އައްޑޫ ސިޓީ އިންޓަގްރޭޓަޑްގެ ޓޫރިޒަމް ޒޯނުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް އައްޑޫ ސިޓީން ބިން ދޫކުރުމާ ގުޅޭ ގޮތުން ކުރެވުނު އިއުލާނު ބާތިލް ކުރުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އައްޑޫ ސިޓީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯންގެ ދަށުން އެ ސިޓީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ބިޑު އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރަ ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުވާލާފައިވާ އިރު "ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް" އިން ބިޑް ފޮތް ގަތުމުގެ ފުރުސަތު ހުޅުވާލިއެވެ.
އެހެންނަމަވެސް އެ އިއުލާނު މިހާރު ވަނީ ބާތިލްކޮށްފައެވެ.
އެމްއައިޓީޑީސީން ބުދަ ދުވަހު އިއުލާނު ބާތިލް ކޮށްފައި ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވާފައި ވަނިކޮށެވެ.
އެމްއައިޓީޑީސީން ވަނީ މިއަހަރުގެ މަރޗު މަހުގައި ކ. ކާށިދޫގައި ތަރައްގީކުރާ ޓޫރިސްޓް ވިލެޖުގެ ބިންގާ އަޅާފައެވެ. އެ ޕްރޮޖެކްޓުގެ ދަށުން ތިން އިމާރާތަކަށް ބަހާލައިގެން، ޖުމްލަ 60 ކޮޓަރި ހެދުމަށް ހަމަޖެހިފައި ވެއެވެ.
އެމްއައިޓީޑީސީއަކީ ފަތުރުވެރިކަމުގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގުމަށް އެކުލަވާލާފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.