ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 16:36
އީދު ހުތުބާ ޝެއިހަކު ވިދާޅުވަނީ
އީދު ހުތުބާ ޝެއިހަކު ވިދާޅުވަނީ
މުހައްމަދު ޝަރުހާން
ހެޔޮކަންތަކަށް އަމުރުކުރުން
ހެޔޮކަންތަކަށް އަމުރުކުރުން: މަށާ ބެހޭކަމެއް ނޫން؟
 
މުންކަރާތަކަށް އެހީވުމަކީ ނުވަތަ ރުހުމަކީ، އެއްވެސް ހާލެއްގައި ހުއްދަ ކަމެއް ނޫނެވެ

ކީރިތި ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާން ވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާން ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާން ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ ފާސިޤުން ންނެވެ."

މިއީ ﷲ ގެ ވަޙީ ބަސްފުޅެވެ. ނަމަވެސް މި ބަސްފުޅަށް ޢަމަލުކުރެވޭ ބާއެވެ؟ އިސްލާމް ދީނުގައި ޢަމަލުކުރަންވީ ގޮތާއި ނުކުރަންވީ ކަންކަން ބާޔާންކުރައްވާފައިވާ މައިގަނޑު ނުވަތަ އެއްމެ ޞައްޙަ ފޮތަކީ ކީރިތި ޤުރްއާނެވެ. މިއީ މި އުއްމަތުގެ އެއްމެން ޤަބޫލުކުރާ އަދި ޤަބޫލުކުރަންޖެހޭ ކަމެކެވެ. މިހެން މިކަން އޮތްއިރު ކީރިތި ޤުރްއާނަކީ މުޢުޖިޒާތެއް ކަމާއި، އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރުމަކީ އިންސާނިއްޔަތަށް އެއްމެ ފައިދާ ހުރިގޮތް ކަމުގައި މިހާރުގެ ދިރާސާތަކުން ވެސް ސާބިތު ވަމުން ދެއެވެ. ނުވަތަ އެންމެ ރަނގަޅު ގޮތްކަމަށް ވެސް ބުނެވެއެވެ. ހަމަ އެފަދައިން ޣައިރު މުސްލިމުން ކުރާ ދިރާސާތަކުން ވެސް ސާބިތުވެއެވެ. އަދި ކީރިތި ޤުރްއާނު ގައި ވަނީ އިންސާނުންނަށް އެންމެ ރަނގަޅު ގޮތްކަމަށް އެ ދިރާސާތަކުން ވެސް ސާބިތުވާކަމުގައި ބާޙިސުން ވިދާޅުވަމުން އެބަ ގެންދަވައެވެ.

މިގޮތުން ވޭތުވެ ދިޔަ 75 އަހަރު ވަންދެން އެމެރިކާގެ ހާވަރޑް މެޑިކަލް ޔުނިވަރސިޓީގެ ހޯދުންތަކުން ސާބިތުވީ ކީރިތި ޤުރްއާނުގެ މަތިވެރިކަމެވެ. އެފޮތުގައި ކުރަން އަންގަވާފައިވާ ކަންކަން ކުރުމާއި، ނުކުރުމަށް އަންގަވާފައިވާ ކަންކަން ނު ކުރުމަކީ އިންސާނުންނަށް އެއްމެ ފައިދާ ހުރި ގޮތްކަމެވެ. ހާވަރޑް ޔުނިވަރސިޓީ އިން އެތައް ހާސް ބައަކާއި ބައްދަލުކޮށް މަޝްވަރާކޮށް، ކުރި ދިރާސާއިން އެނގިގެންދިޔައީ އުފާވެރި ދިރިއުޅުމެއް ލިބި ސަލާމަތް ޞިއްހަތެއް ވެސް ލިބެން އޮތީ ޢާއިލީ ގުޅުން ޤާއިމުކުރެވުނު މިންވަރަކުން ކަމެވެ. އެހެނީ ޢާއިލީގުޅުން ބަދަހިވި މިންވަރަކުން އެބައިމީހުންގެ ޞިއްޙަތު ސަލާމަތުން ހުރުމުގައި އެހީތެރިވެދޭ ކަމުގައި ދިރާސާއިން ސާބިތުވެފައި ވެއެވެ. މިއީ މާކުރިން ކީރިތި ޤުރްއާނުން ސާބިތުވާ ކަމެކެވެ. ނުވަތަ ޢާއިލީގުޅުން ދެމެހެއްޓުމަށް ކީރިތި ޤުރްއާނުގައި ވާރިދުވެފައި ވެއެވެ.

ކީރިތި ޤުރްއާނަކީ މީގެ 1400 އަހަރަށްވުރެ ކުރިން ﷲ ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ. އެ ކަލާމް ފުޅުގައި އިންސާނުން އުޅެންވާގޮތާއި، ނު އުޅެންވާގޮތް ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައި ވެއެވެ. އެގޮތުން ރަޙިމުގެ ގުޅުން ދެމެހެއްޓުމަށާއި ޢާއިލީ ގުޅުންތައް ދެމެހެއްޓުމާއި މުޖުތަމަޢު އާ ގާތް ގުޅުމެއް ބޭއްވުމަށް އެ ކަލާމްފުޅުގައި ނުވަތަ  ޤުރްއާނުގެ އާޔަތްތަކުގައި މީސްތަކުންނަށް އަމުރު ކުރައްވައިފައި ވެއެވެ. އެ އަމުރުފުޅުތަކަށް ޢަމަލުނުކުރާ މީހާއަށް ޤިޔާމަތް ދުވަހުން ދެއްވަވާނެ އަޒާބު ވެސް ބަޔާން ކުރައްވައިފައި ވެއެވެ. އެ އަމުރުފުޅުތަކަށް ކިޔަމަންވެ ޢަމަލުކުރުމުން ޤިޔާމަތް ދުވަހުން ދެއްވަވާނެ މަތިވެރި ނިއުމަތްތައް ވެސް ﷲ ވަނީ ބަޔާން ކުރައްވާފައެވެ. އެއީ މިކަމުގައި އިންސާނުންނަށް ހުރި މަންފާއެއްގެ ސަބަބުން ލާޒިމްކުރައްވާފައިވާ ކަމެކެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ ފައިދާ އާއި، މަންފާ އޮތީ އިންސާނުންނަށް ކަމަށް މިއަދު މި އިންސާނުން ކުރާ ދިރާސާތަކުން ހާމަވާއިރު ވިސްނާލަން ޖެހޭކަމެއް އެބައޮތެވެ. މިއީ މުޅި ދުނިޔެއަށް ވެސް ހަމަ އެފަދައިން އިސްލާމީ އުއްމަތަށް ވެސް އަދި މި ކުޑަކުޑަ ދިވެހިރާއްޖެ އަށް ވެސް، ވަކިވަކި ރަށްތަކާއި، ވަކިވަކި ޢާއިލާތަކަށް ވެސް އޭގެ ސަބަބުން ފައިދާ އާއި މަންފާ ހުރި ގޮތްކަމެވެ.

އާލް ޢިމްރާން ސޫރަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގައި ވަނީ ތިޔަބައި މީހުންގެ ތެރެއިން އެއްމެ ހެޔޮ އުއްމަތް ކަމުގައި މުސްލިމުން ނުވަތަ އެބަޔަކު ވީ، އެބައި މީހުންނަކީ ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައި ކަންތައްތައް މަނާ ކުރާ މީހުންކަމުގައި ވީތީއެވެ. މިހެން މިކަން އޮތްއިރު އަދުގެ ދުނިޔެއިން މިކަންވަނީ ފުހެވިގެން ގޮސްފައި ނޫންތޯ އެވެ؟ މިކަން ކުރާތަނެއް ނުވަތަ ކުރާ ބަޔަކު އަޅުގަނޑުމެންގެ މުޖްތަމަޢު ގައި ވެސް ތިބިހެން ހީއެއް ނުވެއެވެ.

އެހެނީ ކިތައްމެ ބޮޑު ގޯސް ކަމެއް ކުރާތަން ފެނުނަމަވެސް އެކަމެއް މަނާކުރުމަކީ، އެމީހަކު ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ބަޔަކު ނު ފެންނާތީއެވެ. އަދި ހެޔޮ ކަންތަކަށް އަމުރުކުރާ ބަޔަކުވެސް މި މުޖްތަމަޢުގެ ތެރެއިން ނުފެންނާތީއެވެ. މިއީ ދެވޭ ތަރްބިއްޔަތެއްގެ ސަބަބުން ފެންނަ ފެނުމެއް ނޫން ބާއެވެ؟ ސްކޫލުތަކުގައި އާއި މައިންބަފައިންގެ ފަރާތުން ލިބޭ ތަރުބިއްޔަތަކީ "އެމީހަކާ ނުބެހޭ ކަންކަމުގައި ނުބެހުން" ކަމަށް ބެލެވެއެވެ. އެއީ ދިވެހި ބަހުގެ މުހާވިރާގައި އޮންނަ ފަދައިން "ކާޅު ކެޔަސް ސޮއް ނުގޮވާށޭ" އޮންނަ ބަހަށް ތަބާވެވެނީ ނޫން ބާއެވެ.

މިހެން މިކަން އޮތް ނަމަ، އާދަމް ޝަމީމް ބިން އިބްރާހީމް 2011 ގައި ލިޔުއްވާފައިވާ ގޮތަށް ވާޖިބު އަދާ ކުރެވޭތޯއެވެ؟ އޭނާ ލިޔުއްވާފައި ވެއެވެ. "ގޯސް ޢަމަލު ކުރާ މީހުން މާތް ﷲ އަށް ބިރުވެތިވެ އެކަމާއި ދުރުހެލިވެ، އަދި ތިބާގެ އަޚުންނަށް އެފަދަ ކަންކަމުން ދުރުހެލިވުމަށް ދަޢުވަތުދީ، އިސްލާޙު ކުރެވޭތޯ ބެލުމަކީ ވާޖިބެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. "ތިޔަބައި މީހުން ހެޔޮކަންކަމަށް އަމުރު ކުރާށެވެ! އަދި މުންކަރާތް މަނާކުރާށެވެ! އެކަންތައް އަދާ ނުކުރުމުގެ ސަބަބުން ތިޔަބައިމީހުން ދުޢާކުރުމުން، އެ ދުޢާ އިޖާބަ ނުކުރެއްވޭ ވަގުތު އައުމުގެ ކުރިންނެވެ." ނުބައިކަމެއް ހުއްޓާލި ކަމުގައި ވާނީ އެކަމާއި ދުރުހެލިވެ، އެފަދަ ކަންކަމުން، އެހެން މީހުނަށް ވެސް އެއީ ނުބައި ކަމެއް ކަމުގައި ބުނެދިނުމާއި އެ ނުބައި ކަމާއި، ގާތްނުވެ، އެގޮތުގެ މަތީގައި ދެމިހުރުމުންނެވެ. އިތުރު އެކަލޭގެފާނު ހަދީޘްކުރައްވާފައި ވެއެވެ. "ތިޔަބައި މީހުންގެ ތެރެއިން، މުންކަރާތެއް ފެނިއްޖެ މީހާ އޭނަގެ އަތުން އެކަން ހުއްޓުވާށެވެ! އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ އެމީހެއްގެ ދުލުން އެކަން މަނާކުރާށެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ ނަމަ ހިތުން އެކަމާއި އިންކާރު ކުރާށެވެ. (އެކަމާއި ނަފުރަތުވެ، އެކަމާއި ދުރުހެލިވާށެވެ.) އެއީ އީމާންކަމުގެ އެއްމެ ޟަޢީފު މިންވަރެވެ. (އެބަހީ: އީމާންކަމުގެ އެއްމެ ދަށު ދަރަޖައެވެ.)"

މުންކަރާތަކަށް އެހީވުމަކީ ނުވަތަ ރުހުމަކީ، އެއްވެސް ހާލެއްގައި ހުއްދަ ކަމެއް ނޫނެވެ. ﷲގެ ވަޙީބަސްފުޅުގެ މާނާގައި ވެއެވެ. "އަދި ތިޔަބައިމީހުން ހެޔޮ ކަންތަކާއި ތަޤުވާވެރިކަމުގައި އެކަކު އަނެކަކަށް ވާގިވެރިވާށެވެ! އަދި ފާފަ އާއި ޢުދުވާނީ ޢަމަލުތަކުގައި އެކަކު އަނެކަކަށް ވާގިވެރި ނުވާށެވެ!" (އަލްމާއިދާ 2) އާދަމް ޝަމީމް ލިޔުއްވާފައި ވެއެވެ.

އަދި ހަމަ އެފަދައިން ޢަބްދުލްޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވިކަމަށް އަލްމަކްތަބަތުއްސަލަފިއްޔާގައި ލިޔެފައި ވެއެވެ. އަލްމާއިދާ ސޫރަތުގެ 78 އަދި 79 ވަނަ އާޔަތުގެ މާނާގައި ވެއެވެ. "ބަނީ އިސްރާއީލުގެ ތެރެއިން ކާފިރުވީ މީހުންނަށް ދާއޫދާއި، ޢީސާގެ ފާނު ގެ ދޫފުޅުމަތިން ލަޢުނަތް ލެއްވިގެންވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ޙައްދު ފަހަނައަޅައި ދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެން ކުޅަ ނުބައި ކަންތައް، އެއްބަޔަކު އަނެއް ބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށް އުޅުނު ކަންތަކުގެ ނުބައިކަމާ އެވެ!"

އިބްނު މަސްޢޫދުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައިވެ އެވެ. ނަބިއްޔާ (ޞ) ޙަދީޘްކުރެއްވި އެވެ. "ތިމަން ނަބިއްޔާގެ ނަފްސުފުޅު އެފަރާތްޕުޅުގެ މިލްކުގައިވާ އިލާހު ގަންދެއްވައި ހުވާކުރައްވަމެވެ. ހަމަކަށަވަރުން ތިޔަބައި މީހުން ހެޔޮކަންތަކަށް އަމުރުކުރާނެ އެވެ. އަދި ތިޔަބައި މީހުން ނުބައިކަން ނަހީކުރާނެ އެވެ. އަދި ތިޔަބައި މީހުން ބުއްދި މަދު މީހާގެ އަތުގައި ހިފަހައްޓާނެ އެވެ. އަދި ތިޔަބައި މީހުން ރުޖޫޢަކުރުމަކުން އޭނާ ޙައްޤަށް ރުޖޫޢަކުރާނެ އެވެ. ނުވަތަ (އެހެން ނޫންނަމަ)، الله ތިޔަބައި މީހުންގެ ތެރެއިން ބައެއްގެ ހިތްތައް އަނެއް ބައެއްގެ މައްޗަށް ޖައްސަވާނެ އެވެ. (އެބަހީ: ހިތްތައް މަސްހުނި ކުރައްވާނެ އެވެ.) ދެން އެއަށްފަހު (الله) އެބައި މީހުންނަށް ލަޢުނަތް ލެއްވި ފަދައިން ތިޔަބައި މީހުންނަށް ލަޢުނަތް ލައްވާނެ އެވެ."

ހެޔޮކަންތަކަށް އަމުރު ކުރުމުގައި އުއްމަތަށް ﷲ ތަޢާލާ އާއި ކީރިތި ރަސޫލާ އަންގަވާފައިވާ ގޮތަކީ މިއީ އެވެ. ނަމަވެސް އަޅަމެންގެ ތެރެއިން ބަޔަކު މިއާ ޚިލާފަށް ބުނަމުން ދަނީ އެމީހަކާ ނުބެހޭ ކަމެއްގައި ކާޅު ސޮއް ގޮވިނަމަވެސް ނުބެހޭށެވެ. މިހެންވުމުން މިހާރު ފެންނަނީ ހެޔޮކަންތަކަށް އަމުރުކުރާ އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު މީހުން ދިރިއުޅޭ މުޖްތަމަޢެއްގެ ބަދަލުގައި "ހެޔޮކަންތަކަށް އަމުރުކުރުމަކީ: މަށާ ބޭހޭ ކަމެއް ނޫނެވެ." އަދި "ނުބައި ކަންތައްތައް މަނާކުރުމަކީ: މަށާ ބެހޭ ކަމެއް ނޫނެވެ." ކަމަށް ޤަބޫލުކުރާ ބަޔަކު އުޅޭ މުޖްތަމަޢެއްގެ ގޮތުގައެވެ. މިއީ ވަކި މީހަކު ނުވަތަ ވަކި މުއައްސަސާގެ ވާހަކައެއް ނޫނެވެ. އެއްމެންގެ ވެސް ވާހަކައެވެ. އެކަމަކު ބުނަނީ މަގޭ ދީން، މަގޭ ޤައުމެވެ. ނުވަތަ ދީނަށްޓަކައި، ޤައުމަށްޓަކައި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
10%
50%
0%
0%
0%
40%
ކޮމެންޓް
28 މާރޗް 2018 | ބުދަ 18:15
ޑިމޮކްރަސީ
ޑިމޮކްރަސީއަކީވެސް މުންކަރާތެއް! އެ މުންކަރާތް ޕްރޮމޯޓްކުރުމަކީ ކޮންކަހަލަ ކަމެއްތޯ ވިސްނާލައްވާ!