ރައީސް މުޢިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ޑިސެމްބަރުގައި ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ
23 ނޮވެމްބަރު 2026 | ހޯމަ 05:21މެލޭޝިއާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސް އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ. މީގެ އިތުރުން ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމަށް މި ބައްދަލުވުންތަކުގައި އިސްކަންދޭނެ

ބަންގްލަދޭޝްގެ ބޮޑުވަޒީރު، މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވުން | ރައީސް އޮފީސް
މި އަހަރުގެ ޑިސެމްބަރު މަހު، ބަންގްލަދޭޝްގެ ނަސްރުގެ ދުވަހާ ދިމާކޮށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވާ ދަތުރުފުޅަށް ތައްޔާރުވަމުންދާކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ކަމާބެހޭ އޮފިޝަލުން ހާމަކުރައްވައިފި އެވެ. ބަންގްލަދޭޝްގެ އަމާޒަކީ މި މަތީ ފަންތީގެ ޑިޕްލޮމެޓިކް ދަތުރުފުޅުތަކުގެ ޒަރީއާއިން މެލޭޝިއާ އަދި ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި، ބަންގްލަދޭޝްގެ 13 ވަނަ ޢާންމު އިންތިޚާބަށްފަހު މަޤާމާ ޙަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ތާރިޤް ރަޙްމާން ވަނީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. މިއީ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ޤައުމީ މަޖިލިސް (ޖާތިޔާ ސަންގްސަދު) ގައި ބޭއްވުނު ބޮޑުވަޒީރު ތާރިޤް ރަޙްމާނާއި އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެ ދުވަހުގެ ދަތުރުފުޅެއްގައި ޑާކާއަށް ވަޑައިގަންނަވާނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ދުވަހުގެ ދަތުރުފުޅެއްގައި ޑާކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. މިކަން ޑާކާ، ކުއާލަލަމްޕޫރު އަދި މާލޭގެ ޑިޕްލޮމެޓިކް މަޞްދަރުތަކުން ވަނީ މީޑިތަކަށް ކަށަވަރުކޮށްދީފަ އެވެ. މި ބައްދަލުވުންތަކުގައި އިޤްތިޞާދީ އެއްބާރުލުމުގެ އިތުރުން، އެކްސްޕޯޓް ފުޅާކުރުމާއި، ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ހުނަރު ތަރައްޤީކުރުމުގެ އިތުރުން ތަޢުލީމީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ އެވެ. އަދި ރޮހިންޔާ މުސްލިމުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މައްސަލައާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދިނުމަށް މި ބައްދަލުވުންތަކުގައި އިސްކަންދޭނެ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.



