ހާލު ކިހިނެއް: ފެހެންދޫ އަދި ގޮއިދޫ ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސް ނުލިބުން!
26 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:18ބޭސް ލިބުމުގެ ދަތިކަމާއި، ތަކެތީގެ އަގުބޮޑުވުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ބ. ފެހެންދޫ އާއި ގޮއިދޫ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި މައްސަލަތަކަށް ހައްލެއް ނުލިބި އާންމު ދިރިއުޅުމަށް ބުރަވަމުންދާތީ، މި ސަރުކާރުގެ ސިޔާސަތުތަކަށް އެ ދެ ރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައި


ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ތެރެއިން | ރާއްޖެ އެމްވީ
ބޭސް ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމާއި، ތަރައްގީގެ މަޝްރޫއުތައް ނުހިނގާތީ ބ. ފެހެންދޫ އަދި ގޮއިދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެެވެ.
ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމުގައި ފެހެންދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ދިޔުމުން ލިބެނީ މަދު ބޭސް ކޮޅެއް ކަމަށެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުންނާއި މާލެއިން ވެސް ބޭސް ނުލިބޭ އެތަށް ފަހަރު އަންނަ ކަމަށެވެ.
އަދި އޭނާ ވަނީ ތަކެތީގެ އަގާއި ކަރަންޓު ބިލު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ ކުރީގައި ކުކުޅު ބިހެއް ލިބޭ 2 ރުފިޔާއަށް ދޮޅު ރުފިޔާއަށް، މިހާރު ނުލިބޭ. ހުރިހާ އެއްޗެއް އަގުބޮޑު، ވަކި އެއްޗެއް ނޫން ގާތްގަނޑަކަށް އަހަރެމެން މަހަކު 2000އެއްހާ ރުފިޔާ ދައްކާ އިރުގައި މިހާރު އެބަ އަރާ 4000އެއްހާ ރުފިޔާ ނޫނީ 5000އެއްހާ ރުފިޔާ ފިހާރައަކަށް ހަމައެކަނި. ލިބޭ މުސާރަ ކޮޅު ދެބައިކޮށްފައި އެއްބައި މިދަނީ ފިހާރައަށްފެހެންދޫ ރައްޔިތެއް
މީގެ އިތުރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅަން ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފެހެންދޫ ރައްޔިތުން ފާޅުކޮށްފަ އެވެ. އެގޮތުން، މަހަކު އެއްފަހަރު ޖަންކްޝަން ސާފުކުރަން ޖެހޭ ކަމަށް ފެހެންދޫ އިން މައުލޫމާތު ދިން ރައްޔިތަކު ބުންޏެވެ.
ގޮއިދޫއިން މައުލޫމާތު ދިން ރައްޔިތުން ވެސް ވަނީ ބޭސް ލިބުމުގައި ދަތިކަން ހުރި ކަމަށް ބުނެފަ އެވެ. އެގޮތުން މައިބަދަ އޮޕަރޭޝަން ކޮށްފައިވާ މީހަކު މައުލޫމާތު ދިން ގޮތުގައި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ކޮންމެހެން ވެސް ޖަހަން ޖެހޭ އިންޖެކްޝަން އެއް މާލެއިން ވެސް ނުލިބޭ ކަމަށް ބުންޏެވެ. އަދި ބޭރުން ބޭސް ގެންނަން އާސަންދާއަށް ފޯމު ލުމުން، ބުނަނީ މާލެއިން ލިބޭ ކަމަށާއި ނަމަވެސް މާލެ އިން ލިބެނީ އެހެން ޑޯޒްއެއް ކަމުން އަލުން އާސަންދާއަށް ފޯމުލުމުން އެއް މަސް ދުވަސް ފަހުން ލިބޭނެކަމަށް ބުނެ، މަސްދުވަސް ފާއިތުވެ ދިޔަ އިރުވެސް އެ ބޭސް ނުލިބޭކަމަށް އޭނާ ބުންޏެވެ.
އަޅުގަނޑެއް ނުދެކެން ނާސިރު ވެރިކަމެއް ހަނދާނެއް ނެތް އޭގެ ފަހުން މިއައި ވެރިންގެ ތެރެއިން މިހާ ދޮގު ހަދާ މިވަރަށް ވައްކަން ކުރާ މީހަކު ދުވަހަކުވެސް ނުދެކެން. ތެދުތެދަށް ނޫނެކޭ ސާބަހޭ ވެރިއަކު މިހުރީ ލިބިފައި، އަހަރުން ނުލިއަސް، ހަމަ ފަތް ފަޅާފައި ފަތް އުހުރަން ވެފައި ހުރި ވަރު ވަގެއް ހަމަގޮއިދޫ ރައްޔިތެއް
މީގެ އިތުރުން، ގޮއިދޫގެ ރައްޔިތަކު ވަނީ އެރަށު އިންޖީނުގޭގެ ކަންކަމާ ގުޅޭގޮތުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އިންޖީނު ގެޔަށް ބޭނުންވާ ތެޔޮ އަޅާފައި ހުންނަނީ ޕްލާސްޓިކް ކަޅު ހަމަށް ކަމަށް އޭނާ ބުންޏެވެ.
މިހާރު ހުއްޓިފައިވާ މަޝްރޫއުތަކާއި ތަކެތީގެ އަގުބޮޑުވުން އަދި ބޭސް ނުލިބުމުގެ މައްސަލައަށް ހައްލެއް އަންނާނީ މި ސަރުކާރު ބަދަލުކޮށްގެން ކަމަށް އެ ދެ ރަށުން ވާހަކަ ދެއްކި ރައްޔިތުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.




