ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 18:11
ޕީއެސްއެމް
މަގޭ ރިޕޯޓު
އިންތިހާބުގައި ސަރުކާރު ޓެގު އަޅުވައިގެން އުޅޭ ކެންޑިޑޭޓުން، އިދިކޮޅުގެ އަޑެއް ނެތް!
 
ސަރުކާރު ކެންޑިޑޭޓަކީ ކާކު ކަމެއް ސާފެއް ނުވޭ
 
ސަރުކާރުގެ ނަން ބޭނުންކޮށްގެން، ދަނީ ކެމްޕެއިން ކުރަމުން

އިންތިހާބުގައި ވާދަ ކުރާ ގިނަ މީހުން ބުނަނީ ތިމަންނާ ހުރީ ސަރުކާރާ އެކުގައި ކަމަށެވެ. ދާއިރާއަށް ތަރަައްގީ ގެނެވޭނީ އޭނާއަށް ވޯޓު ދީގެން ކަމަށެވެ. ސަރުކާރު އޮތީ އޭނާއާ އެކުގައި ކަމަށެވެ. އަމިއްލަ ކެންޑިޑޭޓަކަށް ވިޔަސް، ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވިޔަސް، ފެންނަނީ އެ މަންޒަރެވެ. އެ ކެންޑިޑޭޓުން ވަކާލަތު ކުރަމުން ދަނީ އޭނާއަކީ ސަރުކާރު ކެންޑިޑޭޓު ކަމަށެވެ.

އިންތިހާބެއްގައި މިހާ ގިނަ ސަރުކާރު ކެންޑިޑޭޓުން ވާދަ ކުރި ދުވަސް ވަރެއް އައި ހެއްޔެވެ؟ ސަރުކާރުގެ ނަން ބޭނުން ކޮށްގެން، ވޯޓު ހޯދަން މިހާ ވަރަށް މަސައްކަތް ކުރި އިންތިހާބެއް އައި ހެއްޔެވެ؟ ސަރުކާރު ކެންޑިޑޭޓަކީ ތިމަންނާ އޭ ބުނެ، ވަކާލާތު ކުރި ޒަމާނެއް ދެކުނީމު ހެއްޔެވެ؟

ސަރުކާރު ކެންޑިޑޭޓަކަށް ވާން ބޭނުން ވަނީ ކީއްވެގެން ހެއްޔެވެ؟ މި ސަރުކާރުގެ ނަން ބުނުމުން، އެހާ ފަސޭހައިން ވޯޓު ލިބެނީ ހެއްޔެވެ؟ ސަރުކާރު ވިއްކައިގެން ރައްޔިތުން ވޯޓު ދޭނެތޯއެވެ؟ ބޮޑު އަގުލަބިއްޔަތަކުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަކީ އެހާ ފަސޭހައިން ވޯޓު ލިބޭ ކަމެއް ތޯއެވެ؟ އާ ސަރުކާރަށް 126 ދުވަސް ވެގެންދިޔައިރު، ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ސަރުކާރުގެ ތެެރެއިން ނުފެނުމަކީ ރައްޔިތުންގެ ހިތް ސަރުކާރަށް ލެނބޭނެ ކަމެއްތޯއެވެ؟ ރައީސް ސޯލިހުގެ، މަޑުމައިތިރި ކަމާއި މަޑުމޮޅި މިޒާޖަކީ ސަރުކާރަށް ލޯބި ބަންޑުންވާންޖެހޭ ސަބަބެއްތޯއެވެ؟ މަސްލަހަތާއި ސުލްހަޔާއި ކޯލިޝަންގެ ބަދަހިކަން ދެމެހެއްޓުމަށް ރައީސް ސޯލިހު ގެންގުޅުންވާ ސިޔާސަތަކީ ސަރުކާރަށް ރައްޔިތުން އިތުބާރު ކުރާ ސަބަބެއް ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކަށް މަޝްވަރާ ކުރަން ރައީސް ސޯލިހު ތައްޔާރަށް ހުންނެވުމަކީ ސަރުކާރު ކަމުދާ ސަބަބަކަށް ވޭ ހެއްޔެވެ؟

މަޖިލިސް އިންތިހާބަށް ދެ ހަފްތާއަށް ވީ އިރު، އިންތިހާބުގައި ވާދަ ކުރާ 386 ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރުގެ ކެންޑިޑޭޓޭ ބުނެ، ވަކާލާތު ކުރާ އަޑު ވަނީ ގަދަވެފައެވެ. ސަރުކާރު ކެންޑިޑޭޓަކީ ކާކުކަން ސާފު ނުވާ ވަރަށް ގޮސްފައި ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސް ދޭ މަޖިލިސް ބަހުސްގައެވެ. އެ ބަހުސްގައި އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓުން ވެސް ބުނަމުން ދަނީ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ. އޭނާ ހުރީ ސަރުކާރާ އެކުގައި ކަމަށެވެ. އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު ވެސް ވޯޓު ހޯދަން ޖަހާ މަޅިއަކީ "ސަރުކާރު ކެންޑިޑޭޓު"ގެ ނަން ބޯޑެވެ.

މިހާލަތަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ އިދިކޮޅު ޕާޓީއެއް ނެތީތޯއެވެ؟ އިދިކޮޅު ލީޑަރެއް ވެސް ނެތީތޯއެވެ؟ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާނެ ހަމަ އެއްވެސް ކަމެއް ނެތީތޯއެވެ؟

ޖަވާބުގައި އެއް ބަޔަކު ބުނަމުން ދަނީ އިދިކޮޅު އޮތީ ބޮޑު ތަނުން ބަލިވެފައި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވެސް 41 ޕަސެންޓުން ބަލިވެފައިވާ ކަމަށެވެ. އެ އިންތިހާބުގައި 96,052 ވޯޓު އެ މީހުންނަށް ލިބުނީ ވެސް ވަޒީފާގެ ބިރާއި ކޮރަޕްޝަނާއި ފަސާދަ އާއި ގަދަ ބާރު ދައްކައިގެން ކަމަށެވެ. އިދިކޮޅުގެ ނަން ކިޔުމުން ވެސް ލިބެން އޮތް ވޯޓު ވެސް ގެއްލޭނީ ކަމަށެވެ. އެ ސަރުކާރުގައި، ޖެހި ސަކަރާތުގެ ބިތު ފަންގި ނަގައި، ކެޔޮ ކޭވަރު ހާމަވަމުން ދާތީ، އިދިކޮޅު ކެންޑިޑޭޓޭ ބުނެ ވަކާލާތު ކުރަން ނުކެރެނީ އެ ސަބަބާ ހުރެ ކަމަށް އެއް ބަޔަކު ބުނަމުން އެބަދެއެވެ.

ވާދަވެރި އިންތިހާބެއްގައި މިއީ އިދިކޮޅުގެ ކިހާ ބޮޑު ފެއިލްވުމެއް ތޯއެވެ؟ ސަރުކާރު ޒިންމާދާރު ކުރުވާނެ ވާހަކަ އިދިކޮޅު ކެންޑިޑޭޓުންނަށް ނުދެއްކެއެވެ. ޖަވާބުދާރީ ކުރުވާނެ ވާހަކަ ޕްރޮމޯޓް ކޮށްލަން ވެސް ނުކުރެއެވެ. ވެރިކަން ހިންގުމުގެ ބާރާއި ޖުޑީޝަރީ އާއި މުއައްސަސާތަކަށް ފާރަވެރިވާން އޮތް މަޖިލީހުގެ ހަގީގީ ބޭނުން ކިޔައެއް ނުދެވެއެވެ.

ކޮންމެ ކެންޑިޑޭޓަކު ވެސް ބޭނުންވަނީ ސަރުކާރުގެ ތާއިދެވެ. ރައީސް ސޯލިހުގެ ރުހުމެވެ. ގޮނޑި ކަށަވަރު ވާން އޮތީ އޭރުންނެވެ. ދާއިރާއަށް ކުރިއެރުމެއް ލިބޭނީ އޭރުންނެވެ. 

އެކަމަކު އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެކެވެ. ތަރައްގީ އާއި ކުރިއެރުން ގެންނަން ޖެހޭނީ ދާއިރާގެ މެމްބަރު ހުރި ކޮޅަކަށް ބަލާފައެއް ނޫނެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ސަރުކާރު ކެންޑިޑޭޓަށް ވާން ބޭނުން ވަނީ މާޒީގައި ކަން ވެފައިވާ ގޮތުންނެވެ. ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީ ގެންނާތީއެވެ. ރައީސް ސޯލިހުގެ ސަރުކާރުން ވެސް ހަދާނީ އެހެން ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
33%
0%
67%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި