ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 19:43
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
މަގޭ ރިޕޯޓް
ފެންނަމުންދަނީ ރައީސް ޔާމީނަށް ގޮތް ހުސްވެފައި ހުންނެވި މަންޒަރު!
 
ސަރުކާރުން އަވަދިނެތި އުޅެނީ އިދިކޮޅު ކެންޑިޑޭޓާއި ޕާޓީތަކަށް ރައްދު ދިނުުގައި
 
ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތައް ދައްކައިގެން ތާއީދެއް އިތުރެއް ނުވި
 
ރަނިންގމޭޓްގެ ފަރާތުން ފާހަގަ ކުރެވޭ ވަރަށް ރައްޔިތުންގެ ތާއީދު އިތުރެއް ނުކުރެވުނު

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަވަރަކަށް ފެންނަމުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގޮތް ހުސްވެރިފައިވާ މަންޒަރެވެ. އެކަން އެންމެ ބޮޑަށް ފާހަގަވަނީ ރައީސް ޔާމީން އެކިއެކި ޖަލްސާތަކުގައި ދައްކަވަމުންދާ ވާހަކަފުޅުތަކުންނާއި ސަރުކާރު ހިންގާ ޕީޕީއެމްގެ ތެރެއިންނާއި ސަރުކާރު އަދި ބައެއް މިނިވަން މުއައްސަސާތަކުން ކަންކުރަމުންދާ ގޮތުންނެވެ.

އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލައިގެން އިންތިހާބެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތެވެ. އައު ގާނޫނުއަސާސީގެ ދަށުން ތިން ވަނަ ރިޔާސީ އިންތިހާބު ބާއްވާއިރު، ބާއްވަނީ ވެސް މަލްޓިޕާޓީ ޑިމޮކްރެސީގެ ނަމުގައި އެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ދެއްކުމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނާއި ފުލުހުން މަސައްކަތް ކުރިޔަސް ގޮތް ނޭނގޭ ވަރަށް ގިނަ ކަންކަން ދަނީ ހިނގަމުން ނެވެ.

ފެށުނީއްސުރެން ރައީސް ޔާމީނާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުން ދިޔައީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދުގެ ނަން ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށެވެ. ސަރުކާރަށް އެކަން ކާމިޔާބުވި ނަމަވެސް މިދަނޑިވަޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެކައްޗެއް ކިޔުމަށް ފަސޭހަވެގެން ދިޔައީ ރާއްޖޭގެ އެންމެ މަގްބޫލް ސިޔާސީ ލީޑަރ ފަހަތަށް ޖެހިވަޑައިގެން އިބޫ ކުރިއަށް ނެރުއްވަން ނިންމެވި ހިސާބުންނެވެ. ސަރުކާރަށް ކުރިން ހީކުރެވުނު ގޮތާއި ހިލާފަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގުޅުމާއި، ކެމްޕެއިންގެ ހަރަކާތްތައް ފޯރިއާއި އެކުގައި ކުރިއަށް ގެންދިއުމަށް ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ އާއި އެމަނިކުފާނުގެ ރަނިންގމޭޓުގެ ގޮތުގައި ފައިސަލް ނަސީމު ކަންޑައެޅިގެން ދިއުމަކީ ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރައްވަން އެޅުނު ފުރަތަމަ ފިޔަވަޅެވެ.

ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ އަދި ރަނިންގމޭޓެއްގެ ގޮތުގައި ފައިސަލް ހަމަޖެހިގެން ދިއުމާއެކު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ވެސް ރައީސް ޔާމީން ބަލި ކުރަން ބޮޑު އީދެއް އައިސްގެން އުޅޭފަދަ އެވެ. ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ކެމްޕެއިން މެކުހަށް ޖެހިގެން ދިޔައިރު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންގމޭޓެއް ކަނޑައެޅިގެންދިޔައިރު ވޯޓެއް އިތުރުވާ ކުރެވިފައިވަނީ ކޮންކަމެއްތޯ ބަލާލަން އެބަޖެހެ އެވެ.

ރިޔާސީ އިންތިހާބެއްގެ ވާދަކުރާއިރު، އެންމެ ފުރަތަމަ ރަނިންގމޭޓެއް ކަނޑައަޅާއިރު، އެމީހެއްގެ ފަރާތުން އިތުރުވާނެ ވޯޓެއް އޮތްތޯ ކޮންމެ ކެންޑިޑޭޓެއްވެސް ބައްލަވާނެ އެވެ. ރާއްޖޭގެ މިހާރު މިއޮތް ސިޔާސީ ހާލަތަށް ބަލާފަ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނިންމުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ފެނެއެވެ. ރައްޔިތުންގެ ތާއީދާއި ލޯބި އިންތިހާއަށް އިތުރުވެފައިވާކަން ފެންނަމުންދާ މަންޒަރުތަކުން އެނގެއެވެ.

ނަމަވެސް ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ކަނޑައެޅުމުން ރައީސް ޔާމީންނަށް ވޯޓު އިތުރުވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ކެމްޕެއިންގައި ދީނީ ކާޑު ކުޅުއްވަން ޝަހީމް އެމަގާމަށް އައްޔަން ކުރެއްވުން ކަމަށްވެސް ވެދާނެ އެވެ. އެކަން ޝަހީމާއި ސަރުކާރުން ކުރެއްވި ނަމަވެސް ސަރުކާރަށް ރައްޔިތުންގެ ތައީދު އިތުރުވާތަނެއް ނުފެނެ އެވެ.

ދީނީ ކާޑު ކުޅުއްވަން ރަނިންގމޭޓަކަށް ޝަހީމް ހަމަޖެއްސިނަމަވެސް އެކަމުން ސަރުރާށް ރައްޔިތުންގެ ތާއީދު ނުހޯދުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަނިންގމޭޓްކަން ކަނޑައެޅުމާއެކު ޕީޕީއެމް އޮފީހުގައި ޝަހީމް ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ދެއްކެވި ވާހަކަފުޅާއި ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމަށް ވަޑައިގެން "ހޭވި ހަޑި" އާއި އެކިއެކި ޖަލްސާތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެލީޑަރުންއެކު މަސައްކަތް ކުރައްވާ އަދި ކޮރަޕްޝަނާއި ފަސާދައާއި ވައްކަމާއި އަނިޔާވެރިކަމުން ރައްޔިތުންނާއި ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާ ދީނީ އިލްމުވެރިންނަށް ޝަހީމް ދެއްވަމުން ގެންދަވާ ރައްދުތައް ކަމަށް ބެލެވެ އެވެ.

އެހެންކަމުން ދީނީ ކާޑު ކުޅުއްވުމަށް ރަނިންގމޭޓަކަށް ޝަހީމް ކަނޑައެޅުއްވި ނަމަވެސް އެކަމުގެ ސަބަބުން ރައްޔިތުންގެ ތާއީދު އިތުރު ނުވާކަން ފެންނަމުންދާ މަންޒަރުތަކުން ހާމަވެއެވެ.

ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމާއި މަޝްރޫއުތައް ހިންގަމުންދާކަން ހާމަ ކުރުމުގެ ގޮތުން ރައީސް އޮފީހުން ނެރުނު "ރަށްވެހި ތަރައްގީ" ފޮތުން ވޯޓު އިތުރުވާނެ ކަމަށް ހީކުރެވުނަސް އެންމެފަހުން އެ ފޮތްވީ ސަރުކާރުން އޮޅުވާލާފައިވާ ބޯޑު އޮޅުވާލުންގަނޑަކަށެވެ.

އެފޮތުގައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރައްވާ ރަށްރަށުގެ ތަރައްގީއަށް ރައީސް ޔާމީން ބޮޑެތި މަޝްރޫއުތަކާއި ކޮށްފައިވާ ބޮޑެތި ޚަރަދުތަކުގެ އަދަދުތައް ވިދާޅުވަމުން ގެންދަވާއިރު، އެފޮތުގައި ހަމަ ނުޖެހޭ އެތައްތަކެއް ފާހަގަ ކުރެވިގެން ރައްޔިތުން އެވާހަކަތައް ދައްކަނީ ވެސް "ޖޯކެއް"ގެ ގޮތުގަ އެވެ.

