ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 14:41
އެއްމެ ފަހުން ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީ. އެއްމެ ފުރަތަމަ ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީގައި ވެސް ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އަހުމިއްޔަތުކަން ދީފައިވޭ
އެއްމެ ފަހުން ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީ. އެއްމެ ފުރަތަމަ ތަޞްދީޤު ކުރެވުނު ޤާނޫނު އަސާސީގައި ވެސް ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އަހުމިއްޔަތުކަން ދީފައިވޭ
ޓްވިޓަރ
ޤާނޫނު އަސާސީ
ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އަށް ރައްޔިތުން ނަފްރަތު ކުރުން
 
ޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވީ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3).
 
ޤާނޫނޫ އަސާސީ ގައި ރައްޔިތުންގެ ޙައްޤުތަކަށް ސަމާލުކަން ދެވިފައިވާ މިންވަރަކީ މިޙައްޤުތައް ހިމަނާފައި ވަނީ ވެސް ތިންވަނަ ބާބުގައެވެ.

ޤާނޫނު އަސާސީއެއް އެކުލަވާލަން ޖެހުނު ސަބަބު.

ރާއްޖޭގެ ދުސްތީރީ ނުވަތަ ޤާނޫނީ ޙަޔާތުގައި ޤާނޫނު އަސާސީ އެކުލަވައިލުމަށްފަހު އެކަން ކުރަން ތިބި ބަޔަކުގެ އަމިއްލަ ފައިދާއަށް އެ އެކުލަވާލެވުނު އެއްޗެއް ނުވަތާ ޤާނޫނު އަސާސީ ވަނީ މުގުރާލައިފައެވެ. ނުވަތަ ވިދާލައިފައެވެ. މިކަންވަނީ އެއްފަރަށްވުރެ ގިނަފަހަރު ތަކުރާރުވެ، ހިނގާފައެވެ. މި ގޮތުން 1932 ގައި އާއި، 2012 ވަނަ އަހަރު ވެސް މިކަން ތަކުރާރު ވެފައިވެއެވެ.

ޒަމާނުއްސުރެ ރަސްކަމެއް ކުރަމުން އައި މި ދިވެހި ރާއްޖޭގައި ޤާނޫނު އަސާސީ އެއް ނުވަތަ ޤާނޫނު އަސާސީގެ ނަމުން ނަންދެވުނު ޤަވާޢިދުތައް، އެކަށައަޅަން ޖެހުނު މައިގަނޑު ސަބަބަކީ، 11 މަރޗް 1903 ވީ ދުވަހު ރަސްކަމަށް އިސްކުރެވުނު މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) އާއި، ދައުލަތުގެ ބޮޑުން ޚާއްޞަކޮށް ބޮޑުވަޒީރަކަށް އެއިރު ހުންނެވި އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާ އެކު އޮތް ގުޅުމަށް ލޮޅުން އަރުމުގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުން 1981ގައި ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތް" ގައި ހާމަ ކުރައްވައިފައިވެއެވެ.

މީގެއިތުރުން ސިލޯނުގައި ހުންނެވި ދިވެހި ދައުލަތުގެ ސަފީރު ޢަބްދުލްޙަމީދު ދީދީ އާއި، ދިވެހި ދައުލަތުގެ ބޮޑުވަޒީރު ޢަބްދުލްމަޖީދު ކިލެގެފާނާ ދެމެދުގައި އޮތް ގުޅުންތަކަށް ބުރޫއެރުން ވެސް އެއީ މުހިއްމު ސަބަބެކެވެ. އަދި އެވަގުތު ރާއްޖެ އޮތީ އިނގިރޭސީންގެ ޙިމަޔަތުގެ ދަށުގައި ކަމުން އެ ޤައުމުގެ މަޖްބޫރު ކުރުވުން ވެސް ފެނެއެވެ. ހަމަ އެހެންމެ ވެރިކަމުގެ ތެރޭގައި އުޅޭހިތްވާ ޒުވާނުންތަކެއް ދިވެހި ޒުވާނުންގެ ތެރެއިން އުފެދުމާއި، ވެރިކަމުގެ ބާރުތައް މަދުބައެއްގެ އަތްމަތީގައި އޮތުމާއި، އެބާރުތައް އެހެން ބައެއްގެ އަތްމައްޗަށް ބާހާލުމުގެ ރޭވުމެއްގެ ދަށުންވެސް މެއެވެ. އަދި ވެރިކަމުގެ ދާއިރާގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ބާރު ގެއްލިދާނެ ކަމުގެ ބިރު ހީވުން ވެސް ހިމެނެއެވެ. އެހެނީ ރަދުންގެ ދަރިކަލުން ޙަސަން ޢިއްޒުއްދީނަކީ ވެރިކަމުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޢާއިލާއިން ބޭރުގެ ބޭފުޅެކެވެ. މި ބޭފުޅާއަށް ރަސްކަން ލިބުން އެއީ ވެރިކަމުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ހިތްހަމަޖެހޭ ކަމަކަށް ނުވެއެވެ. މި މުހިއްމު ސަބަބުތަކުގެ އިތުރުން ވެސް އެހެނިހެން ސަބަބު ހިމެނޭކަމުގައި ރައްޔިތުންގެ މަޖިލީހުން ނެރުއްވާފައިވާ ކުރިން ދެންނެވި ފޮތުގައި ހާމަ ކުރައްވާފައިވެއެވެ.

ޤާނޫނު އަސާސީއެއް އެކުލަވާލެއްވުން.

އަލްއަމީރު މުޙައްމަދު އަމީން ދީދީ (1370ހ. 1951) ވިދާޅުވެފައިވެއެވެ. "ޤާނޫނު އަސާސީއެއް އުފެއްދުމުގެ ރޫޙު މާލޭގެ ކުރިއަށް ތިއްބެވި ބޭފުޅުންގެ މެދުގައި ޢާއްމު ވެއްޖެއެވެ. ދުސްތޫރީ ޙުކޫމަތެއްގެ އެދެވޭ މަންޡަރުތައް، ހުވަފެނީ މަސްރަޙެއްގެ މަތީން ތަމްޘީލުވާން ފަށައިފިއެވެ. ނަތީޖާއެއް ކަމުގައިވީ، ... ރަދުންގެ ހިރިއާ ފާތުރާ ދަށަށް ދައުލަތުގައި ކުރިއަށް ތިއްބެވި ބޮޑުންގެ ތެރެއިން، ބައެއް ބޭފުޅުން ޙާޟިރު ކުރެއްވުމެވެ." އަދި ޢަލީ މޫސާ ދީދީ (2008) ހާމަކުރައްވާ ގޮތުގައި 1932 ޑިސެމްބަރ 22 ގެ ކުރިން ދިވެހިރާއްޖޭގައި ލިޔެފައިވާ ޤާނޫނު އަސާސީ އެއް ނެތުމާ އެކު ޤާނޫނު އަސާސީ އެކުލަވާ ލެއްވުމަށް ރަދުން ރާއްޖޭގައި ތިއްބެވި އެފަދަ ކަމަކަށް އެއްމެ އެކަށީގެންވާ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކަށައަޅުއްވައި އެކޮމެޓީ އާއި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާ ލެއެއްވުމަށް ޙަވާލު ކުރެއްވިއެވެ. މި ކޮމެޓީގައި ތިއްބެވީ 10 ބޭފުޅުންނެވެ. ކޮމެޓީގެ ރައީސަކަށް ހަމަޖެއްސެވީ ބޮޑުވަޒީރު އަލްއަމީރު ޢބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.

މިމަސައްކަތް މި ބޭފުޅުންނާ ޙަވާލު ކުރައްވަމުން ރަނދުން އަމުރެއް ކުރެއްވި ކަމަށް އަލްއަމީރު މުޙައްމަދު އަމީން ދީދީ (1370ހ. 1951) ވިދާޅުވެފައި ވެއެވެ. އެ އަމުރަކީ: "ދިވެހިރާއްޖެއާ އެކަށިގެންވާ ފަދަ ޤާނޫނު އަސާސީއެއް އެކުލަވައި ލެއްވުމެވެ. "އިސްލާމް ދީނާއި ޚިލާފު ނުވާގޮތަށް، މިރާއްޖޭގެ މުސްކުޅި އާދަ ކާދައިގެ ތެރެއިން މިޒަމާނަށް ކަމުދާން ހުރި ގޮތްތައް ލައިގެން، މި ދައުލަތަށް މިހިނދަށް ލިބިހުރި ފައިސާއެއްގެ މައްޗަށް ވިސްނުން ބަހައްޓައިގެން، މަގޭ ރަޢްޔަތުންނަށް ލުއިކުރެވޭން ހުރި ވަރަކަށް ލުއިކުޅައުމަށް ބުރަވެ ތިބެގެން، ބޭރުގެ ކަންތައްތަކާބެހޭ ޤާނޫނުތަކުގައި، އިނގިރޭސި ދައުލަތާ، މި ދައުލަތާއި ދެމެދުގައި އޮތް މުޢާހަދާ އާއި ޚިލާފު ނުވާނޭގޮތަށް، މި ދައުލަތުގެ އެއްމެހައި ކަންތައްތައް ހިންގެވުމުގެ ޤާނޫނުތައް ހަދައި، ލިއެ ޤަރާރު" ކުޅައުމަށެވެ.

މި އަމުރަށް ކަމޭ ހިތްތަވައި ފުރަތަމަ ޤާނޫނު އަސާސީ އެކުލަވައިލެވުނީ ޖުމްލަ 7 ބާބު އެކުލެވޭ 92 މާއްދާއެއްގެ މައްޗަށެވެ. އެއީ 1. ދިވެހި ދަޥްލަތް 2. ދިވެހި ރަޢްޔިތް. 3. ރައްޔިތުންގެ ޙައްޤުތައް. 4. ދަޥްލަތް ހިންގާގޮތް 5. ކީރިތި މަހާރަދުން  6. ރަސްކަމަށް އިސްކުރެވޭ ގޮތް 7. ދަޥްލަތް ހިންގުމުގެ 3 މަޖިލްސް. އެވެ.

މިގޮތަށް މި ޤާނޫނު އަސާސީ އެކުލަވައިލައްވައި ރަޢްޔަތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރެއްވުމަށްފަހު 1932 ޑިސެމްބަރ 22 ދުވަހު ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވިއެވެ. ޤާނޫނޫ އަސާސީ ގައި ރައްޔިތުންގެ ޙައްޤުތަކަށް ސަމާލުކަން ދެވިފައިވާ މިންވަރަކީ، މިޙައްޤުތައް ހިމަނާފައި ވަނީ ވެސް ޤާނޫނު އަސާސީގެ ތިންވަނަ ބާބުގައެވެ. މިބާބުގައި 18 މާއްދާއެއް ހިމަނާފައި ވެއެވެ. އެ ޙައްޤުތަކަކީ:

 

  1. ދިވެހިންނަކީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ ބައެކެވެ. އެމީހުންގެ އެންމެންނީ ސިޔާސީ ޙައްޤުތަކާއި މަދަނީ ޙައްޤުތަކުން ލާބަޔާއި ފަސޭހަކަން ލިބިގަތުމާއި މެދު އެންމެން އެއްވަރުވެގެންވާ ބައެއް ކަމެ އެވެ. އެމީހުންގެ މައްޗަށް ޤާނޫނުގެ ފަރާތުން ވާޖިބުކުރާ ކަންތަކާއި ޢާންމުވެގެންވާ ގޮތުން ލާޒިމުވާ ކަންތައްތައްތަކުގައި އެންމެން ހަމަހަމަވެގެންވާ ބައެކެވެ. ދިވެހި ރައްޔިތަކު ފިޔަވައި ބިދޭސީއަކަށް ކޮންމެހެން ބޭނުމެއް ޖެހިގެން މެނުވީ ދައުލަތުގެ އެއްވެސް ކަމެއް ނުލިބޭނެއެވެ.
  2. ޤާނޫނުގައި ބަޔާންވެ ކަނޑައެޅިގެންވާ ކުށެއްގެ މައްޗަށް މެނުވީ އެއްވެސް މީހަކަށް އަދަބެއް ދީގެން ނުވާނެއެވެ. އަދި އެއްވެސް ޙާލެއްގައި އަނިޔާއެއް ކަމުގައި ހިމެނޭނޭ ހާނީއްކައެއް ކޮށްގެން ނުވާނެއެވެ.
  3. ދިވެހި ރައްޔިތަކު ދިވެހިރާއްޖެއިން ބޭރުތަނަކަށް އަރުވަޔެއް ނުލެވޭނެއެވެ. އަދި ޤާނޫނުގައި ކަނޑައެޅިގެންވާ ގޮތުން މެނުވީ އެއްވެސް މީހަކު ރާއްޖޭގެ ވަކިރަށަކަށް އަރުވައިލައިގެން ނުވާނެއެވެ. އަދި ވަކިތާކަށް ނުދިއުމަކަށް ވަކިތާކު ހުރުމަކަށް އަމުރުކޮށްގެން ނުވާނެއެވެ.
  4. ގޮވަތި ގެދޮރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. ފަހެ ޤާނޫނުގައި ބަޔާންވެގެންވާ ޙާލުތަކެއްގައި ބަޔާންވެގެންވާ ފަދަޔަކުން މެނުވީ އެތަންތަނަށްވަދެގެން ނުވާނެއެވެ.
  5. މީހުންގެ މިލްކުތަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކެވެ. ޤާނޫނުގައި ބަޔާންވެގެންވާ ޙާލުތުތަކެއްގައި ޢާއްމުވެގެންވާ މަންފަޢުތަކަށްޓަކައި އަދި ޤާނޫނުގައި ބަޔާންވެގެންވާ ފަދަޔަކުން އެއްޗަކަށް ޢަދުލުވެރި ގޮތަށް ބަދަލުދީފައި މެނުވީއެވެ. ހަމައެކަކުގެ ކިބައިންވެސް އެމީހާގެ އެއްވެސް މިލްކުވެރިކަމެއް ނިގުޅައި ނުގަނެވޭނެއެވެ.
  6. އެއްވެސް ބާވަތަކުގެ ކުށެއްގެ ބަދަލުގައި މީހަކުގެ މުޅި މިލްކު ހިފައިގަނެގެން ނުވާނެއެވެ.
  7. މީހުންގެ މެދުގައި ހިނގާ ސިޓީތަކާއި، ޓެލެގުރާމްތަކާއި ޓެލިފޯނު ޚަބަރުތައް ޤާނޫނުގައި ބަޔާންވެގެންވާ ވަކި ޙާލެއްގައި މެނުވީ ދައުލަތުގެ މީހުން ފައުޅުކޮށްގެން ނުވާނެއެވެ.
  8. ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފު ނުވާހާ ހިނދަކު އެމީހެއްގެ ބުއްދިޔަށް ފެންނަ ގޮތްތަކާއި ލަފާތައް ދުލުން ނުވަތަ ޤަލަމުން ފައުޅުކުޅައުމުގެ މިނިވަންކަން.
  9. ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފު ނުވާހައި ހިދަކު ފޮތްގެނަވުމާއި، ނޫސް ގެނަވުމާއި، މިފަދަތަކެތި ޗާޕުކޮށް ފައުޅުކުޅައުމާއި، މިކަންކަމަށް މިނިވަންކަން ލިބިގެން ވެއެވެ.
  10. ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރްއާންކިޔެވުމާއި، ޢަރަބި އަކުރާއި ތާނައަކުރު ލިޔާން ކިޔާން ދަސްކުޅައުމީ މިޤާނޫނު އަސާސީ ލާޒިމުކުރާ ކަމެކެވެ.
  11. ޤާނޫނާއި އަދަބުތަކާއި ޚިލާފު ނުވާގޮތުގެ މަތީން ކިޔެވުމާއި ކިވައިދިނުމީ މިނިވަންކަން ލިބިގެންވާ ކަމެކެވެ.
  12. ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފު ނުވާހައި ހިދަކު ރައްޔިތުންގެ ކަންކަމާމެދު އެމީހުން ހަމަހިމޭންކަމާއި މަޑުމޮޅިކަމާއި އެކުގައި ތިބެގެން އެއްވެގެން އުޅޭ އުޅުންތަކަކީ އެކަމަށް މިނިވަންކަން ލިބިގެންވާ ކަންކަމެވެ.
  13. ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފު ނުވާހައި ހިދަކު ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހެދުމީ މިނިވަންކަން ލިބިގެންވާ ކަމެކެވެ.
  14. ރައްޔިތުންނަށް ނުއުފުލޭވަރުގެ ބުރައެއް ފައިސާގެ ނުވަތަ މަސައްކަތުގެ ގޮތުން އުފުލުމުގެ މައްޗަކަށް ދައުލަތުގެ ފަރާތުން ގަދަކަމެއް ނުދެއްކޭނެއެވެ.
  15. ޙައްޖުވުމަށާއި ޢިލްމު އުނގެނުމަށާއި ބޭސްފަރުވާ ކުޅައުމަށާއި ވިޔަފާރި ކުޅައުމަށާއި މިކަންކަމަށް ރާއްޖެއިން ބޭރަށް ދިއުން މަނާކުރެވޭނީ ހަމައެކަނި ސިޔާސީ ކުއްވެރީންނާއި އަދި ފައިސާގެ ގޮތުން އެކަމަށް ކުޅަދާނަ ވެގެންނުވާ މީހުންކަން ދައުލަތަށް ބަޔާންވެ އެނގޭ މީހުންނަށެވެ.
  16. ދިވެހި ރައްޔިތަކު މުޅީން ރާއްޖެ ދޫކޮށްފައި މީގެފަހުގައި ގޮސް އެހެން ތަނެއްގައި ވަޒަންވެރިވެ ހުރުމީ މަނަޢަކަމެކެވެ.
  17. ކޮންމެ ދިވެހި ރައްޔިތަކަށްމެ އަނިޔާއެއް ލިބޭ ނަމަ، އެއަނިޔާ އެއްގެ ވާހަކަ ބަޔާންކޮށް މަތީ ދަރަޖައިގެ ވެރިންނަށް ލިޔުމީ ހުއްދަވެގެންވާ ކަމެވެ.
  18. ދަޥްލަތުގެ ކޮންމެ ނޯކަރަކުމެ ވިދިވިދިގެން 25 އަހަރު ނޯކިރީ ކޮށްފިނަމަ މުސާރައިގެ ދެބައިކުޅަ އެއްބައިގެ ޕެންޝަން ލިބޭނެއެވެ.

މި ޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވުމުގެ ކުރިން ވެސް މިކަމާމެދު ބައެއް ބޭފުޅުންގެ ހިތްހަމަ ނުޖެހުން ހުރިކަމަށް ފާހަގަ ކުރެވޭ ކަންތައްތަކެއް ވަނީ ހިނގާފައެވެ. މިޤާނޫނު އަސާސީ އުވިދިއުމުގެ އެއްމެ ބޮޑު އެއްސަބަބެއްގެ ގޮތުގައި މުޙައްމަދު އަމީން ދީދީ ވިދާޅުވެފައިވަނީ މި ޤާނޫނު އަސާސީގެ 3 ވަނަ ބާބު ކަމުގައިވާ ރައްޔިތުންގެ ޙައްޤުތައް. މިބާބު ކަމުގައެވެ. މިއީ ރައްޔިތުންގެ ޙައްޤުތަކަށް ބޮޑު އަހްމިއްޔަތެއް ދެވިފައި އޮތް ބާބެކެވެ. ނަމަވެސް އެހެން ބައެއް ބޭފުޅުން އެހެނިހެން ސަބަބުތައް ވެސް ފާހަގަ ކުރައްވާފައި ވެއެވެ.  (ނުނިމޭ)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
100%
0%
0%
0%
0%
ކޮމެންޓް