ކުޅުދުއްފުށީގައި ކުނި ކޮށި ހުސްކުރުމުގެ ޕްރޮޖެކްޓެއް ވެމްކޯ އިން ފަށައިފިއެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނީ ހއ.ކުޅުދުއްފުށީ ކުނި ކޮށި ސަރަހައްދަށް ޖަމާވެފައިވާ ކުނިތައް ހުސްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ކުންފުނީގެ ޓީމެއް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ބޮޑު ސަރަހައްދެއްގައި ގިނަ އަދަދެއްގެ ކުނި ޖަމާކުރެވިފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ކުޅުދުއްފުށި ކުނިކޮށީގައި ޖަމާވެފައިވާ ކުނި ހުސްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ކޮޅުވެއްޓިތައް ކުޅުދުއްފުއްޓަށް ފޮނުވާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ.
ކުޅުދުއްފުށީގެ ކުނިގޮނޑު ފުރި ކުނި ނައްތާލުމުގެ މައްސަލައަށް ހައްލެ ނުލިބި އޮންނަތާ ގިނަދުވަސްތަކެއް ވަނީ ވެފައެވެ. އެމަސައްކަތް ކުރެވޭނީ ކުނިގޮނޑު ހުސްކޮށްގެން ކަމަށް ވެމްކޯއިން ބުނެއެވެ. ގާތްގަނޑަކަށް ކުނިކޮށީގައި 500 ޓަނުގެ ކުނި ހުރިކަމަށް ލަފާކުރެވޭއިރު ކުނިތައް ނަގައިގެން ގެންދިއުމަށް ހަމަޖެހިފައިވަނީ ރ.ވަންދޫއަށެވެ.
ކުޅުދުއްފުށީގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދަނީ ކުނި އަންދައިގެންނާއި ވަޅުލައިގެންނެވެ.