އެފޮތުން އެންމެ ގިނަ އަދި ބޮޑެތި މަޝްރޫތަކަށް ކަމަށް ފާހަގަ ކޮށްފައިވަނީ "ސްޕޯޓްސް އެރީނާ"ގެ މަޝްރޫއު އެވެ. މިސަރުކާރުން ފުޓްސަލް ދަނޑަކާއި ބަށި ކޯޓެއް އެޅިޔަސް އެވީ ސްޕޯޓްސް އެރީނާއަކަށެވެ. އަނެއްކާ އަގުތަކުގެ ހުރިތަފާތަކީ އަޖައިބުނުރަނިވި އަގުތަކެކެވެ. ބައެއް ރަށްރަށުގައި 7 ލައްކަ ރުރިޔާއަށް ފުޓްސަލް ދަނޑެއް އެޅޭއިރު، ބައެއް ރަށްރަށުގައި ފުޓްސަލް ދަނޑެއް އެޅުމަށް 6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. ގައިމު ފުޓްސަލް ދަނޑުތަކަކީ އެއް ސައިޒެއްގެ ދަނޑުތަކެއް ވިއްޔާ އެވެ. ފަހަރެއްގައި ބިން ހިއްކައިގެން ފުޓްސަލް ދަނޑެއް އަޅާ ކަމަށްވާނަމަ 6 މިލިއަން ރުފިޔާ ޚަރަދު ވެދާނެ ތޯއްޗެކެވެ. "ރައްވެހި ތަރައްގީ" ފޮތުން ކޮރަޕްޝަނުގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޚަރަދުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން 2500 އެއްކާ މީހުން ދިރިއުޅޭ ރަށްރަށުގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް ބިނާ ކުރެވޭ ފައިސާގެ އަދަދު ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލް ކުރުންފަދަ ކަންކަމަށް ޚަރަދު ކޮށްފައިވާކަން ފާހަގަކުރެވެ އެވެ. ހަމަ ހަގީގަތުގައިވެސް ފުޓްބޯޅަ ދަނޑެއްގެ ފަސްގަނޑު ލެވެލް ކުރުމަށް 6 މިލިއަން ރުފިޔާ ދާނެ ބާއޭ ހިތަށް އަރައެވެ.  އަނެއްކާ ސިއްހީ މަރުކަޒެއްގެ ފަންކާއެއް ބަދަލު ކުރުން ފަދަ ކަންކަމަކީ ވެސް ތަރައްގީގެ މަޝްރޫއެއްކަމަށް ކަނޑައަޅައި، "ރައްވެހި ތަރައްގީ" ފޮތުގައި ލައްކައިން ޚަރަދު ކޮށްފައިވާއިރު، އެ ފޮތް ނެރެގެން ބޮޑު މަންޒަރު ދައްކަން އުޅުނަސް ގޮވަނީ "އަތަށް" އެވެ.

މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާކަން ރައްޔިތުން ގަބޫލު ނުކުރަނީއެއް ނޫނެވެ. މައްސަލައަކީ ރައްޔިތުންގެ މުދަލާއި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ދައުލަތަށް އާމްދަނީ ހޯދަމުންދާއިރު، ދައުލަތުގެ ފައިސާ އިސްރާފުކޮށް، ކޮރަޕްޝަނުގެ އަމަލުތަކާއި ފައިސާއަށް ހިޔާނާތްތެރިވަމުންދާތީ އެވެ. ރައީސް ޔާމީންގެ މި ސަރުކާރު ވެފައިވަނީ ރާއްޖެދުށް އެންމެ ކޮރަޕްޓް ސަރުކާރަށެވެ.

ދެން އޮތީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގެ ތެރެއިން "ސިނަމާލެ ބްރިޖް" އެވެ. ބްރިޖް ވެސް ހުޅުވައިފި އެވެ. ރައީސް ޔާމީނަށް އޮތް ސަޕޯޓެއް ވަކި އިތުރުވި ތަނެއް ނުފެނެ އެވެ. ބްރިޖް ހުޅުވި ދުވަހު ރައީސް ޔާމީންގެ އަނބިކަނބަލުންނާއެކު ރައީސް ޔާމީނަށް ތާއީދު ކުރާކަމަށް ސަރުކާރުން ބުނަމުންދާ 85000 ރައްޔިތުން ބްރިޖަށް އެރިކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް "ބްރިޖް ސަޅި" އޭ ލިޔައިގެން ވަރަށް ހާއްސަ ކަންތައްތަކެއް އިއުލާން ކުރައްވާނެ ކަމަށް ބުނި ހާއްސަ ޖަލްސާއަށް ވައިޑައިގެންނެވި ކަމަށް ސަރުކާރުން ބުނަނީ 30000 މީހުން ކަމަށެވެ. އެހެންވީމާ ރައީސް ޔާމީނަށް ތާއީދު ކުރާ މީހުންގެ އަދަދު ފާއިތުވެދިޔަ ހަފްތާއެއްގެ ތެރޭގައި މިވަނީ ބޮޑުތަނުން ދަށަށް ގޮސްފަތާއެވެ. އެއީ ހަމަ ސަރުކާރުން ބުނަމުންދިޔަ އަދުތަކުން ނިކުތް ނަތީޖާ އެވެ.

ރައީސް ޔާމީނުގެ ކެމްޕެއިނަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ދަތުރުފުޅުގެ ނަމުގައި އެކި ރަށްތަކަށް ގެންދަވަނީ ވަޑައިގަންނަވަމުން ނެވެ. ރައްޔިތުންގެ ފައިސާއިން ކުރާ އެ ޚަރަދުގައި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ރައްދު ދެމުންވެސް ގެންދަވަނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި އެޕާޓީތަކުގެ ލީޑަރުންނަށް ގޮންޖައްސަވާ ވާހަކަފުޅު ދައްކަވާއިރު، ރައްޔިތުންގެ ތާއީދު ކުޑަވަމުންދާ މަންޒަރު ފެންނަމުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
50%
0%
0%
0%
50%
ކޮމެންޓް