮޅުންފިލުވަން ބޭނުންވާ ސުވާލުތަކުގެޖަވާބު ލިބުނުއިރު، އެ ކެންޓީނު ހިންގައި، ހެދިކާ ހަދަނީ ޕްލޭނިންގ މިނިސްޓްރީގެ ސްޓާފެއްކަން އެނގުމުން އޭނާއާއި ބައްދަލުކޮށްލުމުގެ ޝައުގުވެރިކަން ބޮޑުވެއްޖެއެވެ. ޝަމީ އިޝާރާތްކޮށްލީ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެބުނާ ދައްތަ އެފަރާތުގައި އެބައުޅޭކަން އެނގުމުން ސައިބޮއިގެން ނުކުމެގެން ދަމުން ވާހަކަ އަޅުވާލާނީއޭ ހިތަށް އަރައި އިންދާ އަހަރުމެން ތިބިތަނަށް އައިސް ވަނީ ފަންސާހަކަށް އަހަރުގެ ދައްތައެކެވެ. ވަދެގެން އައީވެސް އެތާގައި ހެދިކާ ނަގަން ތިބިކުދިންނާއި ހީ ސަމާސާކުރަމުން ހެވި ދިލިފައި ހުރެގެންނެވެ.

ޕްލޭނިންގ މިނިސްޓްރީގައި މަސައްކަތް ކުރާތާ 21 އަހަރު

ހަމަ ވަނުމާއި އެކު އެ ދައްތަގެ ހިތްހެޔޮކަން މޫނުމަތިން ފާޅުވިއެވެ. އަހަރެން ސަލާމްކޮށްލާ ފޮޓޯއެއް ނަގާލިއަސް ހެޔޮހޭ އަހާލީމެވެ. ޖަވާބުގައި ބުނީ "ދަރިފު ބޭނުން ވަރަކަށް ފޮޓޯނަގަންވީއެވެ".

ދެން އަހަރެން އެހީ އެދައްތަގެ މި މަސައްކަތާއި، ކެންޓީނާއި ބެހޭ ގޮތުންނެވެ.

ޒުނެއިރާ އިބުރާހިމް ޕްލޭނިން މިނިސްޓްރީގައި އިޚްލާސްތެރިކަމާއެކު މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާތާ 21 އަހަރުވީއެވެ. ފިރިއަކާއި ނުލައި ތިން ދަރިންނާއި މާމަ ދަރިން ބެލަހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން، ވަޒީފާއިން އެކަނި ލިބޭ އެއްޗަކުން ކުލިދައްކައި ދެކޮޅު ނުޖެއްސޭތީ ގޭދެށު ފިހާރައަކަށް ހެދިކާ ހަދަމުން ވަޒީފާއަށް ކޮންމެ ދުވަހަކު ހެނދުނު އަންނަނީ އޭނާ ހިންގާ އޮފީހުގެ މުއައްޒަފުންގެ ކެންޓީނަށް ހެދިކާ ހިފައިގެންނެވެ. އަދި ކެންޓީނަށް ބޭނުންވާ އެހެނިހެން ސާމާނުވެސް މަދުނުކޮށް އެތަނުގައި ހުރެއެވެ.

ހެދިކާ ހަދަން ބޭނުންވާ ތަކެތި ބަހައްޓަނީ ރޭގަނޑު ކޮށާފައެވެ. ޒުނެއިރާ ބޮޑުފަތިހާހެލައެެވެ. ފަތިސް ނަމާދުކޮށްގެން އޮފީހަށް ދިއުމުގެ ކުރިން ހެދިކާގެ އެކިބާވަތްތައް ހަދައި ނިންމާލައެވެ. އޮފީހަށް ދަނީ ގޭދޮށު ފިހާރައަށް ހެދިކާ ލާފައެވެ.

ޒުނެއިރާގެ ހީވާގިކަމާއި ވަޒީފާގެ މަސައްކަތަށް އިޚްލާސްތެރިކަމާއި އެއްވަރަށް އޭނާއަކީ އޮފީހުގެ މުއައްޒަފުންގެ ލޯބި އިންތިހާއަށް ލިބިފައިވާ އޭނާގެ މަސައްކަތުގައި ނުހަނު ތެދުވެރި ކަނބަލެކެވެ.  

ކެންޓީނުގެ ހަރުގަނޑުގައި ހެދިކާތައް ބެހެއްޓުމާއި ހަމައިން އެކަމުން އަތް ދޫކޮށްލައެވެ. އެއަށް ވާނުވާ ބަލަން އެތަނުގައި ހުންނާކަށް ނުޖެހެއެވެ. ލާރި ކަނޑާ ސައި، ކޮފީ ހަދަން ހުންނާކަށްވެސް ނުޖެހެއެވެ. ކުޅިހެދިކާއެއްނަމަ 2 ރުފިޔާއަށެވެ. ކޮންމެ ފޮނި ހެދިކާއެއް ރުފިޔާއަށެވެ. ރަހައާއި އެތަކެތީގެ ސައިޒަށް ބަލާއިރު މީ ވަރަށް ރަނގަޅު އަގެކެވެ.

"އަޅުގަނޑު ހެދިކާ ގެނެސް ލީމަ ނިމުނީ. އެމީހެއްގެ ކަމެއް ސައިބޮއިގެން ތެދުވެރިކަމާއި އެކު ލާރި ބަހައްޓާފައި ދިއުމަކީ. ލާރި ނުލައި އަޔަސް ސައި ބޮއިގެން އެކުދިން އެލާރި ގެންނާނެ. އަދި މާރު ނުކުރެވުނަސް ފަހުން އެލާރި ހަމަކޮށްދޭނެ. މިތާކުދިންވެސް ވަރަށް ރަނގަޅު. ވަރަށް ތެދުވެރި އެއީ ބޭނުމަކީ އަޅުގަނޑަކީ މިތަނުގެ މަސައްކަތު މީހެއް. އަޅުގަނޑު ބުރަކޮށް އޮފީސް ގަނޑީގައި އުޅޭ ވަގުތު އެކަމަށް ވާގޮތް ބަލަން ކިހިނެއް ހުންނާނީ. އެކަން މިތާ ކުދިން ދަނޭ. އެއީ ވަރަށް ރަނގަޅު ހެއު ބައެއް" ޒުނެއިރާ ބުންޏެވެ.

ޕްލޭނިންގ މިނިސްޓްރީގެ ކެންޓީން "ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް" އަކީ މުއައްޒަފުންގެ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމުގެ ނަމޫނާ ފެނިގެންދާ ތަނެކެވެ. އެއާއިއެކު ޒުނެއިރާ އެ މުއައްޒަފުންނަށް ކުރާއިތުބާރުގެ ބަދަލުގައި އެ މުއައްޒަފުން އަންނަނީ ތެދުވެރިކަމާއި އެކު ނަމޫނާ ދައްކަމުންނެވެ.

ސައިބުއުމަށްފަހު ތަށި ދޮވުމަކީ އެމީހެއްގެ ކަމެއް

މުއައްޒަފުން އެކުވެރިކޮށް އެއްބައިވަންތަ ކުރުމުގެ ގޮތުން ކޮންމެ ބުރާސްފައްޗެއްގައި އޭނާ މުއައްޒަފުންނަށް ދިވެހި ކެއުން ތައްޔާރުކޮށްދެއެވެ.

ސައިބޮއި ކައި ހެދުމަށްފަހު ކެންޓީނުގެ ހެދިކާ ހަރުގަނޑާ ދިމާލުގައި ބަހައްޓާފައި ހުންނަ ލަކުޑި ކުޑަ ވަށިގަނޑަކަށް އެންމެންވެސް ލާރިލާފައި އެނބުރިދެއެވެ. ކުދި ރަބަރު ޕެކެޓްގައި ބަންދުކޮށްފައި ހުންނަ  ދުފާ އެއްޗެހި އަޅާފައި ހުންނަ ތަށިން އެ ނަގައި އެއަށްވާ ލާރި އެއަށް ލައެވެ. ސޭޓަކާއި ނުލައި އެއޮށް ކެންޓީނު ހިންގަނީއެވެ.

ހެދިކާ ހަދައިގެން ޒުނެއިރާއަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭކަމަށް އެނާ ކިޔައިދިނެވެ. ކެންޓީނަށް ހެދިކާ ހަދައިދީ އެމަސައްކަތުގައި 10 އަހަރުވީއިރު، އެތަނުގެ މުއައްޒަފުންނަށް ޒުނެއިރާ އިތުބާރުކުރެއެވެ.

"ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް" ގެ ޝައުގުވެރި މިވާހަކަ ނިންމާލުމުގެ ކުރިން އަދި ވެސް ތަފާތު ވާހަކައެއް އެބައޮތެވެ. ސައިބޮއެގެން، ސައިބޯ ޖޯޑާއި، ހެދިކާ އަޅާ ތަށިތައް ދޮވެ ހަދަނީ އެ ތައްޓެއް ބޭނުންކުރި މީހެކެވެ. ސާފުތާހިރުކަމަށް ލޯބިކުރާކަން އެ ކެންޓީނުގެ ތެރެއިން ކިތަންމެ ރަނގަޅަކަށްވެސް ފެނެއެވެ.

 

ކެންޓީން ފެންނަނީ ސާފުތަހިރުތަނެއްގެ ގޮތުގައި

ޒުނައިރާ ބުނިގޮތުގައި ހުރިހާވެސް ކަމަކީ ތެދުވެރިކަމެވެ. އޭނާ އެމަސައްކަތުގައި ދެމި ހުރެވުނީވެސް އެ މިނިސްޓްރީގެ ކެންޓީން ހިންގުމުގައި އެއްވެސް ދައްޗެއް ދިމާނުވެ، އެތަނުގެ މުއައްޒަފުން ތެދުވެރިކަމުންނެވެ.

ޒުނެއިރާގެ ހިތްވަރަށްވެސް ހަމަ ސާބަހެވެ. ތީ ފިސާރި ކަނބަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
3%
84%
2%
0%
1%
10%
ކޮމެންޓް
19 އޭޕްރިލް 2019 | ހުކުރު 16:33
Rashu kujjaa
Dhontha akee hama fisaari kanbale