Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީއައި ފޯން

1،999 ޑޮލަރުގެ އަގުހުރި ފަތްޖަހާލެވޭ "އައިފޯން ޑުއޯ" ދައްކާލައިފި

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 14:11

އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސްގެ އިރުޝާދުގެ ދަށުން، މަސައްކަތުގެ މާހައުލަށް ޚާއްޞަ ފަތްޖަހާލެވޭ "އައިފޯން ޑުއޯ" އާއި އޭއައިގެ އާ ސިފަތަކާއެކު އައިފޯން 18 ގެ ސީރީޒް ދައްކާލައިފި. ޕްރައިވެސީއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި އުފެއްދުންތަކުގެ ތެރެއިން އައިފޯން 18 ސެޕްޓެމްބަރު މަހު ބާޒާރަށް ނެރޭއިރު، އައިފޯން ޑުއޯ ލިބެން ހުންނާނީ އޮކްޓޫބަރު 23 އިން ފެށިގެން

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 14:11

އެޕަލް ކުންފުނީގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު، "އައިފޯން ޑުއޯ" އެ ކުންފުނިން ދައްކާލައިފި | އެޕަލް

އެޕަލް ކުންފުނީގެ އެންމެ މަގުބޫލު އުފެއްދުން ކަމަށްވާ އައިފޯނަށް ފަހުގެ ތާރީޚެއްގައި ގެނައި އެންމެ ބޮޑު ބަދަލާއެކު، 1،999 ޑޮލަރުގެ އަގުހުރި ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" އެ ކުންފުނިން ދައްކާލައިފި އެވެ.

ބުދަ ދުވަހު ދައްކާލި މި "ޑުއޯ" ފޯނަކީ ޕާސްޕޯޓެއްގެ ބޮޑުމިނާއި ބައްޓަމަށް ފަރުމާކޮށްފައިވާ، ފޯނެކެވެ. މި ފޯނު ހުޅުވާލުމުން 7.6 އިންޗި (19 ސެންޓިމީޓަރު) ފުޅާ ސްކްރީނެއް ފެންނަން ހުންނައިރު، މިއީ ހުރަހަށާއި ދިގަށް ވެސް ބޭނުންކުރެވޭނެ ސްކްރީނެކެވެ. އަދި ފޯނު ފަތްޖަހާލާފައި އޮންނައިރު ކުރިމަތިން ކުޑަ ވަކި ސްކްރީނެއް ފެންނަން ހުރެ އެވެ. އެޕަލް އިން ބުނި ގޮތުގައި މި ފޯނު ހުޅުވާލުމުން ވެގެންދާނީ އެ ކުންފުނިން މިހާތަނަށް ނެރުނު އެންމެ ތުނި ފޯނަށެވެ.

އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސްގެ އިރުޝާދުގެ ދަށުން ބޭއްވި ފުރަތަމަ ފޯނު ދައްކާލުމުގެ މި ހަރަކާތަކީ، 2017 ވަނަ އަހަރު އައިފޯން އެކްސް އިން ފިޒިކަލް ހޯމް ބަޓަން އުނިކުރި ފަހުން އެޕަލްގެ އުފެއްދުމަކަށް ގެނައި އެންމެ ފާހަގަކޮށްލެވޭ ބަދަލެވެ. ނިމިދިޔަ މާލީ އަހަރުގައި އެޕަލްގެ މުޅި އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ނުވަތަ 209.6 ބިލިއަން ޑޮލަރު ހޯދައިދީފައިވަނީ އައިފޯނުންނެވެ.

އެޕަލް އިން އައިފޯން ޑުއޯ ތައާރަފުކުރީ މަސައްކަތުގެ މާހައުލުގައި އުފެއްދުންތެރިކަން އިތުރުކޮށްދޭނެ ވަސީލަތެއްގެ ގޮތުގަ އެވެ. އެގޮތުން ގިނަ ބަޔަކު ބައިވެރިވާ ޒޫމް ކޯލްތަކާއި، ސްލެކް މެސެޖިންގ އެޕްލިކޭޝަން މާ ފުޅާކޮށް ބޭނުންކުރެވޭނެ ގޮތް އެ ކުންފުނިން ދައްކާލި އެވެ. މީގެ އިތުރުން، އައިޕެޑްތަކެކޭ އެއްފަދައިން ޑުއޯގެ ބޮޑު ސްކްރީނުގައި އެއްފަހަރާ ގިނަ އެޕްލިކޭޝަންތަކެއްގެ ވިންޑޯ ހުޅުވައިގެން މަސައްކަތް ކުރެވޭނެ އެވެ.

މިހާރު ބާޒާރުގައި ހުރި ފަތްޖަހާލެވޭ ފޯނުތަކަކީ ބޭނުންކުރަން އުނދަގޫ އަދި ސްކްރޯލް ކުރުމާއި ވީޑިއޯ ބެލުން ފަދަ އާންމު ކަންކަމަށް އެކަށީގެންނުވާ ފޯނުތަކެއްގެ ގޮތުގައި ޓާނަސް ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ އައިފޯން ޑުއޯ ފަރުމާކޮށްފައިވަނީ ޖީބަށްލެވޭ ވަރުގެ ކުޑަ އާލާތަކުން އައިޕެޑެއްގެ ތަޖުރިބާ ލިބޭނެ ގޮތަށް ކަމަށެވެ. މިއީ ޚާއްޞަ ހިންޖަކާއި، އެއްވަރެއްގެ ރޭޝިއޯއެއް ހުންނަ ދެ ޑިސްޕްލޭ އަދި އާ ޓައިޓޭނިއަމް ބޮޑީއެއް ބޭނުންކޮށްގެން އުފައްދާފައިވާ ފޯނެކެވެ.

"މިއީ މުޅިން އާ އުފެއްދުމެއް، އެކަމަކު ހަމައެއާއެކު މިއީ ބޭނުންކުރަން ވަރަށް ފަސޭހަ އެއްޗަކަށް ވާނެ. ޕާސްޕޯޓެއްގެ ބޮޑުމިނުގައި ހުރުމުން، އަތުން ހިފާލަން ފަސޭހަވެފައި އެއް އަތުން ބޭނުންކޮށްލަން ވެސް ވަރަށް އެކަށީގެންވާނެ،" ޓާނަސް ވިދާޅުވި އެވެ.

އައިފޯން ޕްލެޓްފޯމަކީ އަމިއްލަ މިނިވަންކަމަށް ނުވަތަ ޕްރައިވެސީއަށް އިސްކަންދޭ އަމިއްލަ އޭއައި (AI) ހަބެއްގެ ގޮތުގައި ޓާނަސް ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެހެން ކުންފުނިތަކުން ބޭނުންވަނީ މީހުންގެ އަމިއްލަ މައުލޫމާތު އެއްކޮށް ރައްކާކުރަން ކަމަށެވެ. "ތެދަށް ބުނާނަމަ، ތިމާގެ އަމިއްލަ މައުލޫމާތުގެ މައްޗަށް ތިމާގެ ބާރު ނެތް ހިސާބުން އިތުބާރުގެ މާނައެއް ނޯންނާނެ. އެހެންވެ، އެޕަލް އިންޓެލިޖެންސްގެ ގިނަ ކަންކަން ހިނގާނީ ސީދާ ފޯނުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

އެޕަލް އިން އާ ފޯނުތަކުގައި ސިރީ (Siri) އަށް ގެނައި އޭއައިގެ އާ ސިފަތަކަށް ވެސް ވަނީ އަލިއަޅުވާލާފަ އެވެ. މިކަމުގައި އެޕަލް އިން އެންމެ ބޮޑަށް އިސްކަންދީފައިވަނީ ޕްރައިވެސީ އާއި ސަލާމަތީ ރައްކާތެރިކަމަށެވެ. މިއީ އޭއައިގެ ދާއިރާގައި ކުރިއަށް ގޮސްފައިވާ ވާދަވެރި ކުންފުނިތަކާ އެޕަލް ތަފާތުވާނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ.

މާނަހުރި އާ ބައެއް

ޓާނަސް ވިދާޅުވި ގޮތުގައި އައިފޯން 18 ޕްރޯ އަދި 18 ޕްރޯ މެކްސްގެ ބެޓެރީއާއި، ކެމެރާ އަދި ފޯނުގެ ހިނގުމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަ އެވެ. މި ފޯނުތަކުގެ އަގު ފެށޭނީ 1،199 ޑޮލަރާއި 1،299 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. ސެޕްޓެމްބަރު 12 އިން ފެށިގެން މި ފޯނުތަކަށް ޕްރީ-އޯޑަރު ކުރެވޭނެ ކަމަށާއި، ސެޕްޓެމްބަރު 18 އިން ފެށިގެން ބާޒާރުން ލިބެން ހުންނާނެ ކަމަށް އެޕަލް އިން ބުނެ އެވެ. ނަމަވެސް، ފަތްޖަހާލެވޭ އައިފޯން ޑުއޯ ލިބެން ހުންނާނީ އޮކްޓޫބަރު 23 އިން ފެށިގެންނެވެ.

އެޕަލްގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ސެމްސަންގް، މޮޓޮރޯލާ އަދި ގޫގުލް އިން މިހާރު ވެސް ވަނީ ފަތްޖަހާލެވޭ ފޯނުތައް ބާޒާރަށް ނެރެފަ އެވެ. އެހެންނަމަވެސް، އެޕަލް އަކީ އާ ޓެކްނޮލޮޖީތައް ތައާރަފުކުރުމުގައި އަވަސް އަރުވާލާ ކުންފުންޏެއް ނޫނެވެ.

ފޮރެސްޓަރގެ އެނަލިސްޓް ދިޕަންޖަން ޗެޓަޖީ ވިދާޅުވި ގޮތުގައި، މި ފޯނު ނެރުމަކީ އެޕަލްގެ އާންމު އުސޫލެވެ. އެއީ އުފެއްދުމެއްގައި ހުންނަ އުނިކަންތައްތައް ރަނގަޅުވެ، އެއީ ބާޒާރުގައި ހިނގާނެ އެއްޗެއްކަން ޔަގީންވަންދެން މަޑުކުރުމަށްފަހު، އެ ދާއިރާއަށް ވަދެ އެ ކަމެއްގެ ބައްޓަން ބަދަލުކޮށްލުމެވެ. 

މަސްދަރު: ރޮއިޓާސް

އައިފޯންއައިފޯން ޑުއޯ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2024

މި މަހުގެ ފުރަތަމަ 2 ހަފްތާގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ދިރާގުގެ ކަސްޓަމަރަކަށް އައިފޯން 16 އެއް

01 އޮކްޓޯބަރު 2024
މި މަހުގެ ފުރަތަމަ 2 ހަފްތާގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ދިރާގުގެ ކަސްޓަމަރަކަށް އައިފޯން 16 އެއް
19 ސެޕްޓެމްބަރު 2024

މިރޭ ދަންވަރުން ފެށިގެން އުރީދޫއިން އައިފޯން 16 ސީރީޒް ޕްރީ އޯޑަރ އަށް ހުޅުވާލަނީ

19 ސެޕްޓެމްބަރު 2024
މިރޭ ދަންވަރުން ފެށިގެން އުރީދޫއިން އައިފޯން 16 ސީރީޒް ޕްރީ އޯޑަރ އަށް ހުޅުވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް