ރިލުވާނަށް ވީ ގޮތް އެނގޭނެކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް: ސުއޫދު
12 ޖެނުއަރީ 2019 | ހޮނިހިރު 08:36މައްސަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއިމެދު ހިތްހަމަ ޖެހޭ

ވަގަށް ނެގި ނޫސްވެރިޔާ ރިލްވާން އޭނާގެ މަންމައާއެކު
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ ގެއްލުނު މައްސަލާގައި ވީ ގޮތް އެނގޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު މާލޭގައި ބޭއްވި އެއްވުމުގައި ކުރި ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.
މަރުތައް ބަލާ ކޮމިޝަނުން އަނިޔާވެރިކޮށް މަރާލި ޑރ. އަފްރާޝީމް އަލީގެ މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ ވެސް އަންނަނީ ތަހްގީގު ކުރަމުންނެވެ.
ސުއޫދު މީގެ ކުރިން ވިދާޅުވެފައި ވަނީ ގެއްލިފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދާނީ ބޭރުގެ ޖަމިއްޔާތަކާއި ފަންނީ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށާއި، މަސައްކަތް ކުރިއަށް ގެންދާއިރު، އެކަމާ ގުޅުންހުރި އާއިލާތަކާ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލަތަކުގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންއަށް ގިނަ އިންޒާރުތަކެއް ދީފައި ވަނިކޮށް، އޭނާ ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހުއެވެ. ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވީއިރުވެސް ފުލުހުންނަށް އޭނާ ހޯދިފައި ނުވާއިރު ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.










