އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ހިނގުމުގައި ދައުލަތުގެ މާލީ އިދާރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކުގެ އިހުމާލު އެބައޮތް ކަމަށާއި އެ މައްސަލަ ހިނގިކަން އެއީ ރައީސް އޮފީހަށް ހޯދޭނެ މައުލޫމާތެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލައަށް ބަލާއިރު ރަށްތައް ރިސޯޓުތައް ތަރައްގީ ކުރުމަށް ދިގުން އޭގެ ޒާތުގައި އެއީ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް އެމަސައްކަތް ކުރުމަށް ހަވާލު ކުރެވުނު ވަޒީރަކު ނާޖައިޒް ފައިދާ ހޯދުމަށް މަސައްކަތްކޮށް އިހްމާލުގެ އިހުމާލުވުމަކީ މައްސަލައެއް ކަމަށެވެ.
"ވަޒީރަކު އެކަން ކުރުމުގައި އޮންނަ އުސޫލަކީ ޓޫރިޒަމަށް ރަށްރަށް ދޫކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިންބ އެމީހަކާ ނެގޯޝިއޭޓްކޮށްފައި އެމީހާ ހުށަހަޅާ އަގަކީ ސަރުކާރަށް ކަމުދާ އަގެއް ކަމުގައިވަންޏާ ސީއެސްއާރަށް ކޮންމެވެސް އެއްޗެއް ނަގާފައި އެރަށެއް ދޫކޮށްލަނީ." ރައީސް ވިދާޅުވިއެވެ.
މިކަންކަން ކުރުމުގައި ބަންޑާރަ ނައިބުގެ ވެސް ލަފައަކަށް އައްސަވާފައިނެތް ކަމަށާއި ރައީސްގެ ލަފާއަކަށް ވެސް އައްސަވާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްއެމްޕީއާރްސީން ރަށްރަށަށް ފައިސާ ނެގުމަށްފަހު އެފައިސާއަށް ވާނުވާ ނޭންގުން އެއީ މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެފައިސާއަށް ވާގޮތް ޓްރޭސް ކުރުމަކީ އެއްވެސް ވަރަކަށް ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އެފައިސާ ބޭނުން ކުރުމަކީ ޓޫރިޒަމް މިނިސްޓަރެއްގެ މައްސަލަ ކަމަށެވެ. ރައީސް ވިދާޅުވީ އެފައިސާ ދާންވާނީ ބޭންކެއް މެދުވެރިކޮށް ކަމަށާއި އެފައިސާއަށް ވާ ގޮތް މީރާއަށް ފިނޭންސް މިނިސްޓްރީއަށް ނުވަތަ ރައީސް އޮފީހަށް ނޭންގޭނެ ކަމަށެވެ.
" ސަރުކާރަށް ވަންނަންވާ ފައިސާ ނުވަދެ، އަމިއްލަ ކުންފުންޏަކަށް ދެ ބޭފުޅުން ވަނީ ފޮނުވާފައި. އެބޭފުޅުންގެ ހިއްސާ އޮންނަ އެސްއޯއެފް ކުންފުންޏަކަށް ފޮނުވާފައިވަނީ.މި ހިނގާ ޓްރާންސްސެކްޝަންސް ހިނގަނީ ކޮމާޝަލް ބޭންކެއްގެ ތެރެއިން. އޭގައި ކޮމަރޝަލް ބޭންކަށް ބަލަންވާ ވަރަށް ނުބެލުނީ. އެހެންމެ އެމްއެމްއޭއިންވެސް އުސޫލުތަކުގެ ތެރެއިން ބަލަންވާ ވަރަށް ނުބެލުނީ."ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށްވެ ހުރެ ހިންގާފައިވާ ކަންކަން ނައިބު ރައީސް ކަމުގެ މަގާމަށް އެމަނިކުފާނު ގެނެވުނު އިރުވެސް ނޭންގުމަކީ މުޅި ނިޒާމުގެ މައްސަލައެއް ކަމަށެވެ. އެފަދަ ކަމެއް ކުރިކަން އެނގުނު ނަމަ އެވަޒީރު ވަޒީރު ކަމުގައިވެސް ނުހުންނާނެ ކަމަށެވެ.
" ކުންފުންޏަކުން އެހެން ކުންފުންޏަކަށް ފޮނުވާ ޗެކެއް. ސަރުކާރުގެ ތެރެއަށް އެޗް ވަންނާނީ ކްލިއަރ ކޮއްގެން. އެމްއެމްޕީއާރްސީއަށް ވަންނަ ޑިޕޮސިޓެއް ކުރަނީ އެސްއޯއެފް ކިޔާ ކުންފުންޏަކާ. އެކަން އެނގޭނެ ގޮތެއް ނޯންނާނެ. ކްލިއަރިންގ ޑިޕާޓްމެންޓުގައި ތިބޭ މީހުންނަށް، އެމީހުންގެ ހިޔާލު ހުރެގެން ވިސްނާފައ ބަލަންވީ ކީއްވެގެންބާއޭ އެމްއެމްޕީއާރްސީ ކިޔާ ކުންފުންޏަކުން ކީއްވެގެންބާއޭ ޕްރައިވެޓް ކުންފުންޏަކަށް ދިޔައީ. އެހެންވީމަ އެއީ ނިޒާމުގެ މައްސަލައެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެފަދަ ކަމެއް އެމްއެމްއޭއްއަށް ފާހަގަ ނުކުރެވުން ނުވަތަ އެފަދަ ކަމެއް ހައްލު ކުރެވޭނެ ނިޒާމެއް ނެތީ އެފަދަ ކަމެއް މީގެ ކުރިން ހިނގާފައި ނެތީމާ ކަމަށްވެސް ވެދާނެ ކަމަށެވެ.