އިންޑިއާއިން ބަހައްޓަމުންދާ ގާތްކަން މި ސަރުކާރުން ބަލައިގަނޭ: ނައިބް ރައީސް
27 ޖެނުއަރީ 2019 | އާދީއްތަ 04:08އިންޑިއާ އާއި އޮންނަނީ މާ ގާތް ގުޅުމެއް ކަމަށް ނައިބް ރައީސް ވިދާޅުވި


އިންޑިއާގެ ސަފީރު އަކީލެޝް މިޝްރާ (ކ) އާއި ނައިބް ރައީސް ފައިސަލް ނަސީމް (ވ)
އަވައްޓެރި އިންޑިއާ އިން ރާއްޖޭއާ މެދު ބަހައްޓަމުންދާ ގާތްކަން މި ސަރުކާރުން ބަލައިގަންނަ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭ ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ، އިންޑިއާއިން އަބަދުވެސް ރާއްޖެ އިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތް ރަހުމަތްތެރިއެއްގެ ގޮތުން ރާއްޖެއަށް ދީލަތި ކަމާއެކު އެހީތެރިކަން ފޯރުކޮށްދޭމުން އަންނަކަމަށެވެ.
މީގެއިތުރުން އިންޑިއާއިން ބަހައްޓަމުންދާ ގާތްކަން ރާއްޖެއިން އަދި މި ސަރުކާރުން ބަލައިގަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބް ރައީސް ފައިސަލް ވާހަކަފުޅުދައްކަވަނީ - ފޮޓޯ - ރައީސް އޮފީސް
ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވަހަކަފުޅު ކުރިއަށް ގެންދަވަމުން ނައިބް ރައީސް ވިދާޅުވީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި ވަނީ ހަމައެކަނި ދެ ޤައުމެއްގެ ގުޅުން އޮންނަ މިންވަރަށް ނޫންކަމަށާއި، އެގުޅުމަކީ އެއަށް ވުރެ މާ ގާތް ގުޅުމެއް ކަމަށެވެ.
އިންޑީއާގެ ޖުމްހޫރި ދުވަހުގެ ހަފްލާގައި ސަރުކާރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ -- ރައީސް އޮފީސް
ދެ ގައުމުގެ ގުޅުން ބިނާވެގެން ގޮސްފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ގައުމުން ކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށާއި، ޒަމާންވީ އާދަކާދަތަކުގެ މައްޗަށާއި، އެއް ގައުމުން ކުރާ ކަންތައްތައް ބަލައިގަންނަމުންދާ މިންވަރުގެ މައްޗަށް ކަމަށް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު އަކީލޭޝް މިޝްރާގެ އިތުރުން ސަރުކާރުގެ އިއްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.





