Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުހައްމަދު ސަލާހު

މުހައްމަދު ސަލާހު: މެސީ އަދި ރޮނާލްޑޯގެ ޗެޕްޓަރ ނިމުމަކަށް ގެންނާނެ މިސްރުގެ ރަސްގެފާނު

ސަލާހުއަކީ މިސްރުގެ ގައުމީ ޓީމުގެ ކެޕްޓަން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 11 ޖޫން 2018 | ހޯމަ 13:33
މުހައްމަދު ސަލާހު

މުހައްމަދު ސަލާހު

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެނީ 2007 ވަނަ އަހަރު ބްރެޒިލްގެ ރިކާޑޯ ކާކާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ގެންދިޔަ ފަހުން މި ދެ ކުޅުންތެރިން ފިޔަވާ އެހެން އެއްވެސް ކުޅުންތެރިޔަކަށް ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދެވިފައެއް ނުވެއެވެ. ކޮންމެ ކުޅުންތެރިޔަކު ވެސް މި އެވޯޑު ފަސް ފަހަރު ގެންގޮސްފައިވާއިރު މިއީ އެހެން ކުޅުންތެރިންނަށް ގާތްވެސް ކުރެވޭ އަދަދެއް ނޫނެވެ.

އެހެން ނަމަވެސް މިއަހަރު މި ވާހަކައިގެ މި ޗެޕްޓަރ ނިމި މުޅިން އައު ޗެޕްޓަރ އެއް ލިޔެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދުނިޔޭގެ އެތައް ބައެއްގެ މި އުއްމީދާއި ގުޅިފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގާއި ޔޫރަޕުގެ ފުޓްބޯޅަ މި ސީޒަނުގައި ފަތަހަކުރި މިސްރުގެ މުހައްމަދު ސަލާހުއެވެ. ނާކާމިޔާބީގައި މަސައްކައްކޮށްފިނަމަ ކޮންމެ ކުޅުންތެރިޔަކަށް ވެސް ކާމިޔާބު ހޯދޭނެކަން ސަލާހު ވަނީ ސާބިތުކޮށްދީފައެވެ.

މިސްރުގެ ސިޓީއެއް ކަމަށްވާ ބަސްޔޫންގެ އަވަށެއް ކަމަށްވާ ނަގިރްގައި 1992 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އުފަންވި ސަލާހުއަކީ ފުޓްބޯޅައަށް މިފަދަ ބޮޑު އިންގިލާބެއް ގެންނާނެ މީހެއް ކަމަށް ދުވަހަކު ވެސް ބަޔަކު ހިޔެއްނުކުރެއެވެ. މުސްލިމު ކުޅުންތެރިންނަށް ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ކުރިމަތިވާ ހުރަސްތަކުގެ ސަބަބުންނެވެ. އެފްރިކާގެ ގައުމަކަށް ނިސްބަތްވީތީއެވެ. ދުނިޔޭގެ ފެންވަރުގެ މަދު ކުޅުންތެރިންތަކެއް އުފެއްދި ގައުމެއްގެ ކުޅުންތެރިޔަކަށްވާތީއެވެ.

ސަލާހު ލިވަޕޫލްގެ ކުޅުންތެރިންނާއެކު

ސަލާހުގެ ޅަ ދުވަސްވަރު އޭނާ ކުޅުނީ އޭނާގެ ސިޓީގެ ޓީމު ކަމަށްވާ އެލް މޮކައުލޫންއަށެވެ. އެ ކްލަބްގެ ކޯޗަށް އޭނާގެ ހުނަރާއި ފެންވަރު ފާހަގަކުރެވުމާއެކު 2010 ވަނަ އަހަރު ސީނިއަރ ޓީމަށް ކުޅުމުގެ ފުރުސަތު ދިނެވެ. އެހެން ނަމަވެސް ފުޓްބޯޅައިގެ ދުނިޔޭގެ ރަސްކަމާއި ހިސާބަށް ދިޔުމަށް ސަލާހުއަށް މި ހިސާބުން ދިމާވީ ބޮޑު ގޮންޖެހުމަކާއެވެ.

އެގޮތުން މިސްރުގެ އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ އަލް އަހްލީ އާއި އަލް މަސްރީ ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މިސްރުގެ ފުޓްބޯޅަ ސީޒަން އެއްކޮށް ކެންސަލް ކުރެވުނެވެ. މަސައްކަތްކުރާ މީހުންނަށް ނަސީބު އެހީތެރިވެދޭ ކަމަށް އަބަދުވެސް މީހުން ބުނެއެވެ. ސަލާހުގެ އަތުގައި ވެސް ނަސީބު ހިފީއެވެ. މިސްރުގެ 23 އަހަރުން ދަށުގެ ޓީމާއި ދެކޮޅަށް ސްވިޓްޒަލޭންޑުގެ އެފްސީ ބަސެލް ރަހުމަތްތެރިކަމުގެ މެޗެއް ކުޅުނެއެވެ. މި މެޗުގެ ދެވަނަ ހާފުގައި ބެންޗުން އަރާ ސަލާހު ދެ ލަނޑު ޖެހުމާއެކު އެ ޓީމުން ވަނީ އެ ޓީމުގެ ފަރިތަކުރުންތަކަށް އޭނާއަށް ދައުވަތު ދީފައެވެ. ފަރިތަކުރުންތަކުގައި އޭނާ ތަފާތު ދެއްކުމާއެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއް އޭނާއަށް ދީ އެ ޓީމުގެ ކުޅުންތެރިޔަކަށް ސަލާހު ހެދިއެވެ.

ބަސެލްގައި އޭނާ އެންމެ ފުރަތަމަ ހަބަރުތަކުގެ ފަލަސުރުހީތަކުން ޖާގަ ހޯދީ އިސްރާއިލުގެ ޓީމަކާއި ދެކޮޅަށް ކުޅުނު މެޗެއްގައި އެ ޓީމުގެ ކުޅުންތެރިންނާއި އޭނާ ސަލާމް ނުކުރުމުންނެވެ. ސަލާހު ދިޔައީ ސްވިޓްޒަލޭންޑުގައި މޮޅު ކުޅުމެއް ދައްކައި ޔޫރަޕުގެ ފުޓްބޯޅައިގައި ވެސް އޭނާގެ ނަން މީހުންނަށް އަންގައި ދެމުންނެވެ. މިއާއެކު އޭނާއަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ހުށަހެޅުމެއް ލިބުނެއެވެ.

2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީއަށް ބަދަލުވެ އެޓީމަށް ކުޅުނު މިސްރަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށް އޭނާ ވިއެވެ. އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ލިބޭނެ ކަމަށް އުއްމީދުކުރެވުނު ނަމަވެސް އޭރު ޗެލްސީގެ ކޯޗެއްގެ ގޮތުގައި ހުރި ހޯސޭ މޮރީނިއޯ އޭނާއަށް ފުރުސަތު ދީފައިނުވެއެވެ. އޭގެ ބަދަލުގައި ސަލާހުގެ ކުޅުމަށް މޮރީނިއޯ ވަނީ ފާޅުގައި ފާޑު ކިޔާފައެވެ.

މޮރީނިއޯގެ ޗެލްސީއަށް އޭނާ ބޭނުންނުވުމާއެކު 2015 ވަނަ އަހަރު އޭނާ ބަދަލުވީ އިޓަލީގެ ފިއޮރެންޓީނާއަށެވެ. ފިއޮރެންޓީނާގައި އޭނާ މޮޅު ކުޅުމެއް ދެއްކިއިރު މިކަމުގެ ސަބަބުން އެ ޓީމުން ވަނީ ދާއިމީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ގެނައުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ސަލާހު އެކަމަށް އިންކާރުކޮށް ބަދަލުވީ އޭއެސް ރޯމާއަށެވެ.

ސަލާހު ރޯމާގެ ކުޅުންތެރިޔެއްގެ ގޮތުގައި

ރޯމާ ވެގެންދިޔައީ ސަލާހުއަށް މޮރީނިއޯ ފަދަ ކޯޗުންގެ ނިންމުންތަކަކީ ގޯސް ނިންމުންތަކެއްކަން ސާބިތުކޮށްދޭން ލިބުނު ދެވަނަ ފުރުސަތަކަށެވެ. ރޯމާގައި އޭނާގެ ތަފާތު މީހުންނަށް ފާހަގަކުރެވެން ފެށުނެވެ. އެޓީމާއެކު އޭނާ ދެ ސީޒަން ހޭދަކުރިއިރު ފުރަތަމަ ސީޒަނުގައި ވެސް ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ގެންދިޔައެވެ.

ރޯމާގައި ދައްކަމުންދިޔަ ތަފާތު ކުޅުމާއެކު ލިވަޕޫލްއިން ވަނީ އޭރުގެ ކްލަބް ރެކޯޑް ފީއެއް ކަމަށްވާ 42 މިލިއަން ޕައުންޑަށް އޭނާ އެ ޓީމަށް ގެނެސްފައެވެ. ލިވަޕޫލްގައި ސަލާހުއަށް ދުނިޔޭގެ މީހުންގެ ސަމާލުކަން ލިބެން ފެށިއެވެ. ކްލަބްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެތަކެއް ރެކޯޑްތަކެއް މުގުރާލިއެވެ. އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ލިބުނެވެ. ލިބުނު އެވޯޑުތަކުގެ އަދަދު ވެސް ނޭނގެއެވެ.

ޕްރިމިއާ ލީގުގައި އޭނާ 32 ލަނޑު ޖެހިއިރު މިއީ ރެކޯޑެކެވެ. ލިވަޕޫލަށް ކުޅުނު މެޗުތަކުގައި 44 ލަނޑު ޖެހިއިރު އޭނާއަށްވުރެ ގިނައިން މިދިޔަ ސީޒަނުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔަކީ ލިއޮނެލް މެސީއެވެ.

ސާޖިއޯ ރާމޯސްއާއެކު ސަލާހު ވެއްޓެނީ

އޭނާގެ މޮޅު ކުޅުމާއެކު ޕްރިމިއަރ ލީގުގެ ހަތަރުވަނަ އާއި ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދިއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފުރިހަމަ 90 މިނެޓު އޭނާއަށް ނުކުޅެވުނީ ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއާއެކު އޭނާ ބޯޅަ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ވެއްޓި ކޮޑުހުޅަށް އަނިޔާވީއެވެ. މިސްރުގެ އެތައް މިލިއަން ރައްޔިތުންގެ ރުޅިވެރިކަން އެވަގުތު ދިޔައީ ފަޅައިގެންނެވެ. ރާމޯސްއާ ދެކޮޅަށް އެއް ބިލިއަން ޑޮލަރު ހޯދުމަށް ހުށަހަޅައި އޭނާއާ ދެކޮޅަށް ހަތަރު ލައްކަ މީހުން ޕެޓިޝަނެއްގައި ސޮއިކުރިއެވެ.

ވާރލްޑް ކަޕަށް ކޮލިފައިވުމަށްފަހު މިސްރުގެ ރައްޔިތުންނާއެކު ސަލާހު އުފާފާޅުކުރަނީ

މިސްރުގެ ރައްޔިތުންގެ މެދުގައި ސަލާހުއަށް ދެވިފައިވަނީ ހާއްސަ ގަދަރަކާއި ލޯތްބެކެވެ. މިސްރުގެ ގައުމީ ޓީމަށް ވެސް ކުޅުނު 57 މެޗުގައި ސަލާހު 33 ލަނޑު ޖަހާފައިވާއިރު އޭނާއަށް ގައުމުގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިގެންދިޔައީ ފީފާ ވާރލްޑް ކަޕުން 28 އަހަރަށްފަހު އެ ގައުމަށް ޖާގައެއް ކަށަވަރުކޮށްދިނުމާއި ގުޅިގެންނެވެ. އެގޮތުން އެފްރިކާ ބައްރުގެ ކޮލިފައިންގެ އެންމެ ފަހު ބުރުގެ އެންމެ ފަހު މެޗުގައި ކޮންގޯއާ ދެކޮޅަށް ސަލާހު ކާމިޔާބުކުރި ލަނޑަކީ، އެ ޓީމަށް ވާރލްޑް ކަޕުން ފުރުސަތު ލިބުނު ސަބަބެވެ. މިސްރުގެ ގައުމީ ޓީމުގެ ކެޕްޓަނަކީ ވެސް ސަލާހުއެވެ.

މިސްރުގެ ރައްޔިތުންގެ މެދުގައި ސަލާހުގެ މަގުބޫލުކަން ހާމަވެގެންދިޔައީ ދާދިފަހުން އެ ގައުމުގައި ބޭއްވުނު ރިޔާސީ އިންތިހާބުގައެވެ. އެ އިންތިހާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެނޑިޑޭޓަށްވުރެ ގިނައިން ސަލާހުގެ ނަން މީހުން ވޯޓު ކަރުދާހުގައި ޖަހާފައިވެއެވެ. ރިޔާސީ އިންތިހާބުގައި ވާދަނުކުރި ނަމަވެސް އެއް މިލިއަނަށްވުރެ ގިނަ ވޯޓު އޭނާ ހޯދިއެވެ. މިސްރުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިފިނަމަ ސަލާހު އެ އިންތިހާބުގައި މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ކިހިލި ޖަހާލައިގެން ބަލިކުރާނެ ކަމަށް އެ ގައުމުގެ ރައްޔިތުން ގަބޫލުކުރެއެވެ.

އޭނާގެ މަގުބޫލުކަން ލިވަޕޫލްގެ ސަޕޯޓަރުންގެ މެދުގައި އަދި އޮތީ އެހެން ލެވެލްއެއްގައެވެ. އެ ކްލަބްގެ ބައެއް ސަޕޯޓަރުން ސަލާހުގެ ފަރާތުން ފެންނަ ކުޅުމުގެ ސަބަބުން އިސްލާމްވެސް ވެފައި އެބަތިއްބެވެ.

މެސީ އަދި ރޮނާލްޑޯގެ ރަސްކަމަށް ނިމުމެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ސަލާހު ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް ދައްކުވައިދީފައިވާ ރީތި މިސާލުތަކުގެ ސަބަބުންނެވެ. އޭނާއަކީ ހުޅަނގުގެ ގައުމުތަކުގައި މުސްލިމުންނާއި މެދު ދެކެމުން އަންނަ ގޮތް ބަދަލުކުރަމުންދާ މީހެކެވެ. ސަލާހުއަކީ ފުރުސަތު ލިބިއްޖެނަމަ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް އަދަދަކަށް މިސްރަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ވެސް ލަނޑު ޖެހޭނެ ކަމުގެ ފުރިހަމަ މިސާލެކެވެ. އޭނާއަކީ މިސްރުގެ ކުޑަކުޑަ އަވަށަކަށް އުފަން ކުޅުންތެރިޔަކަށްވި ނަމަވެސް މިހާރު އޭނާގެ ނަމަކީ ދުނިޔޭގެ އެންމެ އަޑުގަދަ ސްޓޭޑިއަމްގައި ކޮންމެ ހަފްތާއަކު އެތައް ހާސް ބަޔަކު ކިޔަމުންދާ ނަމެކެވެ.

މިފަހަރުގެ ވާރލްޑް ކަޕަށް އޭނާ ދާނީ މިސްރުގެ 96 މިލިއަން ރައްޔިތުންގެ ހުވަފެންތަކާއި އުއްމީދުތައް ކޮޑު އަޅުވައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

03 މެއި 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު