އދ.ދަނގެތީ ކައިރީ އޮތް ފަރަކަށް ބާޖެއް އަރައިފިއެވެ.
ދަނގެތީ ކައުންސިލްގެ ރައީސް މުހައްމަދު ތައުފީގު ވިދާޅުވީ، އެރަށާ ދިމާލަށް އޮންނަ ހޮޅި ހޮޅި ނަމަކަށް ކިޔާ ފަރަކަށް މި ބާޖު އަރާފައިވާކަން އެނގުނީ، ހެނދުނު އޮފީހަށް ދިޔަ އިރު ކަމަށެވެ. އެއީ ގާތްގަނޑަކަށް 08:00 ހާއިރު ކަމަށް އޭނާ ބުންޏެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ހީކުރީ ބާޖު ބަނދަރު ކޮށްފައި އޮތީ ކަމަށް ކަމަށެވެ. އެހެން ނަމަވެސް އެ ސަރަހައްދުން ދިޔަ ދޯންޏަކުން ބާޖު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ރާއްޖެޓީވީއަށް ލިބިފައިވާ ފޮޓޯތަކުން އެބާޖުގެ ފަޅުވެރިއަކަށް ޗައިނާ މީހެއް ކަމަށް ބެލެވޭ ބިދޭސީއަކު ހުންނަ މަންޒަރު ފެނެއެވެ. މި ބާޖުގައި ނަން ޖަހާފައިވަނީވެސް ޗައިނާ ބަސް ކަމަށް ބެލެވޭ ބަހަކުންނެވެ.