ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 17:19
ރައީސް ޔާމީންގެ 1 މިލިޔަން ޑޮލަރުގެ މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓްގައި ތާޥަލްކުރެވިފައި
ރައީސް ޔާމީންގެ 1 މިލިޔަން ޑޮލަރުގެ މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓްގައި ތާޥަލްކުރެވިފައި
ޓްވިޓަރ
ރައީސް ޔާމީން
މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 
މަނީ ލޯންޑްރިންގގެ ޝަރީއަތެއް ރާއްޖޭގެ ކޯޓެއްގައި ހިންގާ މިއީ ފުރަތަމަ ފަހަރު

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ލައިގެން ލޯންޑަރ ކުރި މައްސަލަ މިހާރު ވަނީ ތަޙުޤީޤީ މަރުޙަލާއަށްފަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ތާވަލުކޮށްފައެވެ. މިއީ، މަނީ ލޯންޑްރިންގގެ ޝަރީއަތެއް ދިވެހިރާއްޖޭގެ ކޯޓެއްގައި ހިންގާ ފުރަތަމަ ފަހަރެވެ.

މަނީ ލޯންޑްރިންގއަކީ ކުށެއް ކޮށްގެން ހޯދާ ފައިސާ އާއި މުދަލުގެ އަސްލު އޮޅުވާލުމަށް ކުރާ ކަންތައްތަކެވެ. އެހެން ބަހުރުވަކުން ބުނާ ނަމަ ކަޅު ފައިސާ ދޮވުމެވެ. މީގެ ތެރޭގައި، ކުށެއް ކޮށްގެން ފައިސާ ނުވަތަ މުދާ ހޯދުން، ކުށެއްކޮށްގެން ހޯދާ ފައިސާ އާއި މުދާ އެހެން އެއްޗަކަށް ބަދަލުކުރުން، އެފަދަ ފައިސާ އިން ތަކެތި ގަތުން، އެފަދަ ފައިސާ އާއި މުދަލުން އިންވެސްޓްކޮށް ނުވަތަ ވިޔަފާރިކުރުމާއި އެއިން މަންފާ ހޯދުން ހިމެނެއެވެ. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި، މަނީ ލޯންޑްރިންގެ ޢަމަލުތައް މާނަކުރެވިފައި ވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކުގައި ބަޔާންވެފައިވާ ގޮތާ ދާދި އެއްގޮތަކަށެވެ. އެހެންކަމުން ޝަރުއީ މަރުހަލާ ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހަމަތަކުގެ މަތިން ގެންދިއުމަކީ މުހިންމު ކަމެކެވެ. 

ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ގިނަ ޤައުމުތަކުގައި ވެސް މަނީ ލޯންޑްރިންގގެ މައްސަލަތައް ގިންތިކުރެވެނީ "ސެލްފް ލޯންޑްރިންގ" ނުވަތަ ކުށްކުރި މީހާ ކުށެއް ކޮށްގެން އޭގެ ފައިސާ ނުވަތަ މުދާ އަމިއްލައަށް ލޯންޑަރކުރުން ނުވަތަ އެހެން ފަރާތެއް ކުށެއް ކޮށްގެން ހޯދާ ފައިސާ ނުވަތަ މުދާ ތިން ވަނަ ފަރާތަކުން ލޯންޑަރކުރުން ނުވަތަ "ތާރޑް ޕާރޓީ ލޯންޑްރިންގ" އަށެވެ. ސެލްފް ލޯންޑްރިންގގެ ދަޢުވާއެއް ނަމަ، ގިނަ ޤައުމުތަކުގައި އޮންނަ އުސޫލަކީ، ފުރަތަމަ މަނީ ލޯންޑްރިންގއާ ގުޅިފައިވާ ކުށް ނުވަތަ "ޕްރެޑިކޭޓް އޮފެންސް" ސާބިތުކުރުމަށް ފަހު، އެ ކުށެއް ކޮށްގެން ފައިސާ ނުވަތަ މުދަލެއް ހޯދާފައިވާ ނަމަ، އެ މީހެއްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ އުފުލުމެވެ. މިފަދަ ހާލަތުގައި "ޕްރެޑިކޭޓް އޮފެންސް" ކުރި މީހާގެ މައްޗަށް އެ ކުށުގެ ދައުވާގެ އިތުރުން، މަނީ ލޯންޑްރިންގގެ ދައުވާ ވެސް އުފުލައެވެ. ސަބަބަކީ، އެފަދަ ކުށެއް ކޮށްފި ނަމަ، އެ ކުށުން ފައިސާ ނުވަތަ މުދަލެއް ހޯދޭނޭ ކަމަށް ބެލެވޭތީއެވެ. މިހެންކަމުން، ދުނިޔޭގެ ޖިނާއީ އަދުލުގެ ނިޒާމު ކުރިއަރާފައިވާ ޤައުމުތަކުގައި މަނީ ލޯންޑްރިންގ ކުށެއްގެ ދައުވާކުރުމަށް ކޮންމެހެން "ޕްރެޑިކޭޓް އޮފެންސް" ސާބިތުކުރާކަށް ނުޖެހެއެވެ.

މަނީ ލޯންޑްރިންގގެ ކުށުގެ ދެވަނަ ގިންތިކަމުގައިވާ "ތާރޑް ޕާރޓީ ލޯންޑްރިންގ" ގެ ދައުވާކުރުމަށާއި ސާބިތުކުރުމަށް ކޮންމެހެން ފުރަތަމަ "ޕްރެޑިކޭޓް އޮފެންސް" ސާބިތުކުރާކަށްނުޖެހެއެވެ. އެހެންކަމުން "ތާރޑް ޕާރޓީ ލޯންޑްރިންގ" ކުށްތައް ސާބިތުކުރުމަކީ "ޕްރެޑިކޭޓް އޮފެންސް" ސާބިތުކުރުމަށް ވުރެ ފަސޭހަ ކަމެއްކަން ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ފާހަގަކުރެއެވެ. މިފަދަ މައްސަލަތަކުގައި މަނީ ލޯންޑަރކުރި ފަރާތަށް، އެ ފައިސާއަކީ ޣައިރު ޤާނޫނީ ފައިސާކަން އެނގިހުރެ އެ ފައިސާގެ ހަޤީޤަތް އޮޅުވާލުމަށް ޢަމަލެއް ކުރިކަން ދައުލަތަށް ސާބިތުކޮށްދެވިއްޖެ ނަމަ އެ މީހެއްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާނެއެވެ. ޣައިރު ޤާނޫނީ ފައިސާކަން މިފަދަ "ތާރޑް ޕާރޓީ ލޯންޑްރިންގ" މައްސަލަތަކުގައި ސާބިތުކުރުމަށް ހުރިހާ ޤައުމެއްގައި ވެސް ގިނައިން ބޭނުންކުރަނީ "ސާރކަމްސްޓެންޝަލް" ހެއްކެވެ. މިއީ ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކަށް ވުރެ ލުއިކޮށް ނެގޭނެ ހެއްކެވެ. މިފަދަ ހެކީގެ ތެރޭގައި ދައްކާފައިވާ ވާހަކަތަކާއި ހިނގާފައިވާ ހާދިސާތައް އަދި ހެކިވެރިންގެ ހެކިބަސް ކޯޓުތަކުން ޤަބޫލުކުރެއެވެ.

ޤާނޫނު ނަންބަރު: 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގައި މި ކުށަށް ކަނޑައެޅިފައިވާ އަދަބަކީ، ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު އެއްލައްކަ ރުފިޔާ އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން ނުވަތަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު ލޯންޑަރކުރި ފައިސާގެ މިންވަރުގެ ގިނަވެގެން ފަސް ގުނައިން ޖޫރިމަނާކުރުމެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމިންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިޔަން އެމެރިކާ ޑޮލަރު ޖަމާވެފައިވެއެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ ނަމުގައެވެެ. އެސްއޯއެފްއަކީ މޯލްޑިވްސް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވިއްކި ފަޅުރަށްތަކާއި ފަޅުތަކުގެ ފައިސާ ޤާނޫނާއި ޚިލާފަށް ވެއްދި ކުންފުންޏެވެ. އެހެންކަމުން އެ ފައިސާއަކީ ތުހުމަތުގެ ފައިސާއެކެވެ. މީގެ އިތުރުން، އެކަމާ ގުޅޭ އެހެނިހެން ހެކިތައް ފުލުހުން ހޯދާފައިވާނެއެެވެ. މިފަދަ ހެކިތަކަކީ، އެ ފައިސާއަކީ ނުޙައްޤުން ބަޔަކު ރައީސް ޔާމިނަށް އެނގި ހުރެ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާކަން ސާބިތުކޮށްދެވޭ ފަދަ "ސާރކަމްސްޓެންޝަލް" ހެއްކެވެ. މީގެ އިތުރުން، ރައީސް ޔާމިން އެ އެކައުންޓު ހުޅުވާފައިވާ ތާރީޚާއި އިންވެސްޓްމަންޓް އެކައުންޓު ހުޅުވުމުގެ ސަބަބުކަމުގައި ބޭންކަށް ދީފައިވާ މަޢުލޫމާތާއި އަދި ފައިސާ އެ އެކައުންޓަށް ޓްރާންސްފަރކުރިއިރު، އެ ފައިސާގެ އަޞްލުކަމުގައި ބޭންކަށް ދީފައިވާ މަޢުލޫމާތަކީ "ސާރކަމްސްޓެންޝަލް" ހެކީގެ ގޮތުގައި ބެލެވިދާނޭ ވަރުގަދަ ހެއްކެވެ.

މަނީ ލޯންޑްރިންގ ކުށުގެ ޢަމަލުތަކަށް ބަލާލާއިރު، ފައިސާ އެކައުންޓަށް ޖަމާކޮށްފައި ބެހެއްޓުމާއި ފައިސާ މޯލްޑިވްސް އިސްލާމިކް ބޭންކުގައި އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވައި އެ އެކައުންޓުން މަންފާ ލިބޭ ގޮތަށް ޖަމާކުރުމަކީ އެ ފައިސާ އަތުގައި ބެހެއްޓުމަށް ނުވަތަ އެ ފައިސާގެ ބޭނުންކުރުމަށް ނުވަތަ އެ ފައިސާގެ އަސްލު ބޭންކަށް އޮޅުވާލުމަށް ރައީސް ޔާމިން ކޮށްފައިވާ އަމަލުތަކެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެއެވެ. މިއިން ކޮންމެ އަމަލަކީ، މަނީ ލޯންޑްރިންގގެ ވަކި އަމަލަކަށްވާއިރު، މަދުވެގެން މަނީ ލޯންޑްރިންގގެ ދެ އަމަލު ކުރިކަމަށް ދައުވާ އުފުލިދާނެއެވެ. އެހެންވެއްޖެ ނަމަ، ސާބިތުވާ ކޮންމެ އަމަލަކަށް 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އިއްވިދާނެއެވެ. އަދި މީގެ އިތުރުން، ޖޫރިމަނާ ކުރުމުގައި ޤާނޫނުގައި ބަޔާންވެގެންވާ ދެ ގޮތުން ކުރެ ގޮތެއް ކޯޓަށް ޚިޔާރުކުރެވިދާނެއެވެ.

މަނީ ލޯންޑްރިންގގެ ޝަރީއަތަކީ މަދުން ރާއްޖޭގައި ކުރެވޭ ޝަރީއަތަކަށްވާއިރު އުފެދޭ ސުވާލުތަކެއް އެބަހުއްޓެއެވެ. ފުރަތަމަ ސުވާލަކީ، ދައުލަތުގެ ވަކީލުންނަށް މަނީ ލޯންޑްރިން ކުށުގެ ބާވަތްތަކާ ގުޅޭގޮތުން ކިހާވަރަކަށް ތަމްރީނާއި ތަޖްރިބާ ލިބިފައިވޭތޯ އުފެދޭ ސުވާލެވެ. ދެވަނަ ސުވާލަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް މަނީ ލޯންޑްރިންގ ކުށުގެ ބާވަތްތަކާ ގުޅޭގޮތުން މައުލޫމާތާއި ތަމްރީނު ލިބިފައިވަނީ ކިހާވަރަކަށް ކަމަށާއި އަދި މިފަދަ ބޮޑު މައްސަލައެއް އިންސާފާއިއެކު ނިންމުމުގެ ޓެކްނިކަލް އަދި އިލްމީ ޤާބިލުކަން މިހާރު ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަށް ލިބިފައި ޥޭތޯ އުފެދޭ ސުވާލެވެ.

ރައީސް ޔާމިންގެ މަނީ ލޯންޑްރިންގގެ މި ދަޢުވާއަކީ ދިވެހިރާއްޖެ އަދި ބޭރު ދުނިޔޭގެ ޤައުމުތަކުންނާއި އެކިއެކި ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢާތްތަކުން ވަރަށް ގާތުން ބަލަމުންދާނޭ މައްސަލައެކެއެވެ. އަދި، މި ދަޢުވާއަކީ ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ފެންވަރުވެސް ވަރަށް ރަނގަޅަށް ވަޒަންކުރެވިގެންދާނޭ ބޮޑު އިމްތިޙާނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
16 ފެބްރުއަރީ 2019 | ހޮނިހިރު 12:46
ފަނޑިޔާރުންނާ ވަކީލުންގެ
އާކަމެކޭ ތިޔެއްއެނގޭނީ ފަނޑިޔާރުންނާ ވަކީލުންގެ ފަތިފުއް ހާވާލީމަ