ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ހުޅުދޫ ދާއިރާގެ، ދާއިރާގެ ރައީސް އިލިޔާސް ލަބީބު ވިދާޅުވީ، ދައުލަތުގެ އެކި އޮފީސްތަކާއި ކުންފުނިތަކުން ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އެފަދަ އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދެއްވުމަށް ދައްނަވާ ކަމަށެވެ.
އިލިޔާސް ވިދާޅުވީ، އެއީ ދައުލަތުގެ ލިޔެކިޔުން ކަމަށާއި އެއްވެސް މީހަކަށް އެތަކެތި ނައްތާލުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އެކަން ކުރައްވާ ކަމުގައިވާނަމަ އެކަން އޮފީސް ތެރެއިން ވެސް ހުއްޓުވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"ފުލުހުންނަށް މިކަން ރިޕޯޓް ކުރަންޖެހޭ. ފުލުހުންނަށް އަޅުގަނޑު ގޮވާލަން ތަންކޮޅެއް ބާރަށް އެމައްސަލަ ބަލާ އެކަން ކުރައްވާ ފަރާތްތައް ހުއްޓުވުމަށް." އިލިޔާސް ލަބީބު ވިދާޅުވި އެވެ.
މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރާ އިރު މިފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށާއި މިކަން ހާސިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.