ދައުލަތުގެ އެއްވެސް ލިޔެކިއުމެއް ނައްތާލަމުން ނުދާ ކަމަށާއި ހުރިހާ ރެކޯޑްތަކެއްގެ މައުލޫމާތު ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުގެ މައުލޫމާތުތައް ރައްކާ ކުރެވިފައި ވަނީ ޖެމްސް ސިސްޓަމުގައި ކަމަށާއި އެ ސިސްޓަމުގެ ތެރެއިން މިނިސްޓްރީގެ ހުރިހާ މައުލޫމާތުތަކެއް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ފިނޭންސް މިނިސްޓްރީއަކީ މައުލޫމާތުތައް ފުރިހަމައަށް ރެކޯޑް ކުރަމުންދާ ވުޒާރާއެއް ކަމަށާއި މައުލޫމާތެއް ނައްތާލަން ބޭނުންވާ ނަމަ އެ މައުލޫމާތެއް ޑިލީޓް ކުރަންޖެހޭނީ ސިސްޓަމުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މިހެން ހާމަކޮށްފައިވާއިރު ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ބައެއް ލިޔުންތައް ޝްރެޑްކޮށް، ސިސްޓަމް ފޯމެޓްކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މައުލޫމާތު ހާމަކުރަމުންނެވެ.
ދައުލަތުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ހުރި މުހިއްމު އެއްވެސް ލިޔެކިއުމެއް ނައްތައެއް ނުލާނެ ކަމަށާއި ކުނީގެ ގޮތުގައި ބޭނުން ނެތިގެންދާ ކަރުދާސް ނައްތާލުމަށް ޕޭޕަރ ޝްރެޑަރ އަބަދު ވެސް ސަރުކާރު އޮފީސްތަކުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ފިތުނަވެރި ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.