އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ އެމެރިކާ އިން އީރާނުގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅި މައްސަލައިގައި ބަދަލު ހިފާނެ ކަމަށް އީރާނުން ހޮނިހިރު ދުވަހު ބުނެފިއެވެ.
އެމެރިކާ އިން ވަނީ މިދިޔަ ހުކުރު ދުވަހު ދަތި ކުރުމުގެ ފިޔަވަޅު އެޅާނެ 14 ފަރާތެއް އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި އީރާނުގެ ޖޫޑިޝަރީގެ އެންމެ އިސްފަރާތް ކަމުގައިވާ އާޔަތުއް ﷲ ސާދިގް ލަރިޖާނީ ހިމެނެއެވެ.
އެމެރިކާގެ މި އިއުލާނާ ގުޅިގެން އީރާނުގެ ޚާރިޖިއްޔާ އިން ވަނީ އޭގެ ރައްދުގައި ހަރުކަށި ބަޔާނެއް ހޮނިހިރު ދުވަހު ނެރެފައެވެ. ބަޔާނުގައި ބުނެފައިވަނީ ޓްރަމްޕްގެ ސަރުކާރުން މިހާރު ބައިނަލް އަގްވާމީ ހުރިހާ ރަތް ރޮނގުތަކެއް ހުރަސް ކޮށްފި ކަމަށެވެ. އަދި މިކަމުގެ ރައްދު ވަރަށް ސީރިއަސް ކޮށް އީރާނުން ދޭނެ ކަމަށެވެ.
މީގެ އިތުރުން އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ މި ނިންމުމަކީ ބައިނަލް އަގްވާމީ އެއްބަސްވުންތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
Trump's policy & today’s announcement amount to desperate attempts to undermine a solid multilateral agreement, maliciously violating its paras 26, 28 & 29. JCPOA is not renegotiable: rather than repeating tired rhetoric, US must bring itself into full compliance -just like Iran.
— Javad Zarif (@JZarif) January 12, 2018