ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 13:58
އިންޑިއާ ޗައިނާގެ އެންމެ އިސްވެރިން ޗައިނާގައި ބައްދަލު ކުރައްވަނީ
އިންޑިއާ ޗައިނާގެ އެންމެ އިސްވެރިން ޗައިނާގައި ބައްދަލު ކުރައްވަނީ
އެމްއީއޭ/އިންޑިއާ
އިންޑިއާ - ޗައިނާ
އިންޑިއާ ޗައިނާގެ ވެރިންގެ ބައްދަލުވުމަށްފަހު ދެ ގައުމުގެ ސަރަހައްދީ ރޮނގު ފިނިވެދާނެތަ؟
 
ވެރިން ބައްދަލު ކުރައްވަމުން ގެންދެވި އިރުވެސް ސަރަހައްދީ ރޮނގު ކައިރީގައި ދެ ގައުމުގެ ސިފައިން ތައްޔާރީ ހާލަތުގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖީ ޕިން ގެ ބައްދަލުވުމަށްފަހު ހޫނުވެފައިވާ ދެ ގައުމުގެ ސަރަހައްދީ ރޮނގަށް ފިނިކަން އަތުވެދާނެތޯ އެއީ ކުރެވޭ މުހިންމު ސުވާލެކެވެ.

ދެ ވެރިންގެ މި ބައްދަލުވުމުގައި ދެ ގައުމުގެ ސަރަހައްދީ އިން ވަކި ކުރާ ސަރަހައްދުގައި ސުލްހަ ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވި ކަމަށް ޚަބަރު ތަކުގައި ވެއެވެ. އަދި އެގޮތައް އެކަން ކުރައްވާނެ ކަމަށް ދެބޭފުޅުން ވިދާޅުވި ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ހުސްވި ހަފްތާގައި ޗައިނާގެ ވުހާންގައި ދެ ގައުމުގެ ވެރިން ބޭއްވެވި ބައްދަލު ކޮށްލެއްވުމަކީ ނުރަސްމީ ބައްދަލު ކޮށްލެއްވުމަށް ކަމަށްވެއެވެ. ބައްދަލު ކުރެއްވުން ކުރިއަށް ދިޔައީ ހިމާލިޔާ ސަރަހައްދުގައި ސަރަހައްދީ އިމުގެ މައްސަލައިގައި އަސްކަރީ ކުރިމަތިލުންތައް ދޭތެރެ ދޭތެރެއިން ހިނގަމުން ގޮސް އެ ކުރިމަތިލުންތައް އިތުރަށް ނުރައްކާވެދާނެ ކަމަށް ބެލެވެމުން ދިޔަ ދަނޑިވަޅިއްގައެވެ. އެއާއެކު އޭޝިއާގެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ މި ދެ ގައުމުގެ ގުޅުން ގޯހުން ގޯހަށް ދަމުން ދިޔަ ވަގުތެއްގައެވެ.

ބައްދަލުވުމުގައި ދެބޭފުޅުންވެސް ފެނިގެން ދިޔައީ ވަރަށް އެކުވެރި ރަހުމަތްތެރިންގެ ގޮތުގައެވެ. ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ނަތީޖާ އާ މެދު ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ކަންކަން ހިނގާފައިވާ ގޮތުގެ ރެކޯޑްތަކަށް ބަލާއިރު ފެންނަނީ މާ އޮމާން މަންޒަރެއް ނޫނެވެ.

އިންޑިއާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުސްވި އަހަރު އެކަނިވެސް 426 ހާދިސާ ޗައިނާގެ އަސްކަރިއްޔާގެ ސަބަބުން ބޯޑަރު ސަރަހައްދުގައި ހިނގާފައިވެއެވެ. އޭގެ ކުރީ އަހަރު ރެކޯޑު ކުރެވިފައިވަނީ 273 ހާދިސާއެވެ. ދެ އަހަރުގެ ތަފާސް ހިސާބަށް ބަލާލުމުންވެސް ޗައިނާ އިން އިންޑިއާ ދެކޮޅަށް އަސްކަރީ ނުފޫޒް ބޭނުން ކުރުން އިތުރު ކޮށްފައިވާ ކަން ދޭހަވެއެވެ.

އިންޑިއާގެ ޚާރިޖިއްޔާ އިން ބުނެފައިވަނީ ބައްދަލު ކުރެއްވުމަށްފަހު ދެ ގައުމުގެ ވެރިންވެސް ވަނީ އެ ބޭފުޅެއްގެ ކޮމާންޑްގެ ދަށުގައިވާ އަސްކަރީ ވެރިންނަށް އިރުޝާދުތަކެއް ދެއްވާފައެވެ. މައްސަލަތަކުގައި ދެ ގައުމުގެ އަސްކަރިއްޔާ އިން އެއްބަޔަކު އަނެއް ބަޔަކާ އިތުރަށް ވާހަކަ ދެއްކުމަށާއި، އިތުބާރު ގާއިމް ކުރުމަށާއި، ޒިންމާދާރު ކަމާ އެކު ކަންކަން ނިންމުމަށް ވަނީ އަންގަވާފައެވެ.

އަސްކަރީ ގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް ކަން ކުޑަކުރުމަށް ކޮންމެވެސް ވަރެއްގެ ފިޔަވަޅުތަކެއް މިހާރުވެސް އަޅަމުން ދާކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ. މިގޮތުން ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީންތަކެއް ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެއެވެ. އަދި ދެ ގައުމުގެ އަސްކަރީ މައިމަރުކަޒުގެ ދެ މެދުގައި ހޮޓްލައިން އެއް ގާއިމް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށް ވެއެވެ.

މަސްރަހު ދިރާސާ ކުރާ ތަޖުރިބާކާރުންގެ ނަޒަރުގައި މަސްރަހް ފިނިކުރުމަށް އަސްކަރީ އިސްވެރިންގެ ފެންވަރުގައި ފަސޭހައިން ވާހަކަ ދެކެވޭނެ ނިޒާމެއް ގާއިމްވެފައި އޮތުމަކީ އެންމެ ބޭނުންތެރި އެއް ކަންތަކެވެ. ބޫޓާން އާއި ޗައިނާ އަދި އިންޑިއާ ގުޅޭ ސަރަހައްދުގައިވާ ޑޮކްލާމްގައި ޗައިނާ އިން މަގެއް ހެދުމަށް މަސައްކަތް ފެށުމުން އެކަން ހުއްޓުވުމަށް އިންޑިއާ ސިފައިން ހިންގި ހަރަކާތާ ގުޅިގެން ޗައިނާ އާއި އިންޑިއާ އާ ދެގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ހިނގި ކުރިމަތިލުންތައް 70 ވަރަކަށް ދުވަހަށް ދިގު ދެމިގެން ދިޔައީ ދެ ގައުމުގެ އަސްކަރިއްޔާ އިން މަޝްވަރާތައް ކުރުމަށް އިސްކަން ނުދިނުމުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އިންޑިއާ އާއި ޗައިނާގެ އިސްވެރިން ބައްދަލު ކުރެއްވި އިރުވެސް ޑޮކްލާމް ސަރަހައްދުގެ މަސްރަހް އޮތީ ނާޒުކު ފައްތަރެއްގައެވެ. ދެ ގައުމުގެ ސިފައިންވެސް ތިބީ އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައެވެ. ހުސްވި އަހަރު އޮގަސްޓްމަހު ޗައިނާގެ ސިފައިން ސަރަހައްދީ އިމުން ތަންކޮޅެއް ފަހަތައް ޖެހުނު ނަމަވެސް އެ ސަރަހައްދުގައި އަސްކަރީ ބާރު ގަދަ ކުރުމަށް އިންފްރާސްޓްރަކްޗަރ ދިޔައީ ބިނާ ކުރަމުންނެވެ. ހަމަ އެއާއެކު އިންޑިއާވެސް ގެންދިޔައީ ވައިގެ ސިފައިންގެ ބާރުވެސް އެ ސަރަހައްދުގައި އިތުރު ކުރަމުންނެވެ.

ބޮޑުވަޒީރު މޯދީ އާއި ރައީސް ޝީ ގެ ބައްދަލު ވުމަށްފަހުވެސް ސާފު ނުވާ މުހިންމު ކަމެއް އެބައޮތެވެ. ދެ ގައުމުގެ ދެމެދުގައި މައްސަލަ އުފެދިފައިވާ ސަރަހައްދުތަކުގެ ކަންކަން ހައްލު ކުރުމަށް ދެ ގައުމުން އަޅާނެ ފިޔަވަޅެއް އޮތީ ނޭގުމުގެ ތެރޭގައެވެ. އަދި މައްސަލަ ހައްލު ކުރުމަށް މަސައްކަތް އަވަސް ކުރުމަށް ކަންކަން ކުރާނެ ގޮތެއްވެސް ސާފެއް ނުވެއެވެ. މި މައްސަލަ އާ މެދު 1980 ވަނަ އަހަރުން ފެށިގެން މަޝްވަރާތައް ކުރެވެމުން ގޮސްފައިވެއެވެ. އެކަމަކު ހައްލެއް ލޮލުކޮޅަށްވެސް އަދި ފެންނާކަށް ނެތެވެ.

ބިމުގެ މައްސަލަތައް ހައްލު ނުވެ ދިގު ދެމިގެންދާ އިރު، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގައިވެސް މައްސަލަތައް އެބަހުއްޓެވެ. ވިޔަފާރީގައި ބޮޑަށް ބުރަވެފައިވަނީ ޗައިނާ ކޮޅަށެވެ. މިކަން މިހެން އޮތް އިރު ޗައިނާ އިން ހިންގާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ގައި އިންޑިއާ އިން ބައިވެރި ނުވުންވެސް އެއީ ޗައިނާ އިން ހިތްހަމަ ނުޖެހިފައިވާ ކަމެކެވެ. ބެލްޓް ރޯޑް އިނީޝިއޭޓިވް ގެ ދަށުން ސަރަހައްދުގެ ގައުމުތަކުގައި ޗައިނާ އިން ހިންގަމުންދާ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫއު ތަކާ މެދު އިންޑިއާ އިން ބަލަމުން ދަނީ ޝައްކުގެ ނަޒަރަކުންނެވެ. އިންޑިއާ އިން ގަބޫލު ކުރަނީ އެއީ މި ސަރަހައްދުގައި ޗައިނާ އިން ހަންފަތުރަން ކުރާ ކަމެއްގެ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް