ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 18:17
ހދ. ކުޅުދުއްފުށި
ހދ. ކުޅުދުއްފުށި
ގޫގުލް
ކުޅުދުއްފުށި އެއާޕޯޓް
ކުޅުދުއްފުށީ ކުޅި ހިއްކައިފި ނަމަ ރަށުގައި ފެން ބޮޑުވެ ފެން ލޮނުވެދާނެ!
ކުޅި ހިއްކައިފި ނަމަ ރަށުގައި ފެން ބޮޑުވެ، ރަށުގެ ފެން ލޮނުވާނެ
އެއާޕޯޓް އެޅުމަށް ގެންގުޅޭ ޕްލޭންގެ ސަބަބުން އިޖްތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށިގެ ބޮޑެތި މައްސަލަތަކެއް ނިކުންނާނެ
އެއާޕޯޓް ނާޅައި، ފެރީގެ ނިޒާމް ވަރުގަދަކޮށް ހަނިމާދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރުމަށް އީއައިއޭ ރިޕޯޓްގައި އިރުޝާދު ދީފައިވޭ

ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ މަޝަރޫޢު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދާ ނަމަ އެކަމުގެ ސަބަބުން ލިބޭނެ ފައިދާއަށް ވުރެ، ތިމާވެއްޓަށް ލިބޭނެ ގެއްލުން ބޮޑު ކަމަށް އެއާޕޯޓް މަޝަރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރާ ބެހޭ ރިޕޯޓުން ދައްކައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ އީއައިއޭ ރިޕޯޓްގައި ވަނީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާޢި އަދި މާލީ ގޮތުން ބޮޑު ޚަރަދެއް މި މަޝްރޫޢަށް ކުރަން ޖެހުމުގެ ސަބަބުންނާއި، ކައިރީގައި ހަނިމާދޫގައި އެއަރޕޯރޓެއް އޮތުމުގެ ސަބަބުން މިމަޝްރޫޢުއިން ލިބޭ ފައިދާއަށްވުރެ ތިމާވެށީގެ ގޮތުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. އަދި ވެއްޓަށް ލިބޭ ގެއްލުން އެންމެ ކުޑަކުރެވޭނީ މިމަޝްރޫޢު ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ނުގެންދިޔުމުން ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އީއައިއޭ ރިޕޯޓްގައިވާ ގޮތުން އެއާޕޯޓްގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ސަބަބުން އެރަށުގެ ކުޅި ހިމެނޭ ޤުދުރަތީ ނާޒުކު ތިމާވެށީގެ ބޮޑުބައެއް ނެތި ފަނާވެގެން ހިނގައިދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ކުޅުދުއްފުށީގެ ޗަސްބިން ސަރަހައްދާއި ކުޅި ސަރަހައްދުގައި ހެދިފައިވާ ބައެއް ބާވަތްތަކުގެ ގަސްތަކަކީ މަދު ރަށްތަކަކުން ނޫނީ ނުފެންނަ ގަސްތަކެއް ކަމަށާއި، އެއާޕޯޓްއެޅުމަށް ރުއްގަސް ކެނޑުމުގެ ސަބަބުން ރަށުގެ ޤުދުރަތީ މާހައުލަށް ބަދަލުތަކެއް އަންނާނެކަން ފާހަގަކޮށްފައި ވެއެވެ.

ކުޅުދުއްފުށީގެ ކުޅިއަކީ ބޯކޮށް ވާރޭ ވެހޭ ދުވަސްވަރު އެރަށަށް ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބާރަކަށްވާއިރު، ކުޅި ހިއްކައިގެން އެއާޕޯޓް އަޅައިފި ނަމަ، ރަށުގައި ފެން ބޮޑުވުމުގެ ޙާދިސާތައް ގިނަވާނެ ކަމަށް ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ. މިއީ އީއައިއޭ ރިޕޯރޓް ނެރުމުގެ ކުރިން ވެސް ކުޅުދުއްފުށީ ކައުންސިލުން ފާހަގަކުރި ކަންބޮޑުވުމެކެވެ. އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީގެ ހުޅަނގު ކޮޅުގައި ފަހުން ހިއްކި ސަރަހައްދު އޮތީ ރަށުގެ އެހެން ހިސާބުތަކަށް ވުރެ އުސްކޮށެވެ. އަދި ރަށް ޤުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން އަޑިކޮށް އޮތީ ކުޅި ސަރަހައްދަށްވެފައި، މިހާރު ވެސް ރަށުގައި ވާރޭ ވެހޭއިރު ހެދޭ ފެންގަނޑުތައް ކުޅިއަށް ޖަމާވާއިރު، އެސަރަހައްދު ހިއްކައިފި ނަމަ، ވާރޭ ވެހުމުން ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑެވެ. އަދި އެއާޕޯޓް ސަރަހައްދުގައި ފެންބޮޑުވުމުގެ ފުރުސަތު އިތުރަށް ބޮޑުކަމަށް ފާހަގަކޮށްފައި ވެއެވެ.

ކުޅުދުއްފުއްޓަކީ އެޓްމޮސްފެރިކް ޕްރެޝަރގެ ސަބަބުން ކުއްލިއަކަށް ވިއްސާރަވުމުގެ ފުރުސަތު ބޮޑު ޒޯނެއްގައި ހިމެނޭ ރަށެކެވެ. ބޮޑު ދިޔައިގައި ވިއްސާރަވެ، ވައިގެ ސަބަބުން ރާޅު ބޮޑުވާ ޙާލަތްތަކުގައި ކުޅުދުއްފުށީގެ އައްސޭރިފަށަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް އީއައިއޭގައި ފާހަގަކޮށްފައި ވެއެވެ. އަދި ރާޅުގެ ސަބަބުން ލިބޭ ގެއްލުން ކުޅުދުއްފުށީގެ އިރުމަތީ ފަރާތް އުސްވުމާއި ގުޅިގެން އެސަރަހައްދަށް ކުޑަވި ނަމަވެސް، އުތުރު ފަރާތު ކުޅި ހިއްކައިގެން އެއަރޕޯރޓްގެ މަސައްކަތް ކޮށްފި ނަމަ، އެފަރާތުގައި އޮންނަ ރަށުގެ ޤުދުރަތީ ރައްކާތެރިކަން ގެއްލޭނެއެވެ. އެގޮތުން 2008ވަނަ އަހަރު ވެސް 24 ގަޑިއިރުތެރޭ އުތުރުގެ ބައެއް ރަށްތަކަށް 147 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑްތަކުން ދައްކާއިރު، ކުޅި ހިއްކައިފި ނަމަ، އެމިންވަރަށް ދެން ކުޅުދުއްފުއްޓަށް ވާރޭ ވެހިއްޖެ ހާލަތެއްގައި ފެންބޮޑުވާނެ ކަމަށް އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އަދި އެއާޕޯޓްގެ މިހާރުގެ ޑިޒައިންތަކުގައި އެއާޕޯޓް ސަރަހައްދަށްވާ ގޮނޑުދޮށް ހިމާޔަތްކުރާނެ ގޮތްތަކެއް ކަނޑައަޅާފައި ނުވާތީ، ގޮނޑުދޮށް ހިމާޔަތްކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް އީއައިއޭ ރިޕޯޓްގައި ވަނީ އިރުޝާދު ދީފައެވެ. އަދި މިހާރުގެ ޑިޒައިންގައި ވެސް ގޮނޑުދޮށް ހިމާޔަތްކުރަން ކަނޑައަޅާފައިވާ ހިސާބުތަކުގައި ހަމައެކަނި ރިވެޓްމަންޓް ޖެހުމަށް ކަނޑައަޅާފައި ވާތީ، އޭގެ ބަދަލުގައި ބޭރު ތޮއްޓެއް ނުލައިފި ނަމަ، އެސަރަހައްދުގެ ރާޅުތައް ހުންނަ ގޮތުން ގޮނޑުދޮށް ހަލާކުވުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކޮށްފައި ވެއެވެ.

ހިއްކަމުންދާ ދުވަސްވަރު ކުޅީގައި ކިސަޑު އުފެދި، ކުޅީގެ ދިރުމަށް އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު، މޫދުގެ ސަރަހައްދު ހިއްކާއިރު އެސަރަހައްދުގެ ކަނޑުގެ ދިރުމަށާއި ފަރުތަކަށް ވެސް އެކަމުގެ އަސަރުކުރާނެ ކަމަށް އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. ރާއްޖޭގެ އުތުރުގެ ރަށްތަކަކީ، އަދި ޚާއްސަކޮށް ކުޅުދުއްފުށި ފަދަ ކުޅިތަކާއި ޗަސްބިން އޮންނަ ރަށްތަކަކީ އެކި މޫސުމްތަކުގައި ގިނަ އަދަދަކަށް ދޫނި ހިޖުރަކުރާ ރަށްތަކެކެވެ. އެއާޕޯޓް އެޅުމަށް ކުޅި ހިއްކައިފި ނަމަ، އެރަށަށް އަންނަ ދޫނިސޫފާސޫފި ނައިސްދާނެކަމުގެ ބިރު އެބައޮތް ކަމަށް ވެސް އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ކުޅުދުއްފުށީގެ ކުޅި ސަރަހައްދުގައި ގިނަ އަދަދެއްގެ ދޫނި ސޫފާ ސޫފި އުޅެއެވެ. އޭގެ ތެރޭގައި ރާއްޖެއިން އެކަނި ފެންނަ ކަނބިލި ފާހަގަކޮށްލެވެއެވެ. އިންޑިއަން ޕޮންޑް ހެރޮން އާއިލާއަށް ނިސްބަތްވާ މި ދޫނީގެ ތުން، މިއާއިލާގެ އެހެން ދޫނިތަކުގެ ތުނބަށްވުރެ ދިގެވެ. އެއީ ޗަކަބިންތަކުގައި ކާނާ ހޯދުމަށް ފަސޭހަޔަކަށެވެ. މިބާވަތުގެ ދޫނި ފެންނަނީ ރާއްޖެއިން އެކަންޏެވެ. މީގެ އިތުރުން އިރުވާހުދާއި މާކަނާ ވެސް ކުޅުދުއްފުށީގެ ކުޅި ސަރަހައްދުގައި ގިނަ އަދަދަކަށް ދިރިއުޅެއެވެ.

ތިމާވެށީގެ ގޮތުން ލިބޭ ގެއްލުމުގެ އިތުރަށް ކުޅި ހިއްކައިގެން އެއަރޕޯރޓް ހަދާނަމަ އިޖްތިމާޢި އަދި އިޤްތިޞާދީ ގިނަ ގެއްލުންތަކަކާ ވެސް ކުޅުދުއްފުށީގެ ރައްޔިތުން ކުރިމަތިލާން ޖެހޭނެކަން އެރަށުގެ ކައުންސިލުން ފާހަގަކޮށްފައިވަނިކޮށް، އީއައިއޭ ރިޕޯރޓްގައި ވެސް ވަނީ މިކަންކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް، ކުޅުދުއްފުށީގެ ވަރަށް ގިނަ ބަޔަކު ރޯނުގެ ވިޔަފާރިކުރާއިރު، ރޯނު ހެދުމަށް ބޮނބި ވަޅުލައި، ބޮނބި ފާކޮށް ހަދަނީ ކުޅީގައެވެ. އެއަރޕޯރޓް އެޅުމަށް ކުޅި ހިއްކައިފި ނަމަ އެމަސައްކަތަށް ވެސް ހުރަސްތަކެއް ކުރިމަތިވާނެކަން ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން މި އެއަރޕޯރޓަކީ މީހުން ދިރިއުޅޭ، އަދި ތަރައްޤީވަމުން އަންނަ ރަށެއްގައި ކަމުން، އެއާޕޯޓްގެ ސަބަބުން ކުރިމަތިވާނެ އެހެން ކަންތައްތަކެއް ވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން އަޑުގަދަވުމާއި، އެއަރޕޯރޓް ކައިރި އިމާރާތްތައް ވަކި އުސްމިނަކަށް ވުރެ މައްޗަށް ނުނެގުން ހިމެނެއެވެ.

ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް އެރަށުގެ ކުޅި ހިއްކައިފި ނަމަ ދެން ނިކުންނާނެ އެންމެ ބޮޑު އެއް މައްސަލައަކީ އެރަށުގެ ރީތި ފެން ފަށަލަ ހަލާކުވެ، ފެން ލޮނުވުމުގެ މައްސަލައެވެ. އެގޮތުން ކުޅި އާއި ޗަސްބިން ސަރަހައްދު ހިއްކައިފި ނަމަ، ރަށުގެ ބިމު އަޑީގެ ފެން ފަށަލަ ތުނިވެ، ކުޅި ކުޑަވުމުގެ ސަބަބުން ކުޅީގެ ފެން އާތްވަށްވުން އަވަސްވާނެއެވެ. އަދި މީގެ ސަބަބުން ރަށުގެ ފެން ލޮނުވުމުގެ މައްސަލަ ނިކުންނާނެކަން އީއައިއޭ ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ. އަދި ކުޅުދުއްފުށީގެ ފެން ހިންދާ ނިޒާމެއް ޤާއިމްކުރެވޭއިރު، އެނިޒާމު ކުޅިއާ ނުގުޅުވައި، ޤުދުރަތީ ގޮތުން ކުޅިއަށް ފެން ހިންދަން އޮންނަ ނިޒާމްއް ގޮތަށް ދޫކޮށްލަން ވެސް ރިޕޯރޓްގައި އިރުޝާދު ދީފައި ވެއެވެ.

ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް އެރަށުގެ ރައްޔިތުން ބޭނުންވެއެވެ. އެހެންނަމަވެސް ކުޅި ހަލާކުކުރުމަށް ފަހު އެކަން ކުރުމަކީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ. ރަށުގެ އެހެން ސަރަހައްދެއްގައި އެއަރޕޯރޓް ހެދުމަކީ ވެސް ނުވާނެ ކަމެއް ނޫނެވެ. އީއައިއޭ ރިޕޯރޓްގައި އެކަން ފާހަގަކޮށްފައިވާއިރު، އެނޫން ސަރަހައްދެއްގައި އެއާޕޯޓް އެޅުމާ ބެހޭ ދިރާސާއެއް ސަރުކާރުން ހަދާފައެއް ނުވެއެވެ. ސަރުކާރުން ހިންގަން ގަސްދުކުރާ ޕްލޭނާއި އެއްގޮތަށް އެއަރޕޯރޓްގެ މަސައްކަތްކޮށްފިނަމަ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު، މި ޕްރޮޖެކްޓް ކުރިއަށް ނުގެންދިޔުމަކީވެސް އޮޕްޝަނެއްކަމަށް އީއައިއޭ ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ. އޭގެ ބަދަލުގައި ކުޅުދުއްފުއްޓަށް ސީޕްލޭން އޮޕަރޭޓްކުރުމަކީ އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށްދޭ އަދި ރަށުގެ ރައްޔިތުންނާއި ސަރުކާރުން ވެސް ބޭނުންވާ ކަންކަން ޙާސިލްވާނެ މަގެކެވެ. އަދި މީގެ އިތުރުން ހަރުދަނާ ފެރީގެ ނިޒާމެއް ޤާއިމްކޮށް، ހަނިމާދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުފަތުރު އިތުރަށް ހަރުދަނާކޮށްގެން ވެސް މިމައްސަލަށް ހައްލެއް ހޯދިދާނެ ކަމަށް އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މިއީ މިމައްސަލައިގައި އީއައިއޭ ރިޕޯޓް ނުނެރެނީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާހަގަކުރެއްވި ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 22:01
ހ މ ޒ
ބޭރުގެ ފަސްގަނޑުގައި ހުރެގެން ދިވެހި ރައްޔިތުންއަޅުވެތިކުރަނީކީ ނޫންތަ؟ހަޖަމްގެ މައްސަލްވެސް އުލޭ! ތާއީދު ނެތްކަން ވެސް އިނގޭ!؟
24 އޮކްޓޯބަރ 2017 | އަންގާރަ 21:44
ކުޅުދުއްފުށީ
އިސް އަމާޒެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނީ ޒުވާނުންނަށް އެ މީހުންގެ އިންސާނީ ވަސީލަތްތައް އިތުރުކޮށްދިނުން! ދެން އަތްޖަހާ
24 އޮކްޓޯބަރ 2017 | އަންގާރަ 21:38
ހ މ ޒ
ދަރަންޏާއެކު މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވެފައި ތިބި ކަންކަން ކޮށްދިނުމަށް ކަމަށެވެ. އަދި އެ ދަރަނިތައް ރިޔާސީ ދެ ދައުރު ތެރޭގައި ދައްކަވާނެ ކަމަށްވެސް ވަނީ! ދެން އަތްޖަހާ
24 އޮކްޓޯބަރ 2017 | އަންގާރަ 19:03
mau
raajje mv miyo moyavanee kulhudhuffushi ga airport alhaathi .pakaaaaas
24 އޮކްޓޯބަރ 2017 | އަންގާރަ 18:59
Kulhudhuffushi
Komme rashehge medhugai kulhi eh hadhan feney.gudhurathee kaarisaa thakaai fenboduvumun salaamaiyyvaa. Hulhumale avahah kulhieh hadhaa. Male gavx fen boduvun huttuvumah maafannu stadium kulhi akah hadhan feney.