Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ށ.ނޫމަރާ

ސަރުކާރުގެ އަމަލުތަކުން ނޫމަރާގެ އިޖްތިމާއީ، އުމްރާނީ ތަރައްގީ ހުއްޓިފައި!

ނޫމަރާގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގައި ސަރުކާރުން ވަނީ އިހުމާލުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޖުލައި 2018 | ހޮނިހިރު 13:48
ނޫމަރާގެ ރައްޔިތުން މަގެއްގެ މަތީގައި، މިހާރު އެރަށުގެ ރައްޔިތުންނަށް ގޯތިދޫކުރުން ވަނީ ހުއްޓުވާފައި

ނޫމަރާގެ ރައްޔިތުން މަގެއްގެ މަތީގައި، މިހާރު އެރަށުގެ ރައްޔިތުންނަށް ގޯތިދޫކުރުން ވަނީ ހުއްޓުވާފައި

ށ. އަތޮޅުގައި އޮންނަ ނޫމަރާއަކީ ކުޑަ އާބާދީއެއް ދިރިއުޅެމުން އަންނަ ރީތި ރަށެކެވެ. ފަސްސަތޭކައެއްހާ މީހުން ދިރިއުޅެމުން އަންނަ މިރަށުގެ ރައްޔިތުން ހިތްގައިމު ދިރިއުޅެއް އުޅެމުން އައި ނަމަވެސް މިހާރު ވަނީ މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. ޒަރޫރީ ބޭނުންތައް ފުއްދުމުގައި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ.

ކުދި އާބާދީތަކަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އިތުރުން ނޫމަރާ އަށް ކުރިމަތިވެފައިވާ އަނެއް މައްސަލައަކީ އެ ރަށުގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވުމެވެ. ކުދި އާބާދީތައް އޮންނަ ރަށްރަށުގައި ވެސް ދިރިއުޅެވޭނެ ކަމުގެ އުންމީދެއް އޮތް ނަމަ އެ ރަށެއްގައި އުޅޭ ރައްޔިތުން ދިރިއުޅުން ތަރައްގީކުރުމަށް މަސައްކަތްކުރާނެއެވެ. ނަމަވެސް ނޫމަރާގެ ރައްޔިތުން އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ ތަރައްގީގެ މަޝްރޫއުތަކާއި އަމިއްލަ ދިރިއުޅުމުގެ މަސައްކަތްތައް ވަނީ އިތުރު ތަރައްގީއެއް ނާންނަ ގޮތަށް މަޑުޖެހިފައެވެ.

ރާއްޖެއެމްއީއަށް މައޫލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވީ ނޫމަރާގެ ރައްޔިތުން އެ އަތޮޅު ފުނަދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައި އޮންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ނަމަވެސް މިކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށެވެ. ނޫމަރާގެ ރައްޔިތުން ފޮނަދޫއަށް ބަދަލުކުރުމަށް އެރަށުގައި ވޯޓެއް ނަގާނެ ކަމަށާއި، އެވޯޓުގެ ނަތީޖާ ދައްކާ ގޮތުން ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް މިކަމުގެ ޚަބަރެއް ލިބިފައިވާ ނުވާ ކަމަށާއި، ހައުސިން މިނިސްޓްރީން މިކަމާ ބެހޭ ގޮތުން ޖަވާބެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް އިޖާބައެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫމަރާގެ އަންހެނުން ކަނބަލުން..

ހަސަން ވިދާޅުވީ ރައްޔިތުން ދިރިއުޅެމުންދާ ގެތަކުގެ އާބާތުރަފިލުވައި، ގެތައް މަރާމާތު ކުރުން ހުއްޓިފައިވާ ކަމަށާއި، އެރަށުގެ ޒުވާނުންނަށް ގޯތި ދިނުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ނޫމަރާގައި ދިރިއުޅެމުން އަންނަ ގިނަ ޒުވާނުން މިހާރު ތިބީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށާއި، ގޯތި ދޫކުރުމުގެ ހުއްދައެއް އެދި ޒުވާނުން ޕެޓީޝަނެއްގައި ސޮއިކުރަމުން ގެންދާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

"ރަށުގެ ޒުވާނުން އެއީ. އެކުދިން ވެސް ކައިވެނިކޮށްގެން ޒަވާޖީ ހަޔާތް ވޭތުކުރާއިރު ގެދޮރު އިމާރާތްކުރަން ބޭނުންވާނެ. އެކަމަކު އެފުރުސަތު މިއޮތީ ގެއްލިފައި. ގިނަ ޒުވާނުން ތިބީ ވަރަށް ހިތްހަމަނުޖެހިފައި. އެހެންވީމަ އެކުދިން މިހާރު ޕެޓިޝަން ވެސް އެބަހަދާ. ދެން އެއަށް ވެސް ވާނެ ގޮތެއް ނޭނގެ. ރަށުން މީހުން ބާލާނެ ކަމެއް ނުބާލާނެ ކަމެއް ވެސް ނޭނގެ. ޖަވާބެއް ނުދޭ. ޖަވާބު ހޯދަން މަސައްކަތް އަޅުގަނޑުމެން ކުރަން. އެހެން ރަށަކަށް ބަދަލު ކުރަންޏާ ސަރުކާރުން ޖެހޭނެ ހުރިހާ ހަރަދެއް ދޭން. މިރަށުގައި ދާއިމީ ވަޒީފައިގައި ތިބި މީހުންނަށް ވަޒީފާ ވެސް ހަމަޖައްސައިދޭން،" ހަސަން ވިދާޅުވިއެވެ.

ނޫމަރާގެ ރައްޔިތުންނަށް ލާފާފުރުމުގެ ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ ބަދަރަށް ވަދެނުކުމެ އުޅުމަށް ހަދާފައިވާ ނެރުފައިކަށީގައި ހިލަޖަހާފައި ނެތުމުގެ ސަބަބުން ވެލިއެޅި އެސަރަހައްދު އެއްކޮށް ބެދި އޮޑިދޯނިފަހަރަށް ވަދެނުކުމެ ނުހެދޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ބަނދަރުގެ ހާލަތު ވަރަށް ގޯސް ކަމަށާއި، އެންމެ ބޮޑުދިޔައިގައި ވެސް އެބަނދަރު ބޭނުން ކުރެވެނީ ކުދިއޮޑިފަހަރަށް ކަމައްށެވެ.

ބަނދަރުގެ ބޭނުން ނުކުރެވޭ ކަމަށް ކައުންސިލުން ބުނޭ...

ހަސަން ވިދާޅުވީ ބޮޑެތި އޮޑިފަހަރަށް ފަޅުން ނުނިކުމެވޭތީ ރަށުން ބޭރަށް ދިއުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި، އަތޮޅުފެރީގެ ހިދުމަތް ވެސް ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ މުދާ ގެނައުމުގައި ވެސް ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ބަނދަރުގެ މައްސަލައަކީ ބޮޑު މައްސަލައެއް. ވަރަށް ޒަމާންވެއްޖެ މިކަމާ އުޅޭތާ. ސިޓީ ފޮނުވިން ހައުސިން މިނިސްޓްރީއަށް. އެކަމަކު ޖަވާބެއް ނުލިބޭ. ގުޅީމަ ބުނާނެ ފުންކޮށްދޭނޭ. އެހެން ކިޔާތާ ވެސް މިހާރު އަހަރަށް ވުރެ ގިނަ ދުވަސްވީމި،" ހަސަން ވިދާޅުވިއެވެ.

ނޫމަރާ އަށް ކުރިމަތިނުވާ މައްސަލައެއް ނެތެވެ. އެންމެ އަސާސީ ބޭނުންތައް ފުއްދުމަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ހަސަން ވިދާޅުވީ ނޫމަރާގައި ދިރިއުޅެމުން އަންނަ ރައްޔިތުން މިހާރު ތިބީ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާ ކަމަށާއި، އާމްދަނީ ހޯދާނެ ގޮތްތައް ވެސް ބަންދުވެފައި ކަމަށެވެ. ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ނޫމަރާ އުމްރާނީ ތަރައްގީ ބަންދުވެފައިވާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މާލެ އާއި ބޮޑެތި އާބާދީ އޮންނަ އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް މިސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ތަރައްގީގެ މަޝްރޫއުތައް ހިންގި ނަމަވެސް ކުދި އާބާދީ އޮންނަ ރަށްރަށުގެ ރައްޔިތުން ދިރިއުޅުން މިސަރުކާރުގެ ސަބަބުން ހުއްޓިފައިވާ ކަމަށެވެ. އަދި އުންމީދު ކުރަނީ ދާދި އަވަހަށް މިމައްސަލަތަކަށް ހައްލު ލިބުން ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ނޫމަރާގެ ކުރީގެ ކައުންސިލްގެ ރައީސް އަހްމަދު ވިޝާން ވިދާޅުވީ ސިއްހީ މަރުކަޒުން ވެސް އެކަށީގެންވާ ޚިދުމަތް ނުލިބޭ ކަމަށެވެ.

ވިޝާން ވިދާޅުވީ 2016 ވަނަ އަހަރު އެރަށް ގެނައި އެމްބިއުލެންސް އެރަށުގެ ބަނދަރު ތިލަވެފައި އޮތުމުގެ ސަބަބުން އެރަށް ނޭރުވުނު ކަމަށާއި، އެއެމްބިއުލެންސް ގެންދިޔައީ ބ. ގޮއެދޫއަށް ކަމަށެވެ. އެމްބިއުލެންސް ނެތުމުން އެތައް ދަތިތަކާ ކުރިމަތިވާތީ އެކަން ހެލްތު މިނިޝްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭރު ވަރަށް އަވަހަށް އެމްބިއުލެންސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް އެކަން ކާމިޔާބުނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

ނޫމަރާގެ ސްކޫލުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ދެދަންފަޅިއަށް ބަހާލައިގެން ގްރޭޑް ދިހައަކާ ހަމައަށް ކިޔަވައިދޭއިރު ކްލާސް ރޫމްގެ ދަތިކަމުން ގިނަ ހަރަކާތްތަކަކުން ސްކޫލު ކުދިން މަހުރޫމްވާ ކަމަށެވެ.

ނުމަރާގެ ސްކޫލު ކުދިންތަކެއް...

ސްކޫލުގައި ހުންނަނީ ހަތް ކްލާސްރޫމް ކަމަށްވާއިރު، އެތަނުން އެއް ކްލާހަކީ ޕްރީ ސްކޫލަށް ޚާއްސަ ކްލާހެކެވެ.

"ތަނެއް ނެތީމަ ކޮންޕިޔުޓަރު ކުލާސްތައް ކުރިއަށް ނުގެންދެވޭ. ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ،" ބެލެނިވެރިޔާ ބުންޏެވެ.

ކްލާސްރޫމް ދަތިކަން ބެލެނިވެރިންނާއި، ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެހެން ވުޒާރާތަކެކޭ އެއްފަދައިން އެ ސިޓީތައް ވީ ހިސާބެއް ވެސް ނޭނގެއެވެ. މިއަދާ ހަމައަށް ވެސް އެއިން ސިޓީއަކަށް ޖަވާބެއް ނުލިބެއެވެ.

ހިތްފަސޭހަ އަމާން މާހައުލެއްގައި ނޫމަރާގެ ރައްޔިތުން ދިރިއުޅުނު ނަމަވެސް މިކަންކަމުގެ ސަބަބުން ނޫމަރާގެ ރައްޔިތުންނަށް މިއަދު މިވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. މުސްތަގުބަލް ބިނާ ކުރަން ނޭނގިފައެވެ. މުސްތަގުބަލަށް ގިނަ ހުވަފެންތަކެއް ދެކެމުން އަންނައިރު އަދިވެސް ނޫމަރާގެ ރައްޔިތުން އުންމީދު ކަނޑައެއް ނުލައެވެ. އެރައްޔިތުން އިންތިޒާރު ކުރަމުން އެދަނީ ސަރުކާރުން އެމީހުންނަށް ޖަވާބުދާރީވާނެ ދުވަހަކަށެވެ. އެމީހުން އެދެނީ އެހެން ރަށަކަށް ބަދަލުނުކުރާ ނަމަ ތަރައްގީގެ މަޝްރޫއުތައް އެ ރަށަށް ވެސް އަމާޒުކުރުމަށެވެ. ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ޚިދުމަތްތައް ދިނުމަށެވެ. ޒުވާނުންނަށް ގޯތި ދީ ދިރިއުޅުން ތަރައްގީކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުމަށެވެ. ރަށުގައި ނެތް ޚިދުމަތްތައް ހޯދަން ދެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް ފަޅުގެ ބޭނުންކުރެވޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށެވެ. މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގި މަޑުޖެހި ބިއްޖެހިފައި ތިބެން އެ މީހުން ބޭނުމެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

11 އެޕްރީލު 2018
ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

05 ފެބުރުއަރީ 2018
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު