ކެނަންގެ އުފެއްދުންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ސިމްޑީގެ ދައުރު ބޮޑު: ކެނަން ސިންގަޕޯގެ ސީއީއޯ
9 ސެޕްޓެމްބަރު 2026 | ބުދަ 05:49ސިމްޑީ ގްރޫޕާއި ކެނަން ކުންފުނީގެ 30 އަހަރުވީ ވިޔަފާރީގެ ގުޅުން ފާހަގަކުރުމަށް ކެނަން ސިންގަޕޯގެ ސީއީއޯ ޓޮޝިޔުކީ އިޝީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި. މި ދަތުރުފުޅުގައި ދެ ކުންފުނީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވާއިރު، ރާއްޖޭގެ ބާޒާރަށް ކެނަންގެ އެންމެ ފަހުގެ އުފެއްދުންތަކާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިމްޑީން މުހިންމު ދައުރެއް އަދާކުރާކަން ވަނީ ފާހަގަކޮށްފައި


ކެނަން ސިންގަޕޯގެ ރައީސް އަދި ސީއީއޯ ޓޮޝިޔުކީ (ޓައިގަރ) އިޝީ، ސިމްޑީގެ މެނޭޖްމަންޓް އާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން | ސިމްޑީ
ރާއްޖޭގެ ބާޒާރުގެ ބޭނުންތައް ދެނެގަތުމުގައި ސިމްޑީ އަކީ މުހިއްމު ދައުރެއް އަދާކުރާ ފަރާތެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދެ ފަރާތް ގުޅިގެން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ކެނަން ސިންގަޕޯގެ ރައީސް އަދި ސީއީއޯ ޓޮޝިޔުކީ (ޓައިގަރ) އިޝީ ވިދާޅުވެއްޖެ އެވެ.
ސިމްޑީ ގްރޫޕާއި ކެނަން ކުންފުންޏާ ދެމެދު އޮތް ތިން ދަހަރަވީ ގާތް ގުޅުން ފާހަގަކުރުމަށްޓަކައި، ކެނަން ސިންގަޕޯގެ ރައީސް އަދި ސީއީއޯ ޓޮޝިޔުކީ (ޓައިގަރ) އިޝީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވަނީ ކުރައްވާފަ އެވެ. މި ދަތުރުފުޅަކީ 1995 ވަނަ އަހަރުން ފެށިގެން މި ދެ ކުންފުނީގެ ދެމެދުގައި އޮތް ބަދަހި ވިޔަފާރީގެ ގުޅުމަށް 30 އަހަރަށްވުރެ ގިނަ ދުވަސްވުން ފާހަގަކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސިމްޑީ ގްރޫޕްގެ މެނޭޖްމަންޓާ އެކު ބޭއްވި އިސްތިރާޖީ މަޝްވަރާތަކުގެ އިތުރުން، ކެނަން ޝޯރޫމާއި ސިމްޑީ ޓެކް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ.
ކެނަންގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ފުރަތަމަ ތައާރަފްކުރީ ސިމްޑީން 1995 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ގުޅުން އިތުރަށް ފުޅާވެ، މިއަދު ސިމްޑީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެނަންގެ އިމޭޖިން އަދި ބިޒްނަސް ސޮލިއުޝަންތައް ފޯރުކޮށްދީ، ފަންނީ އެހީތެރިކަމާއި ވިއްކުމަށްފަހު ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. މި ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން 2017 ވަނަ އަހަރު "ކެނަން އިމޭޖް ސްކޮޔަރ" ހުޅުވައި، ކަސްޓަމަރުންނަށް ކެނަންގެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން ސިމްޑީ އޮންލައިން މެދުވެރިކޮށް ޑިޖިޓަލްކޮށް މި އުފެއްދުންތައް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ޓޮޝިޔުކީ އިޝީ ވަނީ ސިމްޑީގެ އެންމެ ގާތް އެއް ކަސްޓަމަރު ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި، ކެނަން އަދި ސިމްޑީ ގްރޫޕަށް އެމްއެންޑީއެފް އިން ކުރާ އިތުބާރުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފަ އެވެ. މީގެ އިތުރުން ސިމްޑީ ޓެކް ޓީމާ ބައްދަލުކުރައްވައި، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކާއި، އައު އީޖާދުތަކާއި ފަންނީ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެނަން ސިންގަޕޯގެ ރައީސް ޓޮޝިޔުކީ އިޝީ ވިދާޅުވީ، މި ދަތުރުފުޅަކީ ސިމްޑީއާ އޮތް މުއާމަލާތްތައް އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ކަސްޓަމަރުންނަށް ދޭ އެހީތެރިކަން އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ރާއްޖޭގެ ބާޒާރުގެ ބޭނުންތައް ދެނެގަތުމުގައި ސިމްޑީން އަދާކުރާ ދައުރު ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ވެސް ދެ ފަރާތް ގުޅިގެން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިމްޑީ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މިޝާލް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ، ސިމްޑީން މިއަދު 200 އަށްވުރެ ގިނަ ބްރޭންޑާއި 15،000 އަށްވުރެ ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދެމުންދާއިރު، މި ކާމިޔާބީގެ އަސްލަކީ ބްރޭންޑްތަކާ އެކު އޮންނަ ވަރުގަދަ ގުޅުން ކަމަށެވެ. ކެނަންއާ އެކު އޮތް ގުޅުމަކީ މީގެ ރަނގަޅު މިސާލެއް ކަމަށާއި، ކެނަންގެ ފަރާތުން ލިބޭ ތަމްރީނާއި އެހީތެރިކަމުގެ ސަބަބުން ކަސްޓަމަރުން ބޭނުންވާ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސިމްޑީ ގްރޫޕަކީ ރާއްޖޭގެ އެކި ދާއިރާތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީ، ކޮންސިއުމާ ޕްރޮޑަކްޓްސް، ކާބޯތަކެތި އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެ އެވެ. ސިމްޑީ ޓެކް އަކީ އެ ކުންފުނީގެ ޓެކްނޮލޮޖީ ޑިވިޜަން ކަމަށްވާއިރު، އެއީ ރާއްޖޭގައި ކެނަންގެ އުފެއްދުންތައް ބަހައި، ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ރަސްމީ ފަރާތެވެ. ތިން ދަހަރަވީ މި ގުޅުމަކީ އިތުބާރާއި އީޖާދީ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ދެ ކުންފުނިން ވެސް ގަބޫލުކުރެ އެވެ.







