ޕްރިމިއާ ލީގު: ފަހު ވަގުތު ސިޓީ 100 ޕޮއިންޓް ހަމަކުރިއިރު ޓޮޓެންހަމް ޗެމްޕިއަންސް ލީގަށް
ސިޓީ ވަނީ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ސައުތުހެމްޕްޓަން ބަލިކޮށްފައި


ސިޓީއަށް 100 ޕޮއިންޓް ހަމަވީ ފަހުވަގުތު ގެބްރިއެލް ޖީސަސް ޖެހި ލަނޑުން
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއިން 100 ޕޮއިންޓް ހަމަކުރިއިރު ޓޮޓެންހަމް ހޮޓްސްޕާސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފިއެވެ.
ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ސީޒަނުގެ ފަހު މެޗަށް ނުކުތް ސިޓީ ވަނީ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ސައުތުހެމްޕްޓަން ބަލިކޮށްފައެވެ. ސިޓީގެ ފުރަތަމަ އެގާރައިން ހަތަރު ބަދަލެއް މި މެޗުގައި ފެނިގެންގޮސްފައިވާއިރު ސައުތުހެމްޕްޓަންގެ ފުރަތަމަ އެގާރައިން މާ ބޮޑު ބަދަލުތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ.
ފުރަތަމަ ހާފު ފެށިގެން ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ސިޓީގެ ކުޅުންތެރިންނަށް މި ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުންހިފިފައިނުވާއިރު ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. މި މެޗުގައި ސިޓީއިން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ބެލްޖިއަމްގެ ޕްލޭމޭކަރ ކެވިން ޑެބްރައިން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގެބްރިއެލް ޖީސަސްއެވެ.
މި މެޗުން މޮޅުވުމާއެކު ސިޓީއިން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި 100 ޕޮއިންޓް ހަމަކޮށްފައެވެ. މިއީ ޕްރިމިއާ ލީގުގެ ސީޒަނެއްގައި ޓީމަކުން 100 ޕޮއިންޓް ހަމަކުރި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ އެ ޓީމުން ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި 32 މެޗު ކާމިޔާބުކޮށްފައެވެ. މިއީ ވެސް އެއް ސީޒަނަކަށް ބަލާއިރު ރެކޯޑަކަށްވާއިރު 106 ލަނޑާއެކު ޕްރިމިއާ ލީގެއްގައި އެއް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު ވެސް މިހާރު އޮތީ ސިޓީ އަތުގައެވެ.
ޓޮޓެންހަމް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދީ އަމިއްލަ ދަނޑުގައި ފަހަތުން އަރާ ލެސްޓާ ސިޓީ 5-4 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖޭމީ ވާޑީ ހަތަރުވަނަ މިނެޓުގައި ލެސްޓާއަށް ޖަހައިދިންއިރު އޭގެ ހަތް މިނެޓު ފަހުން ހެރީ ކޭން ވަނީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހެން ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި ރިޔާދް މަހަރޭޒް ވަނީ ލަނޑެއް ޖަހާ އަލުން އަނބުރާ ލެސްޓާއަށް ލީޑު ނަގައިދީފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ލެސްޓާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށިގެން ކެލެޗީ އިހެނާޗޯ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ޓޮޓެންހަމްގެ ދެވަނަ ލަނޑު އޭގެ ދެ މިނެޓު ފަހުން އެރިކް ލަމޭލާ ޖަހައިދިންއިރު އެ ޓީމަށް ނަތީޖާ ހަމަހަމަވެގެންދިޔައީ 53 ވަނަ މިނެޓުގައި ކްރިސްޓިއަން ފުޗްސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު 60 ވަނަ މިނެޓުގައި ލަމޭލާ ޖަހައިދިންއިރު 73 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ވާޑީ ވަނީ އަނެއްކާ ވެސް ލެސްޓާއަށް އެއްވަރުކޮށްދީފައެވެ. އެހެން ނަމަވެސް ކޭން ވަނީ އޭގެ ތިން މިނެޓު ފަހުން ލަނޑެއް ޖަހާ ޓޮޓެންހަމްއަށް މި މެޗުން ތިން ޕޮއިންޓް ހޯދައިދީފައެވެ.
ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 100 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 81 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ތިންވައިނައިގައި 77 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު ހަތަރުވަނައިގައި 75 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. ފަސްވަނަ ޗެލްސީއަށް ލިބޭއިރު ހަވަނަ ލިބެނީ އާސެނަލްއަށެވެ.





