ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 09:15
ރާއްޖޭގެ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރަނީ
ރާއްޖޭގެ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރަނީ
އަޝްވާ ފަހީމް
އިސްލާމްދީން ފެތުރުން
ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟
 
އެއްވެސް ދީނަކި ބާރުގެ ބޭނުން ކޮށްގެން ފެތުރިފައި ނުވޭ

(27 ޖެނުއަރީ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

(މިޒަމާނުގެ ހަނގުރާމަތަކާއި އަޅާބަލާއިރު އެ ޢަދަދަކީ ވަރަށް ކުޑަ މިންވަރެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހޭދަކުރެއްވި 10 އަހަރު ދުވަހުގެ ތެރޭގައި މުސްލިމުންގެ ތެރެއިން ޝަހީދުވެފައިވަނީ ގާތްގަނޑަކަށް 262 މީހުންނެވެ. ޣައިރު މުސްލިމުންގެ ތެރެއިން ޤަތުލްވި މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 1022 މީހުން ކަމަށް ފޮތްތަކުގައި ލިޔެވިފައި ވެއެވެ. އެ ހަނގުރާމަތަކުގައި ފުރާނަ ގެއްލިފައި ވަނީ މުޅި ޖުމްލަ 1284 މީހުންނެވެ. ހަނގުރާމަތަކުގައި މަރުވި މީހުންގެ ނިސްބަތު ޢަދަދަށް ބަލާލާއިރު މުސްލިމުންގެ ތެރެއިން ޝަހީދުވެފައި ވަނީ %1 އެވެ. ޣައިރު މުސްލިމުންގެ ތެރެއިން ޤަތުލްވި މީހުންގެ ޢަދަދަކީ %2 އެވެ. މި ދުވަސްވަރު ހަނގުރާމައިގެ މައިދާނުގައި ހަތިޔާރާއެކު ޙަރަކާތްތެރި ނުވާ އަދި ހަނގުރާމާ ނުކުރާ މީހަކަށް ބިރުވެރިކަމެއް ނުވެއެވެ. އަދި އަންހެނުންނާއި ކުޑަކުދިންނާއި، ނަޢަމްސޫއްޕަށް ގެއްލުން ދިނުމަކީ މަނާކުރެވިފައި އޮތްކަމެކެވެ. އަދި ފޭރުމަކީ އަމުދުން ކުރެވިގެންވާނޭ ކަމެއް ނޫނެވެ.)

ދެން ޔޫރަޕުން އިސްނަގައިގެން ކުރި ބޮޑު ދެ ހަނގުރާމައިގައި މަރުވި މީހުންގެ ޢަދަދަށް  ބަލާލަމާތޯއެވ؟ އެ ދެ ހަނގުރާމައިގެ ތެރެއިން ފުރަތަމަ ހަނގުރާމަ އެއްވަނަ ބޮޑު ހަނގުރާމައިގައި މަރުވި ހަނގުރާމަވެރިންގެ ޢަދަދު ދިހަ މިލިޔަނަށްވުރެ ގިނަ ކަމުގައި ލިޔުންތަކުން ހާމެވެއެވެ. އަދި ހަމައެފަދައިން ދެވަނަ ބޮޑު ހަނގުރާމައިގައި މަރުވި މީހުންގެ ޢަދަދު 60 މިލިޔަނަށް އަރައެވެ.

މާނައަކީ ހަނގުރާމައިގައި ބައިވެރިވި މީހުންގެ ޢަދަދައްވުރެ 3 ގުނަ އިތުރަށް ހަނގުރާމައިގައި ބައިވެރި ނުވާ މީހުންމަރުވުމެވެ. މި ޢަދަދަށް މީހުން މަރުވި ސަބަބަކީ ޢާއްމުން އުޅޭ ތަންތަނަށް އެތައްހާސް ޓަނެއްގެ ގޮވާ ތަކެތި އަޅައި މީހުންނަށް ސަމާލުކަން ނުދިނުމެވެ. އަދި ރައްކާތެރިކަން ނުދިންކަމެވެ. އިދިކޮޅު ހަނގުރާމަވެރިންނަށް ނުވަތަ ލަޝްކަރުތަކަށް ނިސްބަތްވާ ތަންތާގައި ތިބޭ ހަނގުރާމައިގައި ބައިވެރި ނުވާ މީހުނަށް ސަލާމަތްކަމެއް ނެތުމެވެ. އިންސާނީ ޙައްޤުތަކަށް ބަލައިލުމެއް ނެތުމެވެ. ނުވަތަ އެ ބަޔަކު ބޭނުންވާ ކަމެއް ޙާޞިލްކުރުމަށް މަޖުބޫރުކުރުން ނުވަތަ މަޖުބޫރުކޮށް މަޤްޞަދު ޙާޞިލްކުރުމެވެ. އަދި މިކަމުގައި ފާހަގަކުރެވެނީ އެބައިމީހުންގެ މަޤްޞަދު ޙާޞިލްކުރުމުގައި ވެފައި އޮތީ ހަމައެކަނި އިންސާނުންނެއް ނޫންކަމެވެ. ކިޔެއްތަ؟ ގަސްގަހާ ގެއްސާއި ގެރިބަކަރިޔާއި ދަނޑު ގޮވާން ފަދަ ތަންތަން ވެސް ހަލާކުކޮށް މުޅި ދުނިޔޭގެ އިޤްތިޞާދަށް ވެސް ބަލާލުމެއް ނެތި އަސަރުކުރާ ފަދަ ގޮތަކަށެވެ. މިހަނގުރާމަ ވެފައިވަނީ ކޮންމެ ގޮތަކުން ބެލިކަމުގައި ވިނަމަވެސް އިންސާނީ ކާރިޘާއަކަށެވެ. މިފަދަ ބޮޑެތި ޖަރީމާތައް ހިންގާފައި ތިބި ބަޔަކު އެހެންމީހުންގެ ބޮލުގައި ދޮގުބަދުނާމު އެޅުވުމުން، އޭގެ މަޤްޞާދާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. އަދި އެތުހުމަތަކީ، ޙަޤީޤަތް އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.

ފުރާންސްގެ ތާރީޚް ޢިލްމުވެރިއެއް ކަމުގައިވާ ޣުސްތާފްލްބޯން އޭނާގެ "ޙަޟާރަތުލް ޢަރަބި" ކިޔުނު ފޮތުގެ 128 އަދި 129 ވަނަ ޞަފްޙާގައި ރަސޫލުﷲ (ޞ) ގެ ދުވަސްވަރު އިސްލާމްދީން ފެތުރުމާއިބެހޭ ގޮތުންނާއި، އޭގެފަހުން އިސްލާމްދީން ފެތުރެމުން ދިޔަ ގޮތާ ގުޅޭގޮތުން ލިޔެފައިވެއެވެ. "ޝައްކެއްނެތެވެ. ތާރީޚް ހެކިދީފައިވާ ގޮތުގައި އެއްވެސް ދީނަކި ބާރުގެ ބޭނުން ކޮށްގެން ފެތުރިފައި ނުވެއެވެ. އެހެންކަމުން އިސްލާމްދީނަކީ ވެސް ބާރުގެ ބޭނުން ކޮށްގެން ފަތުރާފައިވާ ދީނެއްނޫނެވެ. އިސްލާމްދީނަކީ ހަމައެކަނި ދަޢްވަތުން ފެތުރިފައިވާ ދީނެކެވެ." މިހެންނެވެ.

އިންޑިޔާގައި އިސްލާމްދީން ފެތުރުމަށް މެދުވެރިވި ސަބަބަކީ ކީރިތި ޤުރުއާނެވެ. އިންޑިޔާގައި ޢަރަބިން ބޭނުންކޮށްފައި ވަނީ ހަމައެކަނި އެމީހުންގެ ދަތުރުފަތުރުގެ މަންޒިލެއްގެ ގޮތުގައެވެ. ދިރާސާ ތަކުންދައްކާ ގޮތުގައި 2008 ވަނައަހަރު އިންޑިޔާގައި އުޅުނުކަމަށް ވަނީ 50 މިލިޔަން މުސްލިމުންނެވެ. ނަމަވެސް މިހާރު އިންޑިޔާގައި 238 މިލިޔަން މުސްލިމުން އުޅޭކަމުގައި ރިޕޯޓްތައް ބުނެއެވެ. ހަމައެހެންމެ ޗައިނާއަކީ ވެސް ޢަރަބީން ފަތަޙަ ކުރި ތަނެއްނޫނެވެ. އެހެންނަމަވެސް ޗައިނާގެ މުސްލިމުން ވެސް އިންޑިޔާއަށްވުރެ ވަކި މަދެއްނޫނެވެ. އަދި އެބައިމީހުންނަށް ކުރިމަތި ކުރެވޭ އުނދަގުލާއި ދުއްތުރާ ވެސް ވަކި ކުޑައެއް، މަދެއް ނޫނެވެ.

އެ ޤައުމުތަކާ ދެކޮޅަށް މުސްލިމުން އެއްވެސް ހަނގުރާމައެއް ނުކުރާ ބޮޑެތި ޤައުމުތަކުގައި މިހާރު ވެފައި ވަނީ މުސްލިމުންގެ ޢަދަދު އެންމެ ގިނަ ޤައުމުތައް ކަމުގައެވެ. އެގޮތުން ޗައިނާ، އިންޑިޔާ، އިންޑޮނޭޝިޔާ އަދި އެފްރިކާގެ އައްސޭރިފަށުގެ ޤައުމުތައް ހިމެނެއެވެ. ހަމަ އެފަދައިން ޔޫރަޕުގެ ޤައުތައް ކަމުގައިވާ އިނގިރޭސި ވިލާތާއި، ޖަރުމަނާއި، ފްރާންސް ފަދަ އެހެނިހެން ބައެއް ޤައުމުތަކުގައި އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ގިނަވަމުންދާ ދިޔުމަށް އެޤައުމުތަކުގައި ނުވަތަ އިސްލާމްދީނަށް ނަފުރަތުކުރާ އަދި އެދީން ކުރިއަރަމުންދާ ދިއުމަށް ޙަސަދަވެރިވާ މީހުން ގަންނަނީއަކީ އަވަށަކު ބިރެއް ނޫނެވެ. މިހެންވެ އެބައިމީހުން ދޮގު ބުހުތާން ވާހަކަތައް ފަތުރަމުން ގެންދިއުމުގެ އިތުރުން އިސްލާމްދީނާއި، އެދީން ޤަބޫލުކުރާ މީހުންނަކީ، ނުބައި ނުލަފާ ބައެއްކަމާއި، އިންސަނިއްޔަތާ ޚިލާފު ކަންކަން ކުރާ ބަޔަކު އުޅޭ ދީނެއް ކަމަށް ދެއްކުމުގެ ގޮތުން ގިނަގުނަ ކަންތައްތަކެއް ކުރަމުން، އަދި ކުރުވަމުން ގެންދެއެވެ. ހިތާމައަކީ މިދަލުގައި މުސްލިމުންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ޖެހެމުންދާ ކަމެވެ. އިންސާނީ ޙައްޤުތަކުގެ ނަމުގައެވެ. ނުވަތަ އެހެން ކޮށްމެވެސް ނަމެއްގައެވެ. މިބައި މީހުންލައްވައި މި ކުރުވާކަންކަމުގެ ޙަޤީޤަތަކީ ކޮބައިކަމާއި، އެކަމުގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮންކަމެއް، ނުވަތަ ކޯޗެއްކަމާ މެދު ވިސްނާ ނުލާތީއެވެ.  –- ނުނިމޭ-

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
29%
0%
0%
14%
57%
ކޮމެންޓް