މޮނިން ކަޕް މޯލްޑިވްސް 2026: 1 ވަނަ އަށް ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާގެ ނިކް
ސިމްޑީ ބެވް އާއި މޮނިން ގުޅިގެން ބޭއްވި މޮނިން ކަޕް މޯލްޑިވްސް 2026 ގެ ފައިނަލް އިވެންޓް ކުރުނބާ މޯލްޑިވްސްގައި ބާއްވައި، މުބާރާތުގެ ވަނަތައް ހޮވައިފި. ރާއްޖޭގެ ބެވަރޭޖް އިންޑަސްޓްރީ ކުރިއަރުވައި ބާޓެންޑަރުންނަށް ބައިނަލްއަގުވާމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭއްވި މި މުބާރާތުގައި 50 އަށްވުރެ ގިނަ ބައިވެރިން ވާދަކުރިއިރު، ފަނޑިޔާރުކަން ކޮށްފައިވަނީ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޕެނަލަކުން. މި މުބާރާތުން އެއްވަނަ ހޯދި ފަރާތަށް ބައިނަލްއަގުވާމީ މަރުހަލާގެ ކުރިން ބާއްވާ ސަރަހައްދީ ކޮލިފައިންގައި ރާއްޖެ ތަމްސީލުކުރުގެ ފުރުސަތު ލިބޭނެ.


ސިމްޑީ ގްރޫޕްގެ ސިމްޑީ ބެވް އާއި މޮނިން ގުޅިގެން ބޭއްވި މި މުބާރާތުގެ ފައިނަލް އިވެންޓް ކުރިއަށްދިޔައީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު ނިވާ ކުރުމްބާ ރިސޯޓުގަ | ސިމްޑީ
މޮނިން ކަޕް މޯލްޑިވްސް 2026 ގެ ޗެމްޕިއަންކަން ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާގެ ނިކް މުހައްމަދު މިކައިލް ޒައިން ހޯދައިފި އެވެ.
ސިމްޑީ ގްރޫޕްގެ ސިމްޑީ ބެވް އާއި މޮނިން ގުޅިގެން ބޭއްވި މި މުބާރާތުގެ ފައިނަލް އިވެންޓް ކުރިއަށްދިޔައީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު ނިވާ ކުރުމްބާ ރިސޯޓުގަ އެވެ. މި ކާމިޔާބީއާއެކު މޮނިން ކަޕްގެ ބައިނަލްއަގުވާމީ މަރުހަލާގެ ކުރިން ބާއްވާ ސަރަހައްދީ ކޮލިފައިންގައި ރާއްޖޭގެ ފަރާތުން ތަމްސީލުކުރާނީ ނިކް އެވެ.
މި މުބާރާތުގެ ފަޚުރުވެރި 1 ވަނަ ނިކް ހޯދިއިރު، ފަސްޓް ރަނަރަޕް ނުވަތަ ދެވަނަ ހޯދާފައި ވަނީ ޖޭއޭ މަނަފަރު މޯލްޑިވްސްގެ ޖެކް ކުއިން އެވެ. އަދި 3 ވަނަ އަށް ހޮވުނީ ޖޯލި ބީންގެ އެންޑްރިއަސް ޕެޓްރާ ގުލްޓަމް އެވެ. މިއީ ރާއްޖޭގައި މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. 2024 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ފުރަތަމަ އެޑިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރިޓްޒް ކާޓަން މޯލްޑިވްސްގެ އެރެސްޓާ ދިއަންތާރާ އެވެ.
މޮނިން ކަޕަކީ 2014 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބާޓެންޑަރުންނަށް އަމާޒުކޮށްގެން މޮނިން އިން އިންތިޒާމުކުރާ ބައިނަލްއަގުވާމީ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދަނީ ފުރަތަމަ ގައުމީ ފެންވަރުގައި ބޭއްވުމަށްފަހު، އެއަށްފަހު ބައިނަލްއަގުވާމީ ފެންވަރުގަ އެވެ. ރާއްޖޭގެ ރިސޯޓުތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުގައި މޮނިން ބްރޭންޑަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. ސިމްޑީ ބެވް އާއި މޮނިންއާ ދެމެދު އޮތް ސްޓްރެޓެޖިކް ގުޅުމަށް މިހާރު 17 އަހަރު ވެފައިވާއިރު، މި ގުޅުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ބެވަރޭޖް އިންޑަސްޓްރީ ކުރިއަރުވައި ބާޓެންޑަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މިއަހަރުގެ މުބާރާތަށް ރާއްޖޭގެ އެކި ރިސޯޓުތަކާއި ޕްރޮޕަޓީތަކުން 50 އަށްވުރެ ގިނަ ބާޓެންޑަރުން އެމީހުންގެ އަމިއްލަ ސިގްނޭޗާ ރެސިޕީތައް ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ލައިވް ކޮމްޕެޓިޝަން ސްޓޭޖަށް ހޮވުނީ އެންމެ މޮޅު 7 ފައިނަލިސްޓުންނެވެ. މި ބައިވެރިންގެ ހުށަހެޅުންތައް ވަޒަންކޮށްފައިވަނީ އުފެއްދުންތެރިކަމާއި، ރަހައިގެ ހަމަހަމަކަމާއި، ތައްޔާރުކުރުމުގެ ހުނަރާއި، ހުށަހަޅައިދިނުމުގެ އިތުރުން އެ އުފެއްދުމާ ގުޅޭގޮތުން ކިޔައިދޭ ވާހަކައަށް ބަލައިގެންނެވެ.
މި މުބާރާތާ ގުޅޭގޮތުން ސިމްޑީ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މިޝާލް ދީދީ ވިދާޅުވީ، މިއީ ހަމައެކަނި މުބާރާތެއް ނޫން ކަމަށާއި، މިއީ ހުނަރުވެރިން ބަލައިގަނެ ދުނިޔޭގެ ފެންވަރުގައި ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ނިޒާމެއް ބިނާކުރުން ކަމަށެވެ. ބައިވެރިންގެ އުފެއްދުންތެރިކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ ކުރިއެރުމަށް މިފަދަ ޕްލެޓްފޯމެއް ފޯރުކޮށްދެވޭތީ އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މުބާރާތުގެ ފަނޑިޔާރުކަން ކޮށްފައިވަނީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ތަޖުރިބާކާރުން ހިމެނޭ ޕެނަލަކުންނެވެ. އޭގެ ތެރޭގައި މި ދާއިރާގައި 23 އަހަރުގެ ތަޖުރިބާ ހުރި މޮނިން ބެވަރޭޖް އެކްސްޕާޓް ނާނާ ސެޗެރޭ އާއި، މޮނިންގެ ހެޑް އޮފް މާކެޓިން އެންޖެލޯ ކޭރަމްގެ އިތުރުން ރާއްޖޭގެ މަޝްހޫރު މިކްސޮލޮޖިސްޓް އަލީ ހަމްދާން ހިމެނެއެވެ.
ސިމްޑީ ބެވް އަކީ 1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބުއިންތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިއަދު އެ ކުންފުންޏަކީ ރިސޯޓުތަކާއި އާންމު މާކެޓަށް ބޭނުންވާ ތަފާތު ބުއިންތައް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރުމުގައި ފާހަގަކޮށްލެވޭ އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ.






