4 މަސް ތެރޭގައި މުލަކުގެ މަގުތަކުގައި ތާރުއަޅައިދީ ނިންމާނެކަމަށް ވިދާޅުވެ، ރައީސް މުއިއްޒަށް އެކަންވެސް ކޮށްނުދެވުނު!
10 އޯގަސްޓު 2026 | ހޯމަ 08:04މ. މުލަކު މަގު ހެދުމުގެ މަޝްރޫއު ނިންމުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާތީ، މަޑުޖެހިފައިވާ މި މަޝްރޫއު އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފައި

4 މަސް ތެރޭގައި މުލަކުގެ މަގުތަކުގައި ތާރުއަޅައިދީ ނިންމާނެކަމަށް ވިދާޅުވެ، ރައީސް މުއިއްޒަށް އެކަންވެސް ކޮށްނުދެވުނު! | ރާއްޖެ އެމްވީ
މ. މުލަކު މަގު ހެދުމުގެ މަޝްރޫއު ލަސްވަމުންދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތައް ނިންމަވާނެކަމަށް ވިދާޅުވި ނަމަވެސް މަސައްކަތް ކުރިއަކަށް ނުދާކަން މުލަކު ކައުންސިލުން ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ކިޔާދިނެވެ.
މުލަކު ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިއީ މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ފަށާފައިވާ މަޝްރޫއެކެވެ. އޭރު މަސައްކަތް ފަށައި ވެރިކަން ނިމުނުއިރު ގިނަ މަސައްކަތްތަކެއް ކުރެވިފައި އޮތް ކަމަށާއި، އެގޮތުން ގިނަ މަގުތަކުގެ ޕޭވްމަންޓު ޖަހައި ހޮޅި ވަޅުލުން ފަދަ ގިނަ ކަންކަން ކުރެވިފައި ހުރި ކަމަށް ކައުންސިލުން ބުންޏެވެ.
ވެރިކަން ބަދަލުވިއިރު ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް މަޝްރޫއު މަޑުޖެހެމުންގޮސް މިހާރު ވަރަށް ލަސް ސްޕީޑެއްގައި މި މަސައްކަތް ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރި އެވެ.
މުލަކަކީ ވިއްސާރަވެއްޖެ ނަމަ މަގުތަކުގައި ފެންބޮޑުވާ ރަށަކަށްވާއިރު އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ އެވެ. އެހެންވެ މަގު ހެދުމުގެ މަޝްރޫއު މުލަކަށް ވަރަށް މުހިއްމު ކަމަށް ކައުންސިލުން ފާހަގަކުރި އެވެ.
މަގު ހެދުމުގެ މަޝްރޫއު ލަސްވުމުގެ ސަބަބުން މުލަކު ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅު އަޅައި މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ގޮވާލާފަ އެވެ. މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ލިބިގެންދިއުމަށް މި މަޝްރޫއު އަވަސްކުރުން މުހިއްމު ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.











