އޮޅިގެންވެސް ރައީސް ޔާމީންގެ އަތުތެރެއަށް މި ގައުމު ގޮސްފިނަމަ އަޅުވެތިންގެ އަޅުވެތި ކަމަށް ދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެއްވެސް މީހަކު އަޅުވެތިވާން ބޭނުން ނުވާނެ ކަމަށާއި ކޮންމެ މީހަކުވެސް އުޖާލާ ކަމަށާއި ރޯޝަނީކަން ބޭނުން ނުވާނެ ކަމަށެވެ.
"ވަށައިގެން މިހީވަނީ އިންތިހާބުގައި ކޮންމެވެސް ގޯސް ކަންތައްތަކެއް ހިނގާކަން. އެއްވެސް ޓްރާންސްޕޭރެންސީއެއް ނެތް. އެއީ ރީރަޖިސްޓްރޭޝަންގެ ކަންކަން ވިޔަސް. އައިޑީކާޑު ހަދާކަމުގައިވީ ނަމަވެސް. އަޑުއިވިގެންދަނީ ސަރުކާރުން ހިންގާ ހަޑިމުޑުދާރު އަމަލުތަކުގެ ވާހަކަ." ގާސިމް ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމެއްގައި އަދުލް އިންސާފު ގާއިމް ކުރާނެ ކަމަށާއި އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލުމަށްޓަކައި އިބޫއަށް ވޯޓުދޭން ޖެޙޭ ކަމަށް، ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ގާސިމް ވިދާޅުވި އެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ގާސިލް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވީ، ދިވެހިން ބޭނުންވަނީ ފައިދާ ހުރި ތަރައްގީ ކަމަށާއި ދަރަނިން ހޯދާ ތަރައްގީއެއް ބޭނުންނުވާ ކަމަށެވެ.
"މިރޭގެ ޖަލްސާއިން އަޅުގަނޑުމެންނަށް ޔަގީންވެގެންދަނީ 23 ސެޕްޓެމްބަރުގައި އަނިޔާވެރިކަން ނިންމާނެކަން." އައިޝަތު ނަހުލާ ވިދާޅުވިއެވެ.
ތަރައްގީގެ ނަމުގައި ތިން ހަތަރު ބޮޑު މަޝްރޫއުއެއް ގެންދަނީ ދިވެހިންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށާއި ޖީލުތަކަށް ރާއްޖެ ދަރަނިވެރިކޮށްގެން ހޯދާ ތަރައްގީ ބޭނުން ނޫން ކަމަށެވެ.