ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި
26 އޮކްޓޯބަރު 2026 | ހޯމަ 10:37ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި "އައިއައިސީއޭ" ރިޒޮލިއުޝަންގައި ފުލުހުން ވަނީ ސޮއިކޮށްފައި. މި އެއްބަސްވުމުގެ ސަބަބުން ރާވައިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތަކާ ދެކޮޅަށް މައުލޫމާތު ބަދަލުކުރުމާއި، ގުޅިފައިވާ އޮޕަރޭޝަންތައް ހިންގުމަށް ބައިނަލްއަގުވާމީ ގާނޫނީ ބާރުވެރިކަން ލިބިގެންދާނެ ކަމަށް ފުލުހުން ބުނޭ


ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | މޯލްޑިވްސް ޕޮލިސް ސާރވިސް
ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމްގައި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފި އެވެ.
ފުލުހުން ބުނީ، ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީން އިންތިޒާމުކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެން، މި ރިޒޮލިއުޝަންގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.
މި ފޯރަމަކީ ބައިނަލްއަގުވާމީ ބައިވެރިންގެ ތަޖުރިބާ ހިއްސާ ކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޭއްވި ފޯރަމެއް ކަމަށް ފުލުހުން ބުނެ އެވެ.
މި ރިޒޮލިއުޝަންގައި ސޮއިކުރުމަކީ، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.
އިންޓަރޕޯލާއި އާސިއާނަޕޯލް އަދި 9 ގައުމަކުން އިސްނަގައިގެން 2025 އޮކްޓޫބަރު 23 ގައި ސޯލްގައި ގާއިމުކުރި އައިއައިސީއޭ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑްތަކުން ވަކިވަކި ފަރުދުންނަށާއި މުޖުތަމައުތަކުގެ އިގުތިސާދަށް ދޭ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުފެއްދި ޚާއްސަ އިއްތިހާދެކެވެ.
މެންބަރު ގައުމުތަކުން ފާސްކުރި މި ރިޒޮލިއުޝަނަކީ އައިއައިސީއޭގެ ދާއިމީ ގަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތަށް ތަހުގީގުތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ރިޒޮލިއުޝަނެކެވެ.
މީގެއިތުރުން، އިންޓަރޕޯލްގެ ޖެނެރަލް އެސެމްބްލީ އާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ގާނޫނީ ހައިސިއްޔަތު ލިބިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.











