Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުން އެ ވަނީ ދެ ފަނޑިޔާރަކު ރަހީނުކޮށްފައިތަ؟ ރައީސް ޔާމީންގެ ފޮތުގައި އެކަމަށް އޮތް އަދަބަކީ ކޮބާ!

ކޮންމެ ކޮންމެ ގޮަތަކަށް ފަނޑިޔާރުން ހައްޔަރެއް ނުކުރެވޭނެކަން ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2018 | ހޯމަ 04:04
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު

ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެެއްވި މައިގަނޑު އެއް ސަބަބަކީ ދެ ފަނޑިޔާރަކު ހައްޔަރުކުރެވޭނެ ގޮތެއް ނެތުމެވެ. އެހެނީ ކޮންމެ ކޮންމެ ގޮތަކަށް ފަނޑިޔާރުން ހައްޔަރުކުރެވޭނެ ކަމަށް ހުދު ރައީސް އަބްދުﷲ ޔާމީންވެސް ޤަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި ޤާނޫނުތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރުމަކީ އެމަނިކުފާނަށް ވިޔަސް ކުރެވޭނެ ކަމެއް ނޫންކަންވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށްފަހު، ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުން އެކަން ސާފުވެއެވެ.

"ޤާނޫނެއްގައި މި އޮންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކޯޓަކަށް ހާޒިރުކުރެވޭނީ އަދި ތަހުޤީޤްކުރާ އިދާރާއަކަށް ހާޒިރުކޮށްގެން އަޅުގަނޑުމެންނަށް މި ތަހުޤީޤްކުރިއަށްގެން ދާއިރު ސުޕްރީމް ކޯޓުން އެބަޖެހޭ ހުއްދައެއް ދޭން. ސުޕްރީމް ކޯޓުން އެބަ އަމުރެއް ދޭންޖެހޭ. ކަންތައްތައް މި ހިސާބަށް ގޮސްފައި އޮތްއިރު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވުނު، ހަސަން ސައީދުގެ މައްސަލަ މިގޮތަށް ސުޕްރީމް ކޯޓަށް ނުބެލޭނެކަމަށް ނިންމެވީމަ، އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވުނު ސުޕްރީމް ކޯޓުން އަމުރެއް ދޭނެ ކަމަކަށް އަލީ ހަމީދުގެ މައްސަލަ ބަލަން އަލީ ހަމީދު ހާޒިރުކުރާކަށް." ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމިންގެ މި ވާހަކަފުޅުން ޤާނޫނީ ގޮތުން ފަނޑިޔާރަކު ހައްޔަރުކުރެވޭނީ ކޮންގޮތަކަށްކަން ވަރަށް ސާފުކޮށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން އެނގެ އެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރެއް ނެތި، އެ ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަންވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން އެނގެ އެވެ.

އެހެންވެ އެމަނިކުފާނު ކުރެއްވި ކަމަކީ ޤާނޫނުތަކުގެ މާއްދާތައް ސަސްޕެންޑްކޮށް، ދެ ފަނޑިޔާރަކު ހައްޔަރުކުރެއްވި އެވެ. މައްސަލައަށް ވަގުތީ ފަރުވާއެއް ހޯއްދެވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށްފަހު އެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް ވަކީލުން ގަބޫލުކުރައްވަ އެވެ.

ކޮންމެއަކަސް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާއިރު، ދެ ފަނޑިޔަރުން ހައްޔަރުކޮށްގެން ގެންގުޅެން ސަރުކާރުން ބޭނުންވާކަމުގައިވާނަމަ ރައީސް ޔާމީން ވިދާޅުވިފަދައިން ސުޕްރީމް ކޯޓުގެ އަމުރެއް ހޯއްދަވަން ޖެހޭނެ އެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރެއް ނެތި އެ ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކޮށްގެން އެމަނިކުފާނަކަށް ނުގެންގުޅެވޭނެ އެވެ.

މިއަދާއި ހަމައަށްވެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުގައި ބެހެއްޓުމަށް އެ ކޯޓުގެ ބާކީ ތިއްބެވި ތިން ފަނޑިޔާރުން އަމުރެއް ނެރުއްވާފައެއް ނުވެ އެވެ. އެހެންކަމުން ސަރުކާރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކޮށްގެން އެ ގެންގުޅެނީ ޤާނޫނާ ހިލާފަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ނުރުހުމުގައި ދެ ފަނޑިޔާރަކު އެ ވަނީ ރަހީނުކޮށްފަ އެވެ.

ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ހިލާފަށް އަމަލުކުރާ ތަނެއްގައި ޤާނޫނުގައި އޮތީ ކޯޗެއްތޯ ބެލުމުގެ މާބޮޑު މާނައެއް ނެތެވެ. އެހެން ކަމުން ދެން އޮތް ސުވާލަކީ ފަނޑިޔާރުން ރަހީނުކުރުމަކީ، ރައީސް ޔާމީންގެ ފޮތުގައި ކޮންކަހަލަ ކަމެއްތޯ އެވެ. ރައީސް ޔާމީންގެ ފޮތުގައި އެކަމުގެ އަދަބަކީ ކޮބައިތޯ އެވެ.

އެމަނިކުފާނުގެ ފޮތުގައި، ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ހިލާފަށް ފަނޑިޔާރަކު ހައްޔަރުކުރުމަކީ ކޮންކަހަލަކަމެއް ކަމަށް ޤައުމީ ދިފާއީ ހިދުމަތުގެ އަހަރީ ދުވަހުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެދެއްވާފައިވެއެވެ.

"ޤަބޫލުކުރެވޭކަންކަމެއް ނޫން، ދޫކޮށްލެވޭނެކަންކަމެއް ނޫން، މި ދެންނެވި ގޮތަށް ބާރެއް ނެތް ފަރާތްތައް، ވެރިކަމުގައި ތިބޭ ފަރާތްތަކުން ނޫނީ ބާރުވެރި ފަރާތްތަކުން އެ މީހުންގެ އެއްވެސް ބަހެއް ނެތި، ޤާނޫނައި ޝަރީއަތުގެ ބޭރުން ހިފާ ހައްޔަރުކުރުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން. ހިތްޕުޅަށް ގެންނަވާ، ތިޔަ ބޭފުޅުންގެ ޅަ ދަރިޔަކު މަދަރުސާ ނިންމާފައި ނިކުންނައިރު މުޅި މީހާ ނޭނގޭގޮތަށް ފޮތިން އޭނާ ނިވާކޮށްގެން ހުންނަ މީހަކު ޓެކްސީގެ ދޮރު ހުޅުވާލާފަ އެ ކުއްޖާ ޓެކްސީގެ ތެރެޔަށް ލައިގެން ގެންގޮސްފަ ދެ ގަޑިއިރެއް ފަހުން މާލޭގެ ކޮންމެވެސް ހިސާބަކަށް ދޫކޮށްލާފައި މި އޮންނަނީ އެ ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި އަދި ނޫން ގޮތްގޮތުން ދޭނެ ހުރިހާ އަނިޔާއެއްދީފަ. އެ ކުއްޖާގެ، ތުއްތު ތުއްތު ކުއްޖާގެ ކަރާމަތް ނަގާލާފަ. މިއީ ތިޔަބޭފުޅުން ގަބޫލުކުރައްވާނެކަމެއްތޯ. އެއްވެސް މަންމައެއްގެ ލަނގޮޑިއަށް ކެއްވާނެކަމެއްތޯ. މިއީ އެންމެ ބޮޑެތި އަދަބުދޭންޖެހޭނެކަންތައް. މިޔާ ކޮން ތަފާތެއްތޯ ހުރީ ފަނޑިޔާރަކު ނަގާ ހިފާ ވަގަށް ގެންދިޔުން. އޭނާގެ އާއިލާއަކަށް އޭނާ ވީނުވީތަނެއް ނޭނގޭ." ޤައުމީ ދިފާއީ ހިދުމަތުގެ އަހަރީ ދުވަހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

މަނިކުފާނެވެ. މަނިކުފާނު ވިދާޅުވިގޮތުން ޤާނޫނާއި ހިލާފަށް ފަނޑިޔާރަކު ހިފާ ހައްޔަރުކުރުމަކީ އެންމެ ބޮޑު އަދަބުދޭންޖެހޭ ކުށެކެވެ. މަނިކުފާނުގެ ފޮތުގައި އެއީ ކުޑަކުއްޖަކު ރޭޕްކުރުން ފަދަ ކުށެކެވެ. ދެން އޮތީ ފަނޑިޔަރުންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަދި (ށ) އެވެ. އެއީ މަނިކުފާނު ފެބުރުއަރި މަހުގެ ހަ ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަމުރެއް ނެތި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރު ނުކުރެވޭނެކަމަށް ވިދާޅުވެ ހަވާލާދެއްވި މާއްދާއެވެ.

އަދިވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމަށް، އެ ކޯޓުން އަމުރެއް ދެއްވާފައިނުވާއިރު، މަނިކުފާނު ތިޔަ ހުންނެވީ ޤާނޫނާއި ހިލާފުވެފައެއް ނޫންތޯ އެވެ. ޤާނޫނާއި ހިލާފަށް ފަނޑިޔާރަކު ހިފާ ހައްޔަރުކުރުމުގެ އަދަބު މަނިކުފާނުގެ ފޮތުގައިވާ ގޮތަށް ލިބެންޖެހޭ ކަމަށް ޤަބޫލެއް ނުކުރައްވަންތޯ އެވެ. ހަމަހަމަ ކަމާއި އިންސާފަކީ، ގާނޫނާ ހިލާފަށް ކޮންމެ މީހަކު ކަމެއް ކުރިޔަސް، އެފަދަ ކަމަކަށް ތުހްމަތު ކުރެވުނު ނަމަވެސް އެކަން ބަލައި ތަހްގީގުކުރުމެވެ.

ފަނޑިޔާރުން ހިފައި ހައްޔަރުކުރެވޭނެ އިޖުރާއަތްތައް ގާނޫނުގައި ވަރަށް ސާފު ބަހުން ލިޔެފައިވާއިރު ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނާ ވާހަކަ އަށް ސުޕްރީމް ކޯޓްގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ބަހެއް ވިދާޅުވަން ޖެހެ އެވެ. މީގެ ކުރިން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި ސުޕްރީމް ކޯޓުންނާއި ރާއްޖޭގެ ކޯޓުތަކުން ބަސް ބުންޏެވެ. އަމުރުތައް ނެރުނެވެ. މިފަހަރު މިއީ އެއަށްވުރެ މާބޮޑު މައްސަލައެކެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓް ހިމޭނުން އޮންނަންޖެހޭ ސަބަބެއް ފެންނަން ނެތެވެ. އުއްތަމަ ފަނޑިޔާރަށް ވެސް، ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އިންސާފު ގާއިމުކޮށްދިނުމުގެ ޒިންމާ އޮތީ ކޯޓްތަކަށެވެ.

ދެން އޮތީ ސަލާމަތީ ހިދުމަތްތަކުން، ރައީސުލްޖުމްހޫރިއްޔާއަކު ޤާނޫނާއި ހިލާފު އަމުރެއް ކުރައްވާކަމުގައިވާނަމަ އަމަލުކުރަންޖެހޭ ގޮތްކަމަށް މަނިކުފާނު ވިދާޅުވި ގޮތުގެ ވާހަކަ އެވެ.

"ސިފައިންގެ ލަސްކަރީ، އަސްކަރިއްޔާގެ ވެރިންނަކީ ޤައުމުގެ ހަމަޖެހުމަށް ޒިންމާތަކެއް އުފުލަންޖެހޭ ބަޔެކޭ. ރައީސުލްޖުމްހޫރިއްޔާ ޤާނޫނާއި ހިލާފު އަމުރުތަކެއް ކުރާކަމުގައިވަންޏާ، ޝައްކެތްވެސް ނެތްގޮތުގައި ދަތިތަކެއް އުފުލަންޖެހޭނެ. ޖެނެރަލް އޮފިސަރުންނަށް، ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސްއަށް، ވައިސް ޗީފަށް ދަތިތަކާއި ކުރިމަތިލާންޖެހޭނެ. އެހެން ނަމަވެސް ކޯޑް އޮފް ކޮންޑަކްޓްއަކީ، ޔުނީފޯމްގެ އަސާސްއަކީ މަގުން ކައްސާލައިގެންދާ ކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާވެސް މަގަށް ގެންނަން އިލްތިމަސްކުރުން. ތިޔަކުރައްވަނީ ގޯހެކޭ ބުނަން ކެރެންވާނެ. ކޮންމެކަމަކީ ޔެސް ސާރއަކުން ފުއްދޭނެ ކަމެއް ނޫން." ޤައުމީ ދިފާއީ ހިދުމަތުގެ އަހަރީ ދުވަހުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އާދޭހެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވިގޮތަށް ސިފައިންގެ ކޯޑް އޮފް ކޮންޑަކްޓްއަކީ، ޔުނީފޯމްގެ އަސާސްއަކީ ރައީސުލްޖުމްހޫރިއްޔާވެސް މަގުން ކައްސާލައިގެންދާކަމުގައިވާނަމަ އެމަނިކުފާނު ހަމަ މަގަށް އެޅުވުމެވެ. ކުރައްވާނީ ގޯހެކޭވެސް ނުނަން ކެރެންވާނެ އެވެ. އަދި ކިޔެއްތަ ކޮންމެކަމަކީ ޔެސް ސާރއަކުން ފުއްދާލައިގެންވާނެކަމެއްވެސް ނޫނެވެ.

ދެން އޮތް ސުވާލަކީ، ސިފައިންގެ ކޯޑް އޮފް ކޮންޑަކްޓްއަކީ، ޔުނީފޯމްގެ އަސާސްއާއި އެއްގޮތަށް އަމަލުކުރަން ނުވޭތޯ އެވެ. ބޮލުގައި އެޅިފައިވާ ވަރުގަދަ ވާޖިބު އަދާކުރުމަށް ނުވޭތޯ އެވެ. އެ ޒިންމާއަދާކުރާނީ ކިހާވަރެއްވީމަތޯ އެވެ. އެ ހިސާބުން އެކަންވެސް ސިފައިންގެ އަތް މައްޗަށް އަޅުގަނޑު ދޫކޮށްލާނަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